Support Us

ކޮލަމް އަތުކުށް: ކޮމާއަކުން ކަމުގެ ޒަމާން ބަދަލެއް ނުވާނެ

މާނަ ބަދަލުކުރުމަށް ޓަކައި ނުވަތަ ކަމުގެ ޒަމާން ބަދަލުކޮށްލުމަށް ޓަކައި ބައެއް މީހުން ކޮމާއެއްޖަހައިލައެވެ. ނަމަވެސް ކޮމާއަކީ އެ ގޮތަށް ބޭނުންކުރާން އޮންނަ ނިޝާނެއް ނޫނެވެ. ނަމަވެސް ކޮމާއަކީ ބޭނުންކުރާންވީ ގޮތް އެންމެ ގިނަ މީހުންނަށް އޮޅޭ ނިޝާންކަން އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. އެއީ ހަމައެކަނި ދިވެހިބަހަށް އޮތް ކަމެއް ވެސް ނޫނެވެ. ދުނިޔޭގެ އެހެން ބަސްބަހުގައި ވެސް ކޮމާއަކީ ބޭނުންކުރުމުގައި އެންމެ އޮޅުންބޮޅުން ބޮޑު ނިޝާނެވެ. އެއީ ތަފާތު ބަސްބަހުގައި ތަފާތު ޙާލަތްތަކުގައި ކޮމާ ބޭނުންކުރާތީއެވެ.

ދިވެހިބަހުގައި ވެސް ކޮމާ ބޭނުންކުރާންޖެހޭ މާ ބޮޑު ތަފުޞީލެއް ނުހުރެއެވެ. އެންމެ ޢާންމު ހަމައަކީ ކިޔާއިރު ކުޑަކޮށް މަޑުކޮށްލާންޖެހޭ ތަންތާނގައި ކޮމާ ޖެހުމެވެ.

ގަބޫލުކުރާންޖެހޭ ހަގީގަތަކީ ކޮމާއަކުން ލަފުޒުގެ މާނަ ބަދަލުވެ، ކަމުގެ ޒަމާން ބަދަލުވެ މި ފަދަ ކަންކަން ނުވާނެކަމެވެ. އަޅުގަނޑު މި ވާހަކަ މި ލިޔެލީ ނޫހަކުން މިއަދު ފެނުނު ސުރުޚީއެއް ލޮލުގައި އަޅައިގަތީމައެވެ. އެއީ "އާންމުންގެ މެދުގައި ތަޅާފޮޅުން ހިނގާ، ލަންކާގެ މަސްރަހު އިތުރަށް ގޯސްވެއްޖެ" މި ސުރުޚީއެވެ. މި ޖުމުލައިގައި އެ އޮތް ކޮމާ ނުޖެހި ނަމަ، "ތަޅާފޮޅުން ހިނގާ" މި ޢިބާރާތް ވީހީ ލަންކާއަށް ދީފައިވާ އިތުރު ބަޔާނެއް ކަމުގައެވެ. ނަންއިތުރުގެ ވާޖިބު އަދާކުރާ ޢިބާރާތަކަށެވެ. ނަމަވެސް ކޮމާއެއް ބޭނުންކުރުމުން ޖުމުލަ ދެބަޔަށް ބައިކޮށްލާން ޖަހައިފައި އޮތް ކޮމާއެއްކަން އެނގެއެވެ. ޖުމުލައިގައި ވަކިކޮށްލެވިފައިވާ ފުރަތަމަ ބައިން ދޭހަވަނީ "އާންމުންގެ މެދުގައި ތަޅާފޮޅުން ހިނގާ" ކަމެވެ. އެ "ކަން" އެ އޮތީ "ވާކަމުގެ" ޒަމާނުގައެވެ. ނަމެއްގެ ކުރިއަށް ވާކަމުގެ ޒަމާނުގައި ކަމެއް އަތުވެއްޖެ ނަމަ، އެ ކަން ވާނީ އެ ނަމަށް އިތުރުވާ ނަންއިތުރަކަށެވެ. ނަމަވެސް މި ޖުމުލައިގައި ކޮމާއަކުން ޖުމުލަ ދެބައިކޮށް މުސްތަގިއްލު ދެ މާނައެއް ދީފައިވުމުން، ޖުމުލައިގެ ދެ ބައިން ދޭހަވަނީ ވަކި މުސްތަގިއްލު ދެ މާނައެކެވެ. ފުތަތަމަ ބައިން ދޭހަވަނީ އާންމުންގެ މެދުގައި ތަޅައިފޮޅުން ހިނގާކަމެވެ. ދެވަނަ ބައިން ދޭހަވަނީ "ލަންކާގެ މަސްރަޙު އިތުރަށް ގޯސްވެއްޖެ" ކަމެވެ.

ނަމަވެސް ލިޔުންތެރިޔާގެ މަގުސަދަކީ އެ ޖުމުލައިގެ ދެ ބައިން ވަކި މުސްތަގިއްލު ދެ މާނަ ދޭހަކޮށްދިނުން ނޫންކަން އެ ސުރުޚީގެ ދަށުގައިވާ ޚަބަރު ކިޔައިލުމުން އަޅުގަނޑަށް ދޭހަވިއެވެ. އެ ސުރުޚީއިން ދޭހަކޮށްދޭން ލިޔުންތެރިޔާ ބޭނުންވެފައިވަނީ އެކުއެކީގައި ހިނގައިފައިވާ ދެ ކަމެއް އެއް ކަން އަނެއްކަމާ ގުޅުވައިލުންކަން އެނގެއެވެ. މި ކަން ކުރުމަށް ޓަކައި އެ ތާނގައި ކޮންމެހެން ކޮމާއެއް ޖަހާކަށް ނުޖެހޭނެއެވެ. ހަމައެކަނި ކުރާން ޖެހޭ ކަމަކީ ގާފުގައި އޮތް އާބާފިލި، އައިބައިފިއްޔަކަށް ބަދަލުކޮށްލުމެވެ. އެއް ވަގުތެއްގައި އެއް މަސަދަރަކުން ހިނގާ ދެ ކަމެއް އެއް ކަން އަނެއް ކަމާ ގުޅަމުން ގެންދިޔުމުގައި ޖަހާން ޖެހެނީ އައިބައިފިއްޔެވެ. އެ ގޮތަށް ބަދަލުކޮށްލީމާ އެ ސުރުޚީ އޮންނާނީ "އާންމުންގެ މެދުގައި ތަޅާފޮޅުން ހިނގައި ލަންކާގެ މަސްރަހު އިތުރަށް ގޯސްވެއްޖެ" މިހެންނެވެ.

މި ފަދަ ތަންތާނގައި އައިބައިފިލި ޖަހާން ގިނަ ލިޔުންތެރީން "ބިރުގަންނަނީ" އެ ގޮތަށް އައިބައިފިއްޔެއް ޖެހީމާ އެ އަބަފިއްޔާއި އަލިފު އިބިފިލި ވަކީން ކިޔަންޖެހޭނެ ކަމަށް ހީފުޅުވެ ކިޔާންޖެހޭ ގޮތް ހުތުރުވާނެ ކަމެއްކަމަށް ވިސްނިވަޑައިގަތުމެވެ.

އަޅުގަނޑު ވަރަށް ގިނައިން ދަންނަވަމުން އަންނަ ފަދައިން އައިބައިފިއްޔަކީ ވަކިވަކި ދެ ފިއްޔެއް ނޫނެވެ. އެއީ ދެ ފިއްޔެއް އެކުވެގެން އުފެދިފައިވާ ވަކި ފިއްޔެކެވެ. އައިބައިފިލި ކިޔާންޖެހޭނީ އާންމު ބަހުރުވައިގައި (މީޔާރު ބަހުގައި) "ސައި" ނުވަތަ "ވައި" ކިޔާ ގޮތަށެވެ.

އައިބައިފިލި ޖަހާންޖެހޭ ތަނެއްގައި އާބާފިލި ޖެހުމަކީ ޖުމުލައިން ދޭހަކޮށްދޭން ޖެހޭ މާނަ ބަދަލުކޮށްލާ ކަމެކެވެ. ވީމާ ލިޔުންތެރީން ނުވަތަ ލިޔާ މީހުން މި ނުކުތާއަށް ސަމާލުކަންދެއްވުމަކީ، ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޓަކައި ލާޒިމުކަމެކެވެ. އައިބައިފިލީގެ ރަނގަޅު ހަމަތައް ދަސްފުޅުކުރައްވައި އެއާ އެއް ގޮތަށް ޢަމަލުކުރެއްވުމަކީ ބަހަށް ކުރެވޭ ޚިދުމަތަކަށް ވެސް ވާނެއެވެ. ވީމާ ކޮމާއެއް ބޭނުންކޮށްގެން ލަފުޒެއްގެ މާނައެއް ނުވަތަ ކަމެއްގެ ޒަމާނެއް ބަދަލެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެން އެންމެން ވެސް މި ހަގީގަތް ގަބޫލުކުރަމާތޯއެވެ!