...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ގާނޫނީ ވަކީލު ސާހަބު

ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރިއެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް ފަހު، އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވުނު މީހާ ޝަރީއަތަށް ހާޒިރުކުރެވުނެވެ.

މުއްތަހަމުގެ ދިފާއުގައި އޭނާގެ ވަކީލު ވަރަށް ދިގުކޮށް ވާހަކަދެއްކިއެވެ. ވަކީލުގެ ވާހަކަ ބިނާކުރީ މުއްތަހަމުގެ ކުށުން އޭނާ ބަރީއަކުރުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް މުއްތަހަމުގެ އަދަބު ލުއިކުރެވޭތޯއެވެ. އަދި އެގޮތުން، ވައްކަމުގެ ތުހުމަތުކުރެވޭ މީހާގެ އަދަބު ކުޑަކުރަންވީ ކީއްވެގެންކަން ވަކީލު ސާހަބު ބަޔާންކޮށްދިނެވެ.

ވަކީލު ސާހަބު ބުނީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އެކަމަށް އިއުތިރާފުވާ ކަމެވެ. ނަމަވެސް އެ އަމަލު ހިންގީ އޭނާގެ ކަނާތްކަމެވެ. އޭނާގެ އެހެން ގުނަވަންތައް އެކަމުގައި ބައިވެރިނުވާކަމެވެ. އެހެންވީމާ ވަކީލު ސާހަބު ބުނީ އަދުލު އިންސާފު ނިޔާކުރަނީ ހަމަ އެކަނި ކުށްކުރި ފަރާތަށް އަދަބު ދިނުމަށެވެ. ކުށް ނުކުރާ ބަޔަކަށް ކުށުގެ އަދަބު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނޭ ކަމަށް ވެސް ވަކީލު ސާހަބު ވިދާޅުވިއެވެ.

ކޮންމެއަކަސް ދިފާއީ ވަކީލުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ގާޒީ ކުޑަކޮށް ހައިރާންވެވަޑައިގަތެވެ. ވަކީލުގެ ވާހަކަތައް ވާނީ ސަމާސާ ވާހަކަތަކެއް ކަމަށް ގާޒީ ހީފުޅުކުރެއްވިގެންނެވެ. ދެން، ކޮންމެއަކަސް، ގާޒީ ނިންމެވީ، ދިފާއީ ވަކީލު އެދުނު ގޮތުގެ މަތިން ކުށްވެރިޔާގެ އަދަބު ލުއިކޮށްދެއްވާށެވެ.

އަދި، ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ. "ޝައްކެއްނެތެވެ. ކުށްވެރިޔާ ވައްކަން ކުރި ކަމަށް އެއްބަސްވީ އިރު، އެ ވައްކަން ކުރީ އޭނާގެ ކަނާއަތެވެ. އޭނާގެ ވާތެއް އަދި އޭނާގެ އެނޫން ވެސް އެހެން ގުނަވަނެއް ވައްކަމުގައި ބައިވެރިވެފައި ނެތެވެ. އެހެންވެ، އަހުރެން ހުކުމު ކުރަނީ ކުށްވެރިޔާގެ ކުށަށް އޭނާގެ ކަނާއަތް، ބުރަ މަސައްކަތާއެކު ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭނާގެ އެހެން ގުނަވަންތައް އޭނާގެ ކަނާއަތާ އެކުގައި ޖަލަަށް އަޔަސް ނުވަތަ ނަޔަސް އެންމެ ރަނގަޅެވެ."

ދެން އެންމެނަށް ވެސް ހައިރާންކަން ލިބުނީ ކުށްވެރިޔާ އެއްފަރާތަކަށް ޖެހިލާފައި އޭނާގެ މަސްނުއީ ކަނާއަތް ނައްޓާލި ތަން ފެނިފައެވެ. ދެން، އެ އަތް އޭނާ ހައްޔަރުކޮށްގެން ގެންދަން ތިބި ޖަލު ސިފައިންނާ ހަވާލުކުރުމަށް ފަހު، ކޯޓުގެ ހާޒިރުވެ ތިބި އެންމެނާ މުޚާތަބުކޮށް ވަދާއީ ސަލާން ގޮވާލުމަށް ފަހު، ކޯޓުން ނިކުމެގެން ދިޔައެވެ.

އާދެ، އަދުލު އިންސާފުގެ ނިޒާމާއި އަދުލު އިންސާފު ހިންގާލުން ހަލާކުވެއްޖެ ނަމަ، ވަރަށް ގިނަ ފަހަރު، ކުށުގެ އަދަބު ލިބެނީ މަސްނުއީ އަތްތަކަށެވެ. ހަގީގީ ކުށްވެރިން ކުށުން ބަރީއަވެވޭ މަގު ގާނޫނީ ގޮތުން ފަހިވެފައި އޮވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި އަކީ އެންމެ ފައިދާ ބޮޑު ވިޔަފާރިއަށް ވެފައި، ތަނުގެ ބޮޑެތި މުއްސަނދިންގެ ކުރީ ސަފުގައި މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުން ހިމެނުމުން، އެ ފަދަ ވިޔަފާރިވެރިން ތިބެނީ ގާނޫނުގެ އަތް ފޯރާ ހިސާބެއްގައެއް ނޫނެވެ. ގާނޫނަށް އަތުޖެހެނީ މަސްނުއީ އަތެއްގައެވެ. އެފަދަ މީހުން ޖަލުގައި ބަންދުވެއްޖެ ނަމަ ބަލިވެއެވެ. ދަރިން މަތިން ހަނދާން ވެއެވެ. އަދި، އެފަދަ މީހުންގެ ކުށް ގާނޫނީ ގޮތުން ސާބިތުވާން އޮތް ކަމުގައި ވިޔަސް، އިޖުރާއީ ކޮންމެ ވެސް ދޫދިނުމެއްގެ ތެރެއިން އެމީހުންނަށް ނިކުމެވޭ ގޮތް ވެއެވެ.

މިފަދައިން ދާދި ފަސޭހައިން، ގާނޫނީ އިމުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މިނިވަންކަން ލިބި، މިނިވަންކަމާއެކު އެމީހުންގެ އެ ވިޔަފާރިކުރެވޭ ގޮތް ވުމުން، އެކަން ދަނީ އިތުރަށް ފުޅާވެ ތަރައްގީވަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ ފަހުގެ ކުރިއެރުމެއް ކަމުގައި އިވުނީ މި ވިޔަފާރިކުރާ މީހުން، މަސްތުވާތަކެތީގެ އަވައިގައި އިސްކޫލު ކުދިން ޖައްސަން މަސައްކަތްކުރަން ފެށި ވާހަކައެވެ.

އިސްކޫލު ކުދިން މަސްތުވާތަކެތީގެ އަވައިގައި ޖެއްސުމަކީ ދުނިޔޭގެ އެތަންމިތަނުގައި ކުރާ ކަމެކެވެ. ކުދި ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެއްސިއްޖެ ނަމަ، އެ ވިޔަފާރި ކުރާ ބަޔަކަށް ވަރަށް ވެސް ފައިދާވެއެވެ. މަސްތުވާތަކެތި ގަތުމަށްޓަކައި ޒުވާން ކުދިން އެގޮތްމިގޮތުން ފައިސާ ހޯދައި، އެ ފައިސާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދޭނެތީއެވެ. ނަމަވެސް، ހިތާމައަކީ ޒުވާން ޖީލެއް ހަލާކުވެ ދިޔުމެވެ.

އެހެންވެ، މިއީ، ކަމާ ބެހޭ ފަރާތުން، އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކުރަން ޖެހެއެވެ. އެމީހުންނަށް ގާނޫނީ އަދަބު ދޭންޖެހެއެވެ. ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިފާ ހައްޔަރު ކުރެވުމުން، ބަހަނާ ދައްކައި، ކުށުން ބަރީއަވެގަތުމުގެ ފުރުސަތު އެފަދަ މުޖުރިމުންނަށް ދެވިގެން ނުވާނެއެވެ. ނޫން ނަމަ، މަދަރުސާތަކަށް ވެސް މަސްތުވާތަކެތީގެ ނުބައި އަސަރު ފޯރައި ޒުވާން ޖީލު ހަލާކުވެދާނެއެވެ.

މަސްތުވާތަކެތިގެ ވިޔަފާރި ކުރާ މީހުންގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަކީ މަސްނުއީ އަތް ކުށްވެރިކޮށް، ހަގީގީ ކުށްވެރިން ކުށުން ބަރީއަކުރަން އުޅޭ ބަޔަކަށް ވެގެން ނުވާނެއެވެ. އެމީހުން ވާންޖެހޭނީ ހުރިހާ އިރަކު ވެސް ތެދު ހަގީގަތް ހޯދަން އުޅޭ ބައަކަށެވެ. ހައްގުގެ ދިފާއުގައި ތެދުވެ، ވަކާލާތުކުރާ ބަޔަކަށެވެ. ވަކީލުންނަށް ހިއްވަރުދީ، އެމީހުން މަސައްކަތްކުރުވާ ބާރަކީ ހަމައެކަނި އެމީހުންގެ އަމިއްލަ މަސްލަހަތުކަމުގައި ހަދައިގެން ނުވާނެއެވެ. ނަމަވެސް، ވަކީލުން ވެސް، މައްސަލައިގެ ޚުތޫރަތްތެރިކަމާ މެދު ވިސްނައި، ބާތިލުކަންކަން ދިފާއުކުރުމުން ދުރުވާން ޖެހެއެވެ. އެހެން ނޫން ނަމަ، ކޯޓުތަކުގެ ނިޔާވެގެންދާނީ އަނިޔާއަށެވެ. ކޯޓުތަކުގެ އިންސާފު ވެގެންދާނީ ބޭއިންސާފަށެވެ. އަދި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ ދާނީ ފެތުރެމުންނެވެ. އަދި އެކަމުގެ ހިތި ނަތީޖާއެއްގެ ގޮތުން، އެ ނުރައްކާތެރި ވަބާގައި ޒުވާން ޖީލު ޖެހި، ގައުމުގެ މުސްތަގުބަލުވެސް ހަލާކުވެ ހިނގައިދާނެއެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.