...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޖާދުލުގެ ލޯގަނޑު

އެއް ދުވަހު، ދަރުބާރުގައި ރަސްގެފާނު އިންނަވަނިކޮށް މީހަކު ޒިޔާރަތްކުރިއެވެ. އަދި ހަދިޔާއަކަށް ޖާދުލުގެ މޫނުބަލާ ލޯނގަޑެއް ރަސްގެފާނަށް އެރުވިއެވެ. ރަސްގެފާނު އެމީހާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. ދެން، އޭނާ އެނބުރި ދިޔައެވެ.

އޭނާ ދިޔުމުން، ޖާދުވީ މޫނުބަލާ ލޯގަނޑަށް ރަސްފާނު ބައްލަވާލެއްވިއެވެ. އަދި، ހަމަ އެ ވަގުތު އެމަނިކުފާނުގެ މޫނުފުޅުގެ ހުތުރުކަން ފާހަގަ ކުރެއްވުނެވެ. ދެން ރަސްގެފާނުގެ މޭފުޅާ ލޯގަނޑު ގާތްކޮށްލައްވާފައި އެއަށް ބައްލަވާލެއްވުމުން، ރަސްގެފާނުގެ ހިތްޕުޅުގެ ކަޅުކަން ވެސް ފާހަގަކުރެއްވުނެވެ. އަދި އިސްތަށިފުޅާ ދިމާކޮށް ބައްލަވާލެއްވުމުން، ރަސްގެފާނުގެ ސިކުނޑިފުޅު ފެނިވަޑައިގަތީ މަކަރާއި ހީލަތުގެ ސިކުނޑިފުޅެއްގެ ގޮތުގައެވެ.

ރަސްގެފާނު އިސްދަށަށް ޖައްސަވައިގެން އިންނަވާ އަމިއްލަ ނަފްސާ ވާހަކަދެއްކެވިއެވެ. ތިމަން ރަސްގެފާނުގެ ބޭރުފުށް ހުތުރެވެ. ހިތް ދެފުށް ދެގޮތްވެފައި މުނާފިގެވެ. އަދި، ސިކުނޑި މަސައްކަތްކުރަނީ މަކަރާއި ހީލަތް ހެދުމުގަތާއެވެ. ކޮންމެއަކަސް ވަރަށް ދެރެއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ދެން ރަސްގެފާނަށް ކީރިތި ކުރެއްވުނެވެ. ކޮންމެހެން އެކަންކަން ގޯސްވެގެންނެއް ނޫނެވެ. އެހެން މީހުންނަށް އެކަން ފާހަގަކުރެވިފައި އޮވެދާނެތީ އެކަމާ ބިރުފުޅު ހީވެގެންނެވެ. މީސްތަކުން ރުއްސަން، އެމީހުންނަށް ރަސްގެފާނު ދެއްވާ ހަދިޔާ ބަދިޔާއިން މީސްތަކުންގެ ލޯތައް ކަނުނުކުރެވި އޮވެދާނެތީއެވެ. ކޮންމެއަކަސް، ރަސްގެފާނަށް ވަރަށް ބޮޑަށް ކީރިތި ކުރެވިއްޖެއެވެ.

މިތަން ބަލަން ރަސްގެފާނު މުނިފޫހިފިލުވުމުގެ ވަޒީފާގައި އުޅޭ ރަސްގެފާނުގެ ޖޯކަރު ފާކިރު އަރިހުގައި އިންނެވިއެވެ. އަދި، ރަސްގެފާނުގެ ހިތާމަފުޅުގައި ބައިވެރިވުމުގެ ގޮތުން، އޭނާ ވެސް އަޑުގެ ތަނަށް ރޯން ފެއްޓިއެވެ.

އިރުގަނޑެއް ވަންދެން ކީރިތި ކުރެއްވުމަށް ފަހު، ރަސްގެފާނު ހުއްޓަވާލެއްވިއެވެ. ނަމަވެސް، ރަސްގެފާނުގެ އަރިސް ޖޯކަރުކަލޭގެ ފާކިރު ހުއްޓާނުލައި ރޮމުން ދިޔައެވެ. އަދި، އެތައް އިރެއް ކޮށްފައި ފާކިރު ވެސް ރުއިން ހުއްޓާލައި ހިމޭންވިއެވެ.

ދެން ރަސްގެފާނު ފާކިރާ މުޚާތަބުކޮށް ވިދާޅުވިއެވެ. އޭ ފާކިރެވެ. ތިމަން ރަސްގެފާނަށް ލޯގަނޑުން ތިމަން ރަސްގެފާނުގެ މޫނުފުޅާއި ހިތާއި އަދި ސިކުނޑީގެ ހަގީގަތް މި އެނގިވަޑައިގަތީ އަލަށެވެ. އެކަމުގެ ހަގީގަތް މި ޖާދުލުގެ ލޯގަނޑު ތިމަން ތިމަންރަސްގެފާނަށް ކިތަންމެ ރަނގަޅަކަށް ވެސް ދައްކުވައިދީފިއެވެ. ދެން އެކަމާ ދެރަފުޅުވެވަޑައިގެން ތިމަން ރަސްގެފާނަށް ހަމަ ކީރިތި ކުރެއްވުނީއެވެ. އަދި އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ފާކިރު ވެސް ރުއީތާއެވެ. އެކަމަކު ތިމަން ރަސްގެފާނަށް ވިސްނިވަޑައިނުގަތް ކަމެއް އެބަ އޮތެވެ. ތިމަން ކީރިތި ކުރެއްވުން ހުއްޓާލެއްވުމުން، ފާކިރު ރުއިން ހުއްޓާނުލީ ކީއްވެހެއްޔެވެ؟

ޖަވާބުގައި ރަސްގެފާނަށް ފާކިރު ދެންނެވިއެވެ. ރަސްގެފާނުގެ ހުތުރުކަމާއި ހީލަތްތެރިކަމާއި މުނާފިގުކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގެއެވެ. އަދި އެކި ފާޑުފާޑުގެ ހަދިޔާ ބަދިޔާ އަޅުގަނޑުމެންނަށް ދެއްވާތީ، އެކަން ނޭނގޭ ކަމަށް ހަދައިގެން އަޅުގަނޑުމެން ވެސް ރަސްގެފާނަށް ތަބާވެ، މުނާފިގު ހެދިފައި މަޑުން ތިބެނީއެވެ. އެކަން ރަސްގެފާނަށް އެނގިވަޑައިގަތީ މިއަދު އެ ޖާދުވީ ލޯގަނޑުގެ ސަބަބުން ނޫންތޯއެވެ. އެކަން، ހަމަ ކޮންމެ ދުވަހަކު ވެސް، އަޅުގަނޑުމެންނަށް އެނގި ފާހަގަކުރެވެއެވެ. ރަސްގެފާނުގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުންނެވެ. ހަގީގަތް އެނގިވަޑައިގަތުމުން، ރަސްގެފާނަށް އެންމެ ހިނދުކޮޅަކަށް ވެސް ކެތްނުކުރެއްވި، ކީރިތި ކުރެއްވުނީއެވެ. އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު، ރެއާއި ދުވާލު، އެކަން ފާހަގަކުރެވޭއިރު، އެކަމުގެ ހިތާމައިގައި، ރަސްގެފާނަށް ތަސައްލީ އެރުވުމުގެ ގޮތުން، އަޅުގަނޑުމެން ރަސްގެފާނަށްވުރެ މާ ގިނައިން ރޯންޖެހޭނެ ނޫންތޯއެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.