...

Support Us

ރަސްގެފާނުގެ ތިން ވަޒީރުންގެ ޢަމަލުން ލިބުނު ޢިބްރަތް

ރަސްކަލެއްގެ ތިން ވަޒީރުން ތިއްބެވެ. އެއް ދުވަހަކު ރަސްގެފާނު އެ ތިން ވަޒީރުން ގެންނެވިއެވެ. ގެންނަވާފައި އެދިވަޑައިގަތީ، ތިން މީހުން ތިން ގޯނި ހިފައިގެން ގޮސް އެމަނިކުފާނުގެ ބަގީޗާގެ ގަސްތަކުން އެ ގޯނިތައް ފުރެންދެން ތަފާތު ވައްތަރުގެ މޭވާ ބިނދެގެން އައުމަށެވެ. އަދި މޭވާ ބިނުމުގައި އެއްވެސް މީހެއްގެ އެހީތެރިކަން ނުހޯދުމަށާއި، ތިން ވަޒީރުން ވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމަށެވެ. ރަސްގެފާނުގެ އެ އެދުމާ މެދު ތިން ވަޒީރުން ވަރަށް ބޮޑަށް އަޖާޢިބުވިއެވެ. ތިން ވަޒީރުން ގޯނިތައް ހިފައިގެން ބަގީޗާއަށް ދިޔައެވެ.

ފުރަތަމަ ވަޒީރު، ރަސްގެފާނުގެ ރުހުން ހޯދުމުގެ ބޭނުމުގައި މޭވާ ބިނުގައި ބެލީ ގަސްގަހުގައި ހުރި އެންމެ އާރޯތާޒާ މޭވާތައް ބިނދެވޭތޯއެވެ. ފުރަތަމަ ވަޒީރު އެފަދަ މޭވާތައް އަޅާ ގޯނި ފުރާލިއެވެ.

ދެވަނަ ވަޒީރު ޔަޤީންކުރާ ގޮތުގައި އެ މޭވާތަކުން ރަސްގެފާނު އެއްވެސް ބޭނުމެއް ނުކުރައްވާނެއެވެ. އަދި ގޯނީގައި ހުރި މޭވާތައް ނުވެސް ބައްލަވާނެއެވެ. އެހެންކަމުން ގަސްދޮށަށް ވެއްޓިފައިވާ މޭވާތަކައި ތަންކޮޅެއް ސަހަލުކޮށް ހުރި މޭވާތައް އަޅައި އޭނާގެ ގޯނި ފުރާލިއެވެ.

ތިންވަނަ ވަޒީރު ވެސް ޤަބޫލުކުރި ގޮތުގައި ރަސްގެފާނު ގޯނިތަކާ މެދު އެއްވެސް ސަމާލުކަމެއް ނުދެއްވާނެއެވެ. އެހެންކަމުން އޭނާ ބަގީޗާގައި ހުރި ވިނަތަކާއި ކުނިބުނި އަޅައި ގޯނި ފުރާލިއެވެ.

ދެވަނަ ދުވަހު ރަސްގެފާނު ތިން ވަޒީރުންނާއި މޭވާ ގޯނިތައް ގެނައުމަށް އަމުރު ކުރެއްވިއެވެ. ތިން ވަޒީރުން އައުމުން ސިފައިންނަށް އެންގެވީ ކޮންމެ ވަޒީރަކު ވެސް އެމީހަކު ގެނައި ގޯންޏާއެކު ތިން މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. އަދި އެއްވެސް މީހަކު އެ މުއްދަތުގެ ތެރޭގައި އެތަނަށް ނުވަނުމަށެވެ. އަދި އެމީހުންނަށް ކާބޯތަކެތި ދިނުން މަނާ ކުރެއްވިއެވެ.

ފުރަތަމަ ވަޒީރު އޭނާ ގެންދިޔަ ގޯނީގައި ހުރި ރަނގަޅު ތަޒާ މޭވާތައް ކަމުން ގެންދިޔައެވެ. އެގޮތުގައި އޭނާ ތިން މަސް ހޭދަކުރިއެވެ. ދެވަނަ ވަޒީރު އޭނާގެ ގޯނީގައި ހުރި މަދު، ރަނގަޅު މޭވާކޮޅު ކައިގެން ވަރަށް ދަތި ޙާލުގައި ތިން މަސްދުވަސް ހޭދަކުރިއެވެ. ތިންވަނަ ވަޒީރު މަސް ދުވަސް ނުވަނީސް ބަނޑަށް މަރުވިއެވެ.

ތިބާއަކީ މީގެ ތެރެއިން ކޮން ވައްތަރެއްގެ މީހެއްތޯ އަމިއްލަ ނަފުސާ ސުވާލު ކުރާށެވެ. ދުނިޔަވީ ބަގީޗާ އިން ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ޖަމަޢަކުރުމުގެ މިނިވަންކަން ތިބާއަށް އެބައޮތެވެ. ނަމަވެސް މާދަމާ މަލިކުލް މުލޫކު ތިބާ ކަށްވަޅުގައި ހައްޔަރު ކުރައްވާއިރު، ތިބާއަށް މަންފާއެއް ކުރާނީ ދުނިޔެމަތީގައި ކޮށްފައިވާ ހެޔޮ ޢަމަލަކުންނެވެ. އެހެންކަމުން ބިމުގައި އަބަދުވެސް ހެޔޮ ޢަމަލުތައް ޖަމަޢަކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ. ނޫންނަމަ ފަހުން ކުރާ ހިތާމައަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.