Support Us

ކޮލަމް އަތުކުށް: އުރަފަތެއް ނޫނެވެ. އުރަފަށެވެ.

އަޅުގަނޑު ލިޔަމުން ގެންދާ "އަތުކުށް" ސިލްސިލާގައި މިއަދު މި ފާހަގަކޮށްލަނީ "ވަރުގަދަ އަތުކުށެއް"ގެ ވާހަކައެވެ. އާންމު ގޮތެއްގައި އަޅުގަނޑު ފާހަގަކުރަނީ ނޫސް މަޖައްލާތަކުން ފެންނަ ބައެއް ކުށުގެ ވާހަކަކަމަށް ވިޔަސް، ދީނީ ބައެއް ލިޔުންތަކާއި ގާނޫނީ ބައެއް ލިޔުންތަކުގައި ހުންނަ މި ފަދަ ކުށްތައް ވެސް މަދުމަދުން ފާހަގަކުރަމެވެ. މި ގޮތުން ދީދީ ލިޔުމަކުން އަޅުގަނޑަށް ފެނުނު "މިއަދު ސަލާންޖެހުމުގެ ފަންނު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ސަލާންޖެހުމުގެ ހުނަރުތައް ވަނީ އީޖާދުކޮށްފައެވެ." މި ދެ ޖުމުލައާ މެދު އިޢުތިރާޒުކޮށް އެ ޖުމުލަ އޮންނާން ފެންނަ ރަނގަޅު ގޮތަކީ "މިއަދު ސަލާންޖެހުމުގެ ވައްޓަފާޅި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ބަލި ވަނީ އެހާމެ ބޮޑަށް ފެތުރިފައެވެ. ސަލާންޖެހުމުގެ އާ އުކުޅުތައް ވަނީ ދަސްކޮށްފައެވެ." މިއީ ކަމަށް ދެންނެވީމެވެ. އެހެނީ، އެއީ ވައްކަންކުރުމާއި ސަލާންޖެހުމަކީ ފަންނެއްކަމަށް ނުވަތަ އާ އީޖާދެއްކަމަށް ކަމަށް ނުވާތީއާއި އެއީ އިޖުތިމާޢީ ބައްޔެއް ކަމަށް ވާތީއެވެ. އަޅުގަނޑު މި ވާހަކަ ލިޔުނީ މި ސިލްސިލާގެ "އަތުކުށް 15″ގައެވެ. ގަބޫލުކުރާ ބަޔަކު ގަބޫލުކުރުމާއި ނުކުރާ ބަޔަކު ނުކުރުމަކީ އެހެންކަމެކެވެ.

އާދައިގެ އޮންލައިން ނޫސްތަކުގައި ކުށް ހުރުމަކީ މީހުން އެހާ ބޮޑަށް ކަންބޮޑުވާ ކަމެއް ނޫނެވެ. ސަބަބަކީ އެއީ ހަމައެކަނި "ކިޔައިލާ" އެއްޗަކަށް ވާތީއެވެ. އަދި އެފަދަ ކުށްތައް ފަސޭހައިން ރަނގަޅުކޮށްލެވޭތީއެވެ. އަދި މި ފަދަ ލިޔުންތަކުގައި ޢާންމުކޮށް ކުށް ހުންނާތީ ވެސްމެއެވެ. ނަމަވެސް އަޅުގަނޑުމެން އެއިން ޢިލްމީ ނަސޭހަތް ލިބިގަންނަ ދީނީ "ލިޔުންތަކާއި" އެއަށް ޢަމަލުކުރާންޖެހޭ ގާނޫނުތަކުގައި ބަހުގެ ބޮޑެތި ކުށް ހުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެއިން ނުބައި މާނައެއް ކުރެވުމާއި ނުރަނގަޅު މަޢުލޫމާތެއް ލިބުމުގެ އިތުރަށް އޭގެ ނޭދެވޭ އަސަރު ބަހަށް ވެސް ވަރަށް ބޮޑަށް ފޯރާނެތީއެވެ. އާ ލަފުޒެއް ތަޢާރަފުކުރާން ވިޔަސް އެ ލަފުޒެއް ޤާނޫނެއްގެ ތެރެއިން ތަޢާރަފު ކޮށްލެވިއްޖެ ނަމަ، އެ ލަފުޒެއް ވައިގައި ހިފާން ފަސޭހަވާނެއެވެ. "ގެވެށި އަނިޔާ" އަކީ މި ގޮތަށް ތަޢާރަފުވެ ވައިގައި ހިފި ރީތި ލަފުޒެކެވެ.

މިއަދު އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ (ވަރަށް ފަހުން ފާސްކުރެއްވި) ޤާނޫނެއްގައި އޮތް ކުށެކެވެ. އެ ޢިބާރާތް ނަކަލުކޮށްލާނަމެވެ. އެއީ "ރަށަކާ ގުޅޭ ގޮތުންނަމަ، އެ ރަށެއްގެ ކައުންސިލްގެ އިޚުތިޞާޞަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 (ހަތް ސަތޭކަ) މީޓަރު ކަމުގައި ކަނޑައެޅުން." މި ޢިބާރާތެވެ. މި ޢިބާރާތް ފެނިވަޑައިގަތީމާ މިއީ ކޮން ޤާނޫނެއްކަން ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެކަމަށް ދެކެމެވެ. މި ޢިބާރާތުގައި މި އޮތް "އުރަފަތުން" އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ދިވެހިބަހުގެ ރަދީފުގައި "އުރަފަތް" ކިޔާ ލަފުޒެއް އަދި މިހާތަނަށް ފެންނާކަށް ނެތެވެ. އެކަމަކު "އުރަފަށް" ކިޔާ ލަފުޒެއް އޮވެއެވެ. ޤާނޫނުގައި ބޭނުންކޮށްފައި އޮތް ވާހަކަތަކަށް ބަލާއިރު "އުރަފަތް" ބޭނުންކުރައްވައިފައި އެ ވަނީ "އުރަފަށުގެ" މާނައިގައިކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނީ "އުރަފަށް" މި ލަފުޒުގެ މާނައެއްކަމަށް ދިވެހިބަސްފޮތުގައި އޮންނަނީ އެއީ "ކަނޑާއި ފަޅާ ބެދުނު ހިސާބު"ކަމަށާއި ނުވަތަ އެއީ "ފަރުގެ ބޭރު ފަރާތުން އަޑި އެނގޭ ފަށް ކެނޑި، ކަނޑަށް ފުންވެގެންދާ ހިސާބު"ކަމަށެވެ. އެހެންވީމާ، އެ ޢިބާރާތް އޮންނާން ޖެހޭނީ "ރަށަކާ ގުޅޭ ގޮތުންނަމަ، އެ ރަށެއްގެ ކައުންސިލްގެ އިޚުތިޞާޞަކީ އެ ރަށާއި އެ ރަށުގެ އުރަފަށުން ފެށިގެން 700 (ހަތް ސަތޭކަ) މީޓަރު ކަމުގައި ކަނޑައެޅުން." މިހެންނެވެ. އާދޭހެވެ! "އުރަފުތުން"ނެއް ނޫނެވެ. އޮންނާންވީ "އުރަފަށުން" މިހެންނެވެ.

ނޫހެއްގައި މީހަކު ލިޔެލާ ޚަބަރެއްގައި އޮންނަ ކުށެއް އިޞްލާޙުކޮށްލެވޭހާ ފަސޭހަކޮށް، ބަރުލަމާނުން ފާސްކުރައްވާ (ޤާނޫނެއް، ފާސްކުރެއްވުމަށް ފަހު އެ) ޤާނޫނެއްގައި އޮންނަ ކުށެއް އިޞްލާޙުކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ކަމަށް އެތައް މަރުޙަލާތަކެއް ކަޑައްތުކުރާންޖެހޭނެއެވެ. މި ކަން މިހެން ހުރުމާއެކު "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ލިޔުއްވި ބޭފުޅުން އެ ކަމަށް ސަމާލުކަންދެއްވައިފައިވާކަން ފާހަގަކޮށް އެ ބޭފުޅުންނަށް މި ފުރުޞަތުގައި ވެސް ތަހުނިޔާ ދަންނަވަމެވެ.

އެހެންވީމާ، ޤާނޫނީ ބޭފުޅުން ކޮމިޓީތަކުގައި ތިއްބަވާ ފަދައިން ބަހުގެ ބޭފުޅުންގެ އެހީތެރިކަން ވެސް ޤާނޫނު ފާސްކުރައްވާ މަރުޙަލާގައި ހޯއްދެވުމަކީ މި ފަދަ ކުށްތައް ގާނޫނުތަކުގައި ހުއްޓަ ނުދެއްވުމަށް ޓަކައި މުހިންމު ކަމެއް ކަމަށް ފެންނާތީ، އަދި އެއީ ދިވެހިބަހަށް ކުރެއްވޭނެ ވަރަށް ބޮޑު ޚިދުމަތަކަށް ވާނެތީ، މި ވާހަކަ ވަރަށް އަދަބުވެރިކަމާއެކު ދަންނަވައިލާ ހިތް ވީއެވެ. ދިވެހިބަހަށް ހެޔޮ އެދޭތީއެވެ. ދިވެހިބަހަށް ލޯބިކުރާ މައް ދިވެއްސެއްގެ ހައިސިއްޔަތުންނެވެ. މި ފަދަ ކަންކަމާ މެދު، ވިސްނޭތީއެވެ.