Support Us

ކޮލަމް ކޯދު: "ރެޑް އިންޑިޔަނުން"ނަށް ނިސްބަތްކުރެވޭ ބުއްދިވެރި ބަސްކޮޅެއް

ތިރީގައި މިވަނީ އެމެރިކާގެ އަސްލު އަހުލުވެރިން، އާދެ، "ރެޑް އިންޑިޔަނުން"ނަށް ނިސްބަތްކުރެވޭ ބުއްދިވެރި ބަސްކޮޅެކެވެ. މީގެ ތެރެއިން ބައެއް ބަސްބަހީ އެހެން ސަގާފަތްތަކުގައި ވެސް ހިމެނޭ ބުއްދިވެރި ބަސްބަހެވެ.

  1. ދުވަސްވުމުން އޮންނަނީ ވާހަކައެވެ. ކުޑައިރު، ކަރުނައެވެ.
  2. އަހަރުމެން ކޮންމެ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ވެސް ދެ ވިޔަޅު، (ވުލްފު) ތަޅާފޮޅަމުން ދެއެވެ. އެއް ވިޔަޅަކީ ނުބައި މަގަށް މަގުދައްކާ ޝިއްރީރެކެވެ. އަނެއް ވިޔަޅަކީ ރަނގަޅު މަގަށް މަގުދައްކާ ހެޔޮ އެއްޗެކެވެ. މިތަނުން ކާމިޔާބު ލިބެނީ ކޮން ވިޔަޅަކަށް ހެއްޔެވެ؟ އެ ވިޔަޅަކަށް އިނބަ ކާންދޭ ވިޔަޅަކަށެވެ!
  3. އިނބަ ދުނިޔެއަށް އައީ ރޮމުންނެވެ. ނަމަވެސް، އޭރު އެންމެންވެސް އުފާކުރިއެވެ. އިނބަ މަރުވާ ދުވަހު، އެންމެން ރޯއިރު، އިނބަ އުފާކުރޭނޭ ގޮތް މެދުވެރިކުރާނޭ ފަދަ ގޮތަކަށް އިނބަގެ ހަޔާތް ވޭތުކޮށްލާށެވެ.

މި މާނަ ދޭހަވާ އަރަބި ޅެން ބައިތެއް އޮވެއެވެ.

ولدتك أمك يا ابن آدم باكيا * والناس حولك يضحكون سرورا

فاحرص لنفسك أن تكون إذا بكوا * في يوم موتك ضاحكا مسرورا

މާނައަކީ: އޭ އާދަމުގެ ދަރިޔާއެވެ! ކަލޭގެ މަންމަ ކަލޭ ވިހޭއިރު ކަލޭ އޮތީ ރޮއިރޮއެވެ. އޭރު މީސްތަކުން ކަލޭގެ ވަށައިލައި އުފަލުން ހެނީއެވެ. ފަހެ، ކަލޭ މަރުވާ ދުވަހު، އެމީހުން ރޯއިރު، ކަލޭ އުފަލުން ހުނުމަށްޓަކައި، ކަލޭގެ ނަފްސާ މެދު ރައްކާތެރިވެ [ހެޔޮ އަމަލުކުރާށެވެ!]

  1. އަނގައިގެ ގުރުރުން ގިނަކުރުމަށް ވުރެ، އަތުގެ ވިދުވަރު ގިނަކުރުން ހެޔޮވެގެންވެއެވެ. (އާދެ، ބަސްމަދުކޮށް އަމަލު ގިނަކުރާށެވެ!)
  2. އަޑުއަހަން އާދަކުރާށެވެ! އެހެން ނޫނީ ކަލޭގެ ދޫ ކަލޭ ބީރަކަށް ހަދާލަފާނެއެވެ.
  3. ހިކުމަތްތެރިކަން ހޯދަން އުޅޭށެވެ. މައުލާމާތެއް ނޫނެވެ. މައުލޫމާތު ގުޅެނީ މާޒީއާއެވެ. ނަމަވެސް، ހިކުމަތް ގުޅެނީ މުސްތަގުބަލާއެވެ.
  4. އެމީހާގެ އެއްފައި ބޮއްކުރާގައި އަދި އަނެއް ފައި ދޯނީގައި އޮންނަ މީހާ ފަޅުތެރަށް ވެއްޓޭނެއެވެ.
  5. އަހަރުމެންގެ ހިތްތަކުގައި އެމީހުންގެ ހަނދާންތައް ދެމިހުންނަހާ ހިނދަކު، މަރުވެ، އަހަރުމެން ދޫކޮށްފައިދާ އަހަރުމެންގެ ގާތް މީހުން، މަރެއް ނުވެއެވެ.
  6. ބޮލިރަވަ ހަރުފައިގެ ނިގޫ ދައްކާ ވާހަކައިގެ ބަލާޣަތްތެރިކަމަށް ވުރެ ވަކިން ބަލާޣާތްތެރި ވާހަކައެއް ނުވެއެވެ.
  7. ފަގީރުވުމަކީ ތެދުވެރިނުވުމުގެ މައްސަލައާ އަޅާބަލާއިރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ.

އާދެ، ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގައި، ތަނަވަސްވެ، ފައިސާވެރިވުމަށް ވުރެ ފަގީރުކަން މާތްވެފައި މޮޅު އިތުރުވެގެން ވެއެވެ.

  1. ހިއްވަރު ގަދަ މީހާ މަރުވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް، ފިނޑި މީހާ އެތައް ފަހަރަކު މަރުވެއެވެ.
  2. ލޮލުން ކަރުނަ ނުފޭދޭ ނަމަ އިންސާނާގެ ރޫހަށް އުފާވެރިކަން ވެސް ލިބިގެން ނުވެއެވެ.
  3. (ހަނގުރާމައިގެ މައިދާނާ) ދުރުގައި ހުރެ ހިއްވަރުގަދަކަން ދެއްކުމަކީ ދާދި ފަސޭހަ ކަމެކެވެ.
  4. އަހަރެންގެ ދުޝްމަނަކީ ހިއްވަރު ހުރި އަދި ގަދަފަދަ ބައެއް ކަމުގައި ހަދާށެވެ. އޭރުން، އެމީހުން އަތުން އަހަރެން ބަލިވި ނަމަވެސް، އަހަރެން ލަދުގަންނާކަށް ނުޖެހޭނެއެވެ.
  5. ހަޔާތުގެ އުދަރެސް ބަނަވެ، ކަޅުވުމުން އަޅުކަންކޮށް ދުއާކުރާ ފަދައިން ހަޔާތުގެ އުދަރެސް އަލިވެ، ރީތިކޮށް އޮންނައިރު ވެސް އަޅުކަންކޮށް ދުއާކުރަށް ހަނދާންކުރާށެވެ.
  6. މިއަދުގެ ބޮޑު ބައެއް އިއްޔެ ބޭނުން ކުރިއަނުދޭށެވެ! (މި ބަހުގައި މިއަދާއި އިއްޔެ ވަނީ ތަޝްޚީސްކުރެވި މީހަކަށް ހަދާލެވިފައެވެ.)
  7. ކުއްތާތަކާ އެކު ނިދާ މީހުން، ހޭލެވޭއިރު އެމީހުންގެ ގައިގާ ސެއްޅި އުޅޭނެއެވެ.
  8. މުތެއް އިތާގެ ތެރޭގައި ފޮރުވިފައި އޮންނަހާ ހިނދަކު އެއަށް އެއްވެސް އަގެއް ލިބިގެން ނުވެއެވެ.
  9. ކައި، ބަނޑުބޮޑުވެފައިވާ ދޫންޏަކަށް ނުކައި ބަނޑުހައިވެފައި އިން ދޫންޏަކާއެކު އުދުހިފައި ނުދެވޭނެއެވެ.
  10. ކާމިޔާބު ހޯދާ ކޮންމެ މީހަކު ވެސް، އެއް ދުވަހެއްގައި އެކަން ފެނިފައި އޮންނާނީ ހުވަފެނެއްގެ ގޮތުގައެވެ.
  11. ކަންކަން ފުރިހަމަ ގޮތުގައި ނުކުރެވުމުގެ ސަބަބަކީ އަވަސް އަރައިގަނެގެން ކަންކަން ކުރަން އުޅުމެވެ.
  12. ގިސްލައި ރޯން ޖެހިލުންނުވާށެވެ. އެހެނީ އޭރުން، ދެރަވާ ފިކުރުތަކުން ހިތް ހުސްކޮށްލެވޭނެއެވެ.
  13. ތާރީޚެއް ނެތް ބަޔަކީ މުލެއް ނެތް ގަހެއް ފަދަ ބަޔެކެވެ. މަޑު ރޯޅިއެއް ވެސް އެ ގަސް ލުހެލައި ވައްޓާލަފާނެއެވެ.

އާދެ، ތިމާ ތިމާގެ ބިމަށް ގަދަރުކޮށް އިހުތިރާމުކުރަނީ އެ ބިމުގެ ތާރީޚާއި ސަގާފަތް އެނގިފަވުމުންނެވެ. އެހެންނުވެއްޖެ ނަމަ، ގަންނަން ބޭނުން ކޮންމެ މީހަކަށް ވެސް އެބިން ވިއްކާލަން ފަސް ނުޖެހޭނެއެވެ.

  1. އަހަރުމެންގެ އެންމެ ފުރަތަމަ އެދުރަކީ އަހަރުމެންގެ ހިތެވެ.
  2. އަހަރުމެންގެ އުފާތައް ވަރަށް ވެސް ތިލައެވެ. ނަމަވެސް އަހަރުމެންގެ ހިތާމަތައް ވަރަށް ވެސް ފުނެވެ. އާދެ، އަހަރުމެންގެ އުފާތައް މަތިން ވަރަށް އަވަހަށް ހަނދާން ނެތެއެވެ. ނަމަވެސް، އަހަރުމެންގެ ހިތާމަތައް އެތައް ދުވަހަކަށް ދާންދެން ނުފިލައި ހަދާނުގައި ހަރުލާފައި ހުރެއެވެ.
  3. ރެއާ ދުވާލު އެއް ތަނެއް ނުވާނެއެވެ.
  4. ކެއުމުގެ ކުރިން އެ ކާނާ ކާން ލިބިފައި އޮތް ކަމުގެ މައްޗަށް ޝކުރުވެރިވާން އަބަދުވެސް ހަނދާންކުރާށެވެ.
  5. އިއްޔެއަކީ ހުވަފެނެއް ފަދަ އެއްޗެކެވެ. ނަމަވެސް މާދަމާއަކީ ފެންނަން އޮންނަ ފެނުމެކެވެ. އާދެ، މާޒީއެއް ބަދަލެއް ނުކުރެވޭނެއެވެ. އަދި އަނބުރާ ނުވެސް ގެނެވޭނެއެވެ. ނަމަވެސް، މުސްތަގުބަލު އޮންނާނޭ ގޮތް ކަނޑައަޅާލެވިދާނެއެވެ. މަސައްކަތް ކޮށްގެން ބޭނުންވާ ކަންކަން ކުރިމަގުގައި ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ.
  6. ވައިޖެހޭ ދިމާ ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް، ބޭނުން ގޮތަކަށް ރިޔާ ބެހެއްޓިދާނެއެވެ.
  7. ހަޔާތަކީ އެއަށް ނިމުމެއް ނެތް އުފާތަކެއް ގެނެސްދޭ ކަމެއް ނޫނެވެ. ނަމަވެސް، ހަޔާތަކީ ކުރިމަތިނުވެ ނުދާނޭ މައްސަލަތަައް ކުރިމަތިކުރާ ކަމެކެވެ. އެކަންކަން ހައްލުކުރުމަށްޓަކައި ވަރުގަދަ އަޒުމަކާއި ހިއްވަރާ އެކު ގަދައަށް މަސައްކަތް ކުރަން ޖެހެއެވެ.
  8. އަރާނެ ބޫޓެއް ނެތުމުން އަހަރެން ޝަކުވާކުރަމުން ގެންދިޔައީމެވެ. ފައިތިލައެއް ވެސް ނެތް މީހަކު ފެނުމުން، ދެން، އަހަރެން ޝަކުވާކުރުން ހުއްޓާލީމެވެ.
  9. އަހަރުމެންނަށް އަހަރުމެން ރީތިވި ނަމަވެސް، ގިނަ ފަހަރަށް، އެހެން މީހުންނަށް އަހަރުމެން ރީއްޗެއް ނުވެއެވެ.
  10. ވަގުތު ހިފައި އަތުލާކަށް އަތެއް ލިބިގެން ނުވެއެވެ.
  11. މިއަދު މާޒީ ކަމުގައި ދެކޭ ދުވަސްތަކަކީ އެއް ދުވަހެއްގައި މުސްތަގަބަލު ކަމުގައި އޮތް ދުވަސްތަކެކެވެ.
  12. އެންމެ ފުރަތަމަ ލޯބިކުރި އެއްޗިއްސަށް އަހަރުމެން އެނބުރި ރުޖޫއަވަމެވެ.
  13. މާ ގިނައިން ވާހަކަ ނުދައްކާ ހުންނަ މީހާއާއި ވައްވައް ނުޖަހާ އޮންނަ ކުއްތާއާ މެދު ސަމާލުވެ ހުންނައްޗެވެ.
  14. "އެންމެ ފަހުގެ ގަސް ކަނޑާލެވުމުންނާއި އެންމެ ފަހުގެ މަސް ބޭނުމުންނާއި އެންމެ ފަހުގެ ފެންކޯރުގެ ފެންގަނޑު ވިހަކޮށްލެވުމުން، ފައިސާ އެއީ ކެވޭނޭ އެއްޗެއް ނޫންކަން މީހުންނަށް ވިސްނޭނެއެވެ."

މި ބަސް އެހެން ގޮތަކަށް އިބާރާތްކޮށްލެވިދާނެއެވެ. ކަމަކަށް ފަހު، ކަމެއްގެ ތެރެއަށް ބޭރު ބަޔަކު ވަދެ، ސަރަހައްދަކަށް ފަހު ސަރަހައްދެއްގެ ތެރޭގައި ގާއިމުވެ، ރަށަކަށް ފަހު ރަށަކަށް ބާރު ފޯރުވައި، އަދި އެ ހިސާބަށް ކަންތައް ދާއިރު، އެ ބަޔަކަށް ދަރަނިވެރިވެ، އެ ދަރަނި ނުދެއްކޭ ދަރަޖައަށް ގޮސް، އަމިއްލަ މިނިވަންކަން ގެއްލުމުން، ފާއިތުވެދިޔަ ދުވަސްތަކުގައި ޣަދަރުވެރި، ކަސްބީ ސިޔާސީވެރިން ދެއްކި ވާހަކަތަކަކީ މިކަމަށް މަގުފަހުކޮށްދޭން ދެއްކި ވާހަކަތައްކަން އާންމު މީސްތަކުންނަށް ވިސްނޭނެއެވެ.

  1. އަހަރުމެންގެ ޚަސްމުގެ ބަލި ފައިން އަހަރުމެންނަށް ވަރުގަދަކަން ލިބެއެވެ.

ބައެއް ފަހަރު، އަހަރުމެންގެ މައްޗަށް ބާރު ފޯރުވަން އުޅޭ މީހުންނަށް އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި ބޭނުންވާ ތަނަވަސްކަން އެމީހުންނަށް ލިބިގެން ނުވެއެވެ. މިކަން ދެނެގަނެވިއްޖެ ނަމަ، މިކަންވާނީ އަހަރުމެންނަށް ލިބޭ ގަދަފަދަ ކަމަކަށެވެ. އެހެނީ، އެމީހުންގެ އަތުގައި އެފަދަ ތަނަވަސް ކަމެއް ނެތް އިރު ވެސް، އެކަން ކުރަން ބޭނުންވެއްޖެ ނަމަ، ތަނުގެ ޚާއިނުން މެދުވެރިކޮށް، ލޯނުދީގެން، ތަނުގެ މީހުންގެ ފައިސާގައި އެކަން ކުރަން މަސައްކަތްކުރެއެވެ. މި ފުރުސަތު އަހަރުމެންގެ އެފަދަ ޚަސްމުންނަށް ނުދޭ ނަމަ، އެ މީހުންނަކަށް އަހަރުމެންގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.