...

Support Us

ކޮލަމް އަތުކުށް: "ށ"ގެ އަޑު ގެއްލި، އެ އަކުރުގެ ނިޝާން ވެސް ގެއްލެނީ!!؟

ށަވިޔަންޏަކީ ދިވެހީންގެ ޚާއްޞަ އަޑެކެވެ. މަޚުރަޖެކެވެ. ޢަރަބީންނަކީ ض ގެ އަހުލުވެރީންނޭ ބުނާ ފަދައިން ދިވެހީންނަކީ ށގެ އަޑުގެ ވެރީންނޭ ބުނެވިދާނެއެވެ. ނަމަވެސް އެއީ ކުރީންނެވެ. މިހާރު މި ދިވެހި ޤައުމުގައި ށ ގެ އަޑު ރަނގަޅަށް ތަލައްފުޒުކުރާން ދަންނަ މީހުން، އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދުވެއްޖެއެވެ. ހަމަކަށަވަރުން ވެސް ށ ގެ އަޑު އެއްވެސް ޓީވީ ހުށަހެޅުންތެރިޔަކު ނުވަތަ ރޭޑިއޯ ހުށަހެޅުން ތެރިއެއްގެ އަޑަކުން އަޅުގަނޑަކަށް ނީވެއެވެ.

މި ވާހަކަ ބައެއް ބޭފުޅުން ތިޔަ ވިދާޅުވަނީ ވަރަށް ޙައިރާންކަމާއެކުގައެވެ. ނަމަވެސް މިއީ ހަގީގަތެވެ. ށަވިޔަނީގެ ބަދަލުގައި ދިވެހީންގެ ހަމަ ގިނަ މީހުން ބޭނުންކުރަނީ ޝީނުގެ އަޑެވެ. ނަމަވެސް މިއީ ވަރަށް ތަފާތު ދެ އަޑެކެވެ. މިއަދު މި އަޑު ދަންނަ މީހުން ސައްތައިން އެންމެ އެކަކަށް ވުރެ ގިނައެއް ނުވާނެއެވެ. އެހެންނަމަވެސް މިއަކުރުގެ ނިޝާން ހަމަ ދުޅަހެޔޮކަންމަތީ، ދާދި ފަހަކާ ޖެހެންދެން ދެމި އޮތެވެ. އެއީ ސުކުންކުރުމުގައި ވެސް ޚާއްޞަ މަގާމެއް ލިބިފައިވާ އަކުރަކަށްވާތީއެވެ. ނަމަވެސް މިއަދު މި އަކުރުގެ ނިޝާނަށް ވެސް މި ވަނީ ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވާން ފަށައިފައެވެ.

ދައުލަތުގެ ބިޔަ ކުންފުންޏަކުން ދާދި ފަހުން އާންމުކުރެއްވި އިޢުލާނެއްގައި މިލަދުންމަޑުލު އުތުރުބުރިއަށް ވެސް ށަވިޔަނިގެ ބަދަލުގައި "ޝ" ލިޔުއްވައި އިޢުލާނުކުރައްވައިފައިވެއެވެ. ނަމަވެސް އެ އަތޮޅަށް ދީފައި އެ ވަނީ ހަށަނަރަބަޅައިގެ އަކުރުތަކުގެ ތަރުތީބުން ދެވަނަ އަކުރެވެ. ށަވިޔަނި އުވައިލައިފި ނަމަ ވެސް އެ އަތޮޅަށް "ޝ" އަންނާނެ ގޮތެއް ނުވާނެއެވެ.

އިސްވި ދެންނެވި އިޢުލާނުގެ ސުރުޚީގައި އޮތީ "ޝ. ކޮމަންޑޫގައި ފުޓްބޯޅަ ޓާފު އަޅާދޭނެ ފަރާތެއް ހޯދުމަށް" މިހެންނެވެ. އަދި އެ އިޢުލާނުގެ ފުރަތަމަ އިބާރާތުގައި އޮތީ  "…އިން ޝ. ކޮމަންޑޫގައި ފުޓްބޯޅަ ޓާފު އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ." މި ގޮތަށެވެ. މި ދެ ޢިބާރާތުގައި ހަމައެކަނި ކުށަކީ ށަވިޔަނީ ޝީނަށް ބަދަލުވެފައިވުމެއް ވެސް ނޫނެވެ. ފުޓްބޯޅަ ޓާފަކީ ކޮން އެއްޗެއް ކަމާއި އަޅާދިނުމަކީ ކޮބައިކަމެއް ނޭނގެއެވެ. އަދި އަޅާދިނުމުގެ މާނައަކީ އަޅައިދިނުން ކަމަށް ވިޔަސް ޓާފު އަޅާންވީ ކޮންތާކު ކަމެއް ނޭނގެއެވެ. އަދި ކަމުގެ ސުން ޒަމާން ރަނގަޅު ނޫން ގޮތަކަށް ބޭނުންކުރުން ފަދަ ވަރަށް ގިނަ މައްސަލަތައް އެ ދެ ޢިބާރާތުގައި އެބަހުއްޓެވެ. ނަމަވެސް މި ވާހަކަދައްކަނީ ހަމައެކަނި ށަވިޔަނީގެ ވާހަކަކަމަށް ވާތީ މި ދެ ޢިބާރާތް އޮންނާންވީ ރަނގަޅު ގޮތް ލިޔެލުމުން މި ނުކުތާ ފުއްދައިލާނަމެވެ. (އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެވެސް ފަރާތަކުން މަސައްކަތްކުރައްވައިގެން އެ އިޢުލާނުގައި އޮތް "ޝ" މިހާރު ވަނީ "ށ"އަށް ބަދަލުކުރައްވައިފައެވެ.)

އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުން "ޓާފް" (turf) މި ކިޔަނީ  ފުޓުބޯޅަ ކުޅޭ ބިމުގައި އޮންނަ ވިނަ ފަށަލައެވެ. އެއީ ގުދުރަތީ ވިނައަށް ވިޔަސް ނުވަތަ މަޞްނޫޢީ ވިނައަކަށް ވިޔަސް ވެހެވެ. މި އިޢުލާނުގައި މި ބުނަނީ މަޞްނޫޢީ ޓާފުކަމަށް އެ އިޢުލާނުގެ ޢިބާރާތުން ލަފާކުރެވެއެވެ. އެހެންކަމުން އެ އިޢުލާނުގެ ސުރުޚީއާއި ފުރަތަމަ ޖުމުލަ އިޞްލާޙުކޮށްލާނެ ގޮތެއް ހަމައެކަނި ހުށަހަޅައިލަމެވެ. މި ނޫން ކިތަންމެ ގޮތަކަށް ވެސް އެ ޢިބާރާތް މާ މޮޅަށް ވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް މިއީ ވެސް ރަނގަޅުކޮށްލެވިދާނެ މިސާލެކެވެ.

ސުރުޚީ: "ށ. ކޮމަންޑޫ ފުޓުބޯޅަދަނޑުގައި ޓާފު އަޅައިދޭނެ ބަޔަކު ހޯދުން"

ފުރަތަމަ ޖުމުލަ: "….އިން ށ. ކޮމަންޑޫ ފުޓްބޯޅަދަނޑުގައި ޓާފު އަޅައިދޭނެ ބަޔަކު ހޯދާން ބޭނުންވެއްޖެއެވެ."

އަޅުގަނޑު މިއަދު މި ދައްކަނީ ހަމައެކަނި ށަވިޔަނީގެ ނިޝާން (ށ) ދިވެހީންގެ އަތުން ގެއްލޭ ވާހަކައެވެ. އެހެންކަމުން ވަގުތު ބޭކާރު ނުކޮށް އަޞްލު މައުޟޫޢަށް އެނބުރިލާނަމެވެ.

އާދޭހެވެ! "ށ"ގެ އަޑު އަޅުގަނޑުމެންގެ ތެރޭގައި ބަލިކަށިވެފައި ވަނިކޮށް މިހާރު އެ އަކުރުގެ ރަމްޒުވެސް ރަސްމީ ލިޔުންތަކުން އިހުމާލުކޮށްލެވެން ފެށި ވާހަކަ އިސްވެ ދަންނަވައިލެވިއްޖެއެވެ. ހަމަ އެ ފަދައިން ފަސިންޖަރުންނާއި ފަތުރުވެރީން އުފުލާ އުޅަނދުފަހަރުގައި ވެސް ފަސިންޖަރުންނަށް އިރުޝާދުދޭން ލިޔެފައިވާ ލިޔުމެއްގައި ވެސް ށަވިޔަނީގެ ބަދަލުގައި "ޝ" ބޭނުންކޮށްގެން ލިޔެފައި އެބަހުއްޓެވެ. އޭގެ މާނައަކީ ހުރިހައި ދިމާއަކުން ވެސް ށަވިޔަންޏަށް އިހުމާލުވާން ފަށައިފިކަމެވެ.

މި ކަމުގެ ޙައްލެއް ގޮތުން މީސްމީޑިއާގައި ބޭފުޅަކު ވިދާޅުވި އެއް ވާހަކައަކީ "ޝ"ގެ ރަމްޒު އުވައިލުމަށް ފަހު ހަމައެކަނި ށ. ބޭނުންކުރާން ފެށުމެވެ. އެހެންނަމަވެސް އަޅުގަނޑު ދެކެނީ މިއީ ޙައްލަކަށް ވުރެ ބޮޑަށް މިއީ އިތުރު މައްސަލަތަކެއް އުފަންކުރުން ކަމަށެވެ. އެހެނީ އެހެން ހަދައިފި ނަމަ، އިޝްތިހާރު، މަޝްވަރާ، އިޝްތިރާކު، ރިޝްވަތު، މަޝްރޫޢު ފަދަ ލަފުޒުތައް ލިޔާއިރު ޝގެ ބަދަލުގައި ށ ގައި ސުކުން ކޮށްފި ނަމަ، ދިމާވާނެ މައްސަލަ އަމިއްލައަށް ތަޞައްވުރު ކޮށްލައްވާށެވެ! ދިވެހިބަހުގައި ށަވިޔަނީގައި ސުކުންކުރުމުން ކިޔާން ޖެހޭ ގޮތް އެކަކަށް ވެސް އޮޅިފައެއް ނޯންނާނެއެވެ.

މި މައްސަލަ ހައްލުކުރާން ކުރާންޖެހޭ ކަމަކީ ދިވެހި ޤައުމާއި ދިވެހިބަސް ދެކެ ލޯބިވުމެވެ. ގަވާއިދުތައް ދަސްކޮށް އެއަށް ޢަމަލުކުރުމެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުން ކަން ބޮޑުވަނީ ބޭރުބަހަކުން ލިޔާ އެއްޗެއްގައި ކުށެއް ލިޔެވިދާނެތީއެވެ. އަމިއްލަ މާދަރީބަހުން ލިޔާ އެއްޗެއް ކޮންމެ ގޮތަކަށް އޮތަސް މައްސަލައަކަށް ނުވެއެވެ. އެކަމަކާ ލަދެއް ވެސް ނުގަނެއެވެ.

ހަމަގައިމު ވެސް އަޅުގަނޑު ލަދުގަންނަނީ އަޅުގަނޑުމެންގެ މާދަރީބަހުން ހެޔޮކޮށް ލިޔެކިޔައި ވާހަކަދައްކާން ނޭނގޭތީއެވެ. އެ ބަހާ އަޅުގަނޑުމެން ބީރައްޓެހިވާތީއެވެ. ބޭރު ބަހަކުން މުޢާމަލާތު ކުރާއިރު މުއާމަލާތު ކުރާ ދެ މީހުން ދެ މީހުންނަށް އެނގޭ ވަރަށް އޮޅުން ފިލުވައިދެވިއްޖެ ނަމަ އެ ނިމުނީތާއެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ މާދަރީބަހެއް ނޫނެވެ. މާދަރީބަހުގެ އަހުލުވެރީން ވާހަކަދައްކާ ގޮތަށް ވާހަކަދައްކާން އުޅުނަސް އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

އާދޭހެވެ! ހުރިހާ ބަހެއް ވެސް މޮޅަށް އެނގުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އެންމެ ފުރަތަމަ މޮޅުވާންވީ ތިމާގެ އަމިއްލަ މާދަރީ ބަހަށެވެ. އެއަށްފަހު ވީހައި ގިނަ ބަހަކަށް ވެސް މޮޅުވާންވީއެވެ. ށަވިޔަނީގެ މައްސަލަ ވެސް ޙައްލުވާނީ ވެސް ދިވެހި ޤައުމާއި ދިވެހިއްޔަތަށް ލޯބިކޮށްގެންނެވެ. ތިމާގެ އަމިއްލަ މާދަރީބަހުން ކުށެއް ނެތި ލިޔެކިޔައި ހަދާން ނޭނގުމަކީ ލަދުވެތިކަމެއްކަމަށް ގަބޫލުކުރެވިއްޖެ މީހަކަށް ނޫނީ އެ ބަހެއް ރަނގަޅަކަށް ދަހެއް ނުކުރެވޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.