...

Support Us

ކޮލަމް ކޯދު: ސިޔާސީ މުނާފިގުކަމުގެ ބަލި- ދަނޑިވަޅު ބަލާފައި ޚުޝާމަދުކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ފިލުން

"އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަހުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނި ތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ހަޔާތަށް ގެނެސްދޭ ގެއްލުންތަކާ މެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއް ވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއް ފާހަގަ ކޮށްލުމަށްޓަކާ މުގައްދިމާއެއްގެ ގޮތުންނެވެ. 'ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަނަމަވެސް' އައްސަވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމުންނެވެ.

އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭ ގޮތްނުވެ، އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ސަތޭކަ އެތައް އަހަރެއް ވަންދެން ދެމިއޮތެވެ. މި ހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ."

"ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާ ކުޑަކަމުގެ ސަބަބުން، އަދި ވަކި ވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން، ސިޔާސީ ކަންތައްތަކާއި ސިޔާސީ އިލްމުގެ މައްޗަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާއެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަޔާތުގައި އެއްވެސް ކަހަލަ ދިރުމެއް އުފައްދައިލެވޭނޭ ކަހަލަ ގޮތެއް ނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެ މައްޗަށް ވެރިވެގަތް ހިނދު 'ފޫނުބެދޭ ފިތުނަގަނޑެއް' (’ޣަދަރު’ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވަތް) އުފެއްދުން ފިޔަވައި ކުރާނޭ އެއްވެސްކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ. ދަނޑިވަޅު ބަލާފައި ޚުޝާމަދު ކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށް ވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަގައިމު ވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ. ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީޚަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ހައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ވެސް ސާބިތެއް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަހަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނައި ފިކުރުކުރާނޭ އެހެން އެއްވެސް ކަމެއް ނޯވެއެވެ. ފަހަރެއްގައި ވެސް ގައުމަށްޓަކައި ނުވަތަ ވަޒަނަށްޓަކައި މަސައްކަތް ކުރުމުގެ އަޒުމެއް ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވުމަށް ދުއާކޮށްކޮށް ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮން ކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާ މީހަކު ޝިކާރައަށް ނުފެނި ސިއްރު ސިއްރުން އުޅޭފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރަން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ހަޔާތޭ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކިބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއް ނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑުދަތުރު ކުރާކަށް ނޫޅޭނޭއެވެ. ގައުމަށްހިދުމަތްކުރެވޭނީ ރަސްގެފާނުގެއަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތް ކުރާމީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށް ވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް ރަސްގެފާނު ރުއްސާފައި ބެހެއްޓުމަކީ ވެސް މާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަވެސް އިއުތިރާޒެއް ކުރެވިއްޖެ ނަމަ އަބުރާއި އިއްޒަތް އަދި ފުރާނަވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ހަޔާތާއި ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ…؟"

"އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނަން މަސައްކަތް ކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާ މެދު ހިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ އިއްޒަތްތެރީންގެ އިސްތަށިފުޅުގައި ހުރިހާ ކަމެއް އަޅުވައި ހުޝާމަދާ ތައުރީފުކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ހަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ. ދިވެހިރާއްޖޭގައި ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި އަދި އޭގެފަހުން ނިމިގެންދިޔަ ވެރިކަމުގައި ވެސް އަޅުގަނޑުމެންނަށް މިކަން ތަޖުރިބާ ކުރެވިފައި ވެއެވެ. އެންމެ ފާހަގެކޮށްލެވޭ ގޮތެއްގައި ސިޔާސީ ނިފާގުކަމުގެ ބަލީގެ ގޮތުގައެވެ."

"އެދައުރުގެ ފަހުކޮޅުގައި ވަރަށް ގިނަ ކަނތައްތަކެއް ރާއްޖެއާ އެކަށީގެންނުވާ ގޮތުގެ މަތީން، ހަމައާއި އިންސާފުން މުޅީންނެއްޓިގެން، ހިނގަމުން ދިޔަކަން ކަށަވަރެވެ. ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މުޅިރާއްޖެހެން ބަނޑަށް ޖެހުނެވެ. އާއްމު ރައްޔިތުންގެ ހާލު ވަރަށް ނިކަމެތި ދަށު ދަރަޖައަކަށް ގޮސްފައިވަނިކޮށް ހާއްސުންގެ ބަޔަކު 'އުދުހުނެވެ'. ދައުލަތުގެ ހަޒާނާއިން ގައުމުގައި ކުރިޔަށް ތިބި ވަރަށްގިނަ ބައެއްގެ އަމިއްލަ ފޮށިތައް ފުރެމުންދިޔައެވެ. ދައުލަތުގައި ބެހެއްޓެމުންދާ ރައްޔިތުންގެ އަމާނާތްތަކަށް ހިޔާނާތްތެރިވަމުން ދިޔައީ މަތިވެރި ދަރަޖައަކަށެވެ…"

(އަލީ އަހްމަދު، 'އިންގިލާބަކީ އިބުރަތެކެވެ’، ހަގީގީ މިނިވަންދުވަހުގެ ހާއްސަ ނަމްބަރު)

"އަލްއަމީރު މުހައްމަދު އަމީނާ މެދު ސިޔާސީ ނަޒަރަކުން ކުރުކޮށް ދަންނަވަނީ ނަމަ އޭނާއަށް ރާއްޖޭގެ މިންވަރު ނުވިސްނެވުނު ކަމުގެ ދެރައާއި މަލާމާތް ހައްގުނޫނެކޭ ނުބުނެވޭނެއެވެ. ޖިންސުއްލަތީފުންގެ ތަހުރީރުގައި އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ކުޑަވެސް ރިއާޔަތެއް ނުކުރެއްވުމުގެ ފުރައްސާރަ ރައްދުނުވެއެއް ނުހުންނާނެއެވެ. ދައުލަތުގެ ކޮންމެއެއްޗަކީ، ރައްޔިތުންގެ ހުގޫގުތަކަކީ، އޭނާގެ އަމިއްލަފުޅު އެއްޗެއްކަމުގައި މަސްހުނިކުރެއްވުނުކަމުގެ ދެރަކަން ނުދެވިއެއް ނުމެދާނޭމެއެވެ…

"…ނަމަވެސް ސިޔާސީ ރޮނގުންނާއި އިގުތިސާދީ ގޮތުން އޭނާއަށް އެކަށީގެންނުވާ މަގާމުތަކެއް ލިބިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހަޔާތްޕުޅުގެ ނިމުން ތަމްސީލުވެގެންދިޔައީ ދިވެހި ޒައީމެއްގެ ހަޔާތް ނުނިމޭ ފަދަ ހިތާމަވެރި ގޮތެއްގައެވެ.

"ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކުކަމުގައި އޭނާ ވަވަޑައިގަތުމުގެ މާކުރިއްސުރެ ފެށިގެން އޭނާގެ ހަޔާތްޕުޅަށް ސިޔާސީ އިންހިލާލު އަންނާންފަށައިފިއެވެ. މުޅިއުއްމަތަކީ މުހައްމަދު އަމީނުކަމުގައި ޔަގީންވެވަޑައިގަތްކަން އޭނާ ވެއްޓިވަޑައިގަތުމުގެ އެއްއަސްލަކަށް ހިމެނިއްޖެއެވެ…"

(ޝިހާބު، ސަރުކާރުގެ ހަބަރު، 1 ޖުމާދިލް އާޚިރާ 1373)

"އިސްވެ ދިޔަތާނގައި ކޮޕީ ކުރެވުނު އެކި ލިޔުންތަކުގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ކިޔެވެމުންދިޔަ ލީޑަރު ތަސްބީހައާއި އެމަނުކުފާނުގެ ވެރިކަންވެއްޓުމުން މަހާނަ މައްޗަށް މަޑިއަށް ޖެހެވުނުގޮތް ހިސާބަކަށްނަމަވެސް ހިތްޕުޅަށް ގެންނެވޭނޭކަމަށް ހީކުރަމެވެ. އަދި ހަމަ މިއާއެކު ވަރަށް ހާއްސަކަންތައްތަކެއް ފާހަގަކޮށްލެވޭނެއެވެ. އެކަންކަމަކީ މައްސަލަތައް ކުރިމަތިވެގެން އައިއިރު އަޅުގަނޑުމެންގެ ތެރޭގައިއޮތް ގާނޫނީ ހުރިހާ ބާރުތަކަކީ މާނައެއްނެތް، ބޭނުމެއްނެތް، ބޭކާރު އެއްޗެއް ކަމަށް ވެފާ އޮތްކަމެވެ…

"ގައުމުގެ އެންމެ މަތީ ވެރިޔާގެ މައްޗަށް މިފަދަ ކުށްތަކާއި ގައުމީ ހިޔާނަތުގެ ތުހުމަތު ކުރެވުނުއިރު މިފަދަ ކަންކަމުގައި މަސްއޫލިއްޔަތު އުފުލަން ޖެހޭ އެއްވެސް ފަރާތަކުން ކުރެވުނު ކަމެއް ނެތެވެ. ކަމެއް ކުރެވޭތޯ ގާނޫނީ ސިފައެއްގައި އުޅެފައެއް ވެސް ނެތެވެ. ވީމާ، އެއިރު ޝަރީއަތާއި ގާނޫނު ހިންގާ ފަރާތްތަކާއި ގާނޫނު ހަދާފަރާތްތަކުގެ އެއްވެސް މަސްއޫލިއްޔަތެއް ނެތި ހަމައެކަނި ހުރިހާ ކުށެއް އެފަރާތެއްގައި އަޅުވާލެވުނު ކުށްވެރިޔަކަށް ވެގެންދިޔައީ ސުމުއްވުލް އަމީރު މުހައްމަދު އަމީނެވެ. ސަބަބަކީ ކޮބައިތޯއެވެ. ޖަވާބެއްގެ ގޮތުން އަޅުގަނޑަށް އިވެނީ އޭނާގެ ވަރުގަދަ މުސްތަބިއްދު ވެރިކަމުގައި ސަރުކާރުގެ ހުރިހާ ގާނޫނީ ބާރުތަކެއް ބޭކާރު ކޮށްލެވިފައި އޮތީއެވެ. ރައްޔިތުންގެ މަޖްލިހުގައި އެއްވެސް ޝަކުވާއެއް، ރައްޔަތުންގެ ދަތިތަކުގެ ވާހަކައެއް، ހުށަހެޅޭނެ ފުރުސަތެއް ނެތީއެވެ. ވީމާ ޣައިރު ގާނޫނީ ސިފައަކަށް ކަންތައް ވެގެން ދިޔައީއެވެ.

"އާދެ، މި ހިސާބުން މައްސަލަ ނިމުނީ ކަމަށްވެސް ހީކުރެވިދާނެއެވެ. އެހެންކަމަށް ވެއްޖެ ނަމަ، ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމަކަށް ވެގެންދަނީ، އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ހިދުމަތަކަށްވެސް ވާނީ، "ލީޑަރު ތަސްބީހަ" ކިޔުމާއި "މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ". އަދި ގައުމުގެ ސިޔާސީ މަސްރަހުގައި ކުޅެވެމުންދާނީ އެކްޓަރުން ބަދަލުވެފައިވާ އެއް ޑުރާމާ އެކެވެ. މިހަގީގަތް ހޯދާލުމަށް އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ދައުރުގެ ފެށުމާއި ނިމުމުގެ މައްޗަށް އެހެން ފުރުސަތެއްގައި ވިސްނާލެވޭތޯ ބަލާލާން ގަސްދުކުރަމެވެ."

(އަޅުނގަޑުމެން ދަންނަ ގައުމީ ޚިދުމަތަކީ ލީޑަރު ތަސްބީހަ ކިޔުމާއި މަހާނަ މައްޗަށް މަޑިޔަށް ޖެހުންތޯއެވެ؟ -އަބްދުއްރަހީމު އަބްދުލް މަޖީދު، މި ލިޔުމުން ނެގިފައި. ލިޔުން އެއްކޮށް ތިރީގައި ދެވިފައިވާ ލިންކުން ފެންނާނެ)

އަޅުގަނޑުގެ އަމިއްލަ ކޮމެންޓެއް:

އާދެ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން އަދިވެސް ފެންނަމުން ދަނީ ހަމަ މި މަންޒަރެކެވެ. އެެއްބަޔަކު އެމީހުންގެ އަމިއްލަ މަސްލަހަތު އެއީ ގައުމީ މަސްލަހަތު ކަމުގައި ހަދައިގެން މަސައްކަތްކުރާ ތަނެވެ. އަނެއް ބަޔަކު، އެފަދަ މީސް މީހުންގެ ކިބައިން ކޮންމެ ވެސް ފައިދާއެއް ލިބުމުގެ އެދުމުގައި ނުވަތަ އެބަަޔަކު ތާއީދު ކުރާ މީހެެއްގެ ޚަސްމަށް ކުރާ ނަފުރަތުގެ ސަބަބުން، ނުވަތަ އެނޫންވެސް އެފަދަ އެހެން ޒާތީ ސަބަބަކާ ހުރެ އެ މީހުން ތާއީދުކުރާ މީހުންނަށް ލީޑަރު ތަސްބީހަ ކިޔާ ތަނެވެ. އެބަޔަކު ތާއީދުކުރާ މީހަކީ، މަތީގައި ޝިހާބު ވިދާޅުވެފައިވާ ފަދައިން، 'މުޅި އުއްމަތަށް' ހަދައިލައިގެންނެވެ. މިހެން ހަދާލުމުން، އޭނާ ކުރާ ހުރިހާ ކަމެއް ރަނގަޅު ކަންކަމުގައި ވެގެން ދެއެވެ. އޭނާ އެދޭ ހުރިހާ ކަމެއް ކޮށްދޭން ޖެހެއެވެ. ގައުމު ބައިބައިކޮށްލައި، ގައުމުގެ މައްޗަށް ވެރިވުމަށް ބޭރު ބާރުތަކަށް، ފާޅުގައި މަަގުފަހިކޮށްދިން ކަމުގައި ވިޔަސް ވެހެވެ. މިފަދަ ހާލަތެއްގައި ވެސް، ގައުމީ މަސްލަހަތަށް، ޖަމާއަތުގެ ފައިދާއަށް، ބެލެމުގެ ޒަރޫރަތްތެރިކަމެއް ހަަނދާނެއް ނުވެއެވެ. އެކަމުގެ ރަނގަޅު ނުރަނގަޅު، އެކަމުގެ ނިޔަތް، ތިމާމެންގެ އަމިއްލަ ސިކުނޑީގެ ވިސްނުމުން ވިސްނައި ކަނޑައަޅާލަން ޖެހޭނޭ ކަމެއް ނުދެކެއެވެ. އެބަޔަކު ތާއީދުކުރާ މީހާ ދެކޭ ގޮތަކީ ރަނގަޅުގޮތް ކަމުގައި ވެފައި އޮތުމުންނެވެ.

މިހެން އާންމު ވިސްނުން ހުރުމުން، މައުޟޫއީ ސިފައެއްގައި ސިޔާސީވެރިންގެ ސިޔާސަތުތަކަށް ބަލައިލެވޭ ތަނެއް ނާދެއެވެ. އަދި، އެ ފަދަ ގޮތެއްގައި ކަންތައް ކުރަން ޖެހޭ މަގާމުތަކުގައި ގިނައިން ތިބެނީ އެފަދަ ގޮތެއްގައި ކަންކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭ ފަދަ ސިކުނޑިގެ ތެތްކަމެއް ލިބިފައި ތިބި ބައެއް ނޫނެވެ. އެ މަގާމު ތަކަށް ވާސިލުވެވެނީ ފައިސާއާއި ރިޝްވަތާއި އާއިލީ އަދި ރައްޓެހި ކަމުގެ ގުޅުންތައް މެދުވެރިކޮށެވެ. ކަން މިހެން އޮތުމުން ސިޔާސީ ވެރިންނަށް އެމީހުންގެ މަސްލަހަތު ނިޔާކުރާ ގޮތަކަށް ކަންތައް ކުރެވެއެވެ. ބޭރުބައަކަށް ގައުމު ވިއްކާލުން ވެސް އެއީ އެންމެ ރަނގަޅު ކަމަކަށް ހަދައި އެކަން އެއްބަޔަކު ކޮށް އަނެއް ބަޔަކު އެކަން ދިފާއުކުރުމުގައި ތިބެއެވެ!

ދެން، އެކަމުގެ ނަތީޖާ ރައީސް އަމީން ދީދީގެ ދައުރުަގައި ވެސް ފެނުނީ ވަރަށް ހިތިކޮށެވެ. ވެރިން، އެމީހުންގެ އަމިއްލަ މަސްލަހަތަށްޓަކައި، އެކިކަންކަން ކޮށް، އެކަމަށް އެހެން މީހުން ޚުޝާމަދުކުރުމުގައި ތިބުމުން، ތާރީޚު އިއާދަ ވެގެންދަނީ އެވެ. ދެން، ފެންނަނީ ކޮން ކަމެއް ހެއްޔެވެ؟ އެކިއެކި ގާނޫނުތައް ހެދުމެވެ. އިސްލާހު ކުރުމުގެ ނިޔަތަކުނޫނެވެ. ލަޓިބުރިއެއްގެ ގޮތުގައެވެ. ތިމާ ނުރުހޭ މީހެއްގެ ގައިގައި ތަޅައި، ތިމާ ވެއްޓެންދާ ވަގުތު އޭގައި ހިފަހައްޓާށެވެ! މިކަހަލަ ގާނޫނުތައް ރައީސް މައުމޫނުގެ ދައުރުގައި ވެސް ހެއްޖެވެ! މިކަން ވެސް މިހާރު ތަކުރާރުވާން ވަމުން އެބަ ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. އަބަދުވެސް އެންމެ ރަނގަޅީ، އިންސާފުގެ ނަޒަރުން ވަޒަންކޮށް ބެލުމަށްފަހު، އަމިއްލަ ޒާތީ އެދުން ދޫކޮށްލައި، އެންމެންގެ މަސްލަހަތު އިސްކޮށްގެން ކުރާ ކަންތައްތަކެވެ. ބޮޑު ދުވަހެއް ކުރިމަތިވާނެކަން ހަނދާން ކޮށްގެން މަތިވެރި ޢަޒީޒްވަންތަ އިލާހުގެ ރުހުން ހޯދުމުގައި ކަންތައް ރާވާ އެގޮތުގެ މަތިން އުޅުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.