...

Support Us

ކޮލަމް ކޯދު: ހަނދާން އާކޮށްލުމެއް!!

ތިރީގައި އެވާ ލިޔުން ލިޔުނު ފަހުން ދުވަސްތަކެއް ވޭތުވެއްޖެއެވެ. ކުރިން ކިޔަމުން އައި ލަވަ ވެސް ބަދަލުވެއްޖެއެވެ. ހަނދާން ބަލި ނޫން މީހުން ހަނދާން ހުންނާނޭ ފަދައިން، ކުރިން އިވުނު ލަވައިގައި ހުރިހާ ދިމާއަކުން ކިޔާ އަޑު އިވުނީ "ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިންނެއް ނުތިބޭނޭ" ކަމެވެ. ނަމަވެސް މިހާރުގެ ލަވައިގައި ކިޔާ އަޑު އިވެނީ "އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ" ކަމެވެ! އެ މީހުން ރާއްޖޭގައި ނުތިބެއްޖެ ނަމަ "ރާއްޖެ ބާކީވެ" ނިކަމެތިވާނޭކަމެވެ!

ދޮގު ހަދައިގެން ވާހަކަ ދައްކާ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެ މީހުން ކުރިން ބުނާ އެއްޗެއް ހަނދާން ނުހުންނަކަމެވެ. ނަމަވެސް، ހިތުން ރުހުމުން، ކަނު ސިފައެއްގައި، އެފަދަ މީހުންނަށް ތަބާވާ ބައެއްގެ ތެރޭގައި، އެނގި ތިބެ، ގަސްދުގައި، ދޮގު ހަދާކަށް، އެފަދަ މީހުން ޖެހެލުމެއް ނުވާނެއެވެ. ކުރީ ސަރުކާރޭ ކިޔައި ހުރިހާ ކަމެއް ފޫބެއްދޭނޭ ފަދަ ފުޅިމަދު އުނގިރިއަކުން އެ ފަދަ ދޮގުތަކުގައި މަތިޖެހޭނޭތީއެވެ!

އަދިވެސް އިތުރު ކަމެއްގެ ޚަބަރު އިވިގެން ދިޔައެވެ. މިއީ ރާއްޖެއާ ސީދާ ގުޅޭ ކަމަކަށް ނުވިޔަސް، އިންޑިޔާގެ މައްސަލައަށް އަލިއަޅުވާލަދޭ ކަމެކެވެ. އެއްކޮޅުން އެމެރިކާ އިސްވެގެން ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓަން މަސައްކަތް ކުރެވެމުން ދެއެވެ. މިއީ ފަހަރެއްގައި ވެސް އެހެން ބައެއްގެ މިނިވަންކަން ގެއްލިދާނެތީ ނުވަތަ ރައްކާކުރެވިދާނެތީ ކުރެވޭ ކަމެއް ނޫނެވެ. އެމެރިކާގެ އަމިއްލަ ފައިދާއަށްޓަކައި ކުރެވޭ ކަމެކެވެ. މިކަމާ ވިދިގެން، ޗައިނާއިން ވެސް މަސައްކަތްތަކެއް ކުރަން ގަސްދުކޮށްފިއެވެ. ރާއްޖޭގައި އިންޑިއާއިން ކުރާ ކަހަލަ މަސައްކަތްތަކެކެވެ. ޕެސިފިކް ކަނޑުގައި އޮތް ޖަޒީރާ ގައުމުތަކުގެ މެދުގައި "ތަރައްގީ"ގެ ނަމުގައި އެކިއެކި އެއްބަސްވުންތައް އެއްބަސްވުމުގެ މަސައްކަތެވެ. މި ކަމާ ޕެސިފިކް ގައުމުތަކުގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. އަދި، ސަރަހައްދީ ބައެއް އެހެން ގައުމުތައް ވެސް މިކަމާ މެދު ކަންބޮޑުވުންތައް ފާޅުކުރަން ފަށައިފިއެވެ.

އާދެ! ޗައިނާގެ ވެސް މަގުސަދަކީ ހަމަ އިންޑިޔާގެ ވެސް މަގުސަދެވެ. އެ ބައެއްގެ ސަރަހައްދުގައި ހިމެނޭ ކުދި ގައުމުތައް އެމީހުންގެ ވަކިގަނޑުތެރޭގައި ބޭއްވުމެވެ! ކުޑަ ތަފާތެއް އެބައޮތެވެ. ޗައިނާއިން މިކަން ކުރަނީ ޗައިނާގެ އަމިއްލަ ފައިސާ ޚަރަދުކޮށްގެންނެވެ. އިންޑިއާއިން ރާއްޖޭގައި ހިންގާ ކަމަށް ބުނާ މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށްދޭ ލޯނުގައި ހިންގޭ މަޝްރޫއުތަކެކެވެ. އާދެ، އިންޑިއާގެ ބާރާއި ނުފޫޒު ފޯރުވޭ ގޮތަށް އޮންނަ އަސްކަރީ މަރުކަޒުތަކާއި އިންޑިއާގެ ސިފައިން ބައިތިއްބުމުގެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ! އިންޑިއާއާއި ރާއްޖެއާ އެއްބަސްވީ އެއްބަސްވުމުގެ ލީކުވީ ލިޔުންތަކުން ވަރަށް ސާފުކޮށް މިކަން އެނގެން އެބައޮތެވެ!!

ހަނދާން އާކޮށްލުން: އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.