...

Support Us

ކޮލަމް ކޯދު: ނިއްކޮލޯ މަކިއަވެއްލީގެ ބަސްކޮޅެއް

ނިއްކޮލޯ މަކިއަވެއްލީ (1527-1469) އަކީ އިޓަލީ ވިލާތުގެ ޑިޕްލޮމެޓެކެވެ. ފަލްސަފާވެރިއެކެވެ. މުއައްރިޚެކެވެ. އަދި ލިޔުންތެރިއެއް ވެސް މެއެވެ. އޭނާ ބެލެވެނީ މިޒަމާނުގެ ސިޔާސީ އިލްމުގެ ބައްޕަކަމުގައެވެ.

ނިއްކޮލޯ މަކިއަވެއްލީގެ އެންމެ މަޝްހޫރު ފޮތަކީ 'ދަ ޕްރިންސް' [އަމީރު] މި ފޮތެވެ. މި ފޮތުގައި ބަލާލެވިފައި ވަނީ ސިޔާސީ ބާރު ލިބިގަންނާނެ ގޮތާއި އަދި އެ ބާރު ދަމަހައްޓޭނޭ ގޮތެވެ. ސިޔާސީ ބާރު ދެމެހެއްޓުމައްޓަކައި އޮޅުވާލައި މަކަރު ހެދުމާއި އަނިޔާވެރިވުމާއި ވައުދާ ޚިލާފުވުމަކީ ވެސް، ސިޔާސީ ބާރު ދެމެހެއްޓުމަށްޓަކއި، އެންމެ ރަނގަޅު ކަމުގައި މާޗިއަވެއްލީ އޭނާގެ ޕްރިންސް، މި ފޮތުގައި ބަޔާން ކުރެއެވެ. ނަމަވެސް، އޭނާ ރައްޔިތުންގެ ލޯބި ލިބޭތޯ ވެރިޔާ މަސައްކަތްކުރަން ޖެހެއެވެ. އަދި، ވެރިޔާގެ މަގުބޫލުކަމާއި ޝުހުރަތު ދެމެހެއްޓުމަށްޓަކައި ބޮޑެތި މަޝްރޫއުތައް ހިންގާލަން ޖެހޭނޭ ވާހަކަ ވެސް އޭނާ ބުނެއެވެ. މީގެ އިތުރުން، ޚުޝާމަދުކުރާ މީހުން ދުރުކޮށް، ބުއްދިވެރި ހަކީމުން، މަޝްވަރާދީ ގޮތް ކިޔައިދޭން ވެރިޔާގެ ކައިރީގައި ބައިތިއްބަން ޖެހޭނޭކަން ވެސް އޭނާގެ ފޮތުގައި ބަޔާން ކުރެވިފައިވެއެވެ.

އޭނާގެ ފޮތުގައި ބަޔާން ކުރެވިފައިވާ ހުރިހާ ވާހަކަތަކަކީ ފަހަރެއްގައި ވެސް އެ ވާހަކަތަކާއި އެއްބަސްވެވިދާނޭ ރަނގަޅު ވާހަކަތަކެއް ނޫނެވެ. ކޮންމެ އަކަސް، އޭނާގެ ފޮތުގެ ވާހަކަތައް އެއްފަރާތެއްގައި ބާއްވާފައި، އޭނާގެ ހިކުމަތްތެރި ބަސްކޮޅެއް ހުށަހަޅާލަމެވެ.

  1. ކަލޭގެ ބޭރު ފުށަށް ބަލައި، ހީވާ ގޮތަކަށް، ކަލެއަކީ ކާކުކަން ބުނަން، އެންމެނަށް ވެސް އެނގިދާނެއެވެ. ނަމަވެސް ކަލޭ ހަގީގަތް ތަޖުރިބާ ކުރެވި، ކަލެއަކީ ހަގީގަތުގައި ކޮން ކަހަލަ މީހެއްކަން ބުނަން އެނގޭނީ މަދު ބަޔަކަށެވެ.
  2. އޭނާގެ އަމުރަށް ތަބާވުން އެދޭ މީހާ، އެންމެ ފުރަތަމައިން، އަމުރުކުރަން ދަސްކުރަން ޖެހެއެވެ.
  3. އޮޅުވާލާ މީހާއަށް އޮޅުވާލުމަކީ ދެ އުފަލެއް ލިބޭ ކަމެކެވެ.
  4. ނުރައްކަލާ ކުރިމަތިނުލައި ދުވަހެއްގައި ވެސް ކާމިޔާބީއެއް ހާސިލުކުރެވިފައެއް ނެތެވެ.
  5. ރީތި ގޮތުގައި މަސައްކަތްކޮށްގެން ހޯދެން އޮންނަ އެއްޗެއް، ބާރުގެ ބޭނުންކޮށްގެން ހޯދައިގެން ނުވާނެއެވެ.
  6. ކަންކަން ކުރުމަށް ބާރުއަޅައިދޭން އޮންނަނީ ދެ ކަމެކެވެ. ކަމަކަށް ލޯބިކުރުން ނޫނީ ކަމެއް ވެދާނެ ކަމުގެ ބިރު ގަތުމެވެ.
  7. މީހެއްގެ ކެރުމާއި ހިއްވަރު އިތުރުވެ، ބޮޑުވެއްޖެ ނަމަ، އޭނާ ކުރިމަތިލާން ޖެހޭ ދަތިތަކާއި އުނދަގޫތައް އިތުރުވެ، ބޮޑުވެގެން ނުވެއެވެ.
  8. މީހުން ތިމާ ދެކެ ލޯބިވުމާއި ބިރުގަތުމަކީ އެއްނުވާނޭ ދެ ކަމެކެވެ. އެހެންވެ، އެ ދެކަމުން އެއްކަމެއް ޚިޔާރު ކުރަންޖެހޭއިރު، ތިމާ ދެކެ މީހުން ލޯބިވުމަށް ވުރެ، ތިމާ ދެކެ މީހުން ޖެހިލުންވެ، ބިރުގަތުން ޚިޔާރުކުރުން މޮޅު އިތުރުވެގެން ވެއެވެ.
  9. އަބަދުމެ ކާމިޔާބުވުން އެދޭ މީހާ، ޒަމާން ބަދަލުވަމުންދާ ގޮތަށް ބަލައި، އޭނާ ކަންކަންކުރާ ގޮތަށް ވެސް ބަދަލު ގެންނަން ޖެހޭނެއެވެ.
  10. އާންމު ގޮތެއްގައި، މީހުން ސިފަކުރެވެނީ އެމީހުންގެ ގޮތްފޮތް ދާދި އަވަހަށް ބަދަލުކޮށްލާ، ދެފުށް ދެގޮތް، އަމިއްލަ ފައިދާގެ ދަހިވެތިކަމުގައި ޖެހިފައިވާ ބަޔެއް ކަމުގައެވެ. އެހެންވީމާ، މީހުންގެ ތެރޭގައި އުޅޭ ހިޔަޅުތައް ފަތުރާ މަޅިފަތިތައް ދެނެ ގަތުމަށްޓަކައި ހިޔަޅަކަށްވެ، އަދި ހަމަ އެހެންމެ މީހުންގެ ތެރޭގައި އުޅޭ ވަގު ވިޔަޅުތައް (ވުލްފުތައް) ބިރުގަންނަވާލާ ސިންގާއަކަށް ވެސް ވާންޖެހެއެވެ.
  11. ގުދުރަތުން، ކެރޭ، ހިއްވަރު ގަދަ މީހުން އުފައްދަނީ ވަރަށް ވެސް މަދުންނެވެ. ނަމަވެސް، ގަދަ މަސައްކަތާއި ތަމްރީނުކުރުމުގެ ތެރެއިން އެފަދަ މީހުން އުފެދިދާލެއް ގިނައެވެ.
  12. ކަލޭ ވެއްޓޭ ވަގުތު ނަގާނޭ މީހަކު އަތުވެދާނޭ ކަމަށް ހީކުރުމުގެ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިގެން ކަލޭ ހުރެގެން ނުވާނެއެވެ.
  13. އަމީރަކަށް ލިބިވަޑައިގަންނަވާނޭ އެންމެ ވަރުގަދަ ކިއްލާއަކީ އޭނާގެ މީހުން އޭނާއަށް ކުރާ ލޯތްބެވެ.
  14. މީސްމީހުން، އަމިއްލައަށް ތަޖުރިބާނުކުރާ އާ ކަންތައްތަކުގެ މައްޗަށް މީސްމީހުން އިތުބާރެއް ނުކުރާނެއެވެ.
  15. މީހުންގެ ދޮގު ތައުރީފުތަކާއި ޚުޝާމަދު ކުރުންތަކުން ކަލޭގެ ނަފްސު ރައްކާތެރިކުރެވޭނޭ ހަމައެކަނި ގޮތަކީ، ކަލޭގެ ކައިރީގައި ސާފު ސީދާކޮށް ވާހަކަދައްކައި ތެދު ބުނުމަކީ އެކަމާ ކަލޭ ކުޑަކޮށް ވެސް ނުރުހޭނޭ ކަމެއް ނޫންކަން މީހުންނަށް ވިސްނައިދީ ޔަގީންކޮށްދިނުމެވެ.
  16. ވެރިއެއްގެ ބުއްދިއާއި ވިސްނުމުގެ ފެންވަރު ހުރި ގޮތް އަންދާޒާކޮށްލުމަށް ބޭނުންކުރާ ފުރަތަމަ އިމްތިހާނަކީ އޭނާގެ ކައިރީގައި، އޭނާ ގެންގުޅޭ މީހުންގެ މައްޗަށް ބަލައިލުމެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.