Support Us

ކޮލަމް މާޒީ: މިއީ މުނާފިޤު ޑިމޮކްރެސީއެވެ. ހަގީގީ ޑިމޮކްރެސީއަކީ އެއީއެވެ.

މިއަދު އަޅުގަނޑުމެން މި ކިޔަނީ ޑިމޮކްރެސީއަކީ ރައްޔިތުންގެ ވެރިކަމެއް ކަމުގައެވެ. އެ ވެރިކަމުގެ ކަންކަން ހިންގާން މީހަކު އިންތިޚާބުކުރަނީ އަޣުލަބިއްޔަތަށް ފެންނަ ގޮތަކަށް ކަމަށް ވެސް ބުނަމުއެވެ. އެކި އިންތިޚާބުތައް ބާއްވަނީ ރައްޔިތުން އެދޭ ބަޔަކު އެކި މަޤާމުތަކަށް ހޮވާންކަމަށް އަޅުގަނޑުމެން ބުނަމުއެވެ. ނަމަވެސް އެކި މަގާމުތަކަށް ހޮވެނީ ރައްޔިތުން އެދޭ މީހުންތޯ، ނުވަތަ ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ބަޔަކުތޯ، މިއަދު ތިޔައިން ކޮންމެ ބޭފުޅެއްގެ އަމިއްލަ ނަފުސާ ސުވާލުކޮށްލައްވާށެވެ!

ކޮންމެ އިންތިޚާބަކާ ގުޅިގެން "ކެންޕޭނުކުރާން" ދިގު މުއްދަތެއް ފަހިކޮށްފައި އޮވެއެވެ. މިއީ އެ އިންތިޚާބެއްގައި ވާދަކުރާ މީހުންގެ ޤާބިލުކަމާއި އެ މީހުން ހޮވައިފި ނަމަ ކޮށްދޭނެ ކަންކަން އޮޅުންފިލުވައިދޭން އޮންނަ ދުވަސްވަރެއްކަމަށް ބުނެއެވެ. ނަމަވެސް މި ކެންޕޭނުގައި ގިނައިން ކުރެވެނީ ކޮން ކަމެއްތޯއެވެ! ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވައިލުމެވެ. އަދި ބާރާއި ނުފޫޒު ފޯރުވުމެވެ. ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށް ބޭނުމެއް ނެތް މަގާމުތައް މީހުންނަށް ބަހައިލުމެވެ. އާދައިގެ ވަޒީފާއެއްގައި ހުންނަ ނިކަމެތި މީހާއަށް ބިރު ދައްކައި ވަޒީފާއިން ވަކިކުރުމެވެ. ތަފާތު "އެހީ"ގެ ނަމުގައި ރިޝްވަތު ދިނުމެވެ. މި މަކަރުވެރިކަމުގެ ދަލުން ރައްޔިތުން ތިބޭނީ ބަނދެވިފައެވެ. ރަނގަޅު ޤާބިލު މީހަކީ ކާކުތޯ ވިސްނައިލާކަށް ފުރުޞަތެއް ވެސް ނުލިބެއެވެ. އޭނާގެ ކުރިމައްޗަށް ފެންނަނީ ވަގުތީ މާއްދީ ފައިދާތަކެވެ. މީގެ ސަބަބުން އޭނާއާ ޙަވާލުވެފައިވާ ވޯޓުގެ އަމާނާތުގެ މަތީން އޭނާ ހަނދާނެއް ނުހުރެއެވެ. އަދި އޭނާއަށް ލިބިފައިވާ ޙައްޤުގެ ބޭނުން ހެޔޮ ގޮތުގައި ހިފާކަށް އޭނާގެ ވިސްނުމެއް ނުފޯރައެވެ. ރައްޔިތުން ތިބެނީ ޣާފިލުކޮށްލައިފައެވެ. ފާޑެއްގެ ނުފޫޒީ މަސްތެއްގައި ޖައްސައިފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ފެންނަނީ އޭނާއަށް ލިބިފައިވާ ވޯޓު ދިނުމުގެ ޙައްޤަކީ ނުވަތަ ވޯޓު ދިނުމުގެ މަތިވެރި އަމާނާތަކީ އޭނާއަށް ވަގުތީ މަންފާއެއް ހޯދާން ލިބިފައިވާ އަގުބޮޑު މުދާގަނޑެއް ކަމުގައެވެ. އެއީ ތިމާ މަސްއޫލުވާންޖެހޭނޭ ބޮޑު އަމާނާތެއްކަން ހަނދާންހުންނަ މީހުން ވަރަށް މަދެވެ. ނުވަތަ ޢަމުދުން އެފަދަ މީހަކު ނެތް ފަދައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ޚާއްޞަކޮށް ފަގީރު ބައެއް ކަމުތަކުގައި އެކި އިންތިޚާބުތަކުގައި ވާދަކުރާ މީހުން އިންތިޚާބުގެ ދުވަސްވަރު، ފަގީރު އަވަށްތަކަށް ގޮސް ހާލުގައިޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް ފައިސާ ބަހައިލައެވެ. އޭގެ ބަދަލުގައި އޭނާގެ ނަމާ ދިމާގައި ފާހަގަޖަހައި ވޯޓު ވައްޓައިލާން އެދެއެވެ. އެ ފަދަ ރައްޔިތުން ދެކެނީ ފައިސާގެ އެވަރުގެ އެހީއެއް ދިން މީހަކަށް ޓަކައި އެ އެހީގެ ބަދަލުގައި އެންމެ ފާހަގައެއް ދިނުމަކީ ވަރަށް ކުޑަކުޑަ ކަމެއް ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން އެކި ގައުމުތަކުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެކި މަގާމުތަކަށް ގިނަ ފަހަރަށް ހޮވެނީ ނާޤާބިލު، ތެދުވެރިކަމެއް ނެތް، ޚާއިނުންނެވެ. އެއީ އެ ކަމަށް ލާއިޤު މީހެއްތޯ ނުވަތަ ނޫންތޯ ވިސްނުމަށް ފަހު އޭނާގެ ބުއްދިއަށް ފެންނަ ގޮތަކަށް ދިން ވޯޓެއް ނޫނެވެ. މާއްދީ ފައިދާއަކަށް ޓަކައި ވިއްކައިލި ވޯޓެކެވެ. މި ގޮތަށް ދެވޭ ވޯޓުން ނުވަތަ ވޯޓު އޮޅުވައިލައިގެން ނަމަވެސް "ހޮވިގެން" އެކި ކަންކަމާ ޙަވާލުވެ ކަންކަން ކުރާން ފެށީމާ އެއީ ގާބިލު މީހުން ނޫންކަން ރައްޔިތުންނަށް ވިސްނެއެވެ. އެހެންވެ ރައްޔިތުން އެ މީހުންނަށް ފާޑު ވެސް ކިޔައެވެ. ނަމަވެސް އެ މީހުން ބުނަނީ ތިމަންނަމެން އައީ ވޯޓު ގަނެގެން ކަމަށެވެ. މާނައަކީ މި ފަދަ އިންތިޚާބުތަކުން ވަރަށް މަދު ފަހަރެއްގައި ނޫނީ އެންމެ އެކަށީގެންވާ އެންމެ އިޚުލާޞްތެރި މީހަކު ހޮވިފައެއް ނުހުރެއެވެ. މަދު ފަހަރެއްގައި މި ފަދަ އިޚުލާޞްތެރިއަކު ހޮވިއްޖެ ނަމަވެސް ބޭރުގެ ކޮންމެވެސް ނުފޫޒެއްގެ ތެރެއިން އެ މީހަކު އެ މަޤާމުން ބޭރުކޮށް، ގައުމަށް ޣަދަރުވެރި ޚާއިނަކު، އެހެން ގޮތަކަށް ދަންނަވާނަމަ، ބޭރު ބާރެއްގެ ގޮނޑިކޮއްކޮއަކު އެ ފަދަ މަޤާމަކަށް ގެނެއެވެ. ރިޝްވަތާއި މަކަރާއި ޙީލަތުންނެވެ. މި ގޮތަށް މަގާމުތަކަށް ގެންނަ މީހުންނަކީ ގައުމާއި ދީނަށް އެއްވެސް ކުލުނެއް ނުހުންނަ، މާއްދިއްޔަތަށް ވިކި ހުސްވެފައިވާ އަދި އެ ބަޔެއްގެ މުޅި ނަފުސު ފާފައިން ފަސާދަވެފައިވާ މީހެކެވެ. ޚާއްޞަކޮށް އެފްރިކާއާއި އޭޝިއާގެ ބައެއް ޤައުމުތަކުން މި މަންޒަރު ވަނީ ރީތިކޮށް ފެނިފައެވެ.

އިސްލާމީ ޚިލާފަތުގައި ޚަލީފާއިން ހޮވައިފައިވަނީ ވެސް "ވޯޓުން"ނެވެ. އެ ވޯޓަކީ އެ ބޭފުޅުން ހިއްޕަވާ ބައިޢަތެވެ. ޚަލީފާކަމަށް ބޭކަލަކު ޢައްޔަންކުރައްވައި އެ ބޭކަލަކަށް ރުހުން އޮތްކަމަށް "ވޯޓުދެއްވަނީ" އެ ބޭކަލަކު ކެންޕޭނުކުރައްވައިގެންނެއް ނޫނެވެ. އެހެނީ ޤާބިލު، ޢިލްމީ، ޚިދުމަތްތެރި، ތެދުވެރި އިޚުލާޞްތެރި ބޭކަލެއް ނަމަ، އެ ފަދަ ބޭކަލަކީ ރައްޔިތުންގެ ތެރޭގައި ޝުހުރަތު ލިބިވަޑައިގެން، މަޤުބޫލުކަން ހޯއްދަވައިފައިވާ، މީހުން އިތުބާރުކުރާ ބޭކަލަކަށް ވާނެއެވެ. ކެންޕޭނެއްގެ ނަމުގައި މީހުންނަށް މަކަރު ހަދައްދަވައި އޮޅުވައިލައްވައި ބާރާއި ނުފޫޒުގެ ބޭނުންކުރައްވާކަށް އެ ފަދަ ބޭކަލަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޤާބިލު، އިޚުލާޞްތެރި ތެދުވެރީން ރައްޔިތުންނަށް މާ ކުރީއްސުރެ އޮންނާނީ އެނގިފައެވެ. އެހެންކަމުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާނީ ތެދުވެރި، ޤާބިލު ބޭކަލުންނެވެ. ވީމާ މިއަށްވުރެ ފުރިހަމަ ޑިމޮކްރެސީއެއް އޮންނާނެތޯއެވެ!

މިއަދު ދުނިޔޭގައި ޑިމޮކްރެސީއޭ ކިޔައިގެން މި ކުރެވޭ ކަމަކީ ރައްޔިތުންނަށް އޮޅުވައިލުމެވެ. މަކަރު ހެދުމެވެ. އިޚުލާޞްތެރިކަމާއެކު ވޯޓުގެ އަމާނާތް އަދާކުރާން ވެސް ހުރަސް އެޅޭ މިންވަރަށް، އެ ޙައްޤުގެ ބޭނުން ހިފާން ވެސް ނޭނގޭ މިންވަރަށް އޮޅުވައިލެވެނީއެވެ. ރޯބުހުތާނު ދޮގުތައް ހަދައި ނިކަމެތި ރައްޔިތުންނަށް އޮޅުވައިލަނީއެވެ. "ޑިމޮކްރެސީއަކީ ރައްޔިތުންނަށް ހަދާ މަކަރެކެވެ." އެހެނީ ޑިމޮކްރެސީގެ ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަޔޭ ބުނެއެވެ. ނަމަވެސް ރައްޔިތުންނަށް އޮންނަ ޙައްގަކީ ދިގު ކިޔޫއެއްގައި ތިބެގެން ވޯޓުފޮށްޓަށް ވޯޓުކަރުދާސްކޮޅު ވައްޓައިލުމެވެ. އެ ހިސާބުން އެ މީހުންގެ ބާރުތައް ނެތި ދަނީއެވެ. ލީބިޔާގެ ކުރީގެ ޤައުމީ ޒަޢީމު ކާނަލް މުޢަންމަރުއްލްޤައްޛާފީ އެ މަނިކުފާނުގެ ފެހިފޮތުގައި މި ނުކުތާއަށް ތަފްޞީލުކޮށް އަލިއަޅުވައިލައްވައިފައެވެ.

މިއަދު ދުނިޔެއިން ފެންނަ މި ބުނާ މޮޅު ޑިމޮކްރެސީގައި، ރައްޔިތުންނަށް އޮންނަކަމަށް އެ ބުނާ ޑިމޮކްރެސީގެ "ބާރު" ބޭނުންކޮށްގެން، އެބައިމީހުންގެ ކަންކަން ހިންގާން ހަވާލުކުރޭ މީހާއަށް ބާރުތައް ޙަވާލުވާ ހިސާބުން ރައްޔިތުންގެ މަތީން ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑަމިނުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގެއް ވެސް، އެއްކަލަ ބާރު ހަވާލުވެފައިވާ މީހާ ބޭނުންނުވާ ގޮތަކަށް ފާޅުކުރެވިއްޖެ ނަމަ، ކަންތަކާ ޖެހުނީއެވެ. ފުލުހުން ނެރެގެން އެ މީހަކު ތަޅައި ރޯނާ ގަންނަވައިލަނީއެވެ. އެ ބައިމީހުން ކުރީއްސުރެ ގަބޫލުކޮށްގެން ތިބޭ އަގީދާ ޙިމާޔަތްކުރުމުގެ ޙައްގެއް ވެސް ނޯވެއެވެ. މިލްކުވެރިކަމުގެ ހައްގެއް ވެސް، ފުރާނަ ސަލާމަތްކުރުމުގެ ހައްގެއް ވެސް ނޯވެއެވެ. އުތުރުކަރައިގެ ސަރުކާރު ހޮވާން ވޯޓު ދިން މުސްލިމުން މިއަދު އުޅޭން ޖެހިފައިވާ ނިކަމެތި ޙާލު މިއީ މިކަމުގެ ރީތި މިސާލެކެވެ. ޤާނޫނުއަސާސީއިން ދީފައިވާ ޙައްޤަކީ ވެސް އެ މުސްލިމުންނަށް އޮންނާނެ ހައްގެއް ނޫންކަމަށް ސަރުކާރުގެ އިސް މީހުން ލަދެއް ނެތި ފާޅުގައި ބުނެ އިޢުލާނު ވެސް ކުރަނީއެވެ.

އާދޭހެވެ! މާ ދުރަށް ދާކަށް ވެސް ނުޖެހެއެވެ. ދިވެހިރާއްޖެއިން ވެސް މިއަދު އެ މިސާލު އެބަ ފެނެއެވެ. އެ ބަޔެއްގެ ކިބައިން ބާރުތައް ފެށިގެން އަންނަ ރައްޔިތުން އެ ބައިމީހުންގެ ޚިޔާލު އެބައިމީހުންގެ އަނގައިން ފާޅުކުރުމާއި، ގޭގައި ލިޔުމުން ބަޔާންކޮށްފައި ހުރުމަކީ ވެސް މިއަދު "ބޮޑުވެގެންވާ ކުށަކަށް" ހަދައިފިއެވެ. ނަމަވެސް ރައްޔިތުން ސަރުކާރު ހޮވީ ރައްޔިތުންނަށް ޓަކައި މި ދައުލަތް ހިންގެވުމުގެ އަމާނާތް އުފުއްލަވާށެވެ. ރައްޔިތުން ބޭނުން ނުވާ ގޮތަކަށް މި ދައުލަތުގެ ކަންކަން ކުރިއަށް ގެންދާނަމަ، ތިޔައީ އަހަރެމެން ރުހޭ ގޮތެއް ނޫނޭ، ތިޔަކަން ތިޔަ ގޮތަށް ނުކުރާށޭ ބުނެވޭނެއެވެ. އެހެނީ "ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް" ގާނޫނުއަސާސީގައި ކަނޑައަޅައި ބުނެފައި އޮވެއެވެ. ރައްޔިތުން ބުނާ ގޮތަކަށް ސަރުކާރުން ކަމެއް ނުކުރިޔަސް އެންމެ ކުޑަމިނުން އެ މީހުން ބޭނުންވާ ގޮތް ފާޅުކުރުމުގެ ޙައްޤު އެ މީހުންނަށް އޮންނާނެއެވެ. އެ ޙައްޤުގެ ބޭނުންކުރުމަކީ ކުށެއް ކަމަށް ބަޔަކު ކަނޑައަޅައިގެން ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް ފުލުހުން ލައްވައި އެ ރައްޔިތުންނަށް އަނިޔާ ކުރިޔަސް އެއީ ކުށެއް ކޮށްގެން ދެވޭ ހައްގު އުޤޫބާތެއް ނޫނެވެ. އެއީ ނުހައްގުން ދެވޭ އަނިޔާއެކެވެ.

ޕީއެޗްޑީއާއި އެހެން ފާސްތައް އެ ހޯދި ތާކުން ހޯދި ގޮތަކަށް ހޯދައިގެން ދީނީ ޢިލްމުވެރީންގެ ތާޖުއަޅައިގެން އުޅޭ ސިޔާސީ އެކްޓިވިސްޓުންނާއި ގުސްތަރުން އެ މީހުންނަށް ފެންނަ ލާޤައުމީ ޣަދަރުވެރި ޚިޔާލުތައް ވެސް ފާޅުކުރަނީތާއެވެ. ގައުމުގެ ހިމާޔަތަށް ގޮވާ ގޮވުމަކީ ޖަރީމާ ފޮރުވާން ގޮވާ ގޮވުމެކޭ ބުނެ، މާތް ﷲއަށް އެއްވެސް ބިރެއް ނެތި ރޯބުހުތާނު ދޮގުތައް ހަދަނީތާއެވެ. އެއީ ޙަސަދައިގެ ސަބަބުން މަގުފުރެދިފައިވާ އެމީހުންގެ ފާސިދު ވިސްނުމާއި ޚިޔާނާތްތެރި ފިކުރުން އުފަންވާ ޣަދަރުވެރި ޚިޔާލުތަކެއް ކަމަށް ވިޔަސް އެއީ އެ މީހުންނަށް އޮންނަ ޙައްގެއްކަމަށް ގައުމީ ފިކުރުގެ މީހުން ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރެއެވެ. އެހެންވީ އިރު، ގައުމުގެ އިސްތިޤުލާލާއި ސިޔާދު ދަމަހައްޓާން އެދޭ މީހުން ޤައުމުގެ ޙިމާޔަތުގައި ފާޅުކުރާ ޚިޔާލަކީ ކުށަކަށް ނުވާނެއެވެ. މި ފަދަ ޚިޔާލެއް ލިޔުމުން ނުވަތަ އަނގަބަހުން ފާޅުކޮށްލުމުން އެއީ ކުށެއް ކަމަށް ބުނެ ދޭ އަދަބަކީ ނުޙައްޤުން ދޭ އަނިޔާއެކެވެ. އެއީ ބާޠިލު ޢަމަލެކެވެ. އެކަމަކު ބާޠިލަކަށް އަބަދަކު ދެމިއެއް ނޯންނާނެއެވެ. ޙައްޤު ފާޅުވާނެ ދުވަސް އަންނާނެއެވެ.

ޑިމޮކްރެސީގެ ބާރު ލިބިގެން، އެބައިމީހުންގެ ކަންތައް ހިނގާން ސަރުކާރު ހޮވާން ވޯޓު ދިން ގިނަ މީހުން ހަމަގައިމުވެސް ބައެއް މީހުން އެދެނީ މި ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ނުބައިތިއްބައި ދިވެހި ސިފައިންނާއި ފުލުހުން މެދުވެރިކޮށް މި ރާއްޖޭގައި އަމްނުއަމާންކަން ޤާއިމުކޮށްދޭށެވެ. ދިވެހި ކާބަފައިން މި ދިވެހި ދައުލަތް އެތައް ސަތޭކަ އަހަރެއް ވަންދެން ބަލަހައްޓައި ދަމަހައްޓައިފައިވަނީ މި އުޞޫލުންކަމަށްވާތީއެވެ. ބޭރުގެ ވަކި ބާރެއްގެ އުނގަށް ނުވެއްޓި ދިވެހީންގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލުގެ ޝަރަފު ދިވެހީން ދަމަހައްޓަމުން އައީ އަމިއްލަވަންތަކަމާއެކީގައިކަމަށްވާތީއެވެ. އެހެންވީ އިރު، މި އެދުން، މި އިލްތިމާސް، އިއްވާންޖެހޭ ފަރާތްތަކަށް އިއްވައި، ދައްކާންޖެހޭ ފަރާތްތަކަށް ދެއްކުމަކީ ކުށަކަށް ހަދާން އުޅުމަކީ ކިހާ ބޮޑު ހަލީސާއެއްތޯއެވެ!

ކޮންމެއަކަސް މިއަދު ދުނިޔޭގައި ޑިމޮކްރެސީއޭ މި ކިޔާ އެއްޗަކީ ޑިކޮމްރެސީއެއް ނޫނެވެ. މިއީ ރައްޔިތުންނަށް ހަދާ މަކަރެކެވެ. މި ޑިމޮކްރެސީއިން ރައްޔިތުންނަށް ލިބޭ ބާރެއް ނެތެވެ. އޮޅުވައިލުމާއި މަކަރާއި ޙީލަތުގެ ދަލަކުން ރައްޔިތުން ބަނދެވުން ނޫންކަމެއް މި ޑިމޮކްރެސީއަކުން ރައްޔިތުންނަކަށް ހާސިލެއް ނުވެއެވެ. ހަގީގީ ޑިމޮކްރެސީއަކީ ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި އޮތް، އެންމެ ޤާބިލު އެންމެ ތެދުވެރި އެންމެ އަމާނާތްތެރި ބޭކަލުންގެ ތެރެއިން ގިނަ ބަޔަކަށް ފެނިގެން ބައިޢަތު ހިފައިގެން ޚަލީފާކަށް އިސްކުރާ ނިޒާމެވެ. އެ ޑިމޮކްރެސީގައި ކެންޕޭނުކުރުމަކާ ނުލައި ރަނގަޅު، ގާބިލު އިންސާނުން ރައްޔިތުންނަށް މާކުރީއްސުރެ އޮންނަނީ އެނގިފައެވެ. އެހެންކަމުން ރައްޔިތުންގެ ގިނަ ބަޔަކަށް ފެނިގެން ޚަލީފާކަމަށް ޢައްޔަންކޮށް ބައިޢަތު ހިފުމުން އެ ޚަލީފާ ދެމި ހުންނަވަނީ ރައްޔިތުންނަށް ޚިދުމަތްކުރައްވާ ޚާދިމެއްގެ ގޮތުގައެވެ. ރައްޔިތުންގެ ޚިޔާލަށް އިޙުތިރާމްކުރައްވާ ރައްޔިތުންގެ ބަސް އައްސަވާ ޢަދުލުވެރި ޙާކިމެއްގެ ގޮތުގައެވެ. އެހެންކަމުން ފުރިހަމަ ހަގީގީ ޑިމޮކްރެސީއަކީ އެއީއެވެ. އެ ޑިމޮކްރެސީގައި ބާރުތައް ފެށިގެންއަންނަނީ ވެސް އަދި އެ ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައެވެ. ނަމަވެސް މިއަދު ހުޅަނގުން ތަޢާރަފުކޮށްފައި މިވާ މުނާފިގު ޑިމޮކްރެސީގައި އޮންނަނީ ރައްޔިތުންނަށް އޮޅުވައިލައި ގުނބޯހައްދައިގެން ރައްޔިތުންގެ ބާރުތައް ފޭރި ގަތުމަށް ފަހު ރައްޔިތުންނަށް އަނިޔާކުރުމެވެ. ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްކުރުމަކީ އެ މީހުންނާ ދީނުގެ ފަރާތުން ނުވަތަ ދުނިޔެވީ ގޮތުން ޙަވާލުވެފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމާއި އެހާ ބޮޑު އަމާނާތެއްކަމަށް އެ މީހުން ހަނދާނެއް ނުހުރެއެވެ. އެހެންވީމާ މިއީ މުނާފިޤު ޑިމޮކްރެސީއެވެ.