ޢުމުރުން ދުވަސްވެފައިވާ މުސްކުޅި ބައްޕަޔަކު، ދަރިފުޅުގެ ޝަކުވާ ހިފައިގެން ޤާޟީގެ އަރިހަށް ދިޔައެވެ.
ޤާޟީގެ އަރިހަށް ގޮސް ބުންޏެވެ. "ޢިއްޒަތްތެރި ޤާޟީ އެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ ޝަކުވާއެއް ހިފައިގެންނެވެ."
ޤާޟީ ސުވާލު ކުރެއްވި އެވެ. "ކާކާ ދެކޮޅަށް ކުރާ ޝަކުވާއެއް ހެއްޔެވެ؟"
އެ މުސްކުޅި މީހާ ބުންޏެވެ. "އަޅުގަނޑުގެ ދަރިފުޅާ ދެކޮޅަށެވެ."
ޤާޟީގެ އިތުރުން ކޯޓްރޫމުގައި ތިބި އެންމެން ޙައިރާންކަމާއި އަޖާޢިބުގެ ނަޒަރަކުން އެ މުސްކުޅި މީހާއާ ދިމާޔަށް ބަލައިލިއެވެ.
ޤާޟީ ވިދާޅުވިއެވެ. "ދަރިފުޅާ މެދު ތިބާ ޝަކުވާ ކުރަނީ ކޮންކަމާ މެދު ހެއްޔެވެ؟"
މުސްކުޅި މީހާ ބުންޏެވެ. "ކޮންމެ މަހަކު ދަރިފުޅުގެ އަތުން ދިހަ ދީނާރު ހޯދަން ވެގެންނެވެ."
ޤާޟީ ވިދާޅުވިއެވެ. "ތިބުނީ ހަމަ ޙަޤީޤީ ވާހަކައެއް ހެއްޔެވެ؟"
މުސްކުޅި މީހާ ބުންޏެވެ. "އާދޭހެވެ. އަޅުގަނޑަކީ މުއްސަނދި މީހަކަށް ވުމާއެކު ވެސް ދަރިފުޅުގެ އަތުން އެ ޚަރަދު ހޯދާން ބޭނުމެވެ."
އެއަޑު އިވުމުން ޤާޟީގެ ޙައިރާންކަން އިތުރަށް ބޮޑުވިއެވެ. އަދި ދަރިފުޅާ ބެހޭ މަޢްލޫމާތު ހޯދުމަށްފަހު، ދަރިފުޅު ކޯޓަށް ޙާޟިރު ކުރެއްވިއެވެ.
ދަރިފުޅާ މުޚާޠަބުކޮށް ޤާޟީ ވިދާޅުވިއެވެ. "މިހިރީ ތިބާގެ ބައްޕަ ހެއްޔެވެ؟"
ދަރިފުޅު ޖަވާބުގައި ބުންޏެވެ. "އާދޭހެވެ! އެއީ އަޅުގަނޑުގެ ބައްޕައެވެ."
ޤާޟީ ވިދާޅުވިއެވެ. "ތިބާގެ އަތުން ކޮންމެ މަހަކު ވެސް ދިހަ ދީނާރު ހޯދުމަށް ތިބާގެ ބައްޕަ ދަޢުވާ ކުރިކަން އެނގޭހެއްޔެވެ؟ އެ ދަޢުވާ ކުރީ ވަރަށް މަދު މިންވަރެކެވެ. ތިބާގެ ބައްޕަ ބޭނުންވަނީ ތިބާ ކޮންމެ މަހަކު ވެސް، އެ ބައްޕައަށް ދިހަ ދީނާރު ދިނުމަށެވެ."
ދަރިފުޅު ބުންޏެވެ. "ބައްޕައަކީ މުއްސަނދި، ތަނަވަސް، ގޯތި ގެދޮރާއި ބިންތައް ކުއްޔަށް ދީގެން އުޅޭ މީހެކެވެ. އެހާ މަދު ޢަދަދެއްގެ ފައިސާ އަހަރެން އަތުން ބައްޕަ ހޯދަނީ ހެއްޔެވެ؟ މަގުމަތީގައި ދިހަ ދީނާރު އޮތަސް މީހަކު ނުނަގާނެއެވެ."
ޤާޟީ އެ ދަރިފުޅާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިއީ ތިބާގެ ބައްޕަގެ އެދުމެވެ."
ޤާޟީއާ މުޚާޠަބުކޮށް ބައްޕަ ބުންޏެވެ. "އަހަންނަށް އެ ދިހަ ދީނާރު ދިނުމަށް ދަރިފުޅުގެ މައްޗަށް ޤާޟީ ޙުކުމް ކުރެއްވިޔަސް އަހަރެން ބޭނުންވަނީ ދަރިފުޅު ކޮންމެ މަހަކު ވެސް އެ ދިހަ ދީނާރު ހިފައިގެން އައިސް އަހަރެންގެ އަތަށް ދިނުމަށެވެ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އެ ދިހަ ދީނާރު އަތުލުން ހުއްޓައެއްނުލާނަމެވެ."
ބައްޕަ އާއި ދަރިފުޅު ގެނެސް ޤާޟީ ޙުކުމް ކުރެއްވިއެވެ. ޤާޟީގެ ޙުކުމުގައި ވެއެވެ. "މިވެނި މީހެއްގެ ދަރި މިވެނި މީހަކު (ދަރިފުޅު) އޭނާގެ ބައްޕަގެ މަހުގެ ޚާރަދުގެ ގޮތުގައި ކޮންމެ މަހަކުވެސް ދިހަ ދީނާރު އޭނާގެ ބައްޕަ އެދިފައިވާ ގޮތަށް އެ ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު ދިނުމަށް ޙުކުމް ކޮށްފީމެވެ."
ޙުކުމަށްފަހު ބައްޕަ ކޯޓް ރޫމުން ނުކުތުގެ ކުރިން ޤާޟީ އެ ބައްޕަ އަށް ވިދާޅުވިއެވެ. "ތިބާއާ ސުވާލެއް ކުރުމުގެ ހުއްދަ ދީފާނަން ހެއްޔެވެ؟"
ބައްޕަ ޖަވާބުގައި ބުންޏެވެ. "އާދޭހެވެ!"
ޤާޟީ ވިދާޅުވިއެވެ. "ތިބާ އަކީ މުއްސަނދި، ތަނަވަސް މީހަކަށްވެ ހުރެ، ދަރިފުޅުގެ އަތުން އެހާ މަދު ފައިސާކޮޅެއް އަތުލަން ދަޢުވާކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް އެހާ މަދު ފައިސާކޮޅަށް ބޭނުމެއް ވެސްނުވެއެވެ."
ބާރަށް ރޮމުން ބައްޕަ ބުންޏެވެ. "އަޅުގަނޑު ދަރިފުޅު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އަދި ދަރިފުޅު ދެކެލަން ވެސް ބޭނުންވެއެވެ. ނަމަވެސް އެ ދަރިފުޅު އަހަރެންގެ ޙާލު ބަލާ ވާހަކަ ދައްކާ ނަހަދައެވެ. އެންމެ ކުޑަމިނުން އަހަންނާ ބެހޭ ގޮތުން ސުވާލެއް ވެސް ނުކުރެއެވެ. އަހަންނަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަހަރެން ޤާޟީގެ އަރިހަށް ޝަކުވާ އައިގެން މިއައީ މިހެން ވެގެންނެވެ. އޭރުން ކޮންމެ މަހަކު އެއްފަހަރު ނަމަވެސް އެ ދަރިފުޅު ހަމަ ލޮލަށް ފެންނާނެތާއެވެ."
ޤާޟީއަށް ވެސް ކީރިތިކުރެއްވުނެވެ. އަދި ވިދާޅުވިއެވެ. "މާތް الله ގަންދީ ބުނަމެވެ. މާތް الله ގަންދީ ބުނަމެވެ. ތިބާ ކުރިން ތި ވާހަކަ ބުނިނަމަ އެ ދަރިފުޅު ޖަލަށްލާ ޗާބޫކުން ތެޅުމަށް އަމުރު ކުރެއްވީމުހެވެ." އަދި އެ ދަރިފުޅާ ދިމާޔަށް އެނބުރުމަށް ފަހު ވިދާޅުވިއެވެ. "މާތް الله ގަންދީ ބުނަމެވެ. ތިބާއަށް މުޅި ދުނިޔެ މިލްކުވީ ކަމުގައި ވިޔަސް މައިންބަފައިންގެ ރުހުން ލިބިގެން ނޫނީ އެއްވެސް ފަލާޙެއް، ކާމިޔާބީއެއް ނުލިބޭނެއެވެ. އަދި ކީއްހެއްޔެވެ! ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ."
(މާތް الله އަޅަމެންގެ މައިންބަފައިންނަށް ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކޮށް ދެއްވާށިއެވެ.)
(أجمل القصص الإسلامي/ على حسن)
One Response
މާތް الله އަޅަމެންގެ މައިންބަފައިންނަށް ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކޮށް ދެއްވާށިއެވެ. އާމީން