Support Us

ކުރު ވާހަކަ: ދެ ބަކަރީގެ އަރާރުން

އެއް ސަހަރެއްގައި ވަރަށް އެކުވެރި ކުޑަކުޑަ ދެ ބަކަރި އުޅުނެވެ. އެ ދެ ބަކަރި ދިރިއުޅުނީ ކޯރެއްގެ އައްސޭރިފަށުގައެވެ. އެ ކޯރުގެ އެއް ފަރާތުން އަނެއްފަރާތަށް ދިއުމަށް ފާލަމެއްގެ ގޮތުގައި ބޭނުންކުރަނީ ކޯރުގެ މައްޗަށް ވެއްޓިފައި އޮންނަ ބޮޑު ގަހެއްގެ ގަސްގަނޑެވެ. އެ ގަސްގަނޑަކީ އެއް ފަހަރާ އެކައްޗަށް ދެވޭވަރުގެ ގަސްގަނޑެކެވެ. އެހެންވީމާ ކޯރު ހުރަސްކުރާ ޖަނަވާރުތައް އެ ފާލަމުން ދަތުރުކޮށް ހަދަނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށް ދޫދީގެންނެވެ.

އެކުވެރި ދެ ބަކަރި އޮތީ ކޯރުގެ ދެ ފަރާތުގެ އައްސޭރީގައި ވިނަކާށެވެ. ވިނަކައި، މަޖާކޮށް، ފުމެ އުޅެނިކޮށް އެއް ބަކަރި އަނެއް ބަކައްޓަށް ފެނުނެވެ. އެ ވަގުތު ދެ ބަކަރީގެ ހިތަށް ވެސް އެރިއެވެ. ކޯރުގައި އަހަރެން މި އޮތް ފަޅިއަށްވުރެ އެ ފަޅި މާ ހިތްގައިމެވެ. އެ ފަޅީގައި ހުރި ވިނަތައް މާ މީރުވާނެހެން ވެސް ހީވެއެވެ. ކޯރުގެ މި ފަޅީގައި އޮންނާނެ ކަމެއް ނެތެވެ. ދާންވީ އެ ފަޅިއަށެވެ. އެހެން ހިތަށް އަރާ ކޯރު ހުރަސްކުރަން ދެ ފަރާތުން ދެ ބަކަރި ފާލަމަށް އެރީ އެއް ފަހަރާއެވެ. އެއް ބަކަރި އަނެއް ބަކައްޓަށް އަންގާލުމުގެ ގޮތުން ގޮވާލިއެވެ. ދެ ބަކައްޓަށް ވެސް އެ އަޑުއިވުނެވެ. އެކަމަކު އެއް ބަކަރި ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ދެ ބަކަރި ވެސް ފާލަންމަތިން ކުރިއަށް ހިނގަމުން ދިޔައެވެ. ދެ ބަކަރި ދެ ކޮޅުން އައިސް ބައްދަލުވީ ކޯރުގެ މެދަކާ ހަމައިންނެވެ. އޭރު ދެ ބަކަރި ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އެކަކު އަނެކެއްގެ ރަހުމަތްތެރިކަން ހަނދާން ނެތިފައެވެ. ދެ ބަކަރި އެކަތި އަނެކައްޗަށް ބުންޏެވެ. ކޯރު ހުރަސްކުރަން ފުރަތަމަ ފާލަމަށް އެރީ އަހަރެންނެވެ. އިސްކަން ދޭންޖެހޭނީ އަހަރެންނަށެވެ. ފަހަތަށް ޖެހި އަހަރެންނަށް ތަން ދޭށެވެ.

އެއްވެސް ބަކައްޓެއް ގޮތެއް ދުލެއް ނުކުރިއެވެ. އެކަނި އަނެކައްޗަށް ތަންދީ ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޒުވާބު ހޫނުވެ އެކަކު އަނެކެއްގެ އުނި ސިފަތަކުގެ ވާހަކަ ގޮވާން ފެށިއެވެ.

އެ ޒުވާބުގެ ތެރޭގައި މީހެއްގެ މޮޅުކަމާއި ބޮޑުކަން ހިތަށްވަދެ ކިބުރުވެރިވެ ބޮޑާވެގަތެވެ. އެންމެފަހުން ޒުވާބު ހޫނުވެ ކުރިމަތިލުމަކަށް ހިނގައްޖެއެވެ. އެކަތި އަނެކައްޗަށް ދަޅުން ހަމަލާދޭން މަސައްކަތް ފެށިއެވެ. ފުންމައިގެން އަރައި އެކަތި އަނެކައްޗަށް ހަމަލާދޭން އުޅުނު ވަގުތު ފައި ކައްސައިލައިގެން ދެ ބަކަރި ކޯރަށް ވެއްޓިއްޖެއެވެ. ކޯރުގެ ފެންގަނޑު ފުންކަމުން ދެ ބަކަރިންކުރެ އެކަތި ވެސް އިސްކޮޅެއް ނުޖެހުނެވެ. ކޯރަށް ވެއްޓުނުތާ މާގިނައިރެއް ނުވަނީސް ދެ ބަކަރި ވެސް ގެނބިގެން މަރުވެއްޖެއެވެ. (ނިމުނީ)

ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށް ގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔެމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. މި ވާހަކަ އަކީ ވެސް ކާކުގެ، ކޮން ދުވަސްވަރެއްގެ ފިކުރެއްކަމެއް ނޭނގެއެވެ. މި ވާހަކަ އަޅުގަނޑު ލިޔެފައި މިވަނީ އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *