...

Support Us

ކޮލަމް ނާރެސް: މީހެއް ގައިގައި ތަޅައި އަނިޔާކޮށް ގަދަކަމުން މަހެއް ފޭރިގަތް މީހަކަށް ކުރިމަތިވި ހާދިސާ!

އަލްއިމާމުއް ޛަހަބީ رحمه الله ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް ބަޔަކު މީހުން ކިޔައިދިނެވެ.

ކޮނޑުހުޅާ ހަމައިން އަތް ބުރިކޮށްފައިވާ، މީހަކު މަގުމަތީގައި ހުރެ މީސްތަކުންނާ މުޚާޠަބުކޮށް ގޮވަމުން ދިޔައެވެ. ތިމަންނާ އަށް ބަލާ ޢިބުރަތް ލިބިގަންނާށެވެ. އެއްވެސް މީހަކު އަނެކާއަށް އަނިޔާވެރި ނުވާށެވެ. އެ ހިނދު ތިމަންމެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. އޭ އަޚާއެވެ. ތިބާގެ ވާހަކަ ނިކަން ކިޔައިދީ ބަލާށެވެ.

އެމީހާ ބުންޏެވެ. ތިމަންގެ ވާހަކައަކީ ވަރަށް އަޖާޢިބު ކުރުވަނިވި ވާހަކައެކެވެ. ތިމަންނާ އަކީ މީސްތަކުންނަށް އަނިޔާވެރިވަމުން ދިޔަ ޖަމާޢަތެއްގެ މީހަކީމެވެ. އެއް ދުވަހަކު މީހަކު ވަރަށް ބޮޑު މަހެއް ހިފައިގެންދާ މަންޒަރު ތިމަންނާއަށް ފެނުނެވެ. ތިމަންނާ އެ މަސް ބޭނުންވިއެވެ. އެމީހާގެ ގާތަށް ގޮސް ތިމަން ބުނީމެވެ. ތިމަސް ތިމަންނާއަށް ދޭށެވެ. އެމީހާ ބުންޏެވެ. ތިމަން މިދަނީ މި މަސް ވިއްކައިގެން ލިބޭ ފައިސާއިން ތިމަންގެ ދަރިންނަށް ކާބޯތަކެތި ގަންނާށެވެ. ތިމަން އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ގަދަކަމުން އެ މަސް ފޭރިގަތީމެވެ. މަސް ހިފައިގެން ދަނިކޮށް، ތިމަންގެ އަތުގެ އިނގިލީގައި މަސް ދަތްއެޅިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ތިމަން ހޭނެތުނުހެން ހީވިއެވެ. އަދި ތިމަންގެ އަތް ވަރަށް ބޮޑަށް ދުޅަވެގެން ދިޔައެވެ.

އަނެއް ދުވަހު ޑަކްޓަރުގެ ގާތަށް ގޮސް އިނގިއްޔަށް ތަދުވާ ވަރުން ކެތްކުރަން ދަތި ވާހަކަ ބުނީމެވެ. ޑަކްޓަރު ބުންޏެވެ. އެއީ އެ މަސް ދަތް އެޅުމުގެ ސަބަބުން ވާ ތަދެކެވެ. އެ އިނގިލި ބުރިކޮށް ނުލައިފިނަމަ ޖެހޭނީ އަތް ބުރިކޮށްލާށެވެ. ޑަކްޓަރު އެހެން ބުނެ ތިމަންގެ އިނގިލި ބުރިކޮށްލިއެވެ. އެއާ އެކުވެސް އަތަށް ތަދުވާވަރުން ތަނެއްގައި ހަމަޖެހިލައިގެން އޮވެވޭ ވަރެއް ނުވެއެވެ.

ތިމަން ގާތު ބުނެވުނެވެ. ތިބާގެ އަތުގެ ކުޑަހުޅުން ބުރި ކޮށްލާށެވެ. ނޫންނަމަ މުޅި އަތަށް ތަދުފެތުރޭނެއެވެ. އެގޮތަށް ޢަމަލު ކުރުމުން ވެސް ތަދު ކަނޑައިގެންދާ ގޮތެއް ނުވިއެވެ. ތަދުވީ ހައްތާ ބޮޑެވެ. ފުރަތަމަ ފަހަރަށް ވުރެ ވެސް ތަދު ބޮޑުވެގެން ދިޔައެވެ. ޑަކްޓަރު ބުނީ އަތް ކޮނޑުހުޅުން ބުރިކޮށް ނުލައިފިނަމަ މުޅި ހަށިގަނޑަށް ތަދު ފެތުރިގެންދާނެ ކަމުގައެވެ.

ބަޔަކު ތިމަންގެ ގާތުގައި ބުންޏެވެ. ތިކަން ފެށެން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ތިމަން އެމީހުންނަށް އެ މަހުގެ ވާހަކަ ކިޔައިދިނީމެވެ. އެމީހުން ބުންޏެވެ. އެންމެ ފުރަތަމަ ވެސް މަސްވެރިޔާގެ ގާތަށް ގޮސް އޭނާގެ ފަރާތުން ހިތްހަލާލު ހޯދި ނަމަ ތިކަން ތިގޮތަށް ނުވީހެވެ. ތިބާގެ ހަށިގަނޑުގެ ގުނަވަނަކަށް ފަހު ގުނަވަނެއް ބުރިކުރާކަށް ނުޖެހުނީހެވެ. ތިބާގެ މުޅި ހަށިގަނޑަށް ތަދުފެތުރުމުގެ ކުރިން އަވަހަށް އެމީހާގެ ގާތަށް ގޮސް އެމީހާގެ ހިތް ހަލާލު ހޯދާށެވެ. އެމީހާ ރުއްސާށެވެ.

ދެން އޭނާ ހޯދުމަށްޓަކައި ތިމަން އެއްރަށުން އަނެއް ރަށަށް ދަތުރު ފެށީމެވެ. އޭރު އެތަދު ވަނީ މުޅި ހަށިގަނޑަށް ފެތުރިފައެވެ. ފަޔާ ހަމަޔަށް ފޯރައިފައެވެ. އެމީހާއާ ބައްދަލުވުމުން ދެފައިގައި ހިފައި ރޮއި އާދޭސްކޮށް މަޢާފަށް އެދުނީމެވެ. މާތް ﷲ އަށްޓަކައި މަޢާފުކުރުމަށް އެދުނީމެވެ.

އޭނާ ބުންޏެވެ. ތިބާއަކީ ކާކު ހެއްޔެވެ؟ ތިމަން ބުނީމެވެ. މިއީ ތިބާގެ އަތުން ގަދަކަމުން މަސް އަތުލި މީހާއެވެ. ދެން ތިމަންނާއަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ކިޔައިދިނީމެވެ. ތިމަންގެ ޙާލަތު ފެނުމުން އޭނާ ބުންޏެވެ. ތިބާގެ ޙާލަތު ފެނި، ތިމަން ތިބާއަށް މަޢާފުކޮށްފީމެވެ. ތިމަން އޭނާއަށް ބުނީމެވެ. ސާހިބާއެވެ. މާތް ﷲ އަށްޓަކައި ބުނެބަލާށެވެ. ތިމަން ތިބާގެ އަތުން ގަދަކަމުން އެ މަސްއަތުލުމުން ތިމަންގެ މައްޗަށް ދުޢާ ކުރީމު ހެއްޔެވެ؟ އޭނާ ބުންޏެވެ. އާނއެކެވެ. ތިމަން ދެންނެވީމެވެ. "ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިމަންގެ ބަލިކަށިކަމުގެ މައްޗަށް އޭނާގެ ގަދަކަން ދައްކައި އަނިޔާވެރިވެ ތިމަންގެ ރިޒުޤު އަތުލި ފަދައިން، އިބަރަސްކަލާނގެ ކުޅަދުންވަންތަކަށް އޭނާގެ މައްޗަށް ދައްކަވާނދޭވެ!"

ތިމަން އެމީހާއަށް ބުނީމެވެ. އޭ ސާހިބާ އެވެ. އެކަލާނގެ ގަދަފަދަވަންތަކަމާއި، ކުޅަދުންތަކަން ތިމަންނާއަށް ދައްކަވައިފިއެވެ. ތިމަން ތައުބާ ވެއްޖައީމެވެ. އިރާދަކުރެއްވިއްޔާ، ތިމަން ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އެ މީހުންގެ ކުރިމަތީގައި ހުރަހަކަށް ވާނަމެވެ. އަނިޔާ ލިބޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ހުންނާނަމެވެ.

(كتاب الكبائر،113) ‎﴿وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ﴾‏ (سورة الشعراء 227) "ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ."

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.