ތުއްތު ދަރިފުޅު ސްކޫލުން އަންނަމުން ބުނެލި ޖުމްލައެކެވެ. "މިވެނި ކުއްޖެއްގެ ބައްޕައަކީ އަންހެންދުޅާ ރިހަގަނޑެކެވެ."
ދަރިފުޅަށް އެކަން އެނގެނީ ކިހިނެއްހެއްޔެވެ؟ އަހާލުމުން އެ ދަރިވަރުގެ ނަން ކިޔައިފައި ބުނެލީ "އެއީ އެކުއްޖާގެ ބައްޕަ އަށް، އެ ކުއްޖާގެ މަންމަ މަޖަލަކަށް ކިޔާ ނަމެކެވެ."
ސަބަބަކީ ކޮބައިތޯ އަހާލުމުން، ކޮވިޑްގައި ވަޒީފާ ގެއްލުމުން އެ ކުއްޖާގެ ބައްޕަ އުޅެނީ ހޮޓަލެއްގެ ކައްކާއަކަށް ކަމަށް ދަރިފުޅު ބުންޏެވެ.
ވިސްނާލެވުނީ މި މުޖްތަމައުގައި ފިރިހެނުންނާ މެދު ބައެއް މީހުން މުޢާމަލާތުކުރެވޭ ގޮތެވެ. ހުދު އަނބިމީހާ ފިރިމީހާއަށް ނުކުރާ ގަދަރު ކުދިން ބައްޕައަކަށް ނުކުރާނެވެ. އެއްވެސް މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫނެވެ. ކުދިންނަށް ބުނެދޭންވީ ބައްޕަ ކުރާ ހަލާލު މަސައްކަތުގެ ވާހަކައެވެ.
އޮފީސް މާޙައުލުގަޔާއި މުޖްތަމަޢުގައިވެސް ފިރިހެނުންނަށް މަތީ ލަޤަބު ދެވެނީ ޓައީ އަޅާފައި އޮފީހަށް ގޮސް މޭޒުދޮށުގައި އިންނަ ނަމައެވެ. މަސްވެރިއަކަށްވީމާ ހަމުން ކަޅުވާތީ ނޫނީ ކުނި ނަގާ މީހެއް ވީމާ ކުނިން ދަރަޖަކުރެވި، ކައްކާ ނަމަ ރަނޑަކަށް ހަދާލައި، ތަނެއްގެ މަސައްކަތު މީހެއްނަމަ ނުވަތަ ވޮޗަރެއް ނަމަ އެއީ އާދައިގެ ވަޒީފާއަކަށް ހަދާލައި ފިރިހެނާ މީޒާނުން ކިރާލެވެއެވެ.
ކައިވެނިކުރަން އަންހެން ދަރިންނަށް ޑިޤްރީ އޮތް މަތީ މަޤާމެއްގެ މީހެއް ހޯދަން މައިންބަފައިން ނަސޭޙަތް ދޭއިރު އިހުޒަމާނުގައި ތިމަންނާއަކީވެސް ލޯބޯ ފިއްސައިގެން މީހަކަށް ހަދައިދިން ބަފައެއްގެ މިންނަތް މަސައްކަތްކަން ހަނދާނެއްނެތެވެ. ހަގީގަތަކީ މިއަދުވެސް ފިރިންގެ އަގުވައްޓާލަނީ ޚުދު އަނބިންކަމެވެ.
ޒިންމާދާރު، ހުލްގު ހެޔޮ، އަހުލާޤު ރަނގަޅު ފިރިހެނުންނަށްވުރެ ބޮޑަށް ހަމުން އަލި، މަގާމުން މަތި މީހުންނަށް ސަނާ ކިޔައި، އެމީހުންނަށް ގަދަރު ކުރަން ދަސްކޮށްދެނީ ފެށުނީއްސުރެ މުޖްތަމައާއި ގޭތެރޭގައެވެ. ބަފައިން ގެއަށް އަންނައިރަށް މައިން މުސާރަ ލިބޭލެއް މަދުކަމުން ޝަކުވާކޮށް ކުދިން ކުރިމަތީ ބައްޕަ ކުރާ ހަލާލު މަސައްކަތުގެ އަގުވައްޓާލާކަމީ ހިތާހުރި، ހަގީގަތެކެވެ. އަދި ރަޙްމަތްތެރިންގެ ތެރޭގައިވެސް މަތީ މަޤާމުގެ ފިރިހެނާ އިސްކުރެވި އޭނާ ނަންކުރެވި އަނެކާގެ މަސައްކަތަށް ޖޯކު ޖެހުމަކީ އާއްމުކަމެކެވެ.
"އެއީ ނުކިޔަވާ ހުރި ގޮލައެއް އައްޕައާ އެކު މަހަށްދޭ.. ކަލޯ ރިސޯޓު ކުނިކަހަން ދާންވީނު! ކައެ ރަނގަޅުވާނެ މަގު ކޮންނަން ދާން" ފަދަ ބަހުރުވައިން އިލްމު ޙާސިލްނުވާ ޒުވާނާއަށް ނިސްބަތް ކުރުމަކީވެސް މަޖަލަކަށް ހަދާ ބުނެވޭ ބަސްތަކެވެ.
ވަކި ވަޒީފާއަކުން ނުވަތަ ޑިޤްރީ ސެޓިފިކެޓަކުން ނަމުގެ ކުރިއަށް ލިޔެލެވޭ މަގާމަކުން ފިރިހެނާ ފިރިހެނަކަށް ނުވާނެއެވެ. އަނބިން ހަނދާންކުރަންވީ ފިރިންނަށް އިޙްތިރާމްކޮށް އަގުވަޒަންކުރާށެވެ. ތުއްތު އިރުއްސުރެ ފިރިހެން ދަރިންނަށް ދަސްކޮށްދޭންވީ ހަލާލު މަސައްކަތުން މަންފާ ހޯދާށެވެ. އަންހެން ދަރިންނަށް ދަސްކޮށްދެންވީ ހުލްގު ހެޔޮ، ދީނަށް ލޯބިކުރާ ފިރިން ދެނެގަންނާށެވެ.
އަނތްބަކަށްވެ ހުރެ ފިރިއެއްގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބިގެން ކުރާ ހިތާމަ މުސާރައިން ގިންތިކޮށް ބޮޑު މުސާރަ ލިބޭ މީހުންނަށް ލޯބިކުރަން ކުދިންނަށް ބުނެނުދޭށެވެ.



advertisment