Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޝައްވާލު މަހުގައި މާހަނދުގެ ތިން ރޭ

މި ޝައްވާލު މަހުގެ 15، 16 އަދި 17 ވިލޭރޭއަކީ މާހަނދު ފަދަ ބިޔަ ސައިޒުގައި ހަނދު ފެންނަ ތިން ރެއެވެ. ފަނަރަ ވިލޭރޭ ހަނދު އުދަވެގެން އަންނަ ވަގުތަށް ވުރެ މެންދަމުގެ ފަހު ހަނދުގެ އަލިކަން ފުރިހަމަވެފައި ހަނދުގެ ސައިޒު ވެސް ބިޔަވާނެއެވެ. ސަބަބަކީ، ހަނދު ފުރިހަމަވާ ވަގުތަކީ، މޭ މަހުގެ 16 ވަނަ ހޯމަ ދުވަހު ހެނދުނު މާލޭ ގަޑިން 9 ގަޑި 11 މިނެޓް 28 ސިލުންތު ކަމުގައި ވާތީއެވެ.

ހަނދު މާހަނދެއް ކަމުގައި ބުނަނީ، ހަނދުގެ ސައިޒު ދުނިޔެއަށް ފެންނަ ބޮޑު ކުޑަމިނަށް ރިޢާޔަތްކޮށެވެ. ހަމައެކަނި ހަނދުގެ އަލިކަމުގެ މިންވަރުގެ މައްޗަކަށް ނޫނެވެ. އެހެން އެވަނީ ހަނދުގެ އަލިކަން އެންމެ ފުރިހަމަވާ ވަގުތު ހަނދުގެ އަލިކަން ވެސް ޢާންމު ޙާލަތަށް ވުރެ %30 އިތުރުވާތީއާއި، ޢާންމު ޙާލަތުގައި ހުންނަ ސައިޒަށް ވުރެ ހަނދުގެ ސައިޒު ވެސް %14 ބިޔަކޮށް ދުނިޔެއަށް ފެންނާތީއެވެ.

ދުނިޔެއާ އެންމެ ކައިރިއަށް ހަނދު އަންނަނީ 363,300 ކިލޯ މީޓަރަށެވެ. އެންމެ ކައިރީގައި ހުންނަ ދުރުމިނަށް ފަލަކީ އިޞްޠިލާޙުގައި ކިޔާ އިނގިރޭސި ނަމަކީ "ޕެރިޖީ" އެވެ.

މި ޝައްވާލު މަހުގައި ހަނދު ދުނިޔެއާ އެންމެ ކައިރިއަށް އަންނަނީ ވިރުސިކަ ރާހި (ސްކޯޕިޔޯ ސައިން/ ޢަޤްރަބު ބުރުޖު)ގެ ނޮރަ ނަކަތުގެ 4 ދަރަޖަ 44 ދަގީގުގައި ހަނދު ހުންނަ ވަގުތުގައެވެ. އެ ޕޮޒިޝަނުގައި ހަނދު ހުންނަ އިރު ހަނދާއި ދުނިޔެއާ ދެމެދު ހުންނަ ދުރުމިން ބަލާ ފަލަކީ ހަމައިން ހަނދު ހުންނަ ދުރުމިނަކީ 362,132 ކިލޯމީޓަރެވެ. އެވަގުތު ހަނދުގެ ބޮޑުމިނަކީ، ހަނދުގެ ސައިޒު ވަޒަންކުރާ ފަލަކީ ޙިސާބުގެ މިންގަނޑުން ބަލާއިރު 16.5 ސެމީޑައިމީޓަރެވެ.

އެ ހަމައިން މި މޭމަހުގެ 16 ވަނަ ރޭގެ ހަނދަށް ވުރެ 17 ވަނަ ރެއާއި 18 ވަނަ ރޭގެ ހަނދު ބިޔަވާނެއެވެ. އަދި 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު ހަނދުގެ ސައިޒަކީ 16.6 ސެމީޑައިމީޓަރެވެ. އެހެނަސް އެ ދެ އެރޭގައި ހަނދު އުދަވާއިރު ހަނދު ކެފޭން ޖަހާފައި ހުންނާތީ ކެފޭން ޖަހާފައި ހުންނަ ހަނދަށް މާހަނދެކޭ ނުކިޔާނެއެވެ. ސުޕަރމޫން ނުވަތަ "މާހަނދު" ކިޔާނީ ހަނދުގެ އަލިކަން ފުރިހަމަވާ ރޭގެ ހަނދަށެވެ.

މި އަހަރުގެ އެންމެ ފުރިހަމަ މާހަނދު ފެންނާނީ ޛުލްޤަޢިދާ މަހުގެ 15 ވިލޭރެއާއި 16 ވިލޭރޭގައެވެ. އަދި ޛުލްޙިއްޖާ (ޙައްޖު) މަހުގެ 13 ވިލޭރެއާއި 14 ވިލޭރެއާއި 15 ވިލޭރޭ ގައެވެ.

މި މޭމަހުގެ މި ވަގުުތުކޮޅަކީ ހުޅަނގު މޫސުމުގެ ކެތި ލައިގަނެފައިވާ ދުވަސްވަރު ކަމަށްވެފައި ހަނދު މިވަގުތު ދަތުރުކުނީ ވެސް ތުލަ އާއި ވިރިސިކަ އާ ދެ ރާހީގެ ނަކަތް (މަންޒިލް) ތަކުން ކަމަށްވުމުން ވިއްސާރައިގެ ބާރު ވެސް ޢާންމު މިންވަރަށް ވުރެ ގަދަވާނެތީ، އުޑުމަތި ސާފުނުވުމުން، ސާފުކޮށް ހަނދު ފެނުމުގެ ފުރުޞަތު ފުޅަލެއް ނުވާނެއެވެ.