...

Support Us

ކޮލަމް އަތުކުށް: އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން- މުޅީން ތަފާތު ދެ މާނައެއް ދޭހަވާ، ތަފާތު ދެ ލަފުޒެއް

އަޅުގަނޑު ކުރިން ލިޔުނު ލިޔުމެއްގައި ވެސް ބަޔާންކޮށްފައިވާނޭ ފަދައިން ދީނީ ލިޔުންތަކާއި ޤާނޫނީ ލިޔުންތައް ކުށުން ސަލާމަތްވެފައި ހުރުމަކީ އަޅުގަނޑުމެން އެންމެން ވެސް ވަރަށް ބޮޑަށް އެދޭނޭ ކަމެކެވެ. އާދައިގެ ނޫހެއްގައި އޮންނަ ކުށަކާ މެދު އެހާ ބޮޑަށް ކަންބޮޑެއް ނުވެއެވެ. ނަމަވެސް ދީނީ ނުވަތަ ޤާނޫނީ ލިޔުންތަކުން ބޮޑެތި ކުށްތައް ފެނުމަކީ ވަރަށް އަސަރުކުރާ ކަމެކެވެ.

މިއަދު މި ނަކަލުކޮށްލަނީ ވެސް ދާދި ފަހުން ވަރަށް މުހިންމު ދީނީ ލިޔުމަކުން އަޅުގަނޑު ދުށް ޢިބާރާތެކެވެ. ދެ ޖުމުލައެވެ. އެ ދެ ޖުމުލައިގައި އޮންނަނީ "ކީރިތި ރަސޫލާ ބަޔާންކޮށްދެއްވައިފައިވަނީ މީސްތަކުންނާ ސަލާމްކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއް ކަމުގައެވެ. އެއީ އެ ކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާވެރިކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމުގެ ސިފަ އާލާވެގެންދާނެތީއެވެ." މިހެންނެވެ.

މި ޢިބާރާތުގައި ވާ ގޮތުން ސަލާމްކުރުމަކީ އެކަމުގެ ސަބަބުން އެއްބައެއްވަންތަކަމުގެ ސިފަ އާލާވާނެ ކަމެކެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. އެއްބައެއްވަންތަކަމަކީ މީހަކު ނުވަތަ ބަޔަކު ޢަމަލުކުރާ ގޮތަކުން ލިބިގަނެވޭނެ ސިފައެއް ނޫނެވެ. އެހެނީ "އެއްބައެއްވަންތަކަން" އެއީ އެއް ބަޔަކަށް ނުވަތަ އެއް ނަސްލަކަށް ނިސްބަތްވެގެންވާކަން ދޭހަކޮށްދޭ ލަފުޒެކެވެ. ދިވެހިބަހުގެ ރަދީފުގައި، އެއްބައެއްވަންތަކަމުގެ މާނައެއްކަމަށް އޮންނަނީ އެއީ "އެއް ދަރިކޮޅަކާއި އެއް ދީނަކާއި އެއް ސަގާފަތަކާއި އެއް ބަހަކަށް ނިސްބަތްވެގެންކަން" ކަމުގައެވެ. ވީމާ، މީހަކު ސަލާމްކޮށްލައިގެން ނުވަތަ ސަލާމް ނުކޮށްގެން މި ނިސްބަތްވުމަކަށް ބަދަލެއް ނާންނާނެއެވެ.

އަޅުގަނޑަށް ލަފާކުރެވެނީ އަޅުގަނޑު ޙަވާލާދިން މި ލިޔުމުގައި ބޭނުންކުރާންޖެހޭ ލަފުޒު ފިޔަވައި އެހެން ލަފުޒެއް ބޭނުންކުރެވިފައި އޮތީކަމަށެވެ. އެ ޢިބާރާތުގައި އޮންނާން ޖެހޭނީ އެއްބައިވަންތަކަމުގެ ވާހަކައެވެ. އެއްބައެއްވަންތަކަމުގެ ވާހަކައެއް ނޫނެވެ. އެހެނީ އެއްބައިވަންތަކަމަށް ޓަކައި ސަލާމްކުރުމަކީ މުހިންމު ކަމެކެވެ. ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން އެއްބައިވަންތަކަމުގެ މާނައަކީ "އެންމެން އެކުގައި ގުޅި އެއްބައިވެގެންވާ ކަމެވެ." އެއްބައެއްވަންތަކަމުގެ މާނަ ކުރީން ދަންނަވައިލެވިފައި އެ ވަނީއެވެ.

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަކީ މުޅީން ތަފާތު ދެ މާނައެއް ދޭހަވާ ތަފާތު ދެ ލަފުޒެކެވެ. ބަހުގެ މުޢާމަލާތުގައި މި ދެ ލަފުޒު އޮޅުވައިލައިގެން ވާހަކަދެއްކުމަކީ ދައްކާ ވާހަކައިގެ މާނަ މުޅީން އޮޅި އެ ދައްކާ ވަހަކައެއްގެ އިތުބާރު ގެއްލިދާނެ ކަމެކެވެ. ވީމާ ބަހުގެ މުޢާމަލާތުގައި ރަނގަޅު ލަފުޒު އިޚުތިޔާރުކުރެއްވުމަކީ މުހިންމު ކަމެކެވެ.

އަޅުގަނޑު ޙަވާލާދިން ލިޔުމުން ދެން ފާހަގަކުރެވުނީ ވަރަށް ޢާންމުކޮށް މީޑިއާއިން އިވޭ ކުށްބަހެކެވެ. އިވިއިވި އެއީ ކުށް ގޮތެއްކަމަށް ތިޔަ ބޭފުޅުންނަށް ގަބޫލުފުޅުކުރައްވާން އުނދަގޫފުޅުވާހައި ވެސް ގިނައިން ފެނި، އިވޭ ލަފުޒެކެވެ. ނުވަތަ ޢިބާރާތެކެވެ. ޢާންމު ގޮތެއްގައި މީޑިއާގެ އެކި ވަސީލަތްތަކުން ވަރަށް ގިނައިން އިވޭ ޢިބާރާތެކެވެ. ކަންކަން ވާނެ ވާހަކަ ނުވަތަ ވީ ވާހަކަ ބަޔާންކުރުމުގެ ބަދަލުގައި ކަންކަން ވެގެންދާ ނުވަތަ ވެގެން ދިޔަ ވާހަކަ ވަރަށް ގިނައިން އިވެއެވެ. އަޅުގަނޑު ޙަވާލާދީފައިވާ ޢިބާރާތް ވެސް ނިންމައިލައިފައިވަނީ އެ ފަދަ ގޮތަކަށެވެ. "އާލާވެގެންދާނެތީއެވެ." މިހެންނެވެ. ނަމަވެސް އާލާވެގެން ދަނީތޯ ނުވަތަ އާލާވަނީތޯ ވިސްނައިލުން މުހިންމެވެ.

އިސްވެ ދެންނެވުނު ދެ ކުށް އިސްލާޙުކޮށްލައިފި ނަމަ އަޅުގަނޑު ޙަވާލާދިން ޢިބާރާތް އެހެން ގޮތަކަށް އަލުން ޢިބާރާތް ނުކޮށް އެ އޮތް ގޮތަށް ހަމައެކަނި ކުށް ފިލުވައިލައިފި ނަމަ އޮންނާންޖެހޭނެ ރަނގަޅު ގޮތަކީ "ކީރިތި ރަސޫލާ ބަޔާންކޮށްދެއްވައިފައިވަނީ މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއް ކަމުގައެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާވެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސިފަ އާލާވާނެތީއެވެ." މިއީއެވެ. ނަމަވެސް އަޅުގަނޑު ނަމަ ލިޔުނީހީ އެއްބައިވަންތަކަމަށް މަގުފަހިވާނެ ވާހަކައެވެ. އެހެންނަމަވެސް އެއީ އެކި މީހުންގެ ޢިބާރާތްކުރުމުގައި ހުންނަ ތަފާތެވެ. ކޮންމެ ގޮތަކަށް ޢިބާރާތްކުރިޔަސް ރަނގަޅު ލަފުޒު ބޭނުންކޮށް މާނަ ނޯޅޭ ފަދަ ގޮތަކަށް ޖުމުލައިގައި ލަފުޒުތައް ތަރުތީބުކުރުމަކީ މުހިންމު ކަމެކެވެ.

ވީމާ ބަހުން މުޢާމަލާތުކުރާއިރު ރަނގަޅު ލަފުޒު އިޚުތިޔާރުކުރުމާއި ބޭނުމެއް ނެތް ލަފުޒުތައް އިތުރު ނުކުރުމާއި އެ މީހަކު ބޭނުންވާ މެސެޖް ޞަރީޙަކޮށް ދެވޭ ފަދަ ގޮތަކަށް ޖުމުލައިގައި ލަފުޒުތައް ތަރުތީބުކުރުމަކީ މުހިންމުކަމެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެއެވެ. ވީމާ ލިޔުންތެރީންނާއި ބަހުން މުޢާމަލާތުކުރާ އެންމެން ވެސް މި ކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ. އަދި ވަކީން ޚާއްޞަކޮށް ދީނީ ލިޔުންތަކާއި ޤާނޫނީ ލިޔުންތަކުގައި މި ކަމަށް ދޭންޖެހޭ ސަމާލުކަން އެތައް ގުނައަކަށް އިތުރުކަމުގައި ވެސް ދަންނަވާން ޖެހެއެވެ. ކޮންމެއަކަސް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަކީ މުޅީން ތަފާތު ދެ މާނައެއް ދޭހަވާ ތަފާތު ދެ ލަފުޒުކަން ދިވެހިބަހުގެ ރަދީފުން ސާފުކޮށް ފެންނާން އެބަ އޮތެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.