Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ އޮކްލޮހޯމާ ޔުނިވަރސިޓީގެ ކިލާހެއްގެ މަންޒަރެކެވެ. ފޮޓޯގެ ތާރީޚަކީ 1948ވަނަ އަހަރެވެ. މި ފޮޓޯގައި ކިލާހުގެ ވާތް ފަރާތުގައި ވަކިން އެފެންނަނީ ޖޯޖް މެކްލޯރިންއެވެ. އޭނާއަކީ އޮކޮލޮހޯމާ ޔުނިވަރސިޓީގައި އަލަށް، އެންމެ ފުރަތަމަ، ކިޔެވުމުގެ ފުރުސަތު ލިބުނު ކަޅު ނަސްލުގެ މީހާއެވެ. އޭނާއަކީ ކަޅު މީހަކަށްވުމުން، އަދި، އެ ދުވަސްވަރަކީ އެމެރިކާގައި ކަޅާ ދޮނުގެ ތަފާތުކުރުން އޮތް ދުވަސްވަރަކަށް ވުމުން، ޖޯޖަށް ދޮން މީހުންނާއެކު އިށީނދެ އިންނާނޭ ފުރުސަތު ނުލިބި، ވަކިން ބޭންދުނީއެވެ.

މި ފޮޓޯއިން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ މައްސަލަތަކެއްގެ އަސްލު ގުޅޭ މައްސަލައެވެ. އާދެ، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ތަފާތުކުރެވޭ މައްސަލައެވެ. ފޮޓޯއިން ފެންނަ މަންޒަރު ބުނެދެނީ، އެ ތަފާތުކުރުން ކުލައިގެ މައްޗަށް ބިނާވެފައި އޮތް ކަމެވެ. ކުލައަކީ، ޝައްކެއް ނެތް ގޮތުގައި ފާޅުކަން ބޮޑު، ހާމައަށް ފެންނަން އޮންނަ ތަފާތެކެވެ. ތިމާ ކުރިމަތިން، ތިމާއަށް ފެންނަ މީހާ، ތިމާގެ ކުލައާ ތަފާތުކަން ވަރަށް ފަސޭހައިން އެނގިދެއެވެ. އަދި، ކުލަތަކުގެ ތެރެއިން ދިމާ އިދިކޮޅު ދެކުލައަކީ ކަޅާއި ހުދެވެ. ނުވަތަ ކަޅާއި ދޮނެވެ. އިންސާނުންނަ ނިސްބަތް ވުމުން، ވަރަށް ގިނަ ފަހަރު، ހުދު ކުލަ ނުވަތަ ދޮން ކުލަ ބެލެވެނީ ރީތި ދަރަޖަ މޮޅު މާތް ކުލަކަމުގައެވެ. ކަޅު ކުލަ ބެލެވިފައި އޮންނަނީ މީގެ އިދިކޮޅު ކަމުގައެވެ. ދެރަ، ހުތުރު، ދަރަޖަ ދަށް ކުލަކަމުގައެވެ. އެހެންވެ، ދޮންމީހާ ދެކެނީ އޭނާއަކީ ދަރަޖަ މޮޅު މީހާކަމެވެ. އަދި، އޭނާގެ ނަޒަރުގައި، ކަޅު މީހާގެ ކުލަ ކަޅުވީމައި އޭނަގެ އެއްވެސް އަގެއް ނޯންނާނެ ކަމެވެ.

މިތާގައި ހަދާން ކޮށްލަން ޖެހެނީ ކުލައިގެ މައްޗަށް ބިނާކޮށް، ހުދު ނުަވަތަ ދޮން ކުލައާއި ކަޅު ކުލައިގެ މައްޗަށް ބަލާފައި ތަފާތު ކުރަނީ އެމެރިކާގެ ނުވަތަ ޔޫރަޕުގެ ދޮން މީހުން އެކަނި ނޫން ކަމެވެ. އިންޑިޔާ ފަދަ އޭޝިޔާގެ ބައެއް ގައުމުތަކުގައި ވެސް މިކަން އޮވެއެވެ. އަދި، ރާއްޖޭގައި ވެސް ތަންކޮޅެއް ކުރީގައި މިކަން ކޮންމެ ވެސް ސިފައެއްގައި އޮތެވެ. ހަމަ އެހެންމެ އެފްރިކާގެ ކަޅު ނަސްލުތަކުގެ މީހުންގެ ތެރޭގައި ވެސް މިފަދައިން ނަސްލީ ތަފާތުކުރުން އޮވެއެވެ. ނުވަތަ އޮތެވެ. މިކަމަށް، އިސްލާމް ދީނާ އިދިކޮޅު ލިޔުންތެރިއެއް ކަމަށްވާ އަޔާން ހަރްުސީ އޭނާގެ އިންފިޑެލް ފަދަ ބައެއް ލިޔުންްތަކުގައި އިޝާރަތްކޮށްފައި ވެއެވެ.

މިފަދައިން، މޮޅު ދެރަ ވަކިކޮށް، ކަނޑައަޅާލައި، ތަފާތުކުރުމުގެ ހަމައެކަނި މިންގަނޑަކީ ކުލައެއް ނޫނެވެ. މުޖުތަމައުގެ ތަފާތު ފަންތިތަކުގެ މައްޗަށް ބަލައިގެން ވެސް އިންސާނުންގެ މެދުގައި ތަފާތުކުރުން އޮވެއެވެ. ވެރިކަމުގެ ފަންތީގައި ހިމެނޭ ބޮޑުންނާއި އާދައިގެ މީހުންނެވެ. އާދެ، އެރިސްޓޯކުރެޓުން ނުވަތަ ބޭފުޅުންނާއި އާންމު މީހުންނެވެ. މުއްސަނދިންނާއި ފަގީރުންނެވެ. އާދެ، ވެރިކަމުގެ ބޭފުޅުންނާއި މުއްސަނދިންގެ މައްޗަށް އެކުލެވޭ މުޖުތަމައުގެ ޚާއްސުންނާއި މި އިން ބައެއްގައި ނުހިމެނޭ އާންމުންނެވެ.

މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކުގެ އިތުރުން، ގައުމުތަކުގެ މެދުގައި ވެސް މި ތަފާތުކުރުން އޮވެއެވެ. ގައުމުތަކުގެ މެދުގައި އޮންނަ ތަފާތުކުރުން، މައިގަނޑު ގޮތެއްގައި، ބިނާވެފައި އޮންނަނީ އިގުތިސާދީ މިންގަނޑުގެ މައްޗަށެވެ. ތަނުގެ އާދައިގެ އަފުރާދުންގެ އިގުތިސާދީ ހާލަތުގެ މައްޗަށް ބަލާފައެވެ. ތަނުގެ އާދައިގެ އަފުރާދުންގެ އިގުތިސާދީ ހާލަތު ރަނގަޅު ނަމަ، އެ ގައުމަކީ ގަދަރާއި އިހުތިރާމު ލިބިގެންވީ ގައުމެކެވެ. ނަމަވެސް، ގައުމެއްގެ އާންމު އަފުރާދުންގެ އިގުތިސާދީ ހާލަތު ދަށް ނަމަ، އެ ގައުމު ބެލެވެނީ ދަށު ދަރަޖައިގެ ނިކަމެތި ގައުމެއްގެ ގޮތުގައެވެ. އެހެންވެ، ތަނުގެ އެންމެންގެ ވެސް އާންމު މައީޝީ ހާލަތު ރަނގަޅުވެ، ތަނަކީ ގަދަރާއި އިހުތިރާމު ލިބިގެންވީ ތަނަކަށް ވެފައި އޮންނަ ގައުމުތަކުގެ ކުރިމަތީގައި ތަނުގެ އާންމު މައީޝީ ހާލަތު ރަނގަޅު ނޫން ގައުމުތަކުގެ މުއްސަނދިންނަކީ ވެސް ނިކަމެތި ގައުމުތަކުގެ ބައެކެވެ. އެފަދަ މުއްސަނދިންގެ ކިބައިން ވެސް މި ނިކަމެތި ކަމުގެ ސިފަ ނެތިގެން ނުދެއެވެ.

ދެން، މި ވާހަކަ ކޮޅުގެ ތެރެއަށް އިތުރުކޮށްލަން ބޭނުންވާ މުހިއްމު ވާހަކައަކީ މިކަމާ ބެހޭ، އާދެ، ތަފާތުކުރުމާ ބެހޭ، ކީރިތި ގުރުއާނުގެ ވާހަކަ ކޮޅެކެވެ. ކީތިރި ގުރުއާނުގެ ޙުޖުރާތު ސޫރަތުގައި ބަޔާން ކުރެވިފައިވަނީ ހުރިހާ އިންސާނުންނަކީ ވެސް އެއް އަސްލަކުން އައިސްފައިވާ ބައެކެވެ. އާދެ، އެމީހުންނަކީ ހަމަހަމަ ބައެއް ކަމެވެ. ކީރިތި ގުރުއާނުގެ އެންމެ އަސްލީ އުނގަންނައި ދިނުމަކީ މިއީ ކަމުގައި ބެލެވިދާނެއެވެ. އެންމެންނަކީ، އެމީހުންގެ ކުލައާއި، ބަހާއި، ނަސްލާއި އުޅޭ ތަން، ތަފާތުވީ ކަމުގައި ވިޔަސް، ހަމަހަމަ ބައެއް ކަމެވެ. ކަޅު މީހަކާ ދިމާއަށް ދޮން މީހަކު، އެއްވެސް ނުބައި ނިޔަތެއް ނެތި ނަމަވެސް، 'އޭ ކަޅު އަންހެނާގެ ދަރިޔޭ' ކިޔައި ގޮވާލުމުން، ކިރިތި ރަސޫލާ ވިދާޅުވީ އޭނާގެ ކިބައިގައި 'ޖާހިލީ ސިފަ' ހުރި ކަމެވެ. އާދެ، އެފަދައިން ގޮވާލުމަކީ ވެސް ކީރިތި ގުރުއާނު އުނގަންނައިދޭ ހަމަހަމަ ކަމާ މުޅިން ޚިލާފު ކަމެއް ކަމެވެ.

މުސްލިމު މުޖުތަމައުތަކުގައި އަފްރާދުންގެ މެދުގައި އޮންނަން ޖެހޭ އިސްލާމީ މި ހަމަހަމަކަން ނިޔާކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މުޖުތަމައުގެ ސިޔާސީ ނިޒާމު ވާން ޖެހޭނީ އެންމެނަށް ވެސް ހަމަހަމަ ގޮތެއްގައި އެމީހުންގެ އަސާސީ ބޭނުންތައް ފުއްދައިދޭ ނިޒާމަކަށެވެ. ކެއުން ބުއިމާއި އުނުއަންނައުނު ލިބޭ، ބޯހިޔާވެހިކަން ހަމަޖެހިފައި އޮންނަ، އަދި ތައުލީމާއި ސިއްހީ ފަރުވާ ވެސް އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދޭ ސިޔާސީ ނިޒާމަކަށެވެ. އެ ނިޒާމަށް ކޮންމެ ނަމެއް ކީކަމުގައި ވެސް ވަރިހަމައެވެ. އަޅުގަނޑުމެންގެ މަސައްކަތަކަށްވާން ޖެހޭނީ މިފަދަ ނިޒާމެއް ގާއިމު ކުރެވޭނީ ކިހިނެއްތޯ ބަލައި ހޯދައި އެކަން ހަގީގަތަކަށް ހަދާލުމަށް މަސައްކަތް ކުރުމެވެ. އެކަން ހަގީގަތަކަށް ހަދާ ނުލެވޭހާ ހިނދަކު، ތަސްވީރުން އެފެންނަ ޖޯޖް މެކްލޯރިން ފަދައިން، މުޖުތަމައުގެ ބޮޑު ބައެއް، ނުވަތަ ބައެއް، ތިބޭނީ، ދެންމެ މިނަންގަތް ޒަރޫރީ ބޭނުންތައް ނުފުއްދިފައި، މުޖުތަމައުގެ ކިލާހުން އެކަހެރި ކުރެވިފައެވެ. އެފަދަ މީހުންނަށް އެމީހުންގެ އަސާސީ ނުވަތަ ޒަރޫރީ ބޭނުންތައް ފުއްދެން އޮންނާނީ ސަލާން ޖަހައިގެން އެމީހުންގެ އިންސާނީ ކަރާމަތް ވިއްކާލައިގެންނެވެ.