Support Us

ކޮލަމް ކޯދު: ހިޖާމާޖެހުމާ ބެހޭ ވާހަކަކޮޅެއް

މިދިޔަ ހަފުތާގައި ނޫސްތަކާއި އަދި އެނޫންވެސް ބައެއް އެހެން މީޑިއާތަކުގެ މައިގަނޑު ސުރުޚީއަކަށް އޮތީ ހިޖާމާގެ ވާހަކައެވެ. ހިޖާމާ ޖެހުމުގެ ނުވަތަ ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ 'ކުލިނިކެއް' ބަންދުކުރި ވާހަކައެވެ. މިކަމާ ގުޅިގެން، އެހެން ކަންކަމާ ވެސް ވާހަކަ ދެއްކުން އޮންނަ ފަދައިން، މައްސަލައާ މެދު މާ ބޮޑު ވިސްނުމުގެ ނަޒަރެއް ހިންގާނުލައި، މީސްތަކުން ދެބަޔަކަށް ބެހުނެވެ. އެއްބަޔަކު އެއީ ސުންނަތުން ސާބިތުވާ ކަމެއް ކަމަށް ބުނެ، އެކަމަށް ތާއީދުކުރިއެވެ. އަނެއް ބަޔަކު އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި، މަދު ބަޔަކު ދެ ފަރާތުގެ ވާހަކައަށް ބަލައި، ކަމާ ބެހޭ އިދާރާގެ ހުއްދަ ނެތި، އެ ފަދަ ކުލިނިކުތައް ހިންގިގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މި ލިޔުމުގައި ބަލާލަން ގަސްދުކުރަނީ ހިޖާމާ ޖެހުމާއި ކީރިތި ރަސޫލާގެ ސުންނަތާ އޮތް ގުޅުމާއި އެ ގުޅުމުގެ މާނައިގެ މައްޗަށެވެ.

ޝައްކެއް ނެތް ގޮތުގައި ކީރިތި ރަސޫލާގެ ސުންނަތާ ހިޖާމާއާ ގުޅެއެވެ. މިތާނގައި ސުންނަތޭ ބުނެ އިޝާރަތްކުރަނީ އެކަލޭގެފާނުގެ އަމަލުފުޅާއެވެ. އާދެ، އެކަލޭގެފާނު ހިޖާމާ ކުރެއްވިކަން ބައެއް ހަދީސްތަކުން ސާބިތުވެއެވެ. އަދި، އެކަންކުރުމަށާއި އެކަމުގައި ފައިދާއެއް އޮތް ކަމަށް ވެސް އިޝާރާތްކުރާ ބައެއް ހަދީސްތައް އެބަހުއްޓެވެ. ހަމަ އެހެންމެ، ހިޖާމާއާ ބެހޭ ސައްހަ ނޫން ހަދީސްތައް ވެސް އެބަހުއްޓެވެ. ކޮންމެ އަކަސް މި މަގާމުގައި މުހިއްމީ، މިފަދަ ހަދީސްތަކުގެ މާނައަކީ ކޮބައިތޯ ބެލުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހިޖާމާ ކުރެއްވިކަމާއި އަދި އެކަމުގައި ފައިދާ އެކުލެވިގެންވާކަން ވިދާޅުވެފައި އޮތް އޮތުމުގެ މާނައަކީ ކޮބައިތޯ ބަލާލުމެވެ.

މިފަދަ ކަންކަމުގެ މާނަ ދެނެގަތުމުގައި އެހީވެދޭނެ އެހެން ހަދީސެއް އޮވެއެވެ. އެ ހަދީސްގައި އިތުރު އެކަލޭގެފާނު ވިދާޅުވެފައި އޮންނަނީ أنتم أعلم بأمور دنياكم، ކަލޭމެންގެ ދުނިޔެވީ ކަންކަން ބޮޑަށް އެނގޭނީ ކަލޭމެންނަށެވެ، މިހެންނެވެ. އެކަލޭގެފާނު މިހެން ވިދާޅުވީ، ކަދުރު ރުއް ތަލްގީހު ކުރުން ދޫކޮށްލުމަށް ވިދާޅުވެ، ފަހުން، އެ ގޮތަށް ކަންތައް ކުރުމުން، ކަދުރު ރުއްތައް ހީނަރުވުމުން، އަލުން ތަލްގީހު ކުރުމަށް ވިދާޅުވެ ވިދާޅުވި ބަސްފުޅެކެވެ.

މިތަނުގައި އެ ވިދާޅުވަނީ ފަހަރެއްގައި ވެސް، ދީނީ ކަންކަމާއި ދުނިޔަވީ ކަންކަން މުޅިން ވަކިކޮށް، އެކަލޭގެފާނުންގެ ތަައުލީމާތުތައް ގުޅެނީ ހަމައެކަނި ދީނީ ކަންކަމާއޭ ވިދާޅުވިޔޭ ބުނުމެއް ނޫނެވެ. މިތަނުގައި އެ ވިދާޅުވަނީ ދުނިޔަވީ މަސައްކަތްތައް ބިނާވަނީ އެކަމުގެ އިލްމާއި ތަޖުރިބާގެ މައްޗަށް ކަމެވެ. އެހެންވެ، އެ މަސައްކަތެއްގެ އިލްމާއި ތަޖުރިބާގެ އަލީގައި އެކަން ކުރުން ރަނގަޅުވާނެ ކަމުގައެވެ.

ހިޖާމާ ޖެހުމަކީ ނުވަތަ އެކަން ކުރުމަކީ ވެސް މިފަދަ ކަމެކެވެ. ބޭސް ފަރުވާއާ ގުޅޭ ކަމެކެވެ. ކީރިތި ރަސޫލާގެ ޒަމާނުގައި ހިޖާމާއަކީ ބައެއް ކަހަލަ ކަންކަމަށް ފަރުވާއެއް ކަމުގައި ބެލެވުނު ކަމެކެވެ. ލޭ ތަޣައްޔަރުވެ، އެކަމުގެ ސަބަބުން ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ޝިފާ ލިބިދާނޭ ކަމެއް ކަމުގައި އޭރު ބެލެވުނެވެ. އެހެން ކަމާއެކު، އެ ދުވަސްވަރުގެ ބޭސްވެރިކަމުގެ ތެރޭގައި ހިޖާމާ ޖެހުން ނުވަތަ ކުރުން ހިމެނިފައި އޮތީއެވެ.

މިހާރުވެސް، ހިޖާމާ ޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ކަމެކެވެ. އަދި، ހިޖާމާ ޖެހުމަކީ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ބައެއް ކަހަލަ ބަލިބައްޔަށް ލުއިލިބިދޭ ކަމެކެވެ. އުނަގަނޑުގައި ރިއްސުމާއި ކާހިތް ކެނޑުމާއި ދަރިން ނުލިބުމާއި ފަދަ ކަންކަމަށް ހިޖާމާކުރުމުގެ ސަބަބުން ޝިފާ ލިބިދާނެ ކަމަށް، މިކަން ކުރާ ބައެއް މީހުން ދައުވާކުރެއެވެ. ނަމަވެސް، މިއިން ކަމަކީ ބޭސްވެރިކަމާ ބެހޭ އެއްވެސް އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާވެ، ބުނެފައިވާ ބުނުމެއް ނޫނެވެ. މީގެ އިތުރުން، ހިޖާމާއަކީ ފަހަރެއްގައި ވެސް، ދުނިޔޭގައި ލެއްވިހާ ބައްޔަކަށް ޝިފާ އޭގައި އެކުލެވޭ ކަމެއް ކަމުގައި ދައުވާކުރާ ބަޔަކު އުޅޭހެނެއް ހިޔެއް ނުވެއެވެ. އަދި، ހިޖާމާއާ ބެހޭ ކީރިތި ރަސޫލާގެ ހަދީސުން ވެސް މިކަން ސާބިތެއް ނުވެއެވެ. އެ ހަދީސްގައި އެކުލެވިގެންވާ މާނައަކީ އެކަމުގައި ކޮންމެ ވެސް ޝިފާއެއްވާ ކަމެވެ. ރާއްޖޭގައި އެ ޚިދުމަތް ދިން ކުލިނިކުން ދައުވާ ކުރި ފަދައިން ހަކުރު ބަލި ފަދަ ބަލިތަކާއި އަދި އެނޫން ވެސް އެފަދަ ބޮޑެތި ބަލަތަކަށް ހިޖާމާ ޖެހުމުން ޝިފާ ލިބޭ ވާހަކައަކީ ފަހަރެއްގައި ވެސް އިލްމީ ދިރާސާއަކުން ސާބިތުވާ ކަމެއް ނޫނެވެ. މިފަދައިން ދައުވާ ކުރުމުގެ ހަމައެކަނި ބޭނުމަކަށް، ގިނަ ފަހަރު، ވެފައި އޮންނަނީ، މާޔޫސްވެފައި ތިބޭ ބައެއްގެ މާޔޫސްކަމުން ނާޖާއިޒު ފައިދާ ނެގުމެވެ. އެއްވެސް ބޭހަކުން ދާއިމީ ޝިފާއެއް ނުލިބިފައި ވުމުން، ޝިފާއެއް ލިބޭތޯ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ތިބޭ މީހުންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމަށް ކުރާ ދައުވާއެކެވެ. ހިޖާމާއަކީ ހަކުރުބަލި ފަދަ ބަލިތައް ރަނގަޅުކުރާ ކަމެއް ކަމަށްވާ ނަމަ، ހަކުރު ބަލީގެ މީހުންނެއް ދުނިޔެއަކު ނޫޅުނީސްތާއެވެ!

މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ހިޖާމާއަކީ ވެސް ވަކި ކަހަލަ މަސައްކަތަކާ ގުޅޭ ކަމެއް ކަމެވެ. އާދެ، ބޭސްވެރިކަމާ ބެހޭ ކަމެއް ކަމެވެ. އެކަމަކީ ހުރިހާ އިރެއްގައި އެއްގޮތަކަށް، އެއް ސިފައަކަށް އޮންނަ ކަމެއް ނޫންކަމެވެ. މިއާ ޚިލާފަށް، އެއީ ކުރިއަރައި ތަރައްގީވަމުން އަންނަ ކަމެއް ކަމެވެ. މީގެ މާނައަކީ އަދުގެ ބޭސްވެރިކަމަށް ހުރިހާ ބައްޔެއްގެ ފަރުވާ ހޯދައިދެވިފައި އޮތް ވާހަކައެއް ނޫނެވެ. ނަމަވެސް، ތަފާތު ބަލިތަކުގެ ފަރުވާއާއި އަދި އެ ބަލިތައް އެއް މިނެއްގައި ހިފެހެއްޓޭނޭ ގޮތްތައް ވަނީ އަދުގެ ބޭސްވެރިކަމަށް ހޯދިފައެވެ. ހިޖާމާއާ ބެހޭ ގޮތުން، ކީރިތި ރަސޫލާއަށް ނިސްބަތް ކުރެވޭ ހަދީސްއާ މިކަން ފުށެއް ނާރައެވެ. އެކަލޭގަފާނުގެ އެ ހަދީސްފުޅު ގުޅެނީ އެދުވަސްވަރު އެކަން އޮތް ގޮތާއެވެ. އެ ދުވަސްވަރު މީސްތަކުން އެކަން ކުރަމުން އައި ގޮތާއެވެ. މިކަމުގެ އަނެއް މިސާލަކީ އެ ދުވަސްވަރުގެ ދަތުރު ފަތުރުކޮށް އުޅުނު ގޮތާއި ގެދޮރު ބިނާކޮށް އުޅުނު ގޮތެވެ. އެދުވަސްވަރު އެކަލޭގެފާނު ވެސް ދަތުރުކުރެއްވީ އޭރު އެކަން ކުރެވެން އޮތް ގޮތަށެވެ. ޖަމަލާއި އެފަދަ އެހެން ވެސް ދިރޭ ސަވާރީތަކުގެ މަތީގައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅާއި، އަދި އެކަލޭގެފާނުންގެ ގެކޮޅު ވެސް ބިނާކުރެއްވީ ކިސަޑާއި ކަދުރު ރުކުގެ ފަނުންނާއި އޮށިންނެވެ. މީގެ މާނައަކީ ސަވާރީގައި ދަތުރުކުރުމާއި ކިސަޑުންނާއި ފަނުއޮށިން ގެދޮރު އެޅުން މޮޅު އިތުރުވުމެއް ނޫނެވެ. ކަދުރު ރުއް ތަލްގީހުކުރުމާ ބެހޭ ގޮތުން، އެކަލޭގެފާނުގެ ވިދާޅުވެފައިވާ ވިދާޅުވުމުގެ މައްޗަށް ބަލާލުމުން މިކަން ސާފުވެއެވެ. މަސައްކަތްތަކަކީ އިލްމީ ހޯދުންތަކުގެ އަލީގައި ކުރިއަރައި ތަރައްގީވާ ކަންކަމެވެ. ހިޖާމާގެ ފައިދާ ކުރަނީ ކޮން ކަހަލަ ކަންކަމަކަށްކަން މިހާރު ދެނެގަނެވިދާނެއެވެ. އެކަމާ ބެހޭ އިލްމީ ހޯދުންތައް ހޯދައިގެންނެވެ. އެކަމުގެ މައްޗަށް ބަލައި، އެކަން ކުރަން ބޭނުން ނަމަ، އެކަން ކުރަންވީއެވެ.

އާދެ، މީގެ މާނައަކީ ފަހަރެއްގައި ވެސް، ހިޖާމާ ޖެހުން ހުއްޓުވައި މަނާކުރާ ވާހަކައެއް ނޫނެވެ. އެކަން ކުރަން ޖެހޭނީ އެކަމުގެ ހަގީގަތް އެނގޭ، ސިއްހީ ގޮތުން ގެއްލުންތައް ނުލިބޭ ފަދަ ގޮތެއްގައެވެ. އެހެންވެ، ކަމާ ބެހޭ އިދާރާތަކުން، ހިޖާމާއާ ބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކުގެ ދަށުން އެކަންކުރަން ބުނުމަކީ އެކަން ކުރުން އޮންނަން ޖެހޭނޭ ގޮތް ކަމުގައި ބުނެވިދާނެއެވެ. ހިތު ހުރި މީހަކަށް، އެމީހަކު ބޭނުން ގޮތަކަށް އެކަން ކުރަން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ބުނަން ދައްޗެވެ. މިފަދަ ކަންކަން ވަކި އޮނިގަނޑަކަށް ފެއްތުމާއި ޣައިރު ގާނޫނީ އަދި ބަދުއަޚުލާގީ އެހެން ކަންކަން ނުހުއްޓުވައި އޮތުމަކީ ދެރަކަމެކެވެ. ޝައްކެއްނެތް ގޮތުގައި އެފަދަ ކަންކަމަކީ ވެސް ހުއްޓުވަންޖެހޭ ކަންކަމެވެ. ނަމަވެސް، ޣައިރު ގާނޫނީ އަދި ބަދުއަޚުލާގީ ކަންކަން ނުހުއްޓުވިފައި އޮތުމަކީ އެހެން ކަންކަން ވެސް ކޮންމެ މީހަކު ބޭނުން ގޮތަކަށް ކުރުން ދޫކޮށްލުން މަޖުބޫރުކުރުވާ ކަމަކަށް ވާކަށް ނުޖެހެއެވެ.