...

Support Us

ކޮލަމް މާޒީ: ތިމާގެ ދަރި ތިމާއަށް ދޮންފުތުވުމަކީ ނުރައްކާތެރި ބަދުނަސީބެކެވެ.

 

"ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއެވެ." މިއީ ދިވެހި ބަހުގައި އޮންނަ މުޙާވިރާއެކެވެ. އަދަބީ ބަހެކެވެ. މިއީ އެ މީހެއްގެ ދަރިއަކު ނުވަތަ ލޯބިވާ މީހަކު ކިތަންމެ ވިޔާނުދާ ކަމެއް ކުރިކަމުގައި ވިޔަސް އެ ކުރީ ވިޔާނުދާ ކަމެއް ކަމަށް އެ މީހާ ނުދެކޭ ނަމަ އަދި އޭނާ ގަބޫލުކުރާ ގޮތުން އޭނާގެ ދަރިއެއް އެ ފަދަ ވިޔާނުދާ ކަމެއް ނުކުރާނެކަން ބަޔާންކޮށް ބުނެ އުޅޭ ބުނުމެކެވެ. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން މިއީ އަދަބީ ބަހުގެ ތެރެއިން މުސްކުޅި ބަހެކެވެ.

މިއަދު އަޅުގަނޑުމެންގެ ދިވެހީންގެ ތެރެއިން މި ބާވަތުގެ މީހުން ފެންނަކަމީ ހަގީގަތެކެވެ. އެބައިމީހުން، ވަކި މީހަކަށް ނުވަތަ ބަޔަކަށް ތާއީދުކުރާއިރު ޢަމަލުކުރަނީ މި އުޞޫލުންނެވެ. އެއީ އެ މީހަކަށް ނުވަތަ އެ ބަޔަކަށް ކަނު ލޮލަކުން ބަލައި، ބީރު ކަންފަތަކުން އަޑުއަހާތީ ވާ ގޮތެކެވެ. އިންސާފާއި ޙައްޤަށް ރުޖޫޢަނުވެ އަމިއްލަ އެދުން އިސްކުރެވޭތީ ވާ ގޮތެކެވެ. މި ފަދަ މީހުން ދެނެގަނެވޭނެ އެންމެ ފަސޭހަ ގޮތަކީ އޭނާ ލޯބިވާ ނުވަތަ ތާއީދުކުރާ މީހަކު ކިތަންމެ ވިޔާނުދާ ވާހަކައެއް ދެއްކިޔަސް ނުވަތަ ނުބައި ޢަމަލެއް ކުރިޔަސް އެކަން ދިފާޢުކޮށް އެއީ ޙައްޤު ގޮތްކަމަށް ވަކާލާތުކުރޭތޯ ބެލުމެވެ. އެ ގޮތަށް އޭނާގެ ޢަމަލުތައް ހުންނަ ނަމަ، އެއީ އެ ފަދަ ބަދުނަސީބުވެރިއެކެވެ. އޭނާގެ ނަޒަރުގައި ޙައްޤު އޮންނާނީ އޮތް ތާކުގައެވެ. އޭނާ ދެކޭ ގޮތް އެއީ ޙައްޤުކަމަށް ވަކާލާތުކުރާނެއެވެ. މި ފަދަ މީހުންނަށް ކިޔާ ޚާއްޞަ ނަމެއް ވެސް ދިވެހިބަހުގެ ރަދީފުގައި އޮއްވައި ދުށީމެވެ. އެއީ ގުސްތަރެވެ. މި ބާވަތުގެ ގުސްތަރުތައް ސިޔާސިއްޔަ ދާއިރާއާއި ދީނީ ތަޢުލީމުގެ ދާއިރާގައި ވެސް ހަމަ ވަރަށް ގިނައިން އުޅޭތީ ފެނެއެވެ. އެ ފަދަ މީހުން އަމިއްލައަށް ދެނެގަތުން ހުއްޓެވެ.

ބައެއް މީހުން ވަކި ބަޔަކަށް ނުވަތަ މީހަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ޖަމާޢަތަކަށް ތާއީދުކުރަނީ އެ މީހަކީ ނުވަތަ ބަޔަކީ އިޚުލާޞްތެރި، އިންސާފުވެރި، ތެދުވެރި ބަޔެއް ކަމުގައި ދެކިގެން ޙައްޤާއި އިންސާފަށް ޓަކައެވެ. މި ނަޒަރުން ތާއީދުކުރާ މީހަކު ނަމަ، އެ މީހަކު ތާއީދު ކުރާ މީހަކާމެދު ބަލާނީ ކަނު ލޮލަކުންނެއް ނޫނެވެ. އަޑުއަހާނީ ބީރު ކަންފަތަކުންނެއް ނޫނެވެ. އެހެނީ އޭނާ ކުރާ ތާއީދަކީ ޙައްގަށް ނުވަތަ އިންސާފާއި ޢަދުލަށް ޓަކައި ކުރާ ތާއީދެކެވެ. މި ފަދަ ލޯތްބާއި ތާއީދުގައި އޭނާގެ ލޯ ކަނެއް ނުކުރާނެއެވެ. ކަންފަތް ބީރެއް ނުކުރާނެއެވެ. ވަކި ސަބަބަކަށް ޓަކައި އޭނާ ތާއީދު ކުރި މީހާގެ ފުށުން ނުވަތަ ތާއީދު ކުރި ބަޔެއްގެ ކިބައިން ދޮގާއި މަކަރާއި ޚިޔާނާތާއި އޮޅުވައިލުން ހާމަވާ ހިސާބުން އޭނާ ކުރި ތާއީދު ދޫކޮށްލާނެއެވެ. އޭނާ ވީ ލޯބި ނެތިގެންދާނެއެވެ.

ބުއްދިވެރި ބަހެއްގައި އޮވެއެވެ. ވަކިވާން ޖެހިއްޖެ ނަމަ ވަކި ނުވެވޭ ވަރަށް އެކަކާ ވެސް އެކުވެރި ނުވާށެވެ. އަދި އެކުވެރިވާން ވެއްޖެ ނަމަ، އެކުވެރި ނުވެވޭ ވަރަށް މީހަކު ދެކެ ރުޅި ވެސް ނާންނާށެވެ. މި އުޞޫލާ ޚިލާފަށް މީހަކު ދެކެ ލޯބި ވެވިއްޖެ ނަމަ، ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ތާއީދުކޮށްފި ނަމަ، އެ މީހެއްގެ ލޯ އޭނާގެ މައްޗަށް ކަނުވެ ކަންފަތް ބީރުވާނެއެވެ. އޭރުން އެ މީހަކަށް އެ ތާއީދުކުރަނީ "ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެޔޭ" ބުނާ އުޞޫލުންނެވެ.

ލޯ ކަނުކޮށް ކަންފަތް ބީރުކޮށްގެން މީހުންގެ ޢަމަލުތަކަށް ބަލަނީ ނުވަތަ "ތިމާގެ ދަރި ތިމާއަށް ދޮންފުތު"ވަނީ ޙައްޤާއި އިންސާފުން އެއްކިބާވެފައިވާ މީހުންނެވެ. އެއީ ޢަދުލާއި ހަމަހަމަކަމަށް ބެލުމުގެ ބަދަލުގައި އަމިއްލަ އެދުމަށް އަޅުކަންކުރާ މީހުންނެވެ. މި ފަދަ މީހުންނަށް އިންސާފަކަށް ވާނީ އޭނާއަށް މަޞްލަޙަތު ހުރި ގޮތެކެވެ. ޤާނޫނަށް ޢަމަލު ކުރާންޖެހޭނީ އެހެން މީހުންނެވެ. ގާނޫނުގައި ކޮންމެ ވާހަކައެއް އޮތަސް އޭނާ ބޭނުންވާ ކަމެއް އޭނާއަށް ޙާޞިލުވާންޖެހޭނެއެވެ. އޭނާއަށް ބޭނުންވާ ކަމެއް ޙާޞިލު ނުވެއްޖެ ނަމަ، އަދުލު އިންސާފުގެ ވާހަކަ ދައްކާނެއެވެ. ކޮރަޕްޝަންގެ ވާހަކައާއި ބޭއިންސާފުގެ ވާހަކަ ދައްކާނެއެވެ. އެހެން މީހުންނަށް ވަގަށް ގޮވައި ހަދާނެއެވެ. ނަމަވެސް "ތިމާގެ ދަރި" ނުވަތަ ތިމާ ތާއީދުކުރާ ބަޔަކު ކިތަންމެ ވިޔާނުދާކަމެއް ކުރިޔަސް އަދި ވައްކަން ކުރިޔަސް އޭނާގެ ލޮލަކަށް އެ ކަމެއް ނުފެންނާނެއެވެ. އަޑެއްވެސް ނީވޭނެއެވެ. މި ފަދަ މީހުންނަށް މަކަރާއި ރިޝްވަތާއި ކޮރަޕްޝަން ވާނީ ހަދިޔާއަށެވެ. ދަރަނި ވާނީ ހިލޭ އެހީއަށެވެ. ޤައުމީ އަޅުވެތިކަން ވާނީ ޙިމާޔަތަށެވެ. ވައްކަން ވާނީ ފައިދާއަށެވެ. ކައު ސާހިބާއަށް މަލާމާތްކޮށް އިސްލާމް ދީނަށް މަލާމާތްކުރުންވާނީ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށެވެ. މިއީ އަމިއްލަ އެދުމާއި ނާއިންސާފުގެ އިންތިހާއެވެ.

މި ދެންނެވި ފަދަ އަމިއްލަ އެދުން ބޮޑު މީހުންނަކީ އެ މީހުންގެ ހިތުގެ ލޯ ކަނުކުރައްވައިފައިވާ މީހުންނެވެ. އެ މީހުނަށް ޙައްޤު މަގެއް ނުފެންނާނެއެވެ. ޙައްޤު އަޑެއް ނީވޭނެއެވެ. ޙައްޤު ގޮތެއް ނުވިސްނޭނެއެވެ. މީހަކު ކިތަންމެ ހެޔޮ ވާހަކައެއް ދެއްކިއަސް، އެއީ އޭނާ ބޭނުންވާ އަދި އޭނާ އަޑުއަހާން ބޭނުންވާ ވާހަކައަކަށް ނުވާނަމަ، އެ ވާހަކައަކާ ނުވެސް ވިސްނާނެއެވެ. ނުވެސް ވިސްނޭނެއެވެ. މި ފަދަ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް ވަލުޖަނަވާރަށް ވުރެ ވެސް ފުރެދުންތެރިކަން ބޮޑު ޖާހިލު މީހުންނެވެ.

މި ފަދަ މީހުންނަށް މި ގޮތް ދިމާވަނީ އެ މީހުން ﷲގެ ޙައްޤު މަގާ ދުރުވެ ﷲގެ އެންގެވުންތަކަށް ޢަމަލު ނުކޮށް އެކަލާނގެ ނަހީކުރެއްވި ކަންކަމަށް އަރައިގަތުން ތަކުރާރުކޮށް ތައުބާ ނުވެ އެއީ އެ މީހުންގެ މުޅި ޙަޔާތުގެ ނާރެސްކަމުގައި ބެލީތީއެވެ. މި ފަދަ މީހުންނާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅު އަޑުއަހައިލަމާތޯއެވެ! "لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُوْلَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُوْلَٰٓئِكَ هُمُ ٱلْغَٰفِلُونَ." "އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.") (سورة الأعراف:179).  މި ގޮތަށް މި މީހުން އުޅެމުން ގޮސް އެ މީހުންގެ ކަންފަތްތަކުގައި ރީއެޅި، ލޯތައް ކަނުވެއްޖެ ނަމަ ދެން އެ މީހުންނަށް (ދުވަހަކު ވެސް) ޙައްޤު ގޮތެއް ނުފެންނާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُونَ") "(އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (ޙައްޤުގެ މަގަކަށް) ރުޖޫޢައެއް ނުވާނެތެވެ.") (سورة البقرة:18)

ވީމާ، އަޅުގަނޑުމެންނަކީ ޙައްގު ގޮތް އިޚުތިޔާރުކޮށް ޢަދުލު އިންސާފަށް ލޯބިކުރާ ބަޔަކަށް ވާން އެބަޖެހެއެވެ. ލޯ ކަނުކޮށްގެން ކަންފަތް ބީރުކޮށްގެން "ތިމާގެ ދަރި ތިމާއަށް ދޮންފުތު"ވުން ހުއްޓާން އެބަ ޖެހެއެވެ. އިސްލާމް ދީނުގެ ހަރުދަނާ ސާފު ސީދާ އުޞޫލުތަކުގައި ދެމި ތިބޭން އެބަޖެހެއެވެ. މީހަކަށް ތާއީދުކޮށް ލޯބިވާންވީ ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޓަކައި ކަމަށް ހަދާން އެބަޖެހެއެވެ. މިކަން ހަނދާންކުރާން އެބަ ޖެހެއެވެ. އަޅުގަނޑުމެންނަށް ހެޔޮ ގޮތް ވިސްނުމުގެ ތައުފީޤު ދެއްވައި ހިދާޔަތުގެ މަގުގައި އަބަދާއި އަބަދު ލެހެއްޓެވުން އެދި ﷲގެ ޙަޟުރަތުގައި އިޚުލާޞްތެރިކަމާއެކު ދުޢާކޮށްކޮށް ތިބޭން އެބަޖެހެއެވެ. މި ކަމަށް ޓަކައި ތިމާމެންގެ ހިތްތަކުން ޙަސަދަވެރިކަމާއި ތަޢައްޞުބާއި ބަދަލުހިފުމުގެ ޝުޢޫރު ނައްތައިލާން އެބަޖެހެއެވެ. ތިމާގެދަރި ތިމާއަށް ދޮންފުތު ނުވެ ޙައްޤުގެ މަތީގައި ސާބިތުވެ ތިބޭން އެބަޖެހެއެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންނަށް ސަލާމަތެއް ނެތެވެ. "ފަހެ އެއުރެން ޙައްޤުމަގަށް ރުޖޫޢައެއް ނުވާނެ" ކަމަށް މާތް ﷲ އަންގަވައި އިންޒާރުކުރައްވައިފައިވާ ބަދުނަޞީބު މީހުންގެ ތެރޭގައި ނުލެއްވުން އެދި ހެޔޮ މަގުގައި ސާބިތުވެ ތިބުމަށް ޓަކައި އަބަދާއި އަބަދު ގަދައަޅައި މަސައްކަތްކުރާން އެބަޖެހެއެވެ.

ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ މަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށިއެވެ! އަޅުގަނޑުމެންގެ ލޯތަކަކީ ޙައްޤު ގޮތް ފެންނަ ލޯތަކެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ ކަންފަތްތަކަކީ ޙައްޤު އަޑު އިވޭ ކަންތަކެއްކަމުގައި ލައްވައި، ސިކުނޑިތަކަކީ ޙައްޤު ގޮތް ވިސްނޭ ސިކުނޑިތަކެއް ކަމުގައި ލައްވާށިއެވެ! އިސްލާމް ދީނުގެ ފުރިހަމަ ހިދާޔަތުގައި މިނިވަންކަންމަތީ އަބަދަށް މި ޤައުމު ލަހައްޓަވާށިއެވެ!

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.