...

Support Us

ކޮލަމް މާޒީ: މީސްމީޑިއާގައި ވިރަވާ ކޮންމެ މައުލޫމާތަކީ ތެދަކަށް ނުވެދާނެއެވެ.

ޙަޔަވީ ބައްޕަ ކަށަވަރުކުރުމަށް ޓަކައި ހަދާ ޑީއެންއޭ (ޑީއޯކްސީރައިބޯނޫކްލެއަކް އެސިޑް) ޓެސްޓަކީ ގާތްގަނޑަކަށް ސައްތައިންސައްތަ ކަށަވަރު އިތުބާރުކުރެވޭ އެއްޗެކެވެ. ހަށިގަނޑުން ނެގޭ ކުޑަކުޑަ އެތިކޮޅަކުން ނުވަތަ ލެއިން ވެސް މި ޓެސްޓް ހެދޭކަމަށް ވެއެވެ. ގާނޫނީ ބޭނުމަކަށް ޓަކައި ނަމަ މި ޓެސްޓް ހަދާންޖެހޭނީ މި ފަދަ ޚިދުމަތް ދެވޭ ގޮތަށް ޤާއިމުކުރެވިފައިވާ ޞިއްޙީ ޚިދުމަތުގެ މަރުކަޒަކުންނެވެ. މާބަނޑުން ނިސްބަތްވަނީ ކޮން ބައްޕައަކަށްތޯ މި ޓެސްޓުން ކަށަވަރުކޮށްދެއެވެ.

ދާދިފަހުން މީސްމިއާގައި ވިރަވެފައިވާ ފޮޓޯތަކަކުން އާންމުވެފައިވާ ގޮތުގައި "ކްލިއާރބްލޫ" މަރުކާގެ އާލަތަކުން ހަދާ ޓެސްޓުން ކުއްޖާގެ ބައްޕަގެ ސީދާ މޫނު ފެންނަކަމަށް ވަނީ ހާމަކޮށްފައެވެ. މި ކަން ތިޔަ ބޭފުޅުންގެ ތެރެއިން ކިތައް ބޭފުޅުން ގަބޫލުފުޅުކުރައްވަމުތޯއެވެ؟ ހަމަގައިމު ވެސް އަޅުގަނޑެއް އަދި އެ ކަމެއް ގަބޫލެއް ނުކުރަމެވެ. އެއީ ހަދައިގެން ފަތުރާ ދޮގު ވާހަކައެކެވެ. އެއީ "ފޭކެވެ."

ކުއްޖާގެ ބައްޕަގެ ބޯ ފެންނަކަމަށް ބުނާ އާލަތުގެ އިސްކިރީނަށް މީހެއްގެ ބޯބުރީގެ ފޮޓޯއެއް ސާފުކޮށް ފެންނަވަރަށް ނުވެސް ފެއްތޭނެއެވެ. މިއީ މި މައުލޫމާތަކީ ހަގީގަތެއް ނޫންކަން ސާބިތުވާ އެއް ހެތްކެވެ. "ކްލިއަރބްލޫ"ގެ ވެބްސައިޓްގައި މާބަނޑުވުމުގެ ޓެސްޓު ހަދާ ތިން ގޮތެއް ނުވަތަ ތިން ވައްތަރެއް އާންމުކޮށްފައި ވެއެވެ. އެއްބާވަތަކީ ސުމޭކީ ޓެސްޓެކެވެ. މިއިން އެއްވެސް ބާވަތެއްގެ ޓެސްޓަކުން ކުއްޖާގެ ބައްޕަގެ ބޯބުރީގެ ފޮޓޯ ފެންނާނެ ބަދީލެއް ނުވަތަ އިޚުތިޔާރެއް ހާމަކޮށްފައެއް ނެތެވެ. އެހެންވީމާ ޑީއޯކްސީރައިބޯނޫކްލެއަކް އެސިޑް (ޑީއެންއޭ) ޓެސްޓަކީ ކިތަންމެ އިތުބާރު ޓެސްޓެއް ނަމަވެސް އެ ޓެސްޓް ހެދީމާ އެ ޑިވައިސްއިން ކުއްޖާގެ ހަގީގީ ބައްޕަގެ ބޯބުރި ފެންނަކަމަށް ވިރަވެފައިވާ ފޮޓޯތަކަކީ ހަގީގަތެއް ނޫނެވެ.

މީސް މީޑިއާއަކީ ވަރަށް ބޭނުންތެރި މުހިންމު ކިތަންމެ މަޢުލޫމާތެއް ލިބޭ ވަސީލަތެއް ކަމަށް ވިޔަސް މީސްމީއާއިން ހާމަވާ ނުވަތަ ވިރަވާ ކޮންމެ މައުލޫމާތަކީ ހަގީގަތެއްކަމަށް ގަބޫލުކުމަކީ ނުރައްކާތެރި ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ނިޝާނާއި ލޯގޯ ބޭނުންކޮށްގެން ވެސް މި ބާވަތުގެ "ފޭކް" ކިތަންމެ މަޢުލޫމާތެއް ދޭތެރެ ދޭތެރެއިން މީސްމީޑިއާގައި ވިރަކޮށްލައެވެ. މި ފަދަ ކޮންމެ މަޢުލޫމާތެއް ވަޓްސްއެޕާއި ވައިބަރާއި މި ފަދަ ހުރިހާ މަންސަތަކެއްގައި ގުނަވެގެން ދެއެވެ. އަދި ތަފާތު ކަންކަމަށް މަންފާ ހުރި ފަރުވާއެއް ނުވަތަ ބޭހެއް ކަމަށް ބުނެ ކިތަންމެ މަޢުލޫމާތެއް ވެސް ވިރަކޮށްލައެވެ.

މީސްމީޑިއާއަކީ ފައިދާ ހުރި ވަސީލަތެކެވެ. އަދި ނުރައްކާތެރި ވަސީލަތެއް ވެސް މެއެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ލިބޭ މިފަދަ ކޮންމެ މަޢުލޫމާތެއް ހަމަ ލިބޭ އިރަށް ޔަގީންކޮށްލުމުގެ ބަދަލުގައި އެހެން މަޞްދަރުތަކުން އެ މަޢުލޫމާތެއް ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ ނޭނގި ހުރެ ތިމާއަށް ނުވަތަ އެހެން މީހަކަށް ވެސް ގެއްލުމެއް ދެވިދާނެއެވެ. މި ފަދަ ކަންކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ޢަމަލުކުރާންވީ ގޮތް ވަރަށް ރީތިކޮށް އިސްލާމް ދީނުގައި އަންގަވައިފައި އެބަ އޮތެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ" ("އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.") (سورة الحجرات:6)

އާދޭހެވެ! ޙުޖުރާތު ސޫރަތަކީ އިޖުތިމާޢީ ވަރަށް ގިނަ އަދަބުތައް ބަޔާންކުރައްވައިފައިވާ ސޫރަތެކެވެ. އަދި އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުގެ ޙައްލު އެ ސޫރަތުގައިވަނީ ބަޔާންކުރައްވައިފައެވެ.

ވީމާ، މީސްމީޑިއާގައި ވިރަވާ ޚަބަރާއި މަޢުލޫމާތަކީ ތެދެއްކަމަށް ކުއްލިއަކަށް ގަބޫލުކުރުމުގެ ކުރީން އެ ޚަބަރެއްގެ ނުވަތަ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ޓަކައި ތަފާތު މަޞްދަރުތަކުން އެހީ ހޯދުމުގެ ކެތްތެރިކަން އަޅުގަނޑުމެން ލިބިގަންނާން ޖެހެއެވެ. މިހާތަނަށް އަޅުގަނޑު ބެލި ބެލުމުން "ކްލިއަރބްލޫ" މަރުކާގެ އާލަތަކުން ނުވަތަ އެއް އެއްޗެއް ބޭނުންކޮށްގެން ވިޔަސް މީހެއްގެ މާބަނޑުވުން ޓެސްޓްކޮށްގެން ބަނޑުގައި އޮތް ދަރިފުޅުގެ ޙަޔަވީ ބައްޕަގެ ބޯބުރީގެ ފޮޓޯއެއް ފެންނަކަމަށް ބުނެ ވިރަވެފައިވާ މަޢުލޫމާތަކީ ތެދެއްކަން ކަށަރުވާނެ އެއްވެސް ހެތްކެއް އަޅުގަނޑަކަށް ނުފެނުނެވެ. އެހެންކަމުން އެ ކަމެއް ހަމަގައިމު ވެސް އަދި އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ތިޔަ ބޭފުޅުން ގަބޫލުކުރައްވާނުތޯއެވެ؟

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.