...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހަނދުމަސް ފެށުމުގައި އުފެދޭ ޝައްކާ މެދު…

ޝައްކެއް ވެސްނެތެވެ. ހަނދުމަސް ފެށުމުގައި ބައެއް ފަހަރު، ދުނިޔޭގެ އެކި ތަންތަނަށް މަސް ފެށޭ ދުވަސް އެއްދުވަހަކަށް ނުވާ ފަހަރު ފަހަރު އާދެއެވެ. އެއީ، ހިތުގައި އެކަމާމެދު ސުވާލު އުފެދޭ ކަމަކަށް ވެދާނެއެވެ. އެހެން އެކަން ނުވެއެއް ވެސް ނުދާނެތާއެވެ. ދުނިޔެއަށް ލިބިފައިވަނީ އެއްމެ އިރަކާއި އެއްމެ ހަނދެއްކަމުގައި ވާއިރު ވެސް އެހެން ދިމާވާތީއެވެ.

އެހެން އެކަން ވުމުގައި ހުރި ސަބަބުތައް ޢަދަދު ނުވާހައި ގިނައެވެ. މިހައި ކުރު ލިޔުމެއްގައި އެ ހުރިހައި ކަމެއް ބަޔާން ކުރުމަކީ، ފަސޭހަ ކަމެއް ނޫނެވެ.

މިކަންކަން ދެނެގަނެވޭނީ عِلْمُ التَّنْجِيْمُ (ތަރިތަކުގެ ޢިލްމު/ Asrology/ ނިޔަމިކަމުގެ ޢިލްމާ ގުޅޭބައި) އެނގުމާއެކު، عِلْمُ الْفَلَكُ (ފަލަކީ ޢިލްމު/ Astronomy/ އޯބިޓްތައް ނުވަތަ އިރާއި ހަނދާއި ގުރަހަ ފަދަ ތަކެތި ބުރުޖުތަކާއި މަންޒިލްތަކުން ހިނގާ މަގުގެ ޢިލްމު) ރަނގަޅަށް ދެނެގަނެވިފައިވާ މީހުންނަށެވެ.

އެހެން އެކަންކަން ހުރުމުން، މި ފެށުނު ޛުލްޤައިދާ މަސް ރާއްޖެއާއި އިރުމަތީ ޤައުމުތަކަށް ފެށޭ ދުވަހާއި، މެދުއިރުމަތިން ފެށިގެން ހުޅަނގަށް ހުރި ޤައުމުތަކަށް ފެށޭ ދުވަސް ތަފާތުވާ ސަބަބުތަކެއް ފަލަކީ ގޮތުން މި މަސް ފެށުމުގައި ހުރިކަން އެނގޭން އޮވެއެވެ.

އެ ނަޒަރުން ބަލާއިރު، ހުސްވި މޭ 30 ވަނަ ދުވަހު އެއްއުއި (Align) ވަނީ ޖީ.އެމް.ޓީ. އިން 16:30 ގައިމަކަން އެނގޭން އޮވެއެވެ. އެއީ، މާލޭގަޑިން 16:29 ވަނަ މިނެޓްކަން ވެސް އެނގޭން އޮވެއެެވެ. އަދި ދުނިޔޭގެ އެކި ތަންތަނަށް އެ ޤައުމެއް އޮންނަ ތަނުގެ ގޮތުން، ވަޤުތު ތަފާތުވާކަން އެނގޭން އޮވެއެވެ. އެގޮތުން މޭ 30 ވަނަ ދުވަހު މާލެއަށް އިރު އިއްސެނީ މާލޭ ގަޑިން 18:13.42 ގައި ކަމާއި، ހަނދު އޮއްސެނީ 18:13.06 ގައި ކަން އެނގޭން އޮވެއެވެ. އަދި  މޭ 30 ވަނަ ދުވަހު، 16:29 ގައި އެއްއުއި ވެފައި ވީނަމަވެސް، ހަނދުގެ ބޮޑުމިނަކީ 14.8 ސެމީޑައިމީޓަރ ކަމާއި، އިރުގެ ބޮޑުމިނަކީ 15.8 ސެމީޑައިމީޓަރ ކަމަށް ވުމުން، އިރަށް ވުރެ ހަނދުގެ ސައިޒު ކުޑަކަން ވެސް އެނގޭން އޮވެއެވެ. އަދި އެއްއުއި ވުމުގެ 1 ގަޑި 44 މިނެޓް 42 ސިކުންތުން މާލެއަށް އިރު އޮއްސޭ ވަޤުތު، ހަނދުގެ އިރުމަތީ އަރި، އިރުގެ އިރުމަތީ އަރިއަށް ވުރެ، އިރުމަތީ (އީސްޓް) ފަރާތަށް ޖެހެވިފައި ނުވުމުގެ ސަބަބުން، އިރަށް ވުރެ 36 ސިކުންތު ކުރިން ހަނދު އޮއްސޭކަން ވެސް އެނގޭން އޮވެއެވެ. އެކަންކަން އެހެން ހުރެފައި، ހަނދު ލެއްވުމާއި، އާ ހަނދުމަސް ފެށުމުގައި، ޢަމަލުކުރާ އިސްލާމީ ޤާޢިދާގައި އޮންނަ އުޞޫލުން، އެބަޔަކު ތިބޭ ތަނަކަށް ހަނދުމަހެއްގެ 29 ވަނަ ދުވަހެއްގެ އިރު އޮއްސުމުގެ ފަހުން، ހަނދުގެ ހުޅެވި ފެނުން، ނުވަތަ އެދުވަހެއްގެ އިރު އޮއްސޭ ވަޤުތުގެ ފަހުން ހަނދު ފެންމަތީގައި ހުރިކަން ފަލަކީ ޙިސާބަށް ކަށަވަރުވުން ޝަރުޠު ކުރެވިފައި އޮންނަކަން ވެސް އެނގޭން އޮވެއެވެ.

އެހެންކަމުން، މޭ 30 ވަނަ ދުވަހު މާލެއަށާއި އިރުމަތީ ގައުމުތަކަށް އިރަށް ވުރެ ކުރިން ހަނދު އޮއްސޭކަން ފަލަކީ ގޮތުން އެނގޭން އޮވެފައި، އެރޭ ރާއްޖެއަށާއި އިރުމަތީ ޤައުމުތަކަށް ހަނދު ނުފެންނާނެތީ އާއި، ފެނިފައިވެސް ނުވާތީ އާއި، އެހެނަސް އެދުވަހު މެދުއިރުމަތީގެ ޤައުމުތަކަށާއި ހުޅަނގުގެ ޤައުމުތަކަށް ހަނދު ފެންމަތިވާނެކަން ފަލަކީ، ގޮތުން އެނގޭން އޮވެފައި، މާލެއަށް ވުރެން 2 ގަޑިއިރާއި 39 މިނެޓް 18 ސުކުންތު ވަޤުތު ތަފާތު ލަސްކޮށް ރާއްޖެއަށް ވުރެން ހުޅަނގު އުތުރުން އޮންނަ، މާތްވެގެންވާ މައްކަތުލް މުކައްރަކާއަށް، އެއްއުއި ވުމުގެ 4 ގަޑި 21 މިނެޓް 12 ސިކުންތު ފަހުން، އެދުވަހު ހަނދު އޮއްސޭތީ، އިރު އޮއްސުމުގެ ފަހުން، 7 މިނެޓް 28 ސިކުންތު ފެންމަތީގައި ހުންނަކަން، ފަލަކީ ޙިސާބުން އެއްވެސް ޝައްކުކަމެއް ނެތި އެނގޭން އޮތުމުން، މޭ 31 ވަނަ ދުވަހަކީ، ސަޢުދީ ޢަރަބިއްޔާއަށް، ޛުލްޤަަޢިދާ މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައެޅޭން އޮތްނަމަވެސް، ރާއްޖެއަށާއި، ރާއްޖެއަށް ވުރެން އިރުމަތީ ޤައުމުތަކަށް ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަހަކީ ޖޫން މަހުގެ 1 ވަނަ ދުވަހަށްވުމަކީ، އިރާއި ހަނދު އޮއްސުމުގެ ތަފާތާއި، ދުނިޔޭގެ އެކި ތަންތަނަށް ވަޤުތު ތަފާތުވާ ސަބަބުތަކާއި، ހަނދުމަސް ފެށުމުގައި ޢަމަލުކުރާ ޤާޢިދާގެ ގޮތުން ދިމާވާ ކަމެކެވެ.

މަތީގައި ހިމެނޭ ކުރެހުމުގައި އެވަނީ 30 މޭގައި އެއްއުއިވާ ވަޤުތު، އިރާއި ހަނދު ހުންނާނެ ގޮތާއި، އެދުވަހު މާލެއަށް އިރު އޮއްސޭ ވަޤުތު އިރާއި ހަނދު ހުންނާނެ ތަފާތު ތަޞައްވުރު ކުރެވޭނޭ ކުރެހުމެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.