...

Support Us

ކޮލަމް ކޯދު: ބޮނޑު ނިގުލާ ބެހޭ ވާހަކައެއް

ބޮނޑަކީ އިހުގައި މާލެއިން ވެސް ވަރަށް ގިނައިން ފެންނަ، ކުޑަވަރެއްގެ ޖަނަވާރެކެވެ. އިހުގައި، ގޭގޭގައި ގޯއްޗާއި ގަސްގަސް ހުރިއިރުގައެވެ. ބޮނޑަކީ އެ ދުވަސްވަރު ގޯތިތެރޭ ގަސްތަކުތެރޭގައި އުޅޭ އެއްޗެކެވެ. ނަރުން، ދުނި ތައްޔާރުކޮށް، ފަޅޯ އޮނުން ހޮޅު ލޮންސި ހަދައި، އޭގެ ތެރެއިން ނަރުދުނި ފޮނުވައި ބޮނޑު 'ޝިކާރަކުރުމަކީ' އެ ދުވަސްވަރު، މުނިފޫހިފިލުވަން ކުދީން ކޮށްއުޅުނު ކަމެކެވެ. ދިވެހި ބައެއް މުހާވިރާ ބަސް، މިފަދަ އާންމު އެއްޗިއްސާ ގުޅުވާލެވިފައި ހުރެއެވެ. އެގޮތުން، ބޭނުންކުރާ މުހާވިރާއަކާއި އެ މުހާވިރާއާ ގުޅޭ ވާހަކައެއް ލިޔެލަން ގަސްދުކުރަމެވެ.

އެ މުހާވިރާ ބަހަކީ 'ބޮނޑު ނިގުލަށް ކަންކަން ދިޔުމެވެ'. ބޮނޑު ފެނިފައިވާ މީހުންނަށް ބޮނޑުގެ ނިގޫ އޮންނަ ގޮތް އެނގޭނެއެވެ. ބޮނޑުގެ ނިގޫ އޮންނަނީ އޭގެ ހަށިގަނޑާ ގުޅިފައިވާކޮޅު ފަލަކޮށް، އަދި އޭގެ ނިމޭކޮޅު ވަރަށް ހިމަކޮށެވެ. ކަމެއް ފޯރިއާއެކު ފަށައި ކުޑަ ދުވަސްކޮޅަކުން އެކަމުގެ ފޯރި ކެނޑި، އެކަން ފެށި މަގުސަދު ހާސިލު ނުވަނީސް އެކަމުގެ ފޯރި ކެނޑި، މަޑުމަޑުން ގޮސް، އެކަން ނިމި، ހުއްޓުމަކަށް އައުމުން، އެކަން ބޮނޑު ނިގުލަށް ދިޔައީއޭ ބުނެއެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، ކޮންމެ ދުވަހަކުއޭ ބުނެވޭ ފަދަ ގޮތެއްގައި، އިވެމުންދިޔަ ވާހަކައަކީ، ހަގީގަތް ނޭނގި އޮތް މަރުތަކުގެ ހަގީގަތް ހޯދުމުގެ ވާހަކައެވެ. މަރްހޫމް ޑރ. އަފްރާޝީމާއި މަރުހޫމު ރިޟުވާނާއި މަރުހޫމު ޔާމީނުގެ މަރު ފަދަ މަރުތަކުގެ ތަހުގީތައް ކުރުމުގެ ވާހަކައެވެ. އެއިރު އޮތް މަސްއޫލު ފަރާތްތަކަށް އެކަންތައް ނުކުރެވޭ ވާހަކައެވެ. ނުވަތަ ކުރަން ބޭނުން ނެތިގެން އެކަން ނުކުރާ ވާހަކައެވެ. އަދި، މިވާހަކަތައް ދައްކާ މީހުންގެ އަތްމައްޗަށް ބާރު އަތުވެއްޖެ ނަމަ، ދާދި ކުރު މުއްދަތެއްގެ ތެރޭގައި މިކަން ތަހުގީގުކޮށް، ހަގީގަތް ހޯދައި، އެ ގަތުލުތަކުގެ ޖަރީމާތައް ހިންގި މީހުންގެ ޝަރީއަތްކޮށް، އެމީހުންނަށް ހައްގު އަދަބު ދެވޭނޭ ވާހަކަ ވެސް އިވެމުން ދިޔައެވެ. އާދެ، ބާރު ހޯދުމުގެ ގޮތުންވީ ވައުދުތަކުގެ ތެރޭގައި މިކަން ވެސް ހިމެނުނެވެ.

ދެން، އެ ވާހަކަތައް ދެއްކި މީހުން އެދުނު ގޮތަށް އެމީހުންނަށް ބާރުލިބުނެވެ. އަދި، މިދެންނެވި މަރުތަކުގެ ހަގީގަތް ހޯދުމުގެ އަމަލީ މަސައްކަތް ވެސް ކޮންމެވެސް ސިފައެއްގައި ފެށުނެވެ. އެކަން ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އުފެދި، އެ ތަހުގީގުތައް ފެށުނެވެ. ވަރަށް ވެސް ރަނގަޅު ކަމެކެވެ. ނަމަވެސް، އެ ތަހުގީގުތައް ނިމި، ރިޕޯޓު ނެރެވިދިޔަ އިރުވެސް، އެކަމުގެ ޝަރީއަތްކޮށް، އެ ޖަރީމާތައް ހިންގި މީހުންނަށް ހައްގު އަދަބު ލިބޭތަން ފެނިގެން އަދި ނުދެއެވެ. ކަރުދާހެއްގައި ލިޔެވިދިޔަ އެއްޗަކުން ހުރިހާ ކަމެއް ނިމުނީ ކަހަލައެވެ. ދެން، މިހާރު، މިކަމުގެ ވާހަކަ، ނުވެސް އިވެއޭ ބުނެވިދާނެއެވެ. މަރާލި އެކެއްގެ ބައްޕަ ވަރަށް މާޔޫސްވެފައި، ދާދި ފަހުން ފާހަގަކުރީ، އޭނާގެ ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދަން އޭރު ދެއްކި ވާހަކައަކީ އެކަން ކުރުމުގެ ނިޔަަތުގައި ދެއްކި ވާހަކައެއް ނޫންކަމެވެ. ނަމަވެސް، ވެރިކަން ހޯދުމުގެ ގޮތުން، ދެއްކި ވާހަކައެއް ކަމެވެ. މިވާހަކައާ ރަސްމީ ފަރާތްތަކުން އެއްބަސްވާ ކަހަލަ ވާހަކައެއް ވެސް ބުނި އަޑު އިވިގެން ދިޔައެވެ. އެފަދައިން ކުރާ ހުރިހާ ވައުދަކީ ފުއްދުމުގެ ނިޔަތުގައި ކުރާ ވައުދެއް ނޫނޭ ބުނި އަޑެވެ. މިދިލި ގަހުން ވެއްޓުނު މީހާ ނަދުރު ބުނެ، ތިރީ ގޮފިގަނޑެއްގައި އަތް ޖެހުމުން، އެއީ އެހެން ބުނި ނަދުރެއް ނޫނޭ ސަމާސާއަކަށް ބުނި ވާހަކައެކޭ ބުނި ފަދައިންނެވެ! ކޮންމެއަކަސް ވަރަށް ފޯރީގައި ފެށި ތަހުގީގު ކޮޅެއްގައި ނުޖެހި ނިމުނީއެވެ. އަނެއްކާ މިކަން ވެސް، ބޮނޑު ނިގުލަށް ގޮސް ނިމުނީބާވައޭ ހިތަށް އަރައެވެ.

ދެން ހިތަށް އަރާ ސުވާލަކީ، ކަންކަން، ވަކިން ޚާއްސަކޮށް، މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުން 'ބޮނޑު ނިގުލަށް ވެގެން ދަނީ' ކީއްވެ ބާވައެވެ؟ މިއީ އާ ކަމެއް ނޫނެވެ. ރާއްޖޭގައި އުފެދުނު ބައެއް އާންމު ކުންފުނިތައް ވެސް އުވި، ވީނުވީ ނޭނގި ނިމިދެއެވެ. ދިވެހި ދައުލަތުގެ އެއާރލައިނަކާއި ދައުލަތުގެ ބޮޑު ޝިޕިން ކުންފުންޏެއްވެސް އުވިދިޔައެވެ. ބޮޑެތި ޚިޔާނަތުގެ މައްސަލަތައް ވެސް ފެންމަތިވެ، ކޮންމެ ވެސް ވަރަކަށް ވާހަކަ ދެކެވެ، ނުވަތަ، ނަމުގައި ތަހުގީގެއް ފެށި، އެކަން ވެސް އޮބިދިޔައެވެ. އާދެ، މިހުރިހާ ކަމެއް ވެސް، ބޮނޑު ނިގުލަށް ގޮސް ނިމުނީއެވެ. އެހެންވީމާ، މިއީ ދިވެހި ސިޔާސީ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކޭ ވެސް ބުނެވިދާނެ ކަންނޭނގެއެވެ.

ކުރިން މިނަންގަތް ގަތުލުގެ މައްސަލަތައް ތަހުގީގުކޮށް، ހަގީގަތް ހޯދުމުގެ ވާހަކަ ދެކެވުނު އިރު، ހީވީ ހަމަ ދެންމެދެންމެ، އެކަމުގެ ހަގީގަތް އާންމުންނަށް ހާމަވެގެން ހިނގައިދާނޭ ކަމެވެ. އަދި، އެކަމުގައި ކުށްވެރިވާ މީހުން އެމީހުންގެ ކުށުގެ ޒިންމާ ނަންގުވާނޭކަމެވެ. އެވާހަކަތަކުން މިކަމުގެ ޔަގީންކަން ލިބި ހިތަށް ފިނިކަމެއް ލިބުނެވެ. ނަމަވެސް، އެކަމެއް ނުވެއެވެ. މިފަދަ، އެހެން ކަންކަން ވެސް ނިމޭ ފަދައިން، ހަމަ ބޮނޑު ނިގުލަށް ގޮސް ނިމުނީއެވެ. އާދެ، ސުއާލަކީ މިހެން ވަނީ ކީއްވެބާވައެވެ؟

މި ސުއާލުގެ އެންމެ އެކަށީގެންވާ ޖަވާބުދޭން އެނގޭނީ ހަމަ ކަމާބެހޭ ފަރާތްތަކަށެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، ކަންކަމާ ބެހޭ ގޮތުން، ކޮންމެ މީހަކަށް ވެސް އެއްޗެއް ބުނުން ހުޅުވިފައި އޮންނަ ދުވަސް ވަރެއްގައި، ޚިޔާލާތުތަކުގެ ފުންވަޅުގެ ތެރެއަށް އަޅުގަނޑުގެ ދާނިވެސް ބާނައި، ފެން ފޮދެއް ނަގައި، އޭގެ ކުލަ ބަލާލުން އެންމެ ރަނގަޅު ކަމެއް ކަމަށް ދެކި، އެއްޗެއް ބުނަމެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ގަސްދުކުރާއިރު، އަނެއްކާ ވެސް ހަނދާނަށް އަންނަނީ ވާހަކައެކެވެ. މަޝްހޫރު ޖުހާގެ ވާހަކައެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ކަންކަން ފެށުމަށް ފަހު، ބޮނޑު ނިގުލަށްވެ، ހުއްޓިދަނީ ކީއްވެގެންކަން، މިވާހަކަ ބުނެދެއެވެ. އެހެންވެ، ޖުހާގެ މިވާހަކަ ލިޔެލާނަމެވެ.

އެއް ދުވަހަކު، ޖުހާއަށް އިވުނީ ފަނޑިޔާރުގޭގެ ހުސްވެފައިވާ އޮތް ފަނޑިޔާރުކަމުގެ މަގާމަށް އިސް ފަނޑިޔާރަކު އިސްކުރައްވަން ވެގެން، ރަސްގެފާނު ފަނޑިޔާރަކު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމުގެ އަޑެވެ. އަދި މިކަމަށް އިސްކުރައްވާނީ ކަމަށް އެކަށީގެންވާ ގާބިލު މީހެއްކަމާއި އަދި ވަރަށް ވެސް ހިތްތިރި މީހެއްކަން ވެސް ރަސްގެފާނު ވިދާޅުވާ ކަމުގެ އަޑެވެ. ރަސްގެފާނުގެ ރާއްޖޭގައި، ކަމަށް ގާބިލު މީހުން ވަރަށް ވެސް ގިނައެވެ. ރަސްގެފާނުގެ ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލެއްގެ ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލެއްގެ އަރިސް ބޭކަލަކަށް ވުމުން، ކަންކަމުގެ ގާބިލުކަން، ރަސްގެފާނުގެ ރާއްޖޭގެ މީހުންނަށް ލިބެއެވެ. އެހެންވެ، ގާބިލު މީހުން ހޯދަން ވަރަށް ވެސް ފަސޭހައެވެ. އެހެންވީ ކަމުގައި ވިޔަސް، ރަސްގެފާނުގެ ރާއްޖޭގައި ހިތްތިރި މީހުން ވަރަށް މަދެވެ. އެހެންވެ، މިފަދަ މީހަކު ހޯދުންވީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. ކޮންމެއަކަސް މިފަދަ މީހަކު ހޯދުމުގެ ބުރަ މަސްއޫލިއްޔަތު ކަމުވޮށިވެގެންވާ ބަޔަކާ ހަވާލުކުރައްވާފައި ރަށުތެރެއަށް ކަމުވޮށިވެގެންވާ ބަޔަކު ރަސްގެފާނު ފޮނުއްވިއެވެ.

ކޮންމެވެސް ގޮތަކުން ޖުހާއަށް މިކަން އެނގިއްޖެއެވެ. ދެން، ބާވެ، ހަސްވެފައި އޮތް ގަމީހަކާއި މުންޑުގަނޑެއް އަނދެގެން، އަދި ކޮނޑަށް މަސް ދޮށްޓެއް ވެސް ލައިގެން ގޮސް، މައި މަގުގެ އެއް ފަރާތެއްގައި ޖުހާ އިށީނދެލައިގެން އިނެވެ. އެހެން އިންދައި، ފަނޑިޔާރު ކަމަށް އިސްކުރާނޭ މީހަކު ހޯދުމުގެ މަސައްކަތުގައި ނިކުމެ އުޅުއްވި ބޭކަލުންގެ ލޯފުޅުގައި ޖުހާ އަޅައިގަތެވެ. ދެން، އެބޭކަލުން ޖުހާ ކައިރިއަށް ވަޑައިގެން، ޖުހާއަކީ ކާކުތޯ، ޖުހާއާ ސުއާލުކުރައްވައި އޮޅުންފިލުއްވިއެވެ.

ޖުހާ އެބޭކަލުންނަށް ދެންނެވިއެވެ. ތިމަންނާއަކީ ގާނޫނު ކިޔަވައިގެން ހުރި މީހެކެވެ. ނަމަވެސް، ތިމަންނާއަކީ ވަރަށް އާދައިގެ ނިކަމެތި ދަރިފަސްކޮޅަކުން އައިސް ހުރި މީހެއް ވެސް މެއެވެ. ތިމަންގެ ބައްޕައާއި ކާފައިންނާއި މާފައިންނާއި ބާފާނުއިންނާއި (ބަފައި ފުށުގެ ބޮޑުބޭބެމެން) މާފާނުއިންނާއި (މައިފުށުގެ ބޮޑުބޭބެމެން)، މި އެންމެންނަކީ ވެސް ހަމަ މަސްވެރިންނެވެ. ސާފު ސީދާކޮށް، ދަންނަވާ ނަމަ، ތިމަންނައަކީ ހަތަރު ފުށް، މަސްވެރިންގެ އާދައިގެ ނިކަމެތި ދަރިއެކެވެ. މިހާރު، ތިމަން ގާނޫނީ ގޮތުން ކިޔަވައި، މޮޅުވެފައި ހުރިކަމުގައި ވިޔަސް، ތިމަންނަގެ އަސްލަކީ ކޮބައިކަން ތިމަންނަ އަބަދުވެސް ހަނދާން ކުރަމެވެ. އެހެންވެ، ތިމަންނަ، ދާ ކޮންމެ ތާކަށް ވެސް، ތިމަން އަބަދުވެސް ދަނީ ބައްޕަމެންގެ މަސް ދޮށްޓެއް ހިފައިގެންނެވެ. އަދި، ބައެއް ފަހަރު، މަގުމަތީ އެންމެންނަށް ފެންނަހެން، މިހެން، މަސްދޮށި ހިފައިގެން، އިންނަމެވެ. ތިމަންގެ އަސްލު އޮޅި، ބޮޑާވެ، ބޮޑުވެ، ކިބުރުވެރިނުވުން އަދައިގެންނެވެ.

ކޮންމެއަކަސް، ޖުހާގެ ވާހަކަތައް އައްސަވައި، ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރަން މީހަކު ހޯދައްވަން ނިކުމެ އުޅުއްވި ބޭކަލުން ވަރަށް ވެސް އުފާކުރެއްވިއެވެ. އަދި، އެބޭކަލުން އެނބުރި ރަސްގެފާނުގެ ދަރުބާރަށް ވަޑައިގެން، ރަސްގެފާނު އަރިހުގައި ޖުހާގެ ވާހަކަ ދެންނެވިއެވެ. ދެން، ރަސްގެފާނު ވެސް އުފާފުޅު ކުރައްވައި، އިސް ފަނޑިޔާރުކަމުގެ މަގާމަށް ޖުހާ އިސްކުރެއްވިއެވެ.

ދުވަސްކޮޅެއް ފަހުން، ފަނޑިޔާރަކު ހޯއްދަވަން ނުކުމެ އުޅުއްވި ކަމުވޮށިގެންވީ ބޭކަލުންގެ ތެރެއިން ބޭކަލަކު ފަނޑިޔާރުގެއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އިއްޒަތްތެރި ޖުހާ ފަނޑިޔާރު މަނިކުފާނާ ބައްދަލުކުރެއްވިއެވެ. ފަނޑިޔާރު ޖުހާ އަތްޕުޅުގައި އަބަދުވެސް އޮންނަ ކަމަށް ވިދާޅުވި މަސް ދޮށި ފެންނަން ނެތުމުން، މަސް ދޮށި ކޮބައިތޯ އެ ބޭކަލަކު ފަނޑިޔާރު ޖުހާ ކުރެން އެއްސެވިއެވެ. ޖަވާބުގައި ފަނޑިޔާރު ޖުހާ ވިދާޅުވިއެވެ. 'ބުޅީގައި މަސްގަނެ، ބޭނުންވި މަސް މިހާރު ބޭނިއްޖެއެވެ. އެހެންވެ، ދޮށީގެ ބޭނުމެއް މިހާރަކު ނެތެވެ'

އާދެ، ކަންކަން ބޮނޑު ނިގުލަށް ނިމޭ އެއް ސަބަބަކީ، ފަނޑިޔާރު މަނިކުފާނު ޖުހާ ވިދާޅުވި ފަދައިން، ބުޅީގައި މަސްގަނެ، މަސް ބޭނި ދިޔުމެވެ. ކަންކަން ކުރުމުގެ ވާހަކަ ދައްކަނީ، އެކަންކަން ކުރުމުގެ ނިޔަތުގައެއް ނޫނެވެ. މުޅިން އެހެން މަގުސަދެއް ހާސިލުކުރުމަށެވެ. ބޭނުންވާ މަގުސަދު ހާސިލުވުމުން، ފަނޑިޔާރު ޖުހާ ވިދާޅުވި ފަދައިން، 'ދޮށީގެ ބޭނުން' ނެތުނީއެވެ. ހަމަ އެފަދައިން، ބޭނުން މަގުސަދު ހާސިލުވުމުން، ކުރިން ވީ ވައުދުތައް ހަނދާން ނެތި، އެ ވާހަކަތައް އިތުރަށް ދެއްކުމުގެ ބޭނުން ވެސް ނެތުނީއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.