އުޅެން އެންގެވި ރަނގަޅު ގޮތަކީ، ޔަގީނުން މާތްވި އިސްލާމް ދީން
ގުޅެންވި ގުޅުންތަކާ ވަކިވުން ރަނގަޅު ގޮތުގައިވި އިސްލާމް ދީން
وَحِيْ އިން އަންގަވައި ދެއްވެވި ގޮތަށް ރުސުލުން ގެނެސް ދެއްވެވި
ނަހީއާ ހުއްދަ ކަންތައްތައް ބަޔާންކޮށް ދެއްވި އިސްލާމް ދީން
ގޮތާއި ފޮތުން އެނގޭނެ ގޮތަށް عَدُلُ إِنْصَافُ ލައްވާފައި
ފޮތާއި شَرِيْعَةُ ގެ ހަމަތަށް ބަޔާންކޮށް ދެއްވި އިސްލާމް ދީން
جَهَالَةُ ފަތުރަމުން ދިޔަ ކަޅު ވިލާތަށް ބޯމަތީން ނެތިކޮށް
ކަހައި ލެއްވެވި ضِيَآءُ ގެ އަލި ބިމަށް ފެތުރުއްވި އިސްލާމް ދީން
ލިބޭ އަނިޔާ ތަކުން މިންޖެއްް ވެވޭނެ ގޮތެއް ސަފުން ނެތިފައި
ތިބޭ ނިކަމެތިވި مَظْلُوْمُން ސަލާމަތް ހޯދި އިސްލާމް ދީން
ހަލާކުގެ ހޫނު އަލިފާނުގެ ވަޅުގެ ތުންފަތްމަތީ ތިއްބައި
ސަލާމަތް މީސްތަކުން ކުޅައީ ޔަގީނުން މާތްވި އިސްލާމް ދީން
ޒަމާން ކުރިޔަށް އަރައި ދިޔަޔަސް ސަލާމަތް ބުއްދި ފުށުނާރައި
ޒަމާނީ ކޮންމެ ހޯދުމަކުން ޔަގީން ކުރެވޭނެ އިސްލާމް ދީން
ޚިލާފެއް އޭގެ ކުރިޔާ އަދި ފަހުންވެސް ނާންނަ މާތްވި ފޮތުން
ފިލާވަޅު ހެޔޮވިހައި ލިބިގެން އުޅެން މިއޮތީޔެ އިސްލާމް ދީން
