Support Us

ތެދު ހެދުމަށް މާތް ނަބިއްޔާގެ އަރިހުގައި ވަޢުދުވި މީހާގެ ވާހަކަ

ދޮގުހެދުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިގުންގެ ސިފައެކެވެ. عَنْ صَفْوَانَ بْنِ سُلَيْمٍ أَنَّهُ قَالَ قِيلَ لِرَسُولِ اللَّهِ صلى الله عليه وسلم أَيَكُونُ الْمُؤْمِنُ جَبَانًا فَقَالَ‏ نَعَمْ‏ فَقِيلَ لَهُ أَيَكُونُ الْمُؤْمِنُ بَخِيلاً فَقَالَ نَعَمْ فَقِيلَ لَهُ أَيَكُونُ الْمُؤْمِنُ كَذَّابًا فَقَالَ لاَ. މާނަ: صَفْوَانَ بْنِ سُلَيْمٍގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺގެ އަރިހުގައި ސުވާލު ދެންނެވުނެވެ. "މުއުމިން މީހާ ފިނޑި މީހަކަށް ވެދާނެތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. "އާނއެކެވެ."

ސުވާލު ދެންނެވުނެވެ. "މުއުމިނު މީހާ ދަހި މީހަކަށް ވެދާނެތޯއެވެ؟" ހަދީޘް ކުރެއްވިއެވެ. "އާނއެކެވެ."

ސުވާލު ދެންނެވުނެވެ. "މުއުމިނު މީހާ ދޮގުވެރިއަކަށް ވެދާނެތޯއެވެ؟" ހަދީޘް ކުރެއްވިއެވެ. "ނޫނެކެވެ." (މާލިކް 1832)

އެއް ދުވަހަކު ކީރިތި ރަސޫލާ ﷺގެ އަރިހުގައި މީހަކު ގޮސް ދަންނަވައިފިއެވެ. "ޔާ ރަސޫލުﷲ އެވެ. އަހުރެންނަށް ސިއްރިޔާތުގައި ވަރަށް ގިނަ ފާފަތަކަށް އަރައިގަނެވެއެވެ. އަހުރެން ބަނގުރާ ބޮމެވެ. ޒިނޭކުރަމެވެ. އަދި އަހުރެން ވައްކަންކޮށް ދޮގު ހަދަމެވެ. (މި ކަންތައްތައް ވަނީ އަހުރެންގެ ކިބައިގައި އަށަގެންފައެވެ.) އަހުރެން މި ފާފަތަކުން ދުރުހެލިވުމަށްޓަކައި، އެންމެ ފުރަތަމަ ހުއްޓަަލަންވީ ކޮންކަމެއް ތޯއެވެ؟" އެހިނދުކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. "ތިބާ (ފުރަތަމަ) ދޮގުހެދުން ހުއްޓާލާށެވެ."

ދުވަހަކުވެސް ދެން ދޮގެއް ނަހަދާނެ ކަމަށް މާތް ނަބިއްޔާގެ އަރިހުގައި، ވަޢުދުވެފައި މި މީހާ އެނބުރި ގެޔަށް ހިނގައްޖެއެވެ.

އެރޭގެ ދަންވަރެވެ. މި މީހާ ވައްކަމެއް ކުރުމަށް ހިތަށް އަރައިފިއެވެ. އެއަށްފަހު ހިތަށް އެރިއެވެ. "އަހުރެން ވާނީ މާތް ނަބިއްޔާގެ އަރިހުގައި ދުވަހަކުވެސް ދެން ދޮގެއް ނަހަދާނެ ކަމަށް ވަޢުދުވެފައެވެ. މާދަމާ އެކަލޭގެފާނު އަހުރެންނާ ސުވާލުކުރައްވަފާނެއެވެ. ތިބާ ރޭގައި ކުރީ ކޮންކަމެއް ހެެއްޔެވެ؟ އޭރުން ޖަވާބުގައި އަހުރެންނަށް ބުނެވޭނެ ހެއްޔެވެ؟ ރޭގައި އަހުރެން ވައްކަމެއް ކުރީއެވެ. ނޫނެކެވެ! އޭރުން މީސްތަކުން އަހުރެންނަށް ނަފްރަތު ކުރާނެއެވެ. އަދި ވައްކަންކުރި ކަމަށްޓަކައި އަހުރެންނަށް އަދަބު ލިބޭނެއެވެ. އަހުރެންވާނީ ދޮގު ނަހަދާނެ ކަމަށް ވަޢުދުވެފައެވެ."

ފަހެ މިހެން ހިތަށް އަރާފައި މި މީހާ އެރޭ ވައްކަން ކުރުމުގެ ޚިޔާލު ދޫކޮށްލިއެވެ. އަދި އެނުބައި ފާފައާވެސް ދުރުހެލިވެއްޖެވެ.

އޭގެ އަނެއް ދުވަހެވެ. މި މީހާ ވަރަށް ބޮޑަށް، ބަނގުރާ ބޯހިތްވެއްޖެއެވެ. އަދި ކުރީ ރެއެކޭވެސް އެއްފަދައިން މީނާ ހިތަށް އަރައިފިއެވެ. "އަހުރެންވާނީ މާތްނަބިއްޔާގެ އަރިހުގައި ދުވަހަކުވެސް ދޮގު ނަހަދާނެ ކަމަށް ވަޢުދުވެފައެވެ. އެކަލޭގެފާނު އަހުރެންނާ ސުވާލުކުރައްވަފާނެއެވެ. ތިބާ މިއަދު ކުރީ ކޮންކަމެއް ހެެއްޔެވެ؟ އޭރުން ޖަވާބުގައި އަހުރެން މިއަދު ބަނގުރާބުއީއޭ ބުނެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އަދި އަހުރެން ތެދު ބުނެފި ނަމަ މީސްތަކުން އަހުރެންނަށް ނަފްރަތުކުރާނެއެވެ. އަދި ބަނގުރާ ބުއި ކަމަށްޓަކައި އަހުރެންނަށް އަދަބު ލިބޭނެއެވެ. އަހުރެންވާނީ ދޮގު ނަހަދާނެ ކަމަށް ރަސޫލުﷲ ގެފާނުގެ އަރިހުގައި ވަޢުދުވެފައެވެ. އެހެންކަމުން އަހުރެންނަކަށް އެކަލޭގެފާނުގެ އަރިހުގައި ދޮގެއްވެސް ނެހެދޭނެއެވެ."

ދެންފަހެ މިމީހާ ބަނގުރާބުއިމުގެ ޚިޔާލުވެސް ދޫކޮށްލިއެވެ. އަދި އެނުބައި ފާފައާވެސް އެއްކޮށް ދުރުހެލިވިއެވެ. އަދި މިގޮތަށް ފަހަރަކު ފާފައެއް ފަހަރަކު ފާފައެއް ކުރުން ހުއްޓާލަމުން ގޮސް މުޅި މީހާ އިސްލާހުވެ ހެޔޮލަފާ މީހަކަށް ބަދަލުވިއެވެ. އެއަށްފަހު ރަސޫލުﷲ ގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. އަހުރެން މިހާރު ހުރިހައި ފާފައެއް ކުރުން ހުއްޓާލައިފީމެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ޢިބުރަތަކީ ދޮގު ހެދުމުގެ ނުރައްކާތެރިކަމެވެ. އެއީ ހުރިހާ ފާފަފައަކަށް އަރައިގަތުމުގެ "ތަޅުދަނޑި" ކަމެވެ. އަދި ތިމާ އިސްލާޙްވާން ބޭނުން ނަމަ އެންމެ ފުރަތަމަ ކަމަކަށް ހުއްޓާލަންވީ ދޮގުހެދުން ކަމެވެ.

ދޮގުހެދުމަކީ މާތްﷲ ނުރުއްސަވާ ކަމެކެވެ. އެކަލާނގެ ކީރިތި ޤުރުއާނުގެ އައްޞަފް ސޫރަތުގެ ދެ ވަނަ އާޔަތާއި ތިން ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ. ދޮގު ހެދުމަކީ މީހާ ނަރަކައާއި ގާތް ކުރުވާ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم] މާނައީ: "ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއް ކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގު ދައްކަނީ ނުބައި ކަމަށެވެ. އަދި ނުބައި ކަންތައްތައް މަގު ދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވެންދެން ދޮގު ހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ."

  • މަސްދަރު: އަބްދުލް މާލިކް މުޖާހިދު ލިޔުއްވާފައިވާ ޖެމްސް އެންޑް ޖެވެލް ފޮތް/ އިސްލާމިކް ޝޯޓް ސްޓޯރީސް ޕޭޖް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *