Support Us

ކޮލަމް މާޒީ: ޚިދުމަތްކުރީ އޮފީހަށް ހެއްޔެވެ؟ ނުވަތަ އޮފީހުގައި ދިވެހި ޤައުމަށްހެއްޔެވެ؟

ދައުލަތުގެ އިދަރާއެއްގައި ނުވަތަ މުއައްސަސާއެއްގައި މުވައްޒަފަކު ޚިދުމަތްކުރައްވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ހަމައެކަނި އެ އިދާރައަކަށް ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އެ އޮފީހަކަށް އޭނާ ދެނީ ކޮން ޚިދުމަތެއްހެއްޔެވެ؟ ނުވަތަ އޭނާ ޚިދުމަތްކުރަނީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ހެއްޔެވެ؟ ވިސްނައިލާން ރަނގަޅު ނުކުތާއެކެވެ.

އަޅުގަނޑު މި ސުވާލު އުފެއްދީ ދިގު މުއްދަތެއްގައި ވަކި އޮފީހަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންތަކަކަށް އެ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ އޮފީހުން ބޭއްވި ރަސްމިއްޔާތާއި އެ ރަސްމިއްޔާތުގައި އެކި ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށާއި އެ ރަސްމިއްޔާތުގެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ގޮތުންނެވެ. ރަސްމިއްޔާތުގައި އިވުނު ވާހަކަތަކާއި ޚަބަރުތަކަށް ބަލައިލުމުން ސައްތައަކުން ނުވަދިހަ އިންސައްތައަށް ބަލައިފައިވަނީ އެ މުވައްޒިފުން ޚިދުމަތްކުރީ ވަކި މުއައްސަސާއަށްކަމަށް އެ ބޭފުޅުން ގަބޫލުރައްވާކަން ހާމަވިއެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި މީހަކު ބަހައްޓަނީ ވަކި އޮފީހަކަށް ޚިދުމަތްކުރާންތޯ އަޅުގަނޑުމެން ވިސްނައިލާން ޖެހެއެވެ.

ދައުލަތުގައި ތަފާތު މަޤާމުތަކާއި މުއައްސަސާތައް އުފައްދައި އެ ތަންތާގެ މުވައްޒަފުންނަށާއި އެ ތަނަށް ރައްޔިތުންގެ ފައިސާއިން ދައުލަތުން ޚަރަދުކުރަނީ ޤައުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައެވެ. އެކި މުއައްސަސާތަކާ މަތިކޮށްފައި ހުންނަނީ އެކި ބާވަތުގެ މަސްއޫލިއްޔަތެވެ. އެއް މުއައްސަސާއަކީ މުޅި ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އެ ކަންކަން އެހެން މުއައްސަސާތަކާ ޙަވާލުކޮށް ވިލަރެސްކުރާ އިދާރާކަމުގައި ވެދާނެއެވެ. އަދި އަނެއް އިދާރާއަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސާން ހުންނަ އިދާރާކަމުގައި ވެދާނެއެވެ. ނުވަތަ ފެނާއި ކަރަންޓް ފަދަ ޒަރޫރީ ޚިދުމަތްތައްތައް ފޯރުކޮށްދޭ އިދާރާއަކަށް ވެދާނެއެވެ. އެ އިދާރާއެއްގެ މަސައްކަތާއި ހައިސިއްޔަތަށް ބެލިގެން އިދާރާތަކުގެ ދަރަޖައާއި ނަމާއި ވަންސަވަރު ކަނޑައެޅެއެވެ. އަދި އެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަރަޖަ ކަނޑައަޅައި އެކި ވަރުވަރުން މުސާރަކަނޑައަޅައި އެކި މަސްއޫލިއްޔަތު ޙަވާލުކުރެވިފައި ހުރެއެވެ. އެ ހުރިހާ އެންމެންނަކީ ވެސް ދިވެހި ދައުލަތުގެ ޚާދިމުންނެވެ. ދިވެހި ރައްޔިތުންނަށް ޚިދުމަތްދޭ ޚިދުމަތްތެރީންނެވެ.
އެހެންވީމާ، ދައުލަތުގެ އިދާރާއެއްގައި ކިތަންމެ ދުވަހަކު މީހަކު ވަޒީފާ އަދާކުރިޔަސް އޭނާ އެ ވަޒީފާ އަދާކުރަނީ ހަމަ ރައްޔިތުންނަށެވެ. އޭގެ މަސައްކަތަށް އުޖޫރަދެނީ ދައުލަތުން ރައްޔިތުންގެ ފައިސާއިންނެވެ. އޭނާ ވަކި އިދާރާއެއްގައި ވަކި މަގާމެއްގައި ހުއްޓަސް އޭނާ އެ ޚިދުމަތްކުރަނީ އެ އިދާރާއަކަށް ނޫނެވެ. އެކަމަކު އޭނާ އެ ޚިދުމަތްކުރަނީ ދިވެހި ޤައުމަށެވެ. ދިވެހިރައްޔިތުންނަށް ޓަކައެވެ.

ޚިދުމަތްދޭ ބައެއް ތަންތަކަށް ޚިދުމަތް ހޯދާން އާދައިގެ ރައްޔިތަކު ދިޔުމުން އެ މީހުންނަށް އިޙުތިރާމާއެކު މުޢާމަލާތު ނުކުރެވޭ ފަހަރުފަހަރު އާދެއެވެ. އަދި ޚިދުމަތް ހޯދާން އެދޭ މީހަކީ ނޯކަރެއްކަމަށް ބަލައި ޚިދުމަތްދޭ މީހަކީ ސާހިބަކަށް ބެލޭ ފަހަރު ވެސް އާދެއެވެ. މިހެން މި ދިމާވަނީ އޭނާގެ ހައިސިއްޔަތާއި އޭނާގެ ސާހިބުންނަކީ ކޮބައިކަން އޮޅޭތީކަމަށް ވެދާނެއެވެ. އޭނާ ޚިދުމަތްކުރަނީ ދިވެހި ރައްޔިތުންނަށްކަން ހަނދާންނެތި އޭނާ ޚިދުމަތްކުރަނީ އެ މުއައްސަސާއަށްކަމަށް ހީވާ ގޮތް ވާތީކަމަށް ވެދާނެއެވެ. މިއީ ކުށް ހީއެކެވެ.

ކޮންމެ މުއައްސަސާއެއްގައި ކޮންމެ އިދާރާއެއްގައި ކިތަންމެ ގިނަ ދުވަހު އޭނާ ޚިދުމަތްކުރިޔަސް އޭނާ އެ ޚިދުމަތްކުރަނީ ދިވެހި ޤައުމައި ދިވެހި ރައްޔިތުންނަށެވެ. އެ ޚިދުމަތުގައި އެކި މީހުންނަށް އެކި މަސައްކަތް ޙަވާލުކުރެވިފައި ހުންނަނީއެވެ. ބައެއް މުވައްޒަފުންގެ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ބޭނުންވާ ކަންކަން ފަހިކޮށްދިނުންކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ކޮންމެ މުވައްޒަފަކު ކޮންމެ ދުވަހަކު ރައްޔިތުންނާ ކުރިމަތިލާން ނުޖެހުމަކީ އޭނާގެ ހައިސިއްޔަތު ބަދަލުވާނޭ ކަމެއް ނޫނެވެ. އޭނާ މަސައްކަތްކުރަނީ ވަކި އިދާރާއެއްގައެވެ. ނަމަވެސް އޭނާ އެ ޚިދުމަތްކުރަނީ އެ އިދާރާއަކަށް ނޫނެވެ. އެހެންނަމަވެސް އޭނާ އެ ޚިދުމަތްކުރަނީ ވަކި އިދާރާއެއްގައި ދިވެހި ޤައުމަށެވެ. އޭނާ މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭށެވެ. މި ވިސްނުން ގެންގުޅޭނަމަ އޭނާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ގޮތް ތަފާތު ވެސް ވެދާނެއެވެ. އަދި އޭނާ އެ ޚިދުމަތްކުރަނީ ރައްޔިތުންނަށް ޓަކައި ނުވަތަ ދިވެހި ޤައުމަށް ކަމަށް ގަބޫލުކުރެވޭނަމަ، އޭނާގެ އިޚުލާޞްތެރިކަން އިތުރުވާނެއެވެ.

ވީމާ ދައުލަތުގެ ވަކި އިދާރާއެއްގައި މީހަކު މަސައްކަތްކުރިޔަސް އޭނާ ހަގީގަތުގައި އެ މަސައްކަތްކުރަނީ އެ އިދާރާއަކަށް ނޫނެވެ. އެކަމަކު އެ އިދާރާގައެވެ. ދިވެހި ޤައުމަށެވެ. ދިވެހި ހަމަ ކޮންމެ ރައްޔިތަކަށެވެ. ވީމާ ވަކި އިދާރާއަކަށް ޚިދުމަތްކުރި ވާހަކަ ނުދައްކައި، އެ އިދާރާއެއްގައި ޚިދުމަތްކުރި ވާހަކަ ދައްކަމާތޯއެވެ! މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަނދާނުގައި ހުންނާނީ އޭރުންނެވެ. އާދޭހެވެ! އޭނާ އެ ޚިދުމަތްކުރަނީ އޮފީހަކަށް ނޫނެވެ. އެކަމަކު އެ އޮފީހުގައި ދިވެހި ޤައުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރީ ދިވެހިރާއްޖޭގެ އަޑަށެވެ. އާފަތިހުގަ މަސައްކތްކުރީ އާފަތިސް އޮފީހަށެވެ.
    ރައްޔިތުންގެ މަޖިލީހުގަ މަސައްކަތްކުރީ ރައްޔިތުންގެ މަޖިލިސްކުރާ ގެއަށެވެ.

    ދިވެހި ދައުކަތަށް ޚިދުމަތްކުރީ ދައުލަތުގެ ރައީސަށެވެ.

    ކީއްކުރާނީ؟ ގައުމެއް ނެތް!
    އެޔެއް މިއެއް ނޭނގޭ ބޮލުރޮދިންތައް އޮފީސްތަކުގަވެސް.
    އަމުދުން ގިނަ ނޫސްވެރިންނަށް ބަހުގެ ހަމަ ހިފަހައްޓަންވެސް ނޭނގެ.
    ތިކިޖެހި ތާނަ ނޭނގެެ… ޢިބާރާތް ކުރާކަށް ނޭނގެ. ބޯ ހަލާކު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *