Support Us

ކޮލަމް ކޯދު: ބުއްދިވެރިއެއްގެ ބުއްދިވެރި ބަސްކޮޅެއް- ކައިވެނީގެ ފައިދާ

ޔޫނާނުގެ އިހުގެ ބުއްދިވެރި ފިލޯސަފަރަކު ވިދާޅުވެފައި އޮވެއެވެ. ކައިވެނި ކުރުމުގައި، ފިރިހެނުންނަށް އޮތީ މުޅިން ވެސް ފައިދާއެވެ. އެހެނީ، އެއް ގޮތަކީ ކައިވެނީގެ ސަބަބުން ފިރިމީހާއަށް، އޯގާތެރި، އަޅާލާ، ހެޔޮ، ސާލިހު، ރަނގަޅު އަނތްބަކު ލިބި، އޭނާގެ ހަޔާތް ބާއްޖަވެރިވެގެން ދިޔުމެވެ.

ދެން އޮތީ، މިއާ ޚިލާފަށް، ރަނގަޅު ނޫން އަނތްބަކު ލިބުމެވެ. އެހެންވެއްޖެ ނަމަ ވެސް ފިރިމީހާއަށް އޮތީ ހަމަ ހުސް ފައިދާއެވެ. ކީއްވެ ހެއްޔެވެ؟ ފަލްސަފާވެރިޔާގެ ނަޒަރުގައި، އެހެން ކަންތައް ދިމާވެ، އޭނާގެ ހަޔާތް އަބާއްޖަވެރި ވިޔަސް، ބުއްދިވެރި ފަލްސަފާވެރިޔަކަށް ފިރިމީހާ ވެގެން ދެއެވެ!

މި ވާހަކަކޮޅު ނިސްބަތް ކުރެވެނީ ޔޫނާނުގެ މަޝްހޫރު ފަލްސަފާވެރިޔާ ސޮކްރޭޓީސް އަށެވެ. އޭނާއަށް މެދުވެރިވީ ދެވަނަ ގޮތެވެ! އޭނާއަށް ލިބުނީ ނުބައި އަނތްބެކެވެ. އެހެންވެ، އޭނާގެ ވާހަކަކޮޅު ބިނާވެފައި އޮތީ އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށެވެ!

ސޮކްރޭޓީސްގެ ނަޒަރުގައި، ފިލޯސަފަރުންނާއި ބުއްދިވެރި ހަކީމުން، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނާ ފިކުރުކުރާ މީހުން، އުފަންކޮށް އުފެއްދުން އޮތީ އަނބި އަނބިންގެ އަތްމަތީގައި ތާއެވެ!؟ ދެން، ސޮކްރޭޓިސްގެ ވާހަކަކޮޅުގެ އިދިކޮޅު މާނައިގެ މައްޗަށް ނަޒަރު ހިންގާލުމުން ދޭހަވަނީ، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނާ ފިކުރުކުރާ މީހުން ނެތުމަކީ އަނބިން މާ ބޮޑަށް ވެސް ހެޔޮވެ ރަނގަޅުވުންތާއެވެ!

ދެން އޮތީ، ސޮކްރޭޓީސް ފަދަ، އަންހެން ފިލޯސަފަރަކު ފަލްސަފީ ނަޒަރަކުން، ކައިވެންޏާ ދޭތެރޭ ބަލައި، ކައިވެނީގެ ސަބަބުން، ރަނގަޅު ނޫނީ ނުރަނގަޅު ފިރިއަކު ލިބިއްޖެ ނަމަ، އަނބި މީހާއަށް އޮތް ފައިދާ ބުނެދިނުމެވެ! އެކަމުގެ ސަބަބުން އަނބިން ފިލޯސަފަރުންނަށް ނޫނީ ކޮންމެވެސް އެހެން ބަޔަކަށްވޭތޯ ނުވަތަ ނުވޭތޯ ބުނެދިނުމެވެ!