Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ކައުބާ މައްޗަށް މިއަދު އިރު އޮލަނބުވަނީ

ފަލަކީ ހިސާބުތައް ދައްކާ ގޮތުން މިއަދު، 28 މޭ ވާ ހޮނިހިރު ދުވަހު ކައުބާމަތިން އިރު ހުރަސް ކުރާނެއެވެ. މޭމަހުގެ 26، 27، އަދި 28 މި ދުވަސްތަކަކީ އިރު ޓްރޮޕިކް އޮފް ކެންސަރ އަށް ދަތުރުކުރާ މަގުމަތީގައި ގިނަ އަހަރު އަހަރަށް ކައުބާމަތީން އިރު ދަތުރުކުރާ ދުވަސްދުވަހެވެ.

އެކަމަކު އިރުގެ މެދު ކައުބާ މައްޗަށް އޮލަނބުވެ، އޮލަނބަށް ހުންނަ ތަކެތީން އުފެދޭ ހިޔަނީގެ ފެށޭކޮޅު ކައުބާއާއި ދިމާޔަށް ހުންނަ ހިނދުކޮޅު އަންނާނީ ވަރަށް މަދު އަހަރެއްގައެވެ.

ނަމަވެސް، އިރުގެ ސައިޒު ފަލަކީ މިންގަނޑުން ވަޒަންކުރާ ހަމައިން ބަލާއިރު އިރުގެ އެއްވެސް މިންވަރެއް ކައުބާގެ މައްޗާ ދިމާވާ ގޮތަށް ކައުބާމަތިން އިރު ހުރަސްކުރާ ނަމަ އެ ވަޤުތު ކައުބާއާއި  ޙަރަމްފުޅާއި ޙަރަމްފުޅުގެ ކައިރި ސަރަޙައްދުގައި އޮލަނބަށް ހުންނަ އެއްވެސް އެއްޗެއްގެ ހިޔަންޏެއް އެ އެއްޗަކުން އަރިއަކަށް ނެއްޓިގެނެއް ފާޅެއް ނުވާނެއެވެ.

މިއަދު (28 މޭ 2022) ގައި ކައުބާ މަތިން އިރު ހުރަސް ކުރާ ވަޤުތު އިރުގެ މެދު ކައުބާއާ އޮލަނބު ނުވާތީ އެވަޤުތު އޮލަނބަށް ހުންނަ ތަކެތިން ފާޅުވާ ހިޔަނީގެ ފެށޭކޮޅު %100 އަށް ކައުބާއާ ދިމާޔަކަށް ނުހުންނާނެއެވެ. އެކަމަކު މަޤްބޫލު ވެވޭ މިންވަރަށް ޤިބްލަވީ ދިމާ ސަމުގާއަށް ވުރެން ކަށަވަރުކޮށް ޤިބްލަވީ ދިމާ އެ ހިޔަނިން ދައްކައިދޭނެއެވެ.

ކައުބާގެ ޕޮޒިޝަކީ 21 ދަރަޖަ 25 ދަގީގު 21 ސާނިޔާ އުތުރާއި 39 ދަރަޖަ 49 ދަގީގު 34 ސާނިޔާ އިރުކަމަށްވެފައި، ކައުބާ އޮންނަ ޚައްޠު ޢަރުޟަށް މިއަދު އިރު އަންނާނީ މައްކާގެ ގަޑިން މެންދުރު 12 ގަޑި 17 މިނެޓް 42 ސިކުންތުގައިކަން ފަލަކީގޮތުން އެނގޭން އޮވެފައި، އެވަގުތު އިރު ހުންނަ ޕޮޒިޝަނަކީ 21 ދަރަޖަ 29.01 ދަގީގު އުތުރާއި 39 ދަރަޖަ 53.9 ދަގީގު އިރުގައިކަން ވެސް ފަލަކީ ގޮތުން އެނގޭން އޮންނާތީ، އިރުގެ މެދު ހުންނާނީ ކައުބާއަށް ވުރެން 11.2 ދަގީގު އުތުރުގައިކަމާއި، 11.9 ދަގީގު ހުންނާނީ ކައުބާއަށް ވުރެއިރު ގައިކަން ފަލަކީ ގޮތުން އެނގޭން އޮވެއެވެ.

އެފަދައިން އިރު ދުނިޔެއާއި އެދުވަހަކު ހުންނަ ކައިރި ދުރުމިނުގެ ގޮތުން އިރުގެ ބޮޑުމިނުގެ ސައިޒު ބަލާ މިންގަނޑުން މިއަދު އިރުގެ ބޮޑުމިނަކީ 15.8 ދަގީގު ކަމުގައިވާތީ، ކައުބާ މައްޗަށް ކައުބާގެ އުތުރު ފަރާތުން ހުންނާނީ އިރުގެ ދެކުނު ފަޅީގެ 3.9 ދަގީގާއި، އިރުގެ މެދުން ފެށިގެން ހުޅަނގު ފަޅީގެ 4.9 ދަގީގު ހުންނާނީ ކައުބާ މަތީގައިކަން ފަލަކީ ގޮތުން %100 އަށް ކަށަވަރު ވެއެވެ.

އެކަންކަން އެހެން ހުރުމުން މިއަދަކީ، ޤިބްލަވީ ދިމާ ސަމުގާއަކާ ނުލައި ކަށަވަރު ކުރެވޭ ދުވަހެކެވެ. އޮލަނބަށް ހުރި ހޮންމެ އެއްޗަކުން ފާޅުވާ ހިޔަނީގެ ފެށޭކޮޅު ނުވަތަ ހިޔަނި އެ އެއްޗަކުން ފާޅުވާ އެއްޗަކާ ދިމާޔަށް ހުންނަކޮޅު ޤިބްލަޔާ ދިމާޔަށް ހުންނަ ދުވަހެކެވެ.

އެ ވަޤުތު ރާއްޖެއަށް ދިމާވާ ގަޑިއަކީ މިއަދުގެ 14 ގަޑި 17 މިނެޓް 42 ވަނަ ސިކުންތާ ދިމާވާ ވަގުތެވެ. މިއީ، ޤިބްލަ ކަށަވަރުކޮަށް ލެއްވުމަށް ރަނުގެ ފުރުޞަތެކެވެ.