...

Support Us

ކޮލަމް ކޯދު: ތައުފީގު އަލްހަކީމުގެ ހިކުމަތްތެރި ބަސްކޮޅެއް

ތިރީގައި އެވަނީ ތައުފީގު އަލްހަކީމުގެ ހިކުމަތްތެރި ބަސްކޮޅެކެވެ. ތައުފީގު އަލްހަކީމަކީ ގާނޫނީ ގޮތުން ތައުލީމު ހާސިލުކުރެއްވި ބޭކަލެކެވެ. ނަމަވެސް، އޭނާގެ ލޯބި އޮތީ ލިޔުންތެރިކަމުގެ މައްޗަށެވެ. އޭނާ ހިމެނެނީ 20 ވަނަ ގަރުނުގައި އުފެދުނު އަރަބި ބޮޑެތި އަދީބުންގެ ތެރޭގައެވެ. އޭނާ ބެލެވިފައިވަނީ އަރަބި މަސްރަހިއްޔާގެ، އާދެ، ތަމްސީލު ލިޔުންތެރިންގެ މުއައްސިސު ކަމުގައެވެ. ލިޔުންތެރިކަމުގެ ރޮނގުން އަރަބި އަދި ބައިނަލްއަގުވާމީ އިނާމުތައް އޭނާއަށް ލިބިފައިވެއެވެ. އޭނާގެ ފޮތްތައް ވަނީ ދުނިޔޭގެ އެކިއެކި ބަސްތަކަށް ތަރުޖަމާކުރެވިފައެވެ. އޭނާ މި ދުނިޔެ ދޫކުރެއްވީ 1987ވަނަ އަހަރުއެވެ.

  1. ވަރަށް ގިނަ މީހުން، މާޒީގެ ތެރެއަށް ގޮސް، ވަރަށް ގިނައިރުވަންދެން މާޒީގެ ތެރޭގައި އުޅެއެވެ. ނަމަވެސް، ހަނދާންކުރަން ޖެހެނީ، މާޒީއަކީ، އޭގެ މައްޗަށް އަރައި، މުސްތަގުބަލާ ދިމާއަށް ފުންމާލަން އޮންނަ ޓުރެންޕޮލިނެއް ފަދަ އެއްޗެއް ކަމެވެ. މާޒީއަކީ، ފަހަރެއްގައި ވެސް، އޭގެ މަތީގައި އޮށޯވެ އޮންނަން ހުރި ސޯފާއެއް ނޫނެވެ.
  2. އުއްމަތެއްގެ އަންހެނުންގެ އިލްމީ ވިސްނުން މޯޅިވެ، ނެތި ހިނގައްޖެ ނަމަ، މުޅި އުއްމަތުގެ އިލްމީ ވިސްނުން މޯޅިވެ، ނެތިދެއެވެ.
  3. ކަމެއް ނުކުރެވޭ ބަލިކަށި އެއްވެސް އިންސާނަކު ނުވެއެވެ. ނަމަވެސް، އޭނާއަށް ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްކަން ނޭނގޭ މީހަކު ހުރެދާނެއެވެ.
  4. އަންހެނާގެ މޮޔަކަމާއި އޭނާ ކުރާ ތާކުންތާކު ނުޖެހޭ ކަންކަން މާފުކުރަން މެދުވެރިކުރުވާ ހަމައެކަނި ކަމަކީ އޭނާގެ ރީތިކަމެވެ.
  5. މީހާގެ އުސޫލުތައް، އޭގެ މައްޗަށް ބިންދާލެވި، ފުނޑުފުނޑު ކޮށްލެވޭ ހިލައަކީ، އަބަދުވެސް، އޭނާގެ އަމިއްލަ މަސްލަހަތުތަކެވެ.
  6. ހަގީގަތް ފެންނަ ދެ ލޯ ލިބިފައިވާ މީހަކަށް، ހުރިހާ ހާލަތެއްގައި ހިނިތުންވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
  7. ކަލޭގެ ހިތް ބުނާ އެއްޗެއް ކަނުލައި އަޑުއަހާށެވެ. ހިތަށް ވުރެ ބަރާބަރަށް، ހަގީގަތް ރެކޯޑުކުރާ އާލަތެއް އަހަރުމެންގެ ހަށިގަނޑަކު ނުވެއެވެ.
  8. އިންސާނުންނާއި ޖަނަވާރުން ވަކިކޮށްދޭ އެއްޗަކީ ބުއްދިއެއް ނޫނެވެ. ނަމަވެސް، އިންސާނުންނާއި ޖަނަވާރުން ވަކިކޮށްދެނީ ޒަމީރެވެ. ޒަމީރު މަރުވެފައިވާ ނަމަ، ނުވަތަ ޒަމީރެއް ނެތް ނަމަ، އެފަދަ މީހަކާއި ޖަނަވާރަކާ ތަފާތެއް ނެތެވެ.
  9. ފެނާއި ކާނާއަށް ހަށިގަނޑު ބޭނުންވާ ފަދައިން، އެހެން މީހުންނާ ވަކިން، އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުން ނަފްސަށް ބޭނުންވެއެވެ. އެހެން މީހުންނާ މަސްހުނިވެ، ހޭދަކުރި ވަގުތުތަކުގެ މައްޗަށް ނަޒަރު ހިންގައި ވިސްނާލުމަށްޓަކައެވެ.
  10. އެ އުއްމަތަށް ވަމުންދާ ގޮތް އެނގޭ ކަމުގެ އިހުސާސެއް ނެތް އުއްމަތަކަށް ދިރުމެއް ލިބިގެން ނުވެއެވެ.
  11. (ކަސްބީއެއް ކަމުގައި ބެލެވުނު) ރީތި އަންހެނާ: ރަސްގެފާނު ރަސްކަމުގައި ބެހެއްޓުން އޮތީ އަހަރެންގެ އިރާދައިގެ މައްޗަށެވެ. ހަމަ އެހެންމެ، އަހަރެންގެ ބަހަށް ރަސްގެފާނު ރަސްކަމުން އަޒުލު ވެސް ކުރެވިދާނެއެވެ! ހަގީގަތުގައި ވެސް މިއީ އަޖައިބެއް ފަދަ ކަމެކެވެ. (އައްސުލްތޯނު އަލްހާއިރު، މި ތަމްސީލުން)
  12. މަސް ކިބައެއްގައި ދަތް އަޅައި އުތުވާލެވޭ ފަދައިން، ދިރި ހުރި ލިޔުންތެރިޔާގެ މަސްވެސް އުތުވާލައި އިރާލެވެއެވެ.
  13. ބަހެއް ބުނަން ނޭނގޭ ޖަނަވާރުތަކެއް ފަދައިން ދިރި ތިބުމަށް ވުރެ މަރުވުން މާރަނގަޅެވެ.
  14. ބަނޑުހައިކަމާއި ފަގީރުކަން ނައްތާލެވުމުން، އިންސާނުން އިންސާނުނަށް އަޅުވެތިވުން ނައްތާލެވޭނެއެވެ.
  15. އިހުގައި އަހަރުމެން އަހަރުމެންގެ މުސްތަގުބަލުގެ ވާހަކަ ދައްކަމެވެ. ނަމަވެސް، މިހާރު، މުސްތަގުބަލެއްގެ ވާހަކަ ދައްކަން އަހަރުމެންނަށް މުސްތަގުބަލެއް އެބަ އޮތް ހެއްޔެވެ؟
  16. ރޯންޖެހިފައި އޮތުމުގެ މާނައަކީ ހަޔާތް އަބާއްޖަވެރިވެފައި އޮތުމެއް ނޫނެވެ. އަދި ހަމަ އެހެންމެ، ހުނުން ބުނެދެނީ ހަޔާތް ބާއްޖަވެރިވެފައި އޮތް ވާހަކައެއް ވެސް ނޫނެވެ.
  17. އަންހެން ކުއްޖާ ދުނިޔެއިން ބޭނުންވަނީ ހަމައެކަނި ފިރިއެކެވެ. ނަމަވެސް، އޭނާއަށް ފިރިއަކު ލިބުމުން، ފިރީގެ ކިބައިން މުޅި ދުނިޔެ ބޭނުން ވެއެވެ!
  18. ކަރުނައިގެ ދައުރަކީ ހާލަތްތަކުގެ މަތިން ހަނދާންކޮށްދިނުމެވެ. ފަހަރެއްގައި ވެސް އެ ހާލަތްތަކަށް ފަރުވާއެއް ހޯދައިދިނުމެއް ނޫނެވެ.
  19. ކުޑަ އިލްމުވެރިކަމެއް ލާއިލާހިއްޔަތާއި ކުފުރު މެދުވެރިކޮށްފާނެއެވެ. ނަމަވެސް، ބޮޑު، ވަރުގަދަ އިލްމުވެރިކަން މެދުވެރިކުރުވަނީ އިލާހިއްޔަތާއި އީމާންކަމެވެ.
  20. ބައެއް ފަހަރު، ހައްގުގެ އަޑު އިވެނީ ކަންފަތަކަށް ނޫނީ ސިކުނޑިއަކަށް ވެސް ނޫނެވެ. ނަމަވެސް، ހައްގުގެ އަޑު، ބައެއް ފަހަރު، އިވެނީ ހިތަށެވެ!

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.