Support Us

ކޮލަމް މާޒީ: ރީނދޫ ދަވާދުން ދެ ފަށް ދަމައިފައި ނެތިއްޔާ ޕާކުކުރުން ހުއްދަ!!؟

މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ އަޑު ރާއްޖޭގެ މަސްރަޙުގައި ގުގުމައިގަތް ދުވަސްވަރެއް އައެވެ. ހެލެމެޓް އެޅުން ލާޒިމުކޮށް ޕާކުކުރާ ތަންތަން ތައާރަފުކޮށް މަގުތަކުގެ އަރިމަތީގައި ރީނދޫކުލައިގެ ދެފަށް ދަވާދު ދަމައި ގިނަ ސަރަހައްދު ތަކެއްގައި ރޮނގުދެމިއެވެ. އަދި ހަޑިސާފުކުރާކަމަށް ވިދާޅުވެ މީޑިއާގައި އެ މިނިސްޓްރީ މަގުބޫލުކަން ހޯދިއެވެ. ނަމަވެސް އެ މިނިސްޓްރީއަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި އެ މިނިސްޓްރީގެ ދަށުގައިވާ ވަކި އިދާރާއެއް އުވައިލެވުމާ ހިސާބުން އެ މިނިސްޓްރީގެ އަޑު ކެނޑި ހިމޭންވިއެވެ.

މި ދެންނެވި ދުވަސްވަރު މަޖީދީމަގާއި އަމީނީ މަގުގެ ގިނަ ސަރަހައްދުތަކުގައި ރީނދޫ ދަވާދުން ދެފަށް ރޮނގު ދަމައި ޕާކުކުރުން މަނާ ސަރަހައްދެއްކަން ބަޔާންކުރެއްވިއެވެ. މި ގޮތުން އަމީނީ މަގުން ޓެލެވިޜަން މޯލްޑިވްސްއާ ދިމާއިން މަގުގެ ދެކުނު ފަރާތުގައި، ކުރީން ސައިކަލު ޕާކުރާ ގޮތްތަށް އޮތް އޮތުމަށް ނިމުމެއް ގެންނަވައި އެ ސަރަހައްދުގައި ޕާކު ނުކުރެވޭ ގޮތް ހަމަޖެއްސެވިއެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ކޮޅު ހިސާބެއްގެ އުނދަގޫތަކަކާ ކުރިމަތިވެސްވިއެވެ. ނަމަވެސް ކޮންމެ ކަމަކީ ވެސް އެ ކަމަކަށް ހޭނޭނެ ކަމެއް ކަމަށް ވާތީ، އެ ސަރަހައްދުގައި ދިރި އުޅޭ ރައްޔިތުން ސައިކަލު ޕާކުކުރާން އެހެން ބަދީލެއް ހޯދިއެވެ.

މި ދެންނެވި ބަދަލު އަމީނީމަގަށް ގެންނެވި އިރު މަގުގެ އުތުރު ފަރާތުގައި އެއްވެސް ނިޝާނެއް ރޮނގެއް އެއްޗެއް ކުރައްސަވައިފައެއް ނެތެވެ. ނަމަވެސް އެއީ ކުރީއްސުރެ ވެސް ޕާކު ނުކުރާ ސަރަހައްދަކަށް ވާތީ، ޕާކުކުރުން މަގުގެ އެ ފަރަތަށް ބަދަލުކޮށްލާކަށް އެކަކު ވެސް ނުވިސްނައެވެ. އަދި ހަމަ އެކަކު ވެސް އެ ދިމާއިން މަގުގެ އެއްވެސް ހިސާބެއްގައި ޕާކެއް ނުކުރެއެވެ.

އަދިވެސް މިކަން އޮތީ މިހެންނެވެ. އެއްވެސް ސައިކަލެއް އެ ސަރަހައްދުން އަމީނީމަގުގައި ޕާކުކޮށްފައެއް ނުހުރެއެވެ. ނަމަވެސް މި ފަހަކަށް އައިސް، އަމީނީ މަގު އުތުރު ފަރާތުން ޓީވީއެމާ ދިމާގައި ކާރު ޕާކުކުރުން އާންމު ވެއްޖެއެވެ. އެއްވެސް ހުއްދައެއް ލިބިގެންކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕާކުކުރުން ހުއްދަ ސަރަހައްދުތަކުގައި ކޮންމެވެސް ކަހަލަ ކުރެހުންތަކެއް ކުރަހައި ނިޝާންތަކެއް ޖަހާނެއެވެ. ނަމަވެސް މި ފަދަ އަސަރެއް މިތާ މަގުމަތީންނެއް ފެންނާކަށް ނެތެވެ.

ކުށެއްކަމަށް ބަޔާންކޮށްފައި ނެތް ކޮންމެ ކަމެއް ކުރުން ހުއްދަކަމަށް އޮންނަ އޮތުމުގެ ބޭނުން ހިފައިގެން އެ ފަރާތުގައި ކާރު ޕާކުކުރުން ހުއްދަކޮށްގަތީބާއޭ ވެސް ހިތަށް އަރައެވެ. ދެން ސައިކަލުތައް ވެސް ޕާކުކުރާން ނުފަށާނެކަމެއް ނޭނގެއެވެ. ނަމަވެސް ސައިކަލުތަކަކީ އިސްޓިކާގެ ބިރުވެރިކަން މާ ބޮޑު އެއްޗަކަށް ވެފައި، ކާރުތަކަށް މި ބިރު ކުޑަކަމަށް ފެންނާތީ އަދި ސައިކަލުތައް ޕާކު ނުކުރަނީ ކަމަށް ވެދާނެއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއްވެސް ކުރެހުމެއް ކުރަހައިފައި ނުވާ ނަމަ އެއީ ޕާކުކުރުން ހުއްދަ ސަރަހައްދެއް ނޫނެވެ. އަދި ރީނދު ރޮނގު ކުރަހައިފި ނަމަ އެއީ ޕާކުކުރުން މުޅީން މަނާވީއެވެ. ރަތްރޮނގު ދަމައިފި ނަމަ އެއްވެސް އުޅަނދެއް އެ ސަރަހައްދުގައި މަޑުކޮށްލުން ވެސް މަނާވީއެވެ. ސައިކަލާއި ކާރުފަދަ ތަކެތި ޕާކުކުރާން ހުއްދަ ދެވިފައިވާ ސަރަހައްދުތައް ފާހަގަކޮށް އެކި ރޮނގުތައް ކުރަހައި ނިޝާން ބޯޑު ހަރުކޮށްފައި ހުރެއެވެ.

ވީމާ، ޓީވީއެމާ ދިމާއިން އަމީނީ މަގުގައި ވެސް އުޅަނދުފަހަރަށް ޕާކުކުރުމުގެ ހުއްދަ ދެވިފައިވާ ނަމަ، އެ ކަން އަންގައިދޭ ރޮނގުތަކާއި ނިޝާންތައް ކުރެހުމަކީ މުހިންމު ކަމެއްކަމަށް ނުވާނެބާވައެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓްރީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ނަމަވެސް، މި ކަމުގެ ޒިންމާ އޮތް މުއްއްސަސާއަކުން މި ކަމަށް ސަމާލުކަމެއް ދެއްވުން ކިހިނެއްތޯއެވެ؟ ނުވަތަ އެއްވެސް ކުރެހުމެއް ރޮނގެއް ނިޝާނެއް ނެތް ކޮންމެ ތަނަކީ ޕާކުކުރުން ހުއްދަ ތަނެއްކަމަށް ކަނޑައެޅުއްވީބާވައެވެ! ރީނދޫ ދަވާދުން ދެ ފަށް ދަމައިފައި ނެތިއްޔާ ޕާކުކުރުން މިހާރު ހުއްދައީތޯއެވެ!؟ އެހެންކަމަށް ވާނަމަ، މިކަން ހުއްދަކަން ޢާންމުކޮށް އިޢުލާނުކުރައްވާނޭނަމައޭ ހިތަށް އަރައެވެ.