ދުވަހެއް އެކަނި ފާހަގަކުރާ ކުރުމުން ނަތީޖާ ނުލިބެޔޭ
ހުވައެއްމަތީ ތިބި މީހުނަށް ވާޖިބުތަކެއް އޮންނާނެޔޭ
އޮށަކުން ފަޅާ ކުޑަގަސް ލަކުޑި ސީދާ ތެދަށް ހެއްދޭނެޔޭ
ގޮށަކުން ގުދެއް ލާފައި ވިޔަސް ޅަފަތުގެ ތެރޭ ތެދުކުރެވެޔޭ
ޅަކުދީން އެފަދަޔޭ ހޭނުމަށް ސީދާމަގަށް މަގު ދެއްކުމުން
ތަކުރާރުވާ ނަމަ ގޯސްކަމެއް އެކަމާ ދުރަށް ޖެއްސޭނެޔޭ
ތަރުބިއްޔަތެއް ކުރެވޭހުށީ ޅަފަތުގެ ތެރޭގައިކަން ދަނޭ
ތަރުބިއްޔަތުގެ ޢުމުރަށް ފަހުން އިޞްލާޙު ނޫނީ ނުމެވެޔޭ
އެދުރުން މައިންބަފައިން އެކަން ނުބަލައި ނިދާނަމަ ހަމަ ތެދޭ
ތެދުމަގު ކުދީންނަށް ގެއްލިފައި ގެއްލެނިވެ ކުއްޖާ ދާނެޔޭ
ޤާނޫނުތައް ފަރުމާކުރަން ފޮތްފޮތް ބަލާން އަލި ކޮށްލަނީ
ފާނޫޒަކުން ކަމުގައިވިނަމަ މިޒަމާނަކަށް ނުފެތޭނެޔޭ
ކިޔަވާ ކުދީންނޫނީ އެހެން ކުއްޖަކު ނުވާ މި ޒަމާނުގައި
ނިޔަތެެއް ނެތަސް ގަސްތުންނުބައި ޖީލެއް ރަނގަޅު ނޫފެއްދެޔޭ
ސާޅީހަކަށް އަހަރުގެ ކުރީން އެނގިފައި ނެތަސް ލިޔުމާ ކިޔުން
ދާޅީން ބަނދެވި ހިފެއްޓިފައި ވާހެން އިމަކު އުޅެމުންދެޔޭ
ސަބަބާއި އިހުމާލަށް ބަލައި ސީދާ މަގަށް މަގު ފަހިނުކޮށް
ނަބަވީ ރިވެތި އަޚުލާޤުގައި ޅަދަރީން ބޮޑެއް ނުމެވާނެޔޭ
މަސްމަސް ފެނަށް ދިރުވޭގޮތަށް ވެއްޓަށް ކުދީން ހޭނޭކަމުން
ލަސްނުވެ އެކަން ވިސްނައި ނިދީން ހޭލައި ތިބުން ލާޒިމުވެޔޭ
