Support Us

ކޮލަމް ކޯދު: ބުއްދިވެރި ހަކީމެއްގެ ނަސޭހަތުގެ ބަސްކޮޅެއް

ބުއްދިވެރި ހަކީމަކު އޭނާގެ ދަރިފުޅަށް ނަސޭހަތް ދެމުން ބުންޏެވެ.

"ދަރިފުޅާއެވެ! މީސްތަކުންނާއި އަހަރުމެންނާ ދެމެދު އޮންނަ ގުޅުން އަބަދަށް ދެމިގެންދަނީ އެކަކު އަނެކަކުގެ ކުދިކުދި ކުށްތައް ނުފެންނަ ކަމަށް ހަދައިގެން އުޅުމުންނެވެ.

"އަހަރުމެން އެކުވެ، އެއްބައިވެވެނީ އަހަރުމެން އެކަކު އަނެކަކު ދެކެ ރުހިގެންނެވެ. ނަމަވެސް، އަހަރުމެންގެ ހުރިހާ ކަމެއް ފަޅައި ކުދިކުދިކޮށްގެން ބަލަންވެއްޖެ ނަމަ، އަހަރުމެން އިންސާނުންގެ ގުޅުންތައް ބަލިކަށިވެދެއެވެ. އަދި، އެކަންކަން ތަހުގީގުކޮށް، ރަނގަޅުތޯ ނުވަތަ ނޫންތޯ ބަލަންވެއްޖެ ނަމަ އަހަރުމެންގެ ގުޅުންތައް މަރުވެދެއެވެ.

"ދަރިފުޅު ބޭނުން ގޮތަކަށް އެހެން މީހުންނާ ތަފާތުވެ، ދަރިފުޅުގެ މޮޅުކަން ފާޅުކުރާށެވެ! ނަމަވެސް، ދުވަހެއްގައި ވެސް މީސްތަކުންގެ މައްޗަށް ބޮޑާވެ، ކިބުރުވެރި ނުވާށެވެ.

"ދަރިފުޅު ބޭނުން އެއްޗެއް ބުނެ، ލިޔެ، ދަރިފުޅުގެ ރައުޔު ފާޅުކުރާށެވެ. ނަމަވެސް، މީސްތަކުންނަށް އުނދަގޫކޮށް، އެމީހުން ހިލުވާލުމުގެ ނިޔަތުގައި ވާހަކަ ނުދައްކާށެވެ.

"ދަރިފުޅު ބޭނުން މީހަކަށް ފާޑު ވެސް ކިޔާށެވެ! ނަމަވެސް، މީހެއްގެ އަބަރު ކަތިލަން ނޫޅެއްޗެވެ.

"އަބަދުވެސް ހަނދާންކުރާށެވެ! އިންސާނާގެ މާތްކަމާއި މޮޅުކަން އިތުރުވެގެންދަނީ އޭނާއަށް ލިބިފައިވާ ކަމަކުން ނޫނެވެ. އެހެން މީހުންނަށް އޭނާ ދޭ އެއްޗެއްގެ، ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގެ ސަބަބުންނެވެ."

(ތަރުޖަމާއެއް)