...

Support Us

ކޮލަމް ނާރެސް: ތާބިޢީންގެ އިމާމު- ރޭގަނޑު ހަތަރުދަމު ކީރިތި ކުރެއްވުމުގައި

مالك ابن دينار ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނުގެ ޙަޔާތް ފެށިގެން އައީ އުރެދުންތެރި، އަދި އަބަދުވެސް މަސްތުގެ ޙާލަތުގައިވާ މީހެއްގެ ގޮތުގައެވެ. ތިމަން މީސްތަކުންނަށް އަނިޔާވެރިވީމެވެ. އެމީހުންގެ ޙައްޤުތަކަށް އަރައިގަތީމެވެ. ރިބާ ކަމުން ދިޔައީއެވެ. މީސްތަކުންނަށް ގެއްލުންދެމެވެ. ތިމަން އަރައިނުގަންނަ ފާފައެއް ނުހުންނާނެއެވެ. ނުބައި ނުލަފާކަމުގައި ހައްދު ފަހަނައަޅާފައިވާ މީހަކީމެވެ. ތިމަންގެ ނުބައި ނުލަފާކަމުން މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ.

ދުވަސްތައް މިގޮތަށް ތަކުރާރުވަމުން ގޮސް ތިމަން ވެސް މީހަކާ އިންނަހިތްވެއްޖެއެވެ. ދަރިން ބޭނުންވެއްޖެއެވެ. ތިމަން މީހަކާ ކައިވެނިކޮށްފީމެވެ. އެމީހާގެ ފަރާތުން ތިމަންނާއަށް ދަރިޔަކު ލިބުނުނެވެ. އެ ދަރިފުޅުގެ ނަމަކީ فاطمة އެވެ. ތިމަން އެދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. ދަރިފުޅު ބޮޑުވަމުންދިޔަ ވަރަކަށް ތިމަންގެ އީމާންތެރިކަން އިތުރުވެ ފާފަތަކާ ދުރުވަމުން ދިޔައެވެ. މަޑުމަޑުން ތިމަން އެކަލާނގެއާ ކައިރިވަމުންދިޔައެވެ. އަދި ފާފަތަކާ ދުރުވަމުން ދިޔައެވެ. ދަރިފުޅުގެ ޢުމުރުން ތިން އަހަރު ފުރުނުތަނާ މި ދުނިޔެއާ ވަކިވިއެވެ.

ތިމަންގެ ޙާލަތު އެންމެ ކުރީގެ ޙާލަތަށްވުރެ ވެސް ނުބައި ޙާލަތަކަށް ބަދަލުވިއެވެ. ބަލާތަކާއި މުޞީބާތްތަކާ ދިމާވުމުން މުއިމިނުންގެ ކިބައިގައި ހުންނަ ކެތްތެރިކަމުގެ ސިފަ ތިމަންގެ ކިބައިގައި ނެތެވެ. ޝައިޠާނާ ތިމަންނާއާ ކުޅެ އިހުގެ ޙާލަތަށް ތިމަން ގެންދިޔައެވެ.

އެއް ދުވަހަކު ތިމަންގެ ގާތަށް ޝައިޠާނާ އައެވެ. ތިމަންނާއާ މުޚާޠަބުކޮށް ޝައިޠާނާ ބުންޏެވެ. "މިއަދު މީގެ ކުރިން ދުވަހަކު ވެސް މަސްތުވާ ވަރަށް މަސްތުވާށެވެ". ތިމަން އެގޮތަށް ޢަޒުމް ކަނޑައަޅައި ރާބޯން ފެށިމެވެ. ދުވާލުގެ ހަތަރުދަމު ރާބުއިމުގައި ތިމަން ހޭދަކުރީއެވެ. އަދި ތިމަންނާ ހޭނެތުނެވެ. އަދި ހުވަފެނެއް ފެނުނެވެ. ތިމަންނާއަށް ފެންނަނީ ޤިޔާމަތް ދުވަހެވެ. އިރު ހުރީ ބޯމައްޗަށް ތިރިވެފައެވެ. ކަނޑުތައް ވަނީ އަލިފާނަށް ބަދަލުވެފައެވެ. ބިންގަނޑު ގުޑަން ފެށިއެވެ. ބައިބަޔަށް ޖަމަޢާތް ޖަމާޢަތަށް މީސްތަކުން މަޙްޝަރުގެ މައިދާނަށް ޖަމަޢަވާން ފެށިއެވެ. ތިމަންނާ ވެސް މީސްތަކުންގެ ތެރޭގައި ހުރީމެވެ. ފަހަރަކު މީހަކަށް ގޮވެމުން ދިޔައެވެ. އެކަލާނގެ ޙަޟްރަތަށް ގޮސް ޢަމަލުތައް ހުށަހެޅުމަށް އެންގެވެއެވެ. ބިރުން ގޮސް މީސްތަކުންގެ މޫނުތައް ކަޅުވެފައިވާ މަންޒަރު ތިމަންނާއަށް ފެނެއެވެ. ތިމަންގެ ނަމުން ވެސް ގޮވާލެވުނެވެ. އަދި ޢަމަލުތަކުގެ ފަތް އެކަލާނގެ ޙަޟްރަތަށް ހުށަހެޅުމަށް ގޮވާލެވުނެވެ. ތިމަންގެ ވަށައިގެންވާ މީސްތަކުން ގެއްލިގެން ދިޔައެވެ. މަޙްޝަރުގެ މައިދާނުގައި އެއްވެސް މީހަކު ނެތްފަދައެވެ. އަދި ވަރަށް ބޮޑު ވަރުގަދަ ހަރުފައެއް އަނގަހުޅުވައިގެން ތިމަންނާ އާ ދިމާޔަށް އަންނަން ފެށިއެވެ. ބިރުން ތިމަން ދުވަންފެށީމެވެ. ވަރަށް މުސްކުޅި އަޖޫޒަކު ތިމަންނާއަށް ފެނުނެވެ. އޭނާގެ ގާތަށް ގޮސް ތިމަން ބުނީމެވެ. "ތިމަންނާ ސަލާމަތްކޮށް ދޭށެވެ. މި ހަރުފައިގެ ކިބައިން ތިމަން ސަލާމަތްކޮށް ދޭށެވެ." މުސްކުޅި މީހާ ބުންޏެވެ. "އަހަރެންނަކީ ބަލިކަށި މުސްކުޅިއަކީމެވެ. އަހަންނަކަށް ތިކަމަށް ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. އެ ދިމާޔަށް ދުވެފައި ދާށެވެ. ފަހަރެއްގައި ސަލާމަތް ވެދާނެއެވެ." ތިމަން އެދިމާޔަށް ދުވަމުން ދިޔައެވެ. ތިމަންގެ ފަހަތުން ހަރުފަވެސް ދުވެފައި އާދެއެވެ. އަދި ތިމަންގެ ކުރިމަތިން ނަރަކައިގެ އަލިފާންގަނޑު ފެނެއެވެ. ތިމަންގެ ނަފުސަށް ބުނީމެވެ. ހަރުފައިން ސަލާމަތް ވުމަށްޓަކައި އަހަރެން އަލިފާންގަނޑަށް ވެއްޓެންވީ ހެއްޔެވެ؟ ތިމަން ދުވަމުން ދިޔައީމެވެ. ތިމަންގެ ފަހަތުން ހަރުފަވެސް ދުވެފައި އާދެއެވެ. އަނެއްކާ ވެސް އެއްކަލަ މުސްކުޅި މީހާގެ ގާތަށް ގޮސް ތިމަން ބުނީމެވެ. "މާތް ﷲ އަށްޓަކައި ތިމަން ސަލާމަތްކޮށްދޭށެވެ." ތިމަންގެ ޙާލަތަށް ހަމްދަރުދީވެ ކަރުނަ އޮހުރުވަމުން އޭނާ ބުންޏެވެ. "ތިމަންނާ އަކީ ވަރަށް ބަލިކަށި މީހަކީމެވެ. އެއްވެސް ކަމެއް ތިމަންނާއަކަށް ކޮށެއް ދެވޭނެއެވެ. އެހެން ނަމަވެސް އެހެރަ ފަރުބަދައާ ދިމާޔަށް ދުވެފައިދާށެވެ. ފަހަރެއްގައި ސަލާމަތް ވެދާނެއެވެ." ތިމަން ފަރުބަދަ އާއި ދިމާޔަށް ދުވަން ފެށީމެވެ. އަދި ފަރުބަދަ ކައިރިން ކުޑަކުދިން ތަކެއްގެ އަޑު އިވެއެވެ. އެ ހުރިހާ ކުދިން ވެސް ހަޅޭލަވަމުން ދިޔައެވެ. "އޭ فاطمة އެވެ. ބައްޕަ ސަލާމަތް ކުރާށެވެ. ބައްޕަ ސަލާމަތް ކުރާށެވެ." ތިމަންނާއަށް އެއީ ތިމަންގެ ދަރިފުޅު فاطمة ކަން އެނގުނެވެ.

މި ނުރައްކާތެރި ޙާލަތުން، ތިމަން ސަލާމަތްކުރާނެ ދަރިއަކު ތިން އަހަރުގައި މިދުނިޔެ ދޫކޮށްފައިވާތީ އުފާވެރިކަން ލިބުނެވެ. އޭނާ ކަނާތުން ތިމަންގެ އަތުގައި ހިފިއެވެ. އަދި ވައަތުން އެ ހަރުފަ އެއްފަރާތް ކުރިއެވެ. ބިރުން ގޮސް ތިމަން ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ. ދުނިޔޭގައި ކަންކުރާ ފަދައިން އެ ދަރިފުޅު ތިމަންގެ އުނގުގައި އިށީނެވެ. އަދި ބުންޏެވެ. "ބައްޕާއެވެ! ‎﴿أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ ﴾‏ (سورة الحديد 16) މާނައީ:"اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟"

ތިމަން ދަތިފުޅާ މުޚާޠަބުކޮށް ބުނީމެވެ. "ދަރިފުޅާއެވެ. އެއީ ކޮން ހަރުފައެއް ހެއްޔެވެ؟" އޭނާ ބުންޏެވެ. "އެއީ ބައްޕަގެ ނުބައި ޢަމަލުތަކެވެ. އެ ބޮޑުކޮށް ފަލަކޮށް ހެދީ ބައްޕައެވެ. އޭތި އުޅުނީ ބައްޕަ ކާލާށެވެ. ބައްޕަ އަށް އެނގޭހެއްޔެވެ؟ ދުނިޔެމަތީގައި ކުރާ ޢަމަލުތައް މުޖައްސަމު އެއްޗެއްގެ ގޮތުގައި ޤިޔާމަތް ދުވަހު އަންނާނެއެވެ." ބައްޕަ ސުވާލު ކުރިއެވެ. "އެ މުސްކުޅި މީހަކީ ކާކު ހެއްޔެވެ؟" ދަރިފުޅު ބުންޏެވެ. "އެއީ ބައްޕަގެ ހެޔޮ ޢަމަލުތަކެވެ. އެ ބަލިކޮށް ނިކަމެތިކޮށްލީ ބައްޕައެވެ. ބައްޕަގެ ޙާލާމެދު ރޮއި ހިތާ ކުރަނީ އެއީ ބައްޕަ ސަލާމަތް ކުރުމަށްޓަކައި އެއްވެސް ކަމެއް ކޮށް ނުދެވުނީތީއެވެ. ބައްޕައަށް ތިމަން އުފަންވެ ޅަފަތުގައި ތިމަން މިދުނިޔެއާ ވަކިނުވިނަމަ، މިއަދު ބައްޕައަށް ފައިދާކޮށްދޭނެ އެއްވެސް ކަމެއް ނުވެއެވެ."

مالك ابن دينار ވިދާޅުވެފައިވެއެވެ. ތިމަންނާ ނިދިން ހޭލެވުނެވެ. އަދި ތިމަން ހަޅޭލަވަމުން ދިޔައީއެވެ. އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ވަގުތު އަތުވެއްޖެއެވެ. ވަގުތު އަތުވެއްޖެއެވެ. އާނއެކެވެ.

مالك ابن دينار ވިދާޅުވެފައިވެއެވެ. ތިމަން ފެންވަރައިގެން ފަތިސް ނަމާދަށް ދިޔައީމެވެ. އެއީ އަލުން ތައުބާވެ އެކަލާނގެ މަގަށް ރުޖޫޢަވުމަށްޓަކައެވެ. ތިމަން މިސްކިތަށް ވަންއިރު އިމާމު މީހާ ކިޔަވަމުން ދިޔައީ ކުރިން ބުނި އިބާރާތެވެ. ‎﴿أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ ﴾‏ (سورة الحديد 16) مالك ابن دينار އަކީ ތާބިޢީންގެ އިމާމެކެވެ. ރޭގަނޑު ހަތަރުދަމު ކީރިތި ކުރެއްވުމުގައި މަޝްހޫރު ބޭކަލެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.