Support Us

މާތް ﷲ އެކަލާނގެ ނަބިއްޔާއަަށް ދެއްކެވި މުޢުޖިޒާތެއްގެ ވާހަކަ

މިޤުދާދު ބުން އަސްވަދު ރަޟިޔަﷲ އަންހު ވިދާޅުވެފައި ވެއެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިން މަދީނާއަށް ހިޖުރަކޮށްފައި އައިސް މީސްތަކުންނާ ބައްދަލުކުރީމެވެ. ނަމަވެސް އަަޅުގަނޑުމެންނަށް މެހެމާންދާރީ އަދާކުރާނެ ބަޔަކު ނުވިއެވެ. ކެއުންބުއިމުގެ އިންތިޒާމެއް ހަމަޖެހިފައިނެތެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން އަހުރެންނާއި އަހުރެންގެ ދެ އެކުވެރިން ތިބެނީ ހާންތިވެފައެވެ. އެހެންކަމުން އަހުރެމެން މާތް ނަބިއްޔާ ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ގޮސް މިވާހަކަ ދެންނެވީމެވެ.

ދެންފަހެ އިތުރު އެކަލޭގެފާނު އަހުރެންނާއި އަހުރެންގެ ދެ އެކުވެރިން އެކަލޭގެފާނުގެ ގެކޮޅަށް ގެންދަވައިފިއެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައި އޮތީ ހަތަރު ބަކަރިއެވެ. އަދި ވިދާޅުވިއެވެ. "އޭ މިގުދާދުއެވެ. މި ބަކަރިތަކުން ކިރުފެލައިގެން އުޅޭށެވެ. އަދި ކިރުފޮދު ހަތަރު ބަޔަށް ބަހާލާފައި ކޮންމެ މީހަކުވެސް އެއްބައި ބޯލާށެވެ. އަދި ތިމަންކަލޭގެފާނަށް ވެސް ކިފޮދެއް ބަހައްޓާށެވެ." މިގުދާދު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. "އެއަށްފަހު އަހުރެންނާއި އަހުރެންގެ ދެ އެކުވެރިން އުޅެމުން އައީ އެ ހަތަރު ބަކަރިން ލިބޭ ކިރުފޮދު ބޭނުން ކުރައްވައިގެންނެވެ. ކިރުފެލާފައި ކޮންމެ ދުވަހަކުވެސް ހަތަރުބައި ކޮށްފައި އެއްބައި ރަސޫލުﷲގެފާނަށް ބެހެއްޓުމަށްފަހު އަނެއް ތިންބައި އަހުރެމެން ބޭނުންކުރަނީއެވެ." މިގުދާދު ވިދާޅުވިއެވެ.

"ކޮންމެއަކަސް އެއް ދުވަހަކު ހަވީރު އަހުރެން އާދައިގެ މަތިން ކިރުފެލުމަށްފަހު ހަތަރު ބައިކޮށްފައި އެއްބައި މާތް ނަބިއްޔާއަަށް ބެހެއްޓީމެވެ. ނަމަވެސް އެދުވަހު ވަރަށް ލަސްވީއިރުވެސް އިތުރުއެކަލޭގެފާނު އެނބުރި ވަޑައިނުގަތެވެ. އެހެންކަމުން އަހުރެން އަރާމްކޮށްލުށްޓަކައި އެނދުގައި އޮށޯވެފައި ހިތަށް އެރިއެވެ. "ޔަގީނެވެ. މިރޭވާނީ ކޮންމެވެސް އަންޞާރިއްޔަ ބޭކަލަކު މާތް ނަބިއްޔާއަށް ދައުވަތު އެރުވީކަމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ ފަރީއްކުޅުއްވައިގެންނެވެ. އެހެންކަމުން އެކަލޭގެފާނަށް ބެހެއްޓި ކިރުފޮދުވެސް އަހުރެން ބޭނުންކޮށްލާނީއެވެ.

"ފަހެ މިގޮތަށް އެތައް ފަހަރަކު އަހުރެންގެ ހިތަށް ވެރިވުމުން އަހުރެން އެނދުން ތެދުވެގެން ގޮސް އެކަލޭގެފާނަށް ބެހެއްޓި ކިރިފޮދުވެސް ބޮއިފީމެވެ. އަދި ބޮއި އަވަދިވިތަނާ އަހުރެންނަށް މިކުރެވުނު ކަންތަކާމެދު ވިސްނެންފެށިއެވެ. އަދި ދެރަވާން ފެށިއެވެ. އެހެނީ އަހުރެންނަށް ކުރެވުނީ ކުށްހީއަކަށް ވެއްޖެ ނަމަ މާތްނަބިއްޔާ ހުންނަވާނީ ބަނޑުހައި ހޫނުކަމުގައެވެ. އެހެންކަމުން ކުރެވުނު ކަންތަކާ މެދު ވިސްނޭވަރުން އަހުރެންނަށް ނިދޭ ގޮތެއްވެސް ނުވިއެވެ. އަދި އެކަމާ ބިރުން ރަޖާގަނޑު ބޮލުގައި އަޅައި ނިވާކޮށްގެން އަހުރެން އެނދުގައި އޮށޯތީމެވެ."

ކޮންމެއަކަސް އޭގެ އިރުކޮޅެއްފަހުން މާތްނަބިއްޔާ ވަޑައިގެންފިއެވެ. އަދި ނިދާފައި ތިބި މީހުންނަށް ހޭނުލެވޭ ވަރަށް އަދި ހޭލައި ތިބި ބަޔަކަށް އަޑު އިވޭނެ ވަރަށް ސަލާމް ގޮވައިލެއްވުމަށްފަހު ގެކޮޅަށް ވަދެވަޑައިގެންފިއެވެ. އަދި އެކަލޭގެފާނަށް ކިރުފޮދު ބަހައްޓާފައި ހުންނަ ތަނާ ދިމާލަށް ވަޑައިގެން ތަށިކޮޅު ބެއްލެވިއިރު ހުރީ ހުހަށެވެ. އެހެންކަމުން އަހުރެންނަށް ހެދުނު ގޯހާ މެދު އަހުރެން ވަރަށް ދެރަވިއެވެ. އަދި ޚާއްސަކޮށް އިތުރު އެކަލޭގެފާނު އުޑާ ދިމާލަށް ދެއަތް ނަންގަވައި ދުޢާކުރައްވަން ފެއްޓެވެމުން އަހުރެން ގަތް ބިރުގެ ހައްދެއް ނެތެވެ. ހިތަށް އެރިއެވެ. ކީރިތި ރަސޫލާ ﷺ އެ އުޅުއްވަނީ އަހުރެންގެ މަށްޗަށް ބަދުދުޢާ ކުރައްވާށެވެ. އެކަމުގެ ސަބަބުން އަހުރެންގެ ދުނިޔެއާއި އާޚިރަތް ހަލާކުވެދާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ ދުޢާފުޅުގެ އަޑު އިވުމުން އަހުރެން ޚައިރާންވިއެވެ. އަދި ހިތަށް ހަމަޖެހުން ލިބުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަޅުގެ ވެރިރައްބެވެ. މިއަޅާއަށް ބޯން ދިން މީހަކަށް ބޯންދެއްވާފާނދޭވެ. އަދި ކާން ދިން މީހަކަށް ކާންދެއްވާފާނދޭވެ.." މިގުދާދު ވިދާޅުވިއެވެ.

ދެންފަހެ މާތްނަބިއްޔާގެ ދުޢާފުޅުގެ އަޑު އިވުމުން އަހުރެންނަށް ކުޑަކޮށް ހިތްވަރު ލިބިއްޖެއެވެ. އަދި އެނދުން ތެދުވެ ވަޅިއެއް ހިފައިގެން ބަކަރިއެއް ކަތިލާފައި މާތްނަބިއްޔާ ފަރިއްކުޅުއްވުމަށް ތައްޔާރުކުރުމަށްޓަކައި ހިނގައިގެންފީމެވެ. ފަހެ އަހުރެން ގޮސް ބަލާލިއިރު ބަރަކިތައް ވަނީ ރޫފަރަނގަޅުވެ ވަރުޖެހިފައެވެ. ކަތިލަންވެގެން ބަކަރިއެއްގައި އަތްޖައްސާލި އިރު އަހުރެންނަށް ފާހަގަކުރެވުނީ، ފުރަތަމަ އަތްޖައްސާލި ބަކަރީގެ ވައްގަނޑުވެސް މާތްﷲގެ އިރާދަފުޅުން ކިރުއެރ ބާރުވެފައި ވަނިކޮށެވެ. އަދި ހުރިހާ ބަކަރިތަކުގައި އަތްޖައްސައި ބެލިއިރުވެސް ވަށްގްނޑުތައް ވަނީ ކިރުން ފުރިފައެވެ. އެހެންކަމުން އަހުރެން ފުދޭވަރަށް ކިރުފެލައިގެން އައިސް މާތްނަބިއްޔާގެ އަތްޕުޅަށް އެރުވީމެވެ.

އެހިނދު ނަބިއްޔާ ސުވާލުކުރެއްވިއެވެ. "އޭ މިޤުދާދުއެވެ. ތިޔަބައި މީހުން ބޮއެފީމު ހެއްޔެވެ؟" އަހުރެން ދެންނެވީމެވެ. “ފުރަތަމަ ކަލޭގެފާނު ކިރުފޮދު ހިއްޕަވާށެވެ." ދެން ނަބިއްޔާ ކިރުފޮދު ހިއްޕަވާފައި އަހުރެންގެ އަތަށް ދިނުމުން އަހުރެން ދެންނެވީމެވެ. "އަދިވެސް ހިއްޕަވާށެވެ." ދެން އެކަލޭގަފާނު އަނެއްކާވެސް ރަނގަޅަށް ކިރުފޮދު ހިއްޕެވުމުން އަހުރެންނަށް ކުރެވުނު ކަންތަކާއި ގަތް ބިރާއި ކުރެވުނު ޚިޔާލުތަކުގެ ސަބަބުން ބޭއިޚްތިޔާރުގައި އަހުރެން ހިނި އަތުވެއްޖެއެވެ. އަދި ހެމުންހެމުން ގޮސް އަހުރެން ބިންމަށްޗަށް ވެއްޓުނެވެ. އެހިނދު ނަބިއްޔާ ސުވާލު ކުރެއްވިއެވެ. "އޭ މިގުދާދުއެވެ. އަނެއްކާ ވީ ކީތްހެއްޔެވެ؟" ދެން އަހުރެން ހުރިހާ ވާހަކައެއް ކިޔައި ދެއްނެވުމުން ރަސޫލުﷲގެފާނު ހަދީސްކުރެއްވިއެވެ. "އޭ މިގުދާދުއެވެ. މިއީ މާތްﷲ ގެ ރަހުމަތެވެ. ކަލޭގެފާނުގެ އަނެއް ދެ އެކުވެރިންނަށް ގޮވި ނަމަ އެ މީހުންނަށްވެސް ކިރު ބޮވުނީހެވެ."

މަސްދަރު: އެންޖޯއީ ޔުއަރ ލައިފް/ ޑޮކްޓަރ މުޙައްމަދު އަބްދުއްރަޙްމާން އަލްއަރީފީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *