Support Us

ދަރިފުޅުގެ ހަރަކާތްތަކަކީ ތަރުބިއްޔަތުގެ މައްސަލައެއް ހެއްޔެވެ؟

"ދުވެލާފައި ނޫނީ ފިޔަވަޅެއް ނާޅާނެ. ދެން އޮންނާނީ ވެއްޓިފައެއްނު. އެހެންވާނެއްނު މަންމަ ނުދުވާށޭ ބުނާނީއެއް ނޫން،" މިއީ އުމުރުން ހަ އަހަރު ނުވާ އަހަރެންގެ ތުއްތު ދަރިފުޅުގެ ބައެއް ހަރަކާތްތައް ފެނުމުން މީހުން ކުރާ ޝަކުވާއެވެ. އެކަމަކު ދަރިފުޅު ދުވެލާފައި އެނބުރިލާފައި ދިޔުމުން މައްސަލައަކީ ކޮބާހެއްޔެވެ؟

ދުވެލުމުން ވެއްޓިދާނެކަމާއި ވަކި ވަރަކަށް ދުވެވިއްޖެނަމަ ގެއްލުމެއް ވެދާނެކަންވެސް ދަރިފުޅަށް ފަހުމްވާނީ އެ ފުރުސަތު ދެވިގެން ނޫންހެއްޔެވެ؟

"އޭނާ ނާރާ ތަނެއް ނުހުރޭ. ފާރުމަތިން ގަހުގެ އޮފިގަނޑުގައި އެލެމުން ކޮޓަރީގެ އެނދުން ފުންމަމުން ސޯފާމަތިން ދުވާނެ. އެއީ އުޅޭނެ ގޮތް. މަންމައަށް ހެޔޮ ކޮންމެ ގޮތެއްވިޔަސް. ބަލާވެސް ނުލާނެ،" ޝަކުވާ އިތުރުވެއެވެ.

ފުމެލާފައި ތަންތަނަށް އަރާލުން ގޯސްވާންވީ ކީއްވެހެއްޔެވެ؟ ދަރިފުޅަށް އަނިޔާނުވާ ތަނަކަށް އަރާލާފައި ފުންމާލުމާއި އެ ތަނަކަށް އަރާލުމުން، އަމިއްލަ ނަފްސަށް އިތުބާރުކުރާށާއި ކަންކަމާ ކުރިމަތިލާން ދަރިފުޅަށް ދަސްވޭ ނޫންހެއްޔެވެ؟

"އަބަދު ކުޅުމުގައި. ކިޔަވާކަށްވެސް ނޫޅޭނެ. ބޯޅައެއް ހިފައިގެން ނޫނީ ކުޅޭ އެއްޗެއް ހިފައިގެން އަބަދު. ވާނީވެސް އެހެން. އެ ދަރީގެ މަންމަ ނޫޅޭނެ ކިޔަވައިދޭކަށްވެސް."

އިލްމު ލިބެނީ ފޮތުގެ ދެލިގަނޑު އަނގައިންއަނގަޔަށް ދަސްކޮށްދިނީމަހެއްޔެވެ؟ ކުޅޭ ކޮންމެ ކުޅިވަރަކާއި ގެންގުޅޭ ކުޅޭ ސާމާނުންވެސް ދަސްވެ ހާސިލްވަނީ ހުނަރާއި ދެނެގަތުމުގެ ގާބިލްކަމާއި ކުލަތަކާއި ކަންކަން ކުރާނެ ގޮތް ނޫންހެއްޔެވެ؟

"ހިޔެއްނުވޭދޯ އެ ސޮރު ފެންވަރުވާފައި ހުންނަ ހެންވެސް؟ އެ ކުއްޖާ ހުންނާނީ އެހެން. އަބަދުވެސް ތެޅިތެޅި ހުންނަ ހަލަނި ކުއްޖެއް."

އެއީ ތުއްތު ފުރާނައެކެވެ. ފުނާ އަޅުވާލުމުން ބޯ ހަޑިކޮށްލުމާއި ފޫހިވުމުން ޓީޝާޓް އަނގަޔަށްލުމާއި ފައިވާން ބާލައިފައި ހުސްފަޔާ ހިނގާލާފައި އުޅެލުމުން އެ ބުނެދެނީ މައުސޫމްކަން ނޫންހެއްޔެވެ؟

"ވަރަށް އަނގަތަޅުވާ ދޯ؟ ނޯވޭ ދޯ ނުދައްކާ ވާހަކައެއްވެސް؟ މަންމަގެ އަނގަ ގަދަކަން."

އަހަރެމެންނަށްވެސް އާ ބަހެއް، ނޫނީ އާކަމެއް ދަސްވުމުން އެކަން ކިހާ ފޯރީގައި ކުރޭހެއްޔެވެ؟ ތަކުރާރުކޮށް އެކައްޗެއް ކިޔާލަކިޔާލަ ހުރެވެއެވެ. ވީއިރު ތުއްތު ދަރިފުޅު ވާހަކަ ދައްކަން ފަށާ ދުވަސްކޮޅު ފެންނަ ހުރިހާ ކަމަކާ ގުޅޭ ގޮތުން، އަދަބު އަހުލާގުގެ ތެރެއިން ވާހަކަ ދެއްކުން އެއީ ގޯސް ކަމެއްހެއްޔެވެ؟

ރަނގަޅު، ނުރަގަނޅު ދަރިފުޅަށް ބުނެދޭން ޖެހެއެވެ. އެކަމަކު ދުވެލައި، އެއްޗެހީގައި އަތްލައި، ކުޅެ ހެދުމަކީ މައިންގެ ތަރުބިއްޔަތު ގޯސްކަމުގެ ނިޝާނަކަށް ތި ހަދާލަނީ ކޮން ގޮތަކުންހެއްޔެވެ؟

އެ ކުދިން ގޭތެރޭގައި އަޑުގަދަކޮށްލައި މަޖާވެސް ކުރާނެއެވެ. އެއީ އެ ކުދިންގެ ހެދިބޮޑުވުމުގެ މަރުޙަލާއެވެ.

ކުދިންގެ ހަަރަކާތްތައް ކޮންޓްރޯލްވެސް ކުރަންޖެހޭނެއެވެ. އެކަމަކު ދުވެލާ ކޮންމެ ފަހަރަކު މަނާކޮށްފައި ވާހަކައެއް ދައްކާ ކޮންމެ ވަގުތަކު އެކަން މަނާކޮށްފައި، ކުޅޭތީވެ އުނދަގޫވާ ކަމަށް ބުނެ ކުޅުން ހުއްޓުވުން އެއީ ތަރުބިއްޔަތު ކުރުން ހެއްޔެވެ؟ ހަމަ ހިލާ އެހެނަކުން ނޫނެވެ. މިއީ މައިންބަފައިންނަށްވެސް އަދި އަވަށްޓެރިންނަށް ވެސް އެނގެންޖެހޭ ކަންކަމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *