Support Us

ކޮލަމް ކޯދު: ތަރައްގީއާ ބެހޭ ވާހަކައެއް- 2

ތަރައްގީގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ހަނދާންކޮށްލަން ޖެހެނީ ތަރައްގީގެ އަމާޒަކީ ކޮބައިކަމެވެ. ގައުމު ތަރައްގީކޮށްގެން ވާސިލުވާން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބައިކަމެވެ. ތަރައްގީގެ އަމާޒަކީ މުވާތިނުންނަށް ފަސޭހަ ދިރުއުޅުމެއް ލިބިގަތުމުގެ މަގު ފަހިކޮށްދިނުމެވެ. އެމީހުންގެ ދިރިއުޅުން ފަސޭހަކޮށްދޭނޭ އުމްރާނީ ކުރިއެރުން ހޯދުމެވެ. ކުރިން ވެސް ނަންގަނެވި ދިޔަފަދައިން މިކަމުގައި އެންމެ ފުރަތަމަ ބޭނުންވަނީ ވިސްނުންތެރި، ގައުމު ދެކެ ލޯބިވާ، އިޚުލާސްތެރި ލީޑަރުންނެވެ. ދެން، ހިއްވަރު ހުރި ކެރޭ ހޭލުންތެރި، މަސައްކަތްތެރި މުވާތިނުންނެވެ.

ގައުމީ ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފައަކީ އޭނާގެ ކިބައިގައި ދުރުދުށުމެއް (ވިޝަން އެއް) އޮތުމެވެ. މުސްތަގުބަލުގައި ގައުމު އޮންނަން ބޭނުންވާ ގޮތް އޭނާގެ ހިތުގައި ކުރަހާލެވި، އެކަން އޭނާގެ ހިތަށް ފެންނަން އޮތުމެވެ. އަދި، މި ދުރުދުށުން ޚިޔާލީ ދުނިޔެއިން ނެރެ، ހަގީގަތަކަށް ހަދާލާނީ ކިހިނެއްކަންވެސް އޭނާގެ ހިތުގައި ކުރަހާލެވިފައި އޮންނަން ޖެހެއެވެ. މި ފަދަ ދުރުދުށުމާއި އެކަން ހަގީގަތަކަށް ހަދާލާނޭގޮތް، ދެނެގަނެވެނީ އެކަމާ މެދު ވިސްނާ ފިކުރުކޮށް، މިކަމާ ބެހޭ ތާރީޚީ ލިޔުންތައް ބަލައި، މިފަދަ މަސައްކަތްކުރި ގައުމުތަކާއި މީހުންގެ ތަޖުރިބާގެ އެހީގައި ވެސް މެއެވެ.

މިފަދަ ލިޔުންތައް ބަލައި ކިޔާއިރު، އެ ލިޔުންތަކަކީ ވެސް، އިންސާނުންގެ ޚިޔާލުކަމަށް ދެކި، އެމީހުންގެ ވާހަކަތަކުގައި ވެސް ހަމަ ޖެހޭ ވާހަކައާއި ހަމަ ނުޖެހޭ ވާހަކަ ވެސް ހުރެދާނެކަން ގަބޫލުކޮށްގެންނެވެ. މިސާލަކަށް، ވިލް ޑިޔުރާންޓުގެ ޙަޟާރަތުގެ ވާހަކައިގައި ޙަޟާރަތެއް ބިނާކުރުމަށްޓަކައި މެދުވެރިވާން ޖެހޭ ޝަރުތުތަކެއް ފާހަގަކުރައްވައެވެ. އޭގެ ތެރޭގައި ތަނުގެ މޫސުން ވަކި ގޮތަކަށް އޮންނަން ޖެހޭކަން ފާހަގަކުރައްވައެވެ. މޫސުން ހޫނުވެއްޖެ ތަނެއް ކުރިއަރައި އެތަނުގައި ޙަޟާރަތެއް ގާއިމުވުމަކީ ދަތިކަމެއް ކަމުގައި އޭނާ ފާހަގަކުރައްވައެވެ. މިއީ މުޅިން ހަގީގަތެއް ނޫންކަން އިހުގެ ތާރީޚަށާއި އަދި އަދުގެ ތާރީޚަށް ބަލައިލުމުން ވެސް އެނގެއެވެ. ބަޣުދާދު ފަދަ، އިސްލާމީ ޙަޟާރަތުގެ މައިރަށްތަކަކީ ހޫނުކަން ގަދަ ރަށްރަށެވެ. އަދުގެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފުގައި ހިމެނޭ ސިންގަޕޫރަކީ ވެސް ހޫނު ތަނެކެވެ. މީގެ މާނައަކީ މި ފަދަ ފޮތްތަކުން ފައިދާ ނުލިބުމެއް ނޫނެވެ. ކޮންމެ މީހަކުވެސް ލިޔާ އެއްޗެއް ލިޔަނީ ވަކި ސަގާފީ އަދި ތާރީޚީ އޮނިގަނޑެއްގެ ތެރޭގައި ހުރެގެން ކަމުން، އެކަމުގެ އަސަރުކުރާނޭ ކަންމިކަމުން ފެނިގެން ދެއެވެ. ވިލް ޑިޔުރާންޓުގެ ތާރީޚީ އަދި ސަގާފީ އޮނިގަނޑަކީ ހުޅަނގުގެ ތާރީޚާއި ސަގާފަތެވެ. އަދި ހުޅަނގުގެ ކުރިއެރުމާއި އެ ޙަޟާރަތެވެ. ޝައްކެތް ނެތްގޮތުގައި މި ޙަޟާރަތަކީ، ތަފާތު ރޮނގުތަކުން – އިލްމީ، ސިއްހީ، މާއްދީ، ޓެކްނޮލޮގީ – ދުނިޔޭގެ ތާރީޚު މިހާތަނަށް އަދި ދުވަހަކު ވެސް ދެކިފައި ނުވާ ކުރިއެރުން ހޯދި ޙަޟާރަތެކެވެ. މީގެ މާނައަކީ މިފަދަ ކުރިއެރުން އެހެން ބަޔަކަށް ލިބިނުގަނެވޭނޭ އަކީ ނޫނެވެ. އެކަން ކުރަން އޮންނަ މަގުން ހިނގައިފި ކޮންމެ ބަޔަކަށް ވެސް އެ ކަން ލިބިގަނެވިދާނެއެވެ.

ތަރައްގީގެ މަގުގައި ކުރިއަށް ދާން ބޭނުންވާ ދުރުދުށުން އުފެދި ދިޔުމަށްޓަކައި ތާރީޚީ ގޮތުން ދެ މިސާލުގެ މައްޗަށް ބަލައިލާނަމެވެ. އަދި، މި މަސައްކަތުގައި އަދުގެ ދުނިޔޭން ފެންނަ ދެ މިސާލެއްގެ މައްޗަށް ވެސް ކަޅިއެއް އެއްލާލާނަމެވެ.

ތާރީޚީ ފުރަތަމަ މިސާލަކީ ކީރިތި ރަސޫލާ ގެންނެވި އިސްލާމީ އިންގިލާބުގެ މިސާލެވެ. އެކަލޭގެފާނުގެ ދުރުދުށުން ކަނޑައަޅާލެއްވުމުގެ ގޮތުން ވިސްނާ ފިކުރުކުރެއްވުމަށްޓަކައި އަހަރު ތަކެއް ހޭދަކުރެއްވިއެވެ. ހިރާ ފަރުބަދައިގައި އެކަނި އިންނަވައެވެ. ކީރިތި ގުރުއާނުގައި ސިފަކުރެވިފައިވާ ގޮތުގައި "އެކަލޭގެފާނުގެ ބުރިކަށިފުޅު ބިންދައިގެން ދާހާ ވަރަށް ވެސް" ފިކުރުކުރެއްވިއެވެ. އެކަލޭގެފާނުގެ ދުރުދުށުމަކީ، ބޭނުންފުޅުވެވަޑައިގަތް ކަމަކީ، ކޮބައިތޯއެވެ. ވަކިކަހަލަ އަޚުލާގީ ހަމަތަކެއް ގަބޫލޫކުރާ އަފުރާދުންތަކެއް އުފެއްދެވުމެވެ. އަދި ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައެއް ގާއިމުކުރެއްވުމެވެ. މި މުޖުތަމައަކީ މުއުމިނުންނާއި އަދި މުއުމިނު ނޫން މީހުންނަށް ވެސް ހުޅުވިފައި އޮތް، އެންމެން ޝާމިލުކުރެވިގެންވި މުޖުތަމައެކެވެ.

ތާރީޚީ ދެވަނަ މިސާލަކީ ފަރަންސޭސި އިންގިލާބެވެ. ފަރަންސޭސި އިންގިލާބުގެ ލީޑަރުން ދުށީވެސް ވަކި ކަހަލަ އަގުތަކެއްގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައެއް އުފެއްދުމެވެ. ހަމަހަމަކާއި މިނިވަންކަމާއި އުޚުއްވަތުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައުއެކެވެ.

މި ނަންގަތް ދެ އިންގިލާބު ކާމިޔާބީވެ، އޭގެ ލަނޑުދަނޑިތަކާ ހަމަޔަށް ވާސިލުވެވުނީ ސަބަބުތަކެއް ހުރެގެންނެވެ. ގާބިލު ލީޑަރުންތަކެއް ތިބެގެންނެވެ. ފަސާދައިގެ މަގަށް ތަންނުދީ، ދައުލަތުގެ ފައިސާގެ ކަންތައްތައް ހެޔޮގޮތުގައި ހިންގަން އެނގޭ ލީޑަރުންނެވެ. ތަނުގައި ފަގީރުކަން ނައްތާލައި އާންމު އަސާސީ ބޭނުންތައް ފުއްދާލެވޭނޭ ގޮތް މެދުވެރިކޮށްދީގެންނެވެ.

މިކަމުން މިއަދު އަޅުގަނޑުމެންނަށް އޮތް ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ތަން އިސްލާހުގެ މަގަށް އެޅުވުމަށްޓަކައި ބޭނުންވާ ދުރުދުށުމުގެ އަސާސަކަށް ވާން ޖެހޭ އަގުތައް މިކަމުން އަޅުގަނޑުމެންނަށް ލިބެއެވެ. އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ ތާރީޚުގެ ފިލާވަޅު ކަމަށް ބެއްޔަސް ނޫނީ ފަރަންސޭސި އިންގިލާބުގެ ތާރީޚުގެ ފިލާވަޅުކަމަށް ބެއްޔަސް ލިބޭ އެއް ފިލާވަޅެއް އެބަ އޮތެވެ. މުޖުތަމައު ބިނާވާން ޖެހޭނީ ހަމަހަމަ ކަމުގެ މައްޗަށް ކަމެވެ. އަދުލު އިންސާފުގެ މައްޗަށްކަމެވެ. މި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމުކުރެވޭނީ މުޖުތަމައުގެ އަފުރާދުންގެ އަސާސީ ބޭނުންތައް ފުއްދައިދެވޭ ނިޒާމެއް ގާއިމުކުރެވިގެންނެވެ. އަޅުގަނޑުމެންގެ ދުށުދުށުން ގުޅިފައި އޮންނަން ޖެހޭނީ މިފަދަ މުޖުތަމައެއް ގާއިމުކުރުމާއެވެ. އަޅުގަނޑުމެންގެ ވިސްނާ ފިކުރުކުރުން އަމާޒުކުރަން ޖެހޭނީ އެކަން ހަގީގަތަކަށް ހަދާލަން އަޅުގަނޑުމެން ކުރަން ޖެހޭނެ މަގު ކޮށާނެ ގޮތް ހޯދުމާއެވެ. މިވާހަކަތައް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން، މިހާރު މިސައްކަތް ކުރަމުންގެންދާ ދެ ގައުމެއްގެ ވާހަކަ ލިޔެލަން ޖެހެއެވެ. އެއީ އިންޑިޔާއާއި ޗައިނާގެ ވާހަކައެވެ.

ތަރައްގީގެ މަސައްކަތް އިންޑިޔާއާއި ޗައިނާއިން ފެށީ ދާދި އެކުއެކީގައެވެ. އިންޑިޔާގައި މި މަސައްކަތް ފެށުނީ 1947ގައެވެ. ޗައިނާގައި 1949 ގައެވެ. މިތާގައި ޗައިނާއޭ ބުނެ އިޝަރަތް މިކުރަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށެވެ. އާދެ، 1949ގައި ޗައިނާގެ މައިބައްރުގައި ގާއިމުކުރެވުނު ކޮމިޔުނިސްޓު ޗައިނާއަށެވެ. (ހަމަ މިއަހަރު، ޓައިވާނުގައި ރިޕަބްލިކް އޮފް ޗައިނާވެސް ގާއިމުކުރެވިގެން ދިޔައެވެ. އެއީ ބައިނަލް އަގުވާމީ ގޮތުން، ދައުލަތެއްގެ ހައިސިއްޔަތު ލިބިފައި ނެތަސް، މިނިވަންކަން ލިބިފައިވި ދައުލަތެކެވެ.)

އިންޑިޔާއާއި އަދި ޗައިނާގައި ވެސް ދުރުވިސްނޭ، ދުރުދުށުމެއް އޮތް ގާބިލު ލީޑަރުންތަކެއް ތިއްބެވެ. އިންޑިޔާގައި ގާނދީއާއި ނެހެރޫފަދަ ލީޑަރުންނެވެ. ޗައިނާގައި މައޯއާއި ލިއޫ ޝައޯކީ އާއި ޑެން ޒިއާއޯޕިންފަދަ ލީޑަރުންނެވެ. ތަރައްގީގެ މަގުގައި ކުރިއަށް ދާން، ޗައިނާއަކީ އަމިއްލަ ފައިމަށްޗަށް ތެދުވެ އޮތް އިގުތިސާދީ ބާރަކަށް ހަދާލުމަށްޓަކައި، މައޯގެ އަމަލީ ފިޔަވަޅުތައް ނާކާމިޔާބުވުމުން، 1959ގައި ވެރިކަމާއި ލިއީ ޝައޯކީ ހަވާލުވެ އެމަސައްކަތް ކުރިއަށް ގެންދެވިއެވެ. ދެން ފަހު، ޗައިނާގެ ކުރިއެރުމުގެ މޭސްތިރިކަމުގައި ބެލެވޭ ޑެން ޒިއާއޯޕިންގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަދި، އަދާ ހަމައަށް އާދެވުނު އިރު، އެކަން އޮތީ ހަގީގަތަކަށް ވެފައޭ ދެންނެވިދާނެއެވެ. ތަނުގެ ފަގީރުކަން ނައްތާލުމުގެ ޕުރޮގްރާމްތައް ހިންގައި، އެކަން ހަގީގަތަކަށް ހަދާލުމުގެ މަސައްކަތް ކާމިޔާބީއާއެކު ކުރިއަށް އެބަ ގެންދެވެއެވެ.

އިންޑިޔާއަށް ބަލާލާއިރު، ނެހެރޫގެ ދުރުދުށުން ވެސް އޮތީ ތަނުގައި އޮތް ފަގީރުކަން ނައްތާލައި އިގުތިސާދީ ހަމަހަމަކަން އޮތް ސޯޝިއަލިސްޓު ދައުލަތެއް އުފެއްދުމެވެ. ޗައިނާއާއި އިންޑިއާއަށް ބަލާލާއިރު، ދެ ގައުމު ވެސް ތަރައްގީގެ މަގުގައި ކުރިއެރުންތަކެއް ހޯދައިފައިވެއެވެ. ދެ ގައުމަކީ ވެސް ދުނިޔޭގެ އިގުތިސާދީ ބާރުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ސިނާއީ ގޮތުންވެސް ކުރިއެރުންތަކެއް ހޯދާފައި ވެއެވެ. ނަމަވެސް، މުޖުތަމައީ ކުރިއެރުމަށް ބަލާލާއިރު، އިންޑިއާ އުޅެނީ ފަހަތުގައެވެ. މުޖުތަމައީ ކުރިއެރުމޭ ބުނެ މި އިޝާރަތްކުރަނީ މުޖުތަމައުގެ އާންމު ފަރުދީ ހާލަތުގެ މައްޗަށެވެ. އިންޑިޔާގައި ފަގީރުން ގިނަކަމެވެ. އާންމުންގެ އިގުތިސާދީ ހާލަތު ދެރަކަމެވެ. މިކަން ބަޔާންކޮށްދިނުމުގެ ގޮތުން އިންޑިޔާގެ ފިލްމީ ދުނިޔޭގައި މަޝްހޫރު ގުރޫ ދަތު ފިލްމެއް އުފެއްދިއެވެ. އާދެ، 1957 ގައި ނިކުތް 'ޕިޔާސާ' މިފިލްމެވެ. ފިލްމުގައި ބުނެދޭ ގޮތުން ތަން އޮތީ ރިޝްވަތާއި ފަސާދައިން ހަލާކުވެފައެވެ. އަދުގެ ހާލަތަށް ބަލާލިކަމުގައި ވިޔަސް، ދުނިޔޭގައި ނެތް އަދަދަށް ބޮޑެތި މުއްސަނދިން އިންޑިއާގައި ތިބިކަމުގައި ވިޔަސް، ތަނުގެ އެތައް ބަޔަކަށް ފާޚާނާކޮށްލެވޭ ފަދަހާ ވެސް ނެތެވެ. (މިފިލްމުގެ ބައެއް ލަވަތަކުގައި މި ދެންނެވި މައްސަލަ، – އާންމު ދިރިއުޅުމުގެ ހަޔާތައް ބަދަލެއް ނާންނަ ކަން – ހިމަނާލެވިފައިވެއެވެ. އެލަވަތަކުގެ އަސްލަކީ ސޯޝިއަލިސްޓް ޅެންވެރިޔެއް ކަމަށްވާ ސާހިރު ލޫދިޔާންވީގެ ބައެއް ޅެންތަކުގެ މައްޗަށް ހެދިފައިވާ ލަވައެވެ. ކޮމެންޓެއްގެ ގޮތުގައި މިފިލްމުގެ ލަވައެއް ހިމަނާލެވިފައިވާނެއެވެ. ސާހިރުގެ މިފަދަ ބައެއް އެހެން ޅެންވެސް، ފިރް ސުބަހ ހޯގީ ފަދަ އެހެން ބައެއް ފިލްމުތަކުގައި ހިމަނާލެވިފަވެއެވެ.)

މިކަމުގެ ސަބަބާ މެދު ވިސްނާލުން މުހިއްމެވެ. ޗައިނާގެ ކުރިއެރުން ބިނާވީ ކޮމިޔުނިސްޓު ލާދީނީ އަގީދާއެއްގެ މައްޗަށެވެ. އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ދެކިގެންނެވެ. ފަސޭހައާއި އަރާމުގައި އުޅެން ޖެހޭނީ ވަކި ބަޔެއް ނޫންކަން ގަބޫލުކޮށްގެންނެވެ. އެހެންވެ، ފެށުނީއްސުރެން ވެސް، ޗައިނާގެ އެންމެނަށް ވެސް ފަސޭހަ ދިރިއުޅުން ހޯދައި ދޭންޖެހޭނޭކަން ޗައިނާގެ ލީޑަރުންނަށް ގަބޫލުކުރެވިފައި އޮތެވެ. އިންޑިޔާގައި ތަރައްގީގެ މަސައްކަތް ފެށުނު އިރު، ބައެއް ލީޑަރުން މިކަން ގަބޫލުކުރި ކަމުގައި ވިޔަސް، ތަނުގައި އަށަގަންފައި އޮތް ދީނީ އާދަކާދަ ހަމަހަމަކަން ގާއިމުވެދާކަށް ތަނެއް ނުދިނެވެ. އާދެ، ތަނުގައި އޮތް ތަބަގީ ތަފާތުކުރުމުގެ ނިޒާމު (ކާސްޓު ސިސްޓަމް)، ގާނދީއާއި ނެހެރޫ ފަދަ ލީޑަރުން ހަމަހަމަކަން ގެންނަވަން ބޭނުންފުޅުވެ ވަޑައިގެންކަމުގައި ވިޔަސް، އެންމެންގެ މެދުގައި ހަމަހަމަކަން ގެންނަން ހުރަސް އެޅިއެވެ. އާދެ، ތަނުގެ އާންމު ރައްޔިތުން، ތިބީ މިކަން ބަލައިގަންނަ ގޮތެއް ގައެއް ނޫނެވެ. މިކަމުގެ ސަބަބުން، މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައި އޮތް ތަފާތު، ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ، ފަހަރެއްގައި ވެސް ވަކި ނިޒާމެއް ރަނގަޅުވުމުގެ ވާހަކައެއް ނޫނެވެ. އިސްލާހީ މަސައްކަތާއިގެން ކުރިއަށްދާ އިރު، ގައުމީ ދުރުދުށުމުގައި ހަމަހަމަކަން އެންމެންގެ މެދުގައި ވެސް އޮތުން، އެންމެނަށް ވެސް ގަބޫލުކުރެވެން ޖޭނޭކަން ފާހަގަކޮށްލުމެވެ.

ދެން ބަލާލަން ބޭނުންވަނީ ރާއްޖޭގައި މިޒަމާނުގައި ތަރައްގީގެ މަސައްކަތް ފެށުނުއިރު މިކަން އޮތް ގޮތެވެ. އަޅުގަނޑުމެންގެ ގައުމީ ދުރުދުށުން އޮތީ ކިހިނެއްކަމެވެ. އެކަން އެކަށީގެންވާ ގޮތެއްގައި އޮތް ހުރަސްތަކަކީ ކޮބައިކަމެވެ. އެ ހުރަސްތައް ނައްތާލެވޭނީ ކިހިނެއްކަމާ މެދު ވިސްނުމުގެ ނަޒަރެއް ހިންގާލުމެވެ. (ނުނިމޭ)