Support Us

ކޮލަމް ނާރެސް: ތިމާގެ އުފަން ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކުރުން

ތިމާގެ އުފަން ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތް ކުރުން ޙަރާމްވެގެންވެއެވެ. އިމާމު އަލްބުޚާރީ އާއި އިމާމު މުސްލިމު އެ ދެ ބޭކަލުންގެ އިއްތިފާޤުން ސަޢްދު ބުނު އަބީ ވައްޤާޞްގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (مَن ادَّعَى إِلَى غَيْرِ أبِيهِ وَهُوَ يَعْلَمُ أنَّهُ غَيْرُ أبِيهِ فَالجَنَّةُ عَلَيهِ حَرامٌ) މާނައީ: "ތިމާގެ ބައްޕަ ނޫންކަން އެނގިހުރެ އެހެން މީހަކަށް (ބައްޕަކަމަށް ބުނެ އެމީހާއަށް) ނަސަބު ނިސްބަތްކުރާ މީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެން ވެއެވެ."

ޢަލީގެފާނު މިންބަރުގައި ހުންނަވައި ވިދާޅުވިކަމަށް ޝުރައިކު ބުނު ޠާރިޤު ރިވާ ކުރައްވާފައި ވެއެވެ. (وَمَنِ ادَّعَى إِلَى غَيْرِ أبيهِ، أَوْ انتَمَى إِلَى غَيْرِ مَوَاليهِ، فَعلَيْهِ لَعْنَةُ اللَّه وَالملائِكَةِ وَالنَّاسِ أجْمَعِينَ، لا يقْبَلُ اللَّه مِنْهُ يَوْمَ الْقِيَامةِ صَرْفًا وَلا عَدْلًا.) (متفقٌ عليه.) މާނައީ: "ތިމާގެ ބައްޕަ ނޫން މީހަކީ ބައްޕަކަމަށް ބުނެ، ނުވަތަ ތިމާ ނިސްބަތްވާ މީހުން ނޫން މީހުންނަށް ނިސްބަތްކޮށް ހަދާ މީހަކަށް މާތް الله އާއި އެކަލާނގެ މަލާއިކަތުންނާއި މީސްތަކުންގެ ލަޢްނަތް ހުއްޓެވެ. އަދި ޤިޔާމަތް ދުވަހުގައި އެމީހެއްގެ ކިބައިން އެއްވެސް ކަމެއް ޤަބޫލު ނުކުރައްވާ ހުއްޓެވެ."

أَبي ذَرٍّ رضى الله عنه ގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ﷺ ވިދާޅުވަނިކޮށް ތިމަން ކަލޭގެފާނު އަޑު އެއްސެވީމެވެ. (لَيْسَ منْ رَجُلٍ ادَّعَى لِغَيْر أبيهِ وَهُوَ يَعْلَمُهُ إلاَّ كَفَرَ، وَمَنِ ادَّعَى مَا لَيْسَ لهُ، فَلَيْسَ مِنَّا، وَليَتَبوَّأُ مَقْعَدَهُ مِنَ النَّار، وَمَنْ دَعَا رَجُلًا بِالْكُفْرِ، أوْ قالَ: عدُوَّ اللَّه، وَلَيْسَ كَذلكَ إلاَّ حَارَ عَلَيْهِ) (متفقٌ عليهِ) މާނައީ: "ތިމާގެ ބައްޕާނޫން ކަން އެނގިހުރެ އެހެން މީހަކަށް ނަސަބު ނިސްބަތް ކުރާ މީހާ ކާފިރުވާހުއްޓެވެ. އަދި ތިމާގެ އެއްޗެއް ނޫން އެއްޗަކީ ތިމާގެ އެއްޗެއްކަމަށް ދަޢުވާ ކުރާ މީހާ، ނަރަކައިން ގޮނޑިއަޅާނެ ތަނެއް ހޯދައިފިއެވެ. އަދި މީހަކަށް ކާފިރުކަމަށް ގޮވާލާމީހާ، ނުވަތަ އޭ މާތް الله ގެ ޢަދުއްވާ އޭ ބުނާ މީހާ އެމީހާގެ ކިބައިގައި އެކަން ނެތްނަމަ، އެބަސް އެނބުރިދާނީ އެހެން ބުނި މީހަކަށެވެ."

މި ހުރިހާ ޙަދީޘްތަކަށް ބަލާއިރު، އެނގިގެންދަނީ ތިމާގެ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށް ތިމާގެ ނަމުގެ ފަހަތަށް އެހެން މީހެއްގެ ނަން ނިސްބަތް ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ ތިމާގެ އުފަން ބައްޕައަށް ނަސަބު ނިސްބަތް ކުރުމެވެ. ރުޅިވެރިކަމެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތް ނުކުރުމެވެ. މައިންބަފައިން ދަރިނަށް އުފަން ދުވަހުގެ ސަޓިފިކެޓްތައް ހައްދާއިރު މިކަމަށް ސަމާލުކަން ދިނުމެވެ. ތިމާ ނިސްބަތްވާން ޖެހޭނީ ތިމާގެ ޖަމާޢަތަށެވެ. ދުނިޔަވީ މަޤްޞަދެއް ނުވަތަ އެނޫންވެސް މަޤްޞަދެއް ޙާޞިލް ކުރުމަށް އެފަދަ ގޮތަށް ޢަމަލު ނުކުރުމެވެ.

ކުރީގެ ޙަދީޘްތަކަށް ރިޢާޔަތް ކުރާއިރު އެނގިގެންދަނީ ތިމާ ނަސަބު ނިސްބަތް ކުރާ މީހަކީ ތިމާގެ ބައްޕަ ނޫންކަން އެނގިހުރެ އެމީހަކަށް ނަސަބު ނިސްބަތް ކުރާ މީހަކަށް މާތް الله އާއި އެކަލާނގެ މަލާއިކަތުންނާއި މީސްތަކުންގެ ލަޢްނަތް ލިބިގެންވާކަމެވެ. އަދި އަނެއް ޙަދީޘްގައި ވަނީ އެމީހަކަށް ސުވަރުގެ ވެސް ޙަރާމް ވެގެންވާ ކަމުގައެވެ.

އަދި ހަމަ އެފަދައިން ކަމާ ބެހޭ މުއައްސަސާތަކުން ވެސް މިފަދަ ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމުކަމެކެވެ. އެފަދަ ގޮތަށް ޢަމަލު ކުރުމުން މީހާގެ ނަސަބު އޮޅުމާއި، ކައިވެނި ކުރުމުގައި ވަލީ ނާރާ މީހަކު ވަލީދީގެން ކުރާ ކައިވެނިތައް ޞައްޙަ ނުވުން ހިމެނެއެވެ.

މާތް الله سبحانه وتعالي މިފަދަ އޮޅުވާލުންތަކުން އަޅަމެންގެ މުޖުތަމަޢު ސަލާމަތްކޮށްދެއްވައި އަޅަމެން ދީނުގެ އުޞޫލު ތަކުގައި ޘާބިތުކޮށް ދެއްވާށިއެވެ.