Support Us

ކޮލަމް ކޯދު: ތަރައްގީއާ ބެހޭ ވާހަކައެއް

ގައުމުތަކުގެ ގައުމީ މަސައްކަތަކަށް އޮންނަންނީ ނުވަތަ އޮންނަން ޖެހެނީ ގައުމު ތަރައްގީކުރުމެވެ. ގައުމު ކުރިއެރުވުމެވެ. ގައުމު ތަރައްގީކޮށް ކުރިއެރުމުގެ ހަގީގީ މާނައަކީ ކޮބައިހެއްޔެވެ؟ އަފުރާދުންގެ ދިރިއުޅުމުގެ ކަންތައްތައް ފަސޭހަވެގެން ދިޔުމެވެ. އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމުގެ މަގުފަހިވެފައި އޮތުމެވެ. އެންމެ ފުރަތަމަ ކައިބޮއި، އުނުއަނދެ، ބޯހިޔާވެހިކަން، މިކަންކަން ފުއްދުމުގެ މަގު ފަސޭހަވެފައި އޮތުމެވެ. އެއަށް ފަހު، ސިއްހީ ތައުލީމީ ޚިދުމަތްތައް ލިބުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ. އެންމެނަށް ވެސް ހަމަހަމަ ގޮތެއްގައެވެ. ސަރުކާރެއްގެ ބޭނުމަކީ މިކަންކަން އާންމު ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް ކުރުމެވެ. ސިނާއަތްތައް އުފައްދައި ކުރިއަރުވައިގެންނެވެ. އަދި، މިކަންކަމުގެ ތެރެއިން ވަޒީފާތައް އުފައްދައި މަސައްކަތްތަކަށް މީހުން ނެރެގެންނެވެ. އިމާރަތްތައްކޮށް، ބިނާތައް ހަދައި، އިމްރާނީ ތަރައްގީ ވެސް ގުޅެނީ އާންމު އަފުރާދުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމާއެވެ. އިމްރާނީ ތަރައްގީއަކީ ވެސް، އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ. އެކަމުން ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދޭން ކުރެވޭ ކަމެކެވެ.

ތަރައްގީގެ މަސައްކަތް ވެސް، އެހެން ކަންކަމޭ އެއްފަދައިން، ފެށެނީ ވިސްނައި ފިކުރުކުރުމުގެ ތެރެއިންނެވެ. އެކަމުގެ ތެރެއިން އުފެދޭ ފިކުރުތަކާއި ޚިޔާލާތުތަކުންނެވެ. އެ ފިކުރުތަކާއި ޚިޔާލާތުތަކާ މެދު ބަހުސްކުރެވި، އޭގެ ތެރެއިން ކަމުދާ ކަންކަމީ ކޮބައިކަމާއި ކަމުނުދާ ކަންކަމީ ކޮބައިކަން ކަނޑައަޅައި ވަކިކޮށް، ކަމުދާ ފިކުރުތަކާއި ޚިޔާލާތުތަކަށް އަމަލީ ސިފަގެނެވިގެންނެވެ. ތަރައްގީގެ މަސައްކަތުގައި އަހަރުތަކެއް ވޭތުކޮށް، މަތީގައި ނަންގަތް ތަރައްގީގެ މާނަ ހަގީގަތަކަށް ހަދާލުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ތަރައްގީގެ މަގުގައި ކާމިޔާބީ ފިޔަވަޅުތަކެއް އަޅައިފައިވާ ގައުމުތައް ފެންނަން އެބައޮތެވެ. މި މަސައްކަތުގެ ރޭހުގައި ފަހުން ބައިވެރިވެ، ތަރައްގީގެ ހަރުފަތްތަކުގައި ކުރިއަރައިދާން މަސައްކަތްކުރާ ގައުމުތަކަށް އެކަން ކުރެވިދާނޭ ގޮތް ގޮތް ހޯދުމަށްޓަކައި، މި މަސައްކަތުގައި ކުރިއަރައިދިޔަ ގައުމުތަކުގެ ތަޖުރިބާގެ މައްޗަށް ވިސްނުން ހިންގާލުން މުހިއްމުކަމަށް ފެނެއެވެ. އެ ފަދަ ގައުމުތަކުގެ ތަޖުރިބާއިން ތަޖުރިބާ ލިބިގަނެ، އަމިއްލަ ގައުމީ ވެށްޓަށް ފެތޭ ގޮތެއްގައި މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައެވެ. ތަރައްގީގެ މަސައްކަތަކީ 'އިމްޕޯޓުކުރެވޭ’ނޭ ކަމެއް ނޫނެވެ. ގައުމުތަކުގެ މެދުގައި ތާރީޚީ އަދި ސަގާފީ ތަފާތުތަކެއް ހުރުމުންނެވެ. ތަރައްގީގެ މަސައްކަތް ވާންޖެހެނީ އިންދައި، ރޯކޮށް، ފެންދީގެން ހައްދަންޖެހޭ ގަހެއް ފަދަ އެއްޗަކަށެވެ. ކޮންމެކޮންމެ ގަހަކީ ކޮންމެކޮންމެ ވެއްޓެއްގައި ހެއްދޭނޭ ގަހަކަށް ނުވާ ފަދައިން، ތަރައްގީގެ މަސައްކަތް ސީދާ އެއް ސިފައެއްގައި ހުރިހާ ތާކު ކުރެވިގެންދާ ތަނެއް ނުފެނެއެވެ.

ތަރައްގީގެ މަސައްކަތުގައި ކުރި ހޯދައިފައިވާ ގައުމުތަކުގެ މިސާލެއްގެ ގޮތުން ދެތިން ގައުމެއްގެ ވާހަކަ ނަންގަނެލާނަމެވެ. ހުޅަނގު ޔޫރަޕުގެ ގައުމުތަކެވެ. ރަޝިޔާއެވެ. ޖަޕާނެވެ. ސައުތު ކޮރެއާއެވެ. އަދި ސިންގަޕޫރެވެ. ޝައްކެތް ނެތް ގޮތުގައި، މަތީގައި ނަންގަތް ތަރައްގީގެ މާނައިގައި މިގައުމުތަކަކީ ތަރައްގީގެ މަގުގައި ކުރިއަށް ފިޔަވަަޅުތަކެއް އަޅައިފައިވާ ގައުމުތަކެވެ. މީގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ދެކަމެއް ނަންގަނެލާނަމެވެ. އެއްކަމަކީ މި ގައުމުތަކުގެ މުވާތިންނަށް ފަސޭހަކަމާއެކު މަތީގައި ނަންގަތް އަސާސީ ބޭނުންތައް ފުއްދުމުގެ ނިޒާމަކާއި އެކަށޭނަކަމެއް ހޯދައިފައި އޮތުމެވެ. އަނެއްކަމަކީ ކަމެއް ކުރިމަތިވުމުން، ގައުމީ އަބުރު ނަގާލައި ސަލާންޖަހަން ދާން ނުޖެހޭކަމެވެ.

ކޮންމެއަކަސް، ތަރައްގީގެ ހަރުފަތްތަކުގައި ކުރިއަރައިދާން ކުރި މަސައްކަތްތަކުގެ ތާރީޚީ ހާލަތު، މި ގައުމުތަކަށް ބަލާލާއިރު، އެއް ގޮތެއް ނޫނެވެ. ޔޫރަޕުގެ ގައުމުތަކާއި ރަޝިޔާއާއި އަދި އެމެރިކާއަށް އެހެން ގައުމުތަކަށް ނުލިބޭ ވަކިހަކަ ޚާއްސަ ފައިދާތަކެއް ލިބުނެވެ. ޔޫރަޕުގެ ގައުމުތަކަށް، އެހެން ގައުމުތައް އިސްތިއުމާރުކޮށް، އެ ގައުމުތަކުން މާއްދީ ފައިދާތަކެއް، މުޅިންހެން ހިލޭ، ލިބިގައުމުގެ ފުރުސަތު، ދެ ތިން ގަރުނުވަންދެން، ލިބިފައި އޮތެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއި އަދި، ވަކިން ޚާއްސަކޮށް ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން، ހުޅުވިގެން ދިޔަ އިގުތިސާދީ އަދި ސިޔާސީ ފުރުސަތުގެ ސަބަބުން، ސިޔާސީގޮތުންނާއި އިގުތިސާދީ ގޮތުން ދުނިޔޭގެ ބާރަކަށް ވުމުވުގެ މަގު އެމެރިކާއަށް ފަހިވެގެން ދިޔައެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމާ ވިދިގެން، ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައި ބެލެވުނު ޔޫރަޕުގެ ބާރުތައް ވެއްޓުމުން، އެމެރިކާއަށް ދުނިޔޭގެ ބޮޑުބާރަކަށް ވުމުގެ ފުރުސަތު ލިބުނެވެ. ހަމަ އެހެންމެ، ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު، ޔޫރަޕު ވަނީ އެމެރިކާއަށް ދަރާފައެވެ. މިކަމުގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމަވީ، އެ ހަނގުރާމައިގައި ބައިވެރިވި އެހެން ގައުމުތަކާ ޚިލާފަށް، އެމެރިކާއަށް އިގުތިސާދީ ގޮތުން ބޮޑު ފައިދާއެއް ކުރި ހަނގުރާމައަކަށެވެ. މިކަން ނިޔާކުރީ، ޔޫރަޕު ބިނާ ކުރުމުގައި އިގުތިސާދީ ބޮޑު ރޯލެއް ކުޅެން، އެމެެރިކާއަށް ފުރުސަތު ލިބުމެވެ. އަދި، އެކަމުގެ ސަބަބުން ވެސް، އެމެރިކާއަށް އިގުތިސާދީކުރިއެރުން ލިބުމެވެ.

ހަމަ އެހެންމެ، ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ބަލިކުރުމުގެ މަސައްކަތަތުގެ ހަގީގީ ފެށުން އައީ އޭރުގެ ސޮވިއެޓް ޔުނިއަންއިން (މިހާރުގެ، ރަޝިޔާއިން) ކަމުން، ބޮޑު ހަނގުރާމަ ނިމުމުން، ޖަރުމަނުގެ ސިނާއީ އަދި އަގުލާނީ ފައިދާ ލިބިގަނެ، ސިނާއީ ގޮތުން ކުރިއަރައި ދުނިޔޭގެ ބާރަކަށް ވުމުގެ ފުރުސަތު ރަޝިޔާއަށް ވެސް ލިބުނެވެ. ޖަޕާނަށް ވެސް، އޭޝިޔާގެ ގައުމުތައް އިސްތިއުމާރުކޮށް ފައިދާތަކެއް ނެގުނެވެ.

ދެކުނު ކޮރެއާއާއި ސިންގަޕޫރުގެ ތަޖުރިބާ މިއާ ތަފާތެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި މި ދެގައުމު ހިމެނިގެން ދިޔައީ މި ނަންގަތް ފަދަ ފައިދާތަކެއް ލިބިގަތުމުގެ ފުރުސަތެއް ނެތިއެވެ. ނަމަވެސް، ކުރިއަރާ ދިޔަ އެހެން ގައުމުތަކޭ އެއްފަދައިން، މިކަން އެގައުމުތަކުން ހާސިލުވީ މައިގަނޑު ދެކަމެއް އެމީހުންނަށް ލިބިފައި އޮތުމުންނެވެ. ތަރައްގީގެ މަސައްކަތް ކުރަންވީ މަގު އެނގި ތިބި، ވިސްނުންތެރި، ގައުމީ ލޯބި ހުރި، ހަރުދަނާ ލީޑަރުންތަކެއް ލިބިފައި އޮތުމެވެ. ދެވަނަ ކަމަކީ ހިއްވަރު ހުރި، ގަދައަށް މަސައްކަތްކުރާ މުވާތިނުންތަކެއް ގައުމުގައި ތިބުމެވެ. ތަރައްގީ ވެފައިވާ މި ގައުމުތަކަށް ބަލާލާއިރު، ތަަރައްގީގެ މަސައްކަތަކީ އެ ގައުމުތަކުގެ ހުވިއްޔަތު، އެއީ ކޮންބައެއްކަން، ގެއްލިގެން ދިޔަ ބަޔަކަށް ނުވެއެވެ. އެމީހުންގެ ހުވިއްޔަތު ކަނޑައަޅާލަދޭ، ކަންކަން ކަމުގައި ބެލެވޭ، އެމީހުންގެ އާދަކާދަތަކާއި ދީނާއި ބަހާއި މިކަންކަން ނުގެއްލި ހިފެހެއްޓިފައި އޮތެވެ. ތަރައްގީގެ ގަސް އިމްޕޯޓުނުކޮށް' ތަނުގައި އެގަސް އިންދައި، ފެންދީ ރޯކޮށް ހެއްދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ދެން އޮތީ އަޅުގަނޑުމެންގެ ހާލަތުގެ މައްޗަށް ނަޒަރު ހިންގާލުމެވެ. އެހެން ގައުމުތައް ފަދައިން، އަޅުގަނޑުމެންގެ ގައުމީ މަސައްކަތަކީ ވެސް ތަރައްގީ ވުމެވެ. މި މަސައްކަތް، ކޮންމެ ވެސް ސިފައެއްގައި ނަމަވެސް ރޭވިގެން، ފެށުނީ 1940 ހުގެ އަހަރުތަކުގައި ކަމުގައި ބެލެވިދާނެއެވެ. އެހެން ކަމަށް ބަލައިފި ނަމަ، މި މަސައްކަތުގައި މިހާރު 80 އަހަރުވީއެވެ. ދެކުނު ކޮރެއާ އާއި ސިންގަޕޫރުގެ ތަރައްގީގެ ތާރީޚަށް ބަލާލާއިރު، މި ގައުމުތައް ތަަރައްގީ ވުމަށް ނެގީ މިއަށް ވުރެ މާ ކުރު މުއްދަތެކެވެ. ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރެވެ، ސުއާލަކީ، ތަރައްގިގެ މަސައްކަތުގައި 80 އަހަރު ވޭތުވެދިޔައިރު ވެސް، މަތީގައި ކަނޑައަޅާލެވުނު ތަރައްގީގެ މާނައިގައި ގައުމު ތަރައްގީވެ ކުރިނާރަނީ ކީއްވެ ބާވައެވެ؟ އަދިވެސް، އަޅުގަނޑުމެންގެ މުވާތިނުން، އެމީހުންގެ އަސާސީ ބޭނުންތައް އަމިއްލައަށް ފުއްދުމަށް ނުކުޅެދިފައިވަނީ ކީއްވެބާވައެވެ؟ ކަމެއް ކުރިމަތިވާ އިރަށް، މިއޮންނަނީ ސަލާންޖަހަން ޖެހިފައެވެ. އާންމުން ފަރުދުންނާއި ގައުމުގެ ހާލަތު ވެސް މިކަމުގައި މާބޮޑު ތަފާތެއް ނެތެވެ! މިކަމަށް ނިމުން އަންނާނީ ކޮން އިރަކުން ބާވައެވެ؟

މިކަމުގެ ކުރު ޖަވާބެއް ހޯދައި ގަތުމަށްޓަކައި، އެހެން ގައުމުތައް ތަރައްގީވެ ދިޔުމުގެ ސަބަބުތަކަށް ބަލައިލުން މުހިއްމެވެ. މިސާލަކަށް ޖަރުމަނު ނަގަމާތޯއެވެ. އޭރު، 1945ގައި، ޖަރުމަނު އޮތީ ފުނޑުފުނޑުވެފައެވެ. މިނިވަންކަން ގެއްލިފައެވެ. ނަމަވެސް، 1950ހުގެ އަހަރުތައް ނިމުނުއިރު، ހުޅަނގު ޖަރުމަނު އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ އިގުތިސާދީ ބާރަކަށް ވެފައެވެ. މިކަމުގެ މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވެއެވެ. ގައުމަށް އިޚުލާސްތެރި، ދުރުވިސްނޭ ލީޑަރުން ތިބި ކަމެވެ. ކޮންރެޑް އެޑިނާއު އާއި އޭނާގެ އިގުތިސާދީ ވަޒީރު، ލަޑްވިގް އެޑްހާޑް ފަދަ ހަގީގީ ލީޑަރުންނެވެ. މީގެ އިތުރުން ހޭލުންތެރި، ތައުލީމީ، މަސައްކަތްތެރި މުވާތިނުން ތަކެއް ތިބި ކަމެވެ. އެހެންވެ، އަޅުގަނޑުމެން ތަރައްގީވުމުގެ މަގުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދިފައިވުމުގެ މައިގަނޑު ދެ ސަބަބަކީ މިއީ ކަމުގައި ބެލެވިދާނެއެވެ. ތިމާގެ ނޭފަތުކުރިއަށް ވުރެ ދުރު ފެންނަ، އަދި، އިޚުލާސްތެރި ގައުމީ ލީޑަރުން ނެތުމާއި ހޭލުންތެރި މަސައްކަތްތެރި މުވާތިނުން ނެތުމެވެ. މިކަމުގައި ކޮންމެ ވެސް ވަރެއްގެ ތެދެއްވާ ނަމަ، ތަރައްގީގެ މަގުގައި ކުރިއަށް ދިޔުމަށްޓަކައި، މި ހުރަސްތައް ނެތިކޮށްލަން ޖެހެއެވެ. މިކަން ފެށެނީ، މިކަމާ މެދު، އެންމެން ވެސް، ވިސްނާ ފިކުރުކޮށްގެންނެވެ. އެެންމެން ވެސް ހޭލުންތެރިވެ، އެ މީހެއްގެ ދާއިރާގައި މަސައްކަތްކޮށް، އުފެއްދުންތެރިންނަށް ވެގެންނެވެ. އަދި، ގައުމީ ލޯބި ހުރި، ގައުމުގެ ހެވާ ލާބައަށްޓަކައި މަސައްކަތްކުރާނޭ ގައުމީ ލީޑަރުންތަކެއް އުފެދިގެންނެވެ. މުޅި ގައުމަކީ، އުއްމަތަކި، ހަމައެކަނި، އެމީހުން ކަމުގައި ނުދެކޭ ލީޑަރުން، އުފެދިގެންނެވެ. މި ފަދަ ލީޑަރުން އުފެދޭނީ، މުޅި ގައުމަކީ އެމީހުން ކަމުގައި ދެކި، ގައުމުގެ ހުރިހާ ޚައިރާތަކީ އެމީހުން ހިތު ހުރިގޮތަކަށް ކަންތައް ކުރުމަށް ލިބިފައި އޮންނަ އެއްޗެއް ކަމަށް ދެކޭ އުއްމަތީ 'ލީޑަރުން’ނަށް ލީޑަރުންނޭ ކިޔުން ހުއްޓުމުންނެވެ.