Support Us

ކޮލަމް ކޯދު: އަހުމަދު ބޭބެގެ ކައިވެނި ދެމެހެއްޓުމުގެ އުކުޅު

ޒުވާން ކުއްޖަކު ކައިވެނިކުރަން ގަސްދުކުރިއެވެ. އަދި، އޭނާ ބޭނުންވީ އޭނާގެ ކައިވެންޏަކީ މުޅި އުމުރަށް ދެމިގެންދާ ކައިވެންޏަކަށްވޭތޯ މަސައްކަތްކުރުމެވެ. އެހެންވެ، އޭނާ ގަސްދުކުރީ އޭނާގެ ތިމާގެ މީހުންގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ކައިވެނިކޮށްގެން ތިބި މީހުން ކުރެން، ކައިވެނި ދަމަހައްޓަނީ ކިހިނެއްތޯ އަހައި އޮޅުންފިލުވުމެވެ.

ޒުވާނާގެ ތިމާގެ މީހުން، އޭނާގެ ހިތަށް ގެނެސް، އެމީހުންގެ މައްޗަށް ނަޒަރު ހިންގާލުމުން އޭނާއަށް ފާހަގަކުރެވުނީ އޭނާގެ އަހުމަދު ބޮޑުބޭބެ ކައިވެނި ދިގުދެމިގެން ގޮސްފައިވާ ކަމެވެ. އެހެންވެ، އޭނާ ނިންމީ އަހުމަދު ބޮޑުބޭ ކައިރިއަށް ގޮސް، އަހުމަދު ބޮޑުބޭބެގެ ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ ކޮބައިކަން އޮޅުން ފިލުވުމަށެވެ.

ދެން، އަޅުގަނޑުމެންގެ ޒުވާނާ އޭނާގެ އަހުމަދު ބޮޑުބޭބެ ކައިރިއަށް ގޮސް އެއްސެވެ.

"އަހުމަދު ބޭބޭއެވެ. އަހުމަދުބޭބެެމެންގެ ކައިވެނި ތިޔަ ދަމަހައްޓަނީ ކިހިނެއް ހެއްޔެވެ؟"

ޖަވާބުގައި އަހުމަދު ބޮޑުބޭބެ ބުންޏެވެ. "ކައިވެނި ދެމެހެއްޓުމަކީ ދާދި ފަސޭހަކަމެވެ. އަހުމަދު ބޭބެއާއި ބޭބެ ދައްތައާ ދެމީހުންގެ ދެމެދުގައި އެއްބަސްވުމެއް އޮވެއެވެ. އެއީ ކޮންމެ މީހެއްގެ ދާއިރާ ކަނޑައެޅިފައި އޮތުމެވެ. ބޭބެ ދައްތައަށް އޮންނަނީ ކުދި ކަންތައްތައް ބަލަހައްޓައި އެކަންކަމާ ބެހޭ ނިންމުންތައް ނިންމުމެވެ. ބޭބެއަށް އޮންނަނީ ބޮޑެތި ކަންކަން ބަލަހައްޓައި އެކަންކަމާ ބެހޭ ގޮތުން ގޮތް ކިޔުމެވެ. އެކަކުވެސް އަނެކަކުގެ ދާއިރާއާ ނުބެހުމެވެ."

ދެން އިތުރަށް ސާފުކުރުމުގެ ގޮތުން ޒުވާނާ އެއްސެވެ. "ބޭބޭއެވެ! ކުދި ކަންތައްތަކަކީ ކޮބައިކަމާއި ބޮޑެތި ކަންކަމަކީ ކޮބައިކަން ބުނެދީފާނަން ހެއްޔެވެ؟"

ދެން އަހުމަދު ބޮޑުބޭބެ ބުންޏެވެ. "ކުދި ކަންކަމީ ގޭގެ އެތެރެއާއި ބެހޭ ހުރިހާ ކަމެކެވެ. ގެއަށް ގަންނަން ޖެހޭ އެއްޗެހި ކަނޑައެޅުމެވެ. ކާބޯތަކެއްޗާއި ފަރުނިޗަރާއި ގެންގުޅޭ ސާމާނާއި ގޭ ހުރިހާ އެންމެން ލާނޭ ހެދުމާއި އަދި މިނޫން ވެސް އެފަދަ ތަކެއްޗެވެ. މީގެ އިތުރުން، ގޭގައި ޓީވީ ހުޅުވާނީ ކޮން އިރަކު ކަމާއި ބަލާނީ ކޮންކޮން ޕުރޮގުރާމެއްކަމާއި ކުދިން ދާނީ ކޮން އިސްކޫލަކަށް ކަމާއި ކުދިން ބޮޑެތި ވުމުން އެކުދިން އިންނާނެ މީހުންގެ ރަނގަޅު ނުރަނގަޅު ކަނޑައަޅައި ގޮތް ކިޔުން ވެސް ހިމެނެނީ ކުދި ކަންކަމުގެ ތެރޭގައެވެ. މިހުރިހާ ކަމަކީ ވެސް ބޭބެގެ ދައްތައާ ބެހޭ ކަންކަމެވެ. މިއިން އެއްވެސް ކަމަކާ ބޭބެއަކަށް ގޮތް ކިޔުމެއް ނޯވެއެވެ. މިކަންކަމުގައި ބޭބެއަށް އޮންނަނީ ބޭބެ ދައްތަގެ ނިންމުމާ އެއްބަސްވުމެވެ."

ދެން ޒުވާނާ އެއްސެވެ. "އެހެންވެއްޖިއްޔާ ބޭބެއަށް އޮންނަ ބޮޑެތި ކަންކަމަކީ ކޮބައި ހެއްޔެވެ؟"

ޖަވާބުގައި އަހުމަދު ބޮޑުބޭ ބުންޏެވެ. "އެއީ ހަގީގަތުގައި ވެސް ވަރަށް ވެސް ބޮޑެތި ކަންކަމެވެ. އެމެރިކާއާއި ޗައިނާގެ ގުޅުމުގެ މައްސަލައާއި އިންޑިޔާއާއި ޕާކިސްތާނުގެ އަރާރުމުގެ މައްސަލައާއި ޔަހޫދީންނާއި އަރަބިންނާ ދެމެދު އޮންނަ ދެކެޅުވެރިވުމުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކެވެ. އަދި މިހާރު މީގެ އިތުރުން އެހެން މައްސަލައެއް ވެސް އޮވެއެވެ. ރަޝިޔާއާއި ޔޫކްރޭނުގެ ހަނގުރާމައިގެ މައްސަލައެވެ. މިފަދަ ބޮޑެތި ހުރިހާ މައްސަލައަކީ ބޭބެގެ ބެލުމުގެ ދަށުގައި އޮންނަ މައްސަލަތަކެވެ. މި ބުނީ މިކަންކަމާ ބެހޭ ގޮތުން، ގޭގައި ފަހުބަސް ބުނުން އޮންނަނީ ބޭބެގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. މި މައްސަލަތަކާ ބެހޭ ގޮތުން އެކަކުވެސް ވާހަކައެއް ނުދައްކާނެއެވެ. ހަމަ މުޅިން އެކަންކަން އޮންނަނީ ބޭބެ ބޭނުން ގޮތަކަށް ނިންމަން ދޫކޮށްލެވިފައެވެ! މިފަދައިން ކަންކަން ބަހާލެވިފައި އޮތުމުން، ކައިވެނީގައި މައްސަލައެއް ނުޖެހޭނެއެވެ. އަންހެނުންނަށް ކުރިން ބުނި ގޭގެ ހުރިހާ ކުދިކުދި ކަންކަން ދޫކޮށްލާށެވެ. އަދި، ދެންމެ މިބުނި ބޮޑެތި މައްސަލަތަކާ ދޭތެރޭ ކޮއްކޮ ވިސްނަމުންގެންދާށެވެ! ކައިވެންޏެއް ދަމަހައްޓާނީ ކިހިނެއްކަން ކޮއްކޮއަށް ވިސްނިދާނެ ކަމަށް މިހާރު ބޭބެ ހީކުރަމެވެ!"