Support Us

ކޮލަމް ކޯދު: ހަޔާތުގެ ފަލްސަފާއެއް- ޅެމަކާއި ޅެމެއްގެ ތަރުޖަމާއެއް

ތިރީގައި އެވާ ޅެމަކީ އީލްޔާ އަބޫ މާޟީގެ فلسفة الحياة (ހަޔާތުގެ ފަލްސަފާ) އެވެ. އީލްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1889 ވަނަ އަހަރު، ލުބްނާންގައެވެ. ތުއްޕުޅުއިރުގެ ކުޑަދުވަސް ކޮޅެއް މިސުރުގައި ހޭދަކުރެއްވުމަށްފަހު، 1912 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. އަދި އެރަށުގައި ބައެއް ނޫސް މަޖައްލާ ނެރުއްވައި ޝާއިއުކުރެއްވުމުގައި މަސައްކަތްކުރެއްވިއެވެ. އީލްޔާ އަކީ 'މަހުޖަރުގެ' އާދެ، އަރަބި ދުނިޔެ ދޫކޮށް، އަރަބި ނޫން އެހެން ރާއްޖެތަކުގައި، ވަޒަންވެރިވި، އަރަބި ޅެންވެރީންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. އަދި މަހުޖަރުގެ ޅެންވެރިންގެ ތެރެއިން، ކުރީ ސަފުގައި ވެސް ހިމެނޭ އެންމެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ގުނާލެވޭ ޅެންވެރިއެކެވެ. އޭނާގެ ޅެންތައް އެއްކުރެވި ޝާއިޢު ކުރެވިފައިވެއެވެ. މީގެ ތެރޭގައި "ޖަދާއިލު"، "ޚަމާއިލު" އަދި "ތިބްރު ވަ ތުރާބު" މިތިން ދީވާނު، ޅެން ފޮތް، ހިމެނެއެވެ. އީލްޔާ އަވަހާރަވީ 1957 ގައި ނިޔޫޔޯކުގައެވެ.

އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި އީލިޔާ އަބޫ މާޟީ ސިފަކުރެވިފައި ކުރެވިފައިވަނީ "ޝާޢިރުއް ތަފާއުލް"ގެ ގޮތުގައެވެ. އާދެ، ހެޔޮފާލުގެ ޅެންވެރިޔާގެ ގޮތުގައެވެ. އެއީ ކީއްވެގެންކަން މިޅެމުން ހާމަވެ، ފާޅުވެގެންދެއެވެ. މި ޅެމުގައި ޝާއިރު ވިދާޅުވަނީ ހަޔާތުގެ ފަލްސަފާއަކަށް ވާންޖެހޭނީ، ޝަކުވާކުރުން ދޫކޮށް، އަބަދުވެސް ހިނިތުންވެހުރެ، ހަޔާތް ވޭތުކޮށްލުމެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމެއްގެ ވެސް ހެޔޮ ފަޅިއެއް އޮންނާނެކަން ގަބޫލުކުރުމާއި އަދި އެ ފަޅި ހޯދައި، އެކަން ދެނެގަނެ، ކުރިއަށް ފިޔަވަޅުއެޅުމަށް މަސައްކަތްކުރުމެވެ.

މި ޅެމުގެ މާނަ ފަސޭހައިން ވިސްނައި ފަހުމުކޮށްގަތުމަށްޓަކައި، ޅެން ތިން ބަޔަކަށް ބަހައިލެވިދާނެއެވެ. މިއިން ކޮންމެ ބަޔެއްގައި ޅެންވެރިޔާ ވަކި ފިކުރާއެއްގެ، ޚިޔާލެއްގެ، މައްޗަށް އަމާޒުކުރައްވައެވެ. ފުރަތަމަ ނުވަ ބައިތުގައި ޅެންވެރިޔާ ކިޔުންތެރީންނާއި މުޚާތަބުކޮށް ގޮވައިލައްވަނީ ޝަކުވާކުރުން ދޫކޮށް، ހެޔޮ ފާލުގެ (އޮޕްޓިމިސްޓިކް) ބަޔަކަށްވުމަށެވެ. ކޮންމެ މީހަކު ވެސް، ހިނިތުންވެ ހުރެ، ދިރިއުޅުމާ ކުރިމަތިލައި، އޭނާގެ ހަޔާތް ވޭތުކުރުމަށެވެ. ދެން އޮތް ނުވަ ބައިތުގައި ޅެންވެރިޔާ ފާހަގަކުރައްވަނީ މައް ދޫނިތައް ވެސް ދިރިއުޅުމުގެ މި ފަލްސަފާ ދެނެގަނެ، ޚިޔާރުކޮށްފައިވާކަމެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި ދުނިޔޭގައި ދިރިހުރެވޭނީ ދާދި ކުޑަދުވަސްކޮޅަކުކަން، ދޫނިތައް ވެސް ދެނެގެންފިކަމެވެ. އެހެން ކަމަށް ވިޔަސް، ދޫނިތައް، ޝަކުވާކުރުމެއްނެތި، އުފަލުގައި އޭގެ ވަގުތުތައް ހޭދަކުރަމުންދާކަމެވެ. މިކަމުން އިބުރަތް ލިބިގަނެ، ހިނިތުންވެ ހުރެ، ދިރިއުޅުން ވޭތުކުރުމަށް، އެންމެނަށްވެސް، ޅެންވެރިޔާ ގޮވާލައެވެ. ޅެމުގެ ބާކީ އޮތް ބައިގައި ޝާއިރު ވިދާޅުވަނީ، ދުނިޔެއަކީ ހިތާމަކޮށް އަބާއްޖަވެރި ގޮތެއްގައި ހަޔާތް ވޭތުކުރަން އޮތް ތަނެއް ނޫންކަމެވެ. އަދި ހިތްހަމަޖެހިގެން އުފަލުގައި ކޮންމެ މީހަކަށް ވެސް ދުނިޔޭގައި އުޅެވިދާނޭކަމެވެ. މިގޮތުގައި އުޅެން އެދޭ ނަމަ، ކޮންމެ މީހަކު ވެސް ވާންވީ މުތަފާއިލު، އާދެ، ހެޔޮފާލުގެ މީހަކަށެވެ. ޝަކުވާކުރުން ދޫކޮށް، ކޮންމެ ކަމެއްގެ ވެސް ހެޔޮ ފަޅިއެއް އޮންނާނެކަން ގަބޫލުކޮށް، އެކަން ދެނެގަނެ ކުރިއަށް ފިޔަވަޅު އަޅަން މަސައްކަތްކުރާ މީހަކަށެވެ. އަދި ތިމާގެ އަމިއްލަ ލާބަޔާއި ފައިދާއަށް މަސައްކަތްކުރާ ފަދައިން، އެންމެންގެ ލާބައާއި ފައިދާއަށްޓަކައި މަސައްކަތްކުރާ، އެތެރެފުށް ރީތި، ޚުލްގުހެޔޮ މީހަކަށެވެ. ދެން، އީލިޔާ އަބޫ މާޟީ ވިދާޅުވެދެއްވާ "ހަޔާތުގެ ފަލްސަފާ" އަށް ބަލައިލަމާތޯއެވެ!

  1. أيُّهذا الشَّاكِي وَمَا بِكَ دَاء كَيْفَ تَغْدُو إذَا غَدَوْتَ عَلِيْلاَ؟

(ބަލިކަމަށް ހެދި،) ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއްނެތެވެ. ދެން، ބައްޔެއްވެއްޖެ ނަމަ ކަލޭގެ ހާލަކީ ކޮބައިބާވައެވެ؟

  1. إنّ شَرَّ الجُنَاةِ فِي الأرْضِ نَفْس تَتَوَقَّى، قَبْلَ الرَّحِيْلَ ،الرَّحِيْلاَ

ދުނިޔޭގައިވާ އެންމެ ބޮޑު ކުށްވެރިޔަކީ، މަރު އައުމުގެ މާކުރިން (މަރާމެދު ފިކުރުކޮށް، ކަންބޮޑުވެ، މަރުން ސަލާމަތްވާން) އުޅޭ މީހާއެވެ.

  1. وَتَرَى الشَّوْكَ فِي الوُرُودِ، وَتَعْمَى أنْ تَرَى فَوْقَهَا النَّدَى إكْلِيلاَ

އަދި (އަބަދުވެސް،) ފިނިފެންމަލުގައިވާ ކަށި އޭނާއަށް ފެންނަ މީހާއެވެ. (ނަމަވެސް) އޭނާގެ ލޯވަނީ އެ ފިނިފެންމަލުގެ ވަށައިގެން ލެވިފައިވާ ޝަބްނަމްގެ (ރީތި) ހާރު ދުށުމުން އަނދިރިވެފައެވެ.

  1. هُوَ عِبْءٌ عَلَى الحَيَاةِ ثَقِيل مَنْ يَظُنُّ الحَيَاةَ عِبْئًا ثَقِيلاَ

ދިރިހުރުމަކީ ބޮޑު ބުރައެއް ކަމަށް، ތަކުލީފުތަކުން ފުރިގެންވާ ކަމެއް ކަމަށް، ދެކޭ މީހާ ވާނީ ދުނިޔެއަށް އޮތް ބޮޑު ބުރައަކަށެވެ.

  1. والذِي نَفْسُهُ بِغَيْرِ جَمَالٍ لا يَرَى فِي الوُجُودِ شَيْئًا جَمِيْلاَ

އޭނާގެ ކިބައިގައި އެއްވެސް ރިވެތި ސިފައެއް ނެތް މީހަކަށް، އޭނާގެ ވަށައިގެންވާ އެއްވެސް އެއްޗަކުން ރީތިކަމެއް ނުފެންނާނެއެވެ.

  1. لَيْسَ أشْقَى مِمَّنْ يَرَى الْعَيْشَ مُرًّا وَيَظُنُّ اللّذَّاتِ فِيْهِ فٌضٌولاَ

ދިރިހުރުމަކީ ހިތި ކަންތައްތަކުން ފުރިގެންވާ ކަމެއް ކަމަށް ދެކި، އަދި އުފަލާއި އަރާމު ދުނިޔެއިން ލިބިގަތުމަކީ ބޭކާރު ކަމެއް ކަމުގައި ދެކޭ މީހާއަށްވުރެ ވަކިން އަބާއްޖަވެރި މީހަކު ނުވެއެވެ.

  1. أَحْكَمُ النَّاسِ فِي الحَيَاةِ أُنَاس علَّلُوهَا فَأحْسَنُوا التّعْلِيلاَ

މީސްތަކުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަން ހޯދައި ބަލައި، އަދި އެކަން ރަނގަޅަށް ދެނެގަންނަން މަސައްކަތްކުރާ މީހާއެވެ.

  1. فَتَمَتَّعْ بِالصُّبْحِ مَا دُمْتَ فِيْهِ لا تَخَفْ أنْ يَزُولَ حَتَّى يَزُولاَ

އެހެންވެ، ހެނދުނުގައި (ދިރިހުރުމުގެ) ފުރުސަތު އޮތްއިރު، ހެނދުނުގެ ވަގުތުން ހިތްހަމަޖެހުން ލިބިގަނެ އުފާކުރާށެވެ! އަދި ހެނދުނުގެ ވަގުތު ފާއިތުވެގެން ނުދަނީސް، އެވަގުތުކޮޅު ފާއިތުވެ ހިނގައިދާނެތީ ބިރުގަނެ، ކަންބޮޑުނުވާށެވެ.

  1. وَإذَا مَا أظَلَّ رَأسَكَ هَمٌّ قَصِّرِ البَحْثَ فِيْهِ كَيْلا يَطُولاَ

އަދި ކަލޭގެ ބޮލަށް ފިކުރުބޮޑުވާ ކަހަލަ ކަމެއް އައިސް ސަވާރުވެއްޖެ ނަމަ، ޔައުނީ، ބޮލަށް އުނދަގޫކުރާ ކަމަކާ ދިމާވެއްޖެނަމަ، އެކަން ދިގުދެމިގެން ނުދިޔުމަށްޓަކައި، އެކަމާ ދޭތެރޭ (ހާސްވެ،) ފިކުރުކުރުމުގެ ވަގުތު މަދުކުރާށެވެ.

  1. أدْرَكَتْ كُنْهَهَا طُيُورُ الرَّوَابِي فَمِنَ العَارِ أنْ تَظَلَّ جَهُولاَ

ދުނިޔޭގައި (އުފަލުގައި) ދިރިއުޅެންވީ ގޮތުގެ ހަގީގަތް އުސްބިންތަކުގައި އުޅޭ (މައް) ދޫނިތައް ވަނީ ދެނެގަންފައެވެ. އެހެން ކަމަށްވާއިރު، ކަލެއަށް، އެކަން ނޭނގުންވާނީ ލަދުވެތިކަމަކަށެވެ.

  1. مَا تَرَاهَا وَالحَقْلُ مِلْكٌ سِوَاهَا تَخِذَتْ فِيهِ مَسْرَحًا وَمَقِيلاَ

(އެދޫނިތައް ނިކަން ދެކިބަލާށެވެ!) އެ ދަނޑުތަކަކީ ދޫނިތައް ކުޅެ، ނިދަން އޮތް ތަނަކަށް ހަދައިގެން އުޅޭއިރު، އެ ދަނޑުތަކަކީ އެދޫނިތައް ނޫން އެހެން މީހެއްގެ މިލްކެއްހެން ކަލެއަކަށް ހިޔެއްނުވާނެއެވެ.

  1. تَتَغَنَّى، وَالصَّقْرُ قَدْ مَلَكَ الْجَوَّ عَلَيْهَا، وَالصَّائِدُونَ السَّبِيْلاَ

އެ ދޫނިތައް ލަވަކިޔަމުންދެއެވެ. (އެއްކޮޅުން)، ބާޒުތައް (މުޅި ޖައްވު ފުރާލައި ހޯރައަޅާ ފާރަލަމުން އެއިން ދޫންޏެއް އަތުޖެހޭނޭ ފުރުސަތަކަށް ބަލަބަލައި)، އެދޫނިތަކުގެ މައްޗަށް ޖައްވުގެ ތެރޭގައި ވެރިކަންކުރަމުންދާއިރު ވެސްމެއެވެ. އަދި (އަނެއް ކޮޅުން)، އެދޫނިތައް ޝިކާރަކުރުމުގެ މަގެއް (ފެނޭތޯ) ޝިކާރަވެރިން (ބަލަބަލައި ތިބޭ) ވެސް މެއެވެ. މާނައަކީ އެދޫނިތަކުގެ ވަށައިގެންވަނީ ނުރައްކަލެވެ. އެހެންނަމަވެސް، ޝަކުވާކުރުމެއްނެތި ހިތްހަމަޖެހި ތިބެ އުފާކޮށްއުޅެތެވެ.

  1. تَتَغَنَّى، وَقَدْ رَأتْ بَعْضَهَا يُؤْخَذُ حَيًّا وَالبَعْضُ يُقْضَى قَتِيلاَ

އެދޫނިތައް ލަވަކިޔަމުންދެއެވެ. އެދޫނިތަކުގެ ތެރެއިން ދޫނިދޫނި، ބައެއް ފަހަރު، ދިރިހުއްޓާ ހިފައިގެން ގެންދާ ތަނާއި، އަދި އަނެއްބައި ފަހަރު، މަރާލެވޭތަން ފެންނައިރު ވެސްމެއެވެ.

  1. تَتَغَنَّى، وَعُمْرُهَا بَعْضُ عَامٍ أ فَتَبْكِي وَقَدْ تَعِيْشُ طَوِيلاَ؟

އެދޫނިތައް ލަވަކިޔަމުންދެއެވެ. އެ ދޫނިދޫނީގެ އުމުރަކީ އަހަރަކަށްވުރެ ވެސް ކުރު މުއްދަތެއް ކަމުގައިވީއިރު ވެސްމެއެވެ. ކަލޭ (ޝަކުވާކޮށް) ތި ރޮނީހެއްޔެވެ؟ ކަލެއަށް ދިގު އުމުރެއް ލިބި ދުނިޔޭގައި އެތައް އަހަރެއް ވާންދެން އުޅެވިދާނެކަމުގެ އެކަށޭނަކަން އޮތްއިރު ވެސްމެއެވެ!

  1. فَهِيَ فَوْقَ الغُصُونِ فِي الفَجْرِ تَتْلُو سُوَرَ الوُجْدِ وَالهَوَى تَرْتِيلاَ

އެ ދޫނިތައް ފަތިސް ވަގުތުގައި ގަސްގަހުގެ ގޮފިތައް މަތީ ތިބެ (އެ އެއްޗިއްސަށް ލިބިފައިވާ) ތަނަވަސްކަމާއި ލޯތްބާމެދު (އުފާކޮށް) ލަވަކިޔާ ހަދައެވެ.

  1. وَهِيَ طَوْرًا عَلَى الثَّرَى وَاقِعَات تَلْقَطُ الْحَبَّ أوْ تَجُرُّ الذُّيُولاَ

ބައެއް ފަހަރު، އެދޫނިތައް ބިންމައްޗަށް ފައިބައި، ބިމުން ހޮވައިކައި، ނޫނީ ފިނދުފަތް ހަލުވަމުން (ފަހުރުވެރިކަމާއެކު) ހިނގާލައި އުޅެއެވެ.

  1. كُلَّمَا أمْسَكَ الغُصُونَ سُكُون صَفَّقَتْ لِلغُصُونُ حَتَّى تَمِيلاَ

(ގަސްގަހުގެ) ގޮފިތަކަށް (ރޭގަނޑުގެ) ހިމޭންކަން އަންނަ ކޮންމެ (ރޭގަނޑުގެ) ވަގުތެއްގައި، އަތްތެލިބަޑިޖަހައި، ގޮފިތަކަށް ގޮވައިލައެވެ. ދެން، (ދޫނިތަކުގެ ގޮވައިލުމަށް އިޖާބަދީ) ގޮފިތައް ތިރިވެލައެވެ.

  1. فَاِذَا ذَهَّبَ الأصِيلُ الرَّوَابِي وَقَفَتْ فَوْقَهَا تُنَاجِي الأصِيْلاَ

އަދި ދުވާލުގެ ވަގުތު ނިމުމަކަށް އައިސް، އިރުއޮއްސޭ ވަގުތު ޖެހި، (އޮއްސެމުންދާ އިރުގެ ދޯދިތަކުން) އުސްބިންތައް، ޔައުނީ ޖައްވު، ރަންކުލައިން ކުލަޖައްސާލައިފި ނަމަ، އެ ގޮފިތައް މަތީ ތިބެ ދޫނިތައް ރޭގަނޑަށް (މަރުހަބާ ކިޔައި) ގޮވަމުންދެއެވެ.

  1. فَاطْلُبِ اللَّهْوَ مِثْلَ مَا تطْلُبُ الأطْيَارُ عِنْدَ الهَجِيْرَ ظِلاًّ ظَلِيْلاَ

ފެތުރިފައިވާ ހިޔާގަނޑެއް ހޯދަން، މެންދުރުގެ ދިލަ އަވީގައި މިދޫނިތައް އުޅޭ ފަދައިން، މަޖާކޮށް، އުފަލުގައި އުޅެން އެދި، ކަލޭ ވެސް މަސައްކަތްކުރާށެވެ.

  1. وَتَعَلَّمْ حُبَّ الطَّلِيْعَةِ مِنْهَا وَاتْرٌكِ القَالَ لِلْوَرَى وَالقِيْلاَ

މި ދޫނިތައް (އުޅޭގޮތް ބަލައި އެދޫނިތަކުގެ) ކިބައިން (ޝަކުވާކުރުމުން އެއްކިބާވެ، ކެރިގެން ކަންކަންކުރުމުގައި) އެންމެ ކުރީ ސަފުގައި ހުރެ، (ދިރިއުޅުމަށް ލޯބިކުރުން) ދަސްކުރާށެވެ. ތޯތޯ ވާހަކަދެއްކުން، ޔައުނީ، ބޭކާރު ގޮތުގައި ވަގުތުތައް ގެއްލުވާލުން، އެހެން މީހުންނަށް ދޫކޮށްލާށެވެ.

  1. فَالَّذِي يَتَّقِي العَوَاذِلَ يَلْقَى كُلَّ حِيْنٍ فِي كُلِّ شَخْصٍ عَذُولاَ

(ކަމެއް ކުރަން އުޅޭއިރު،) މަލާމަތްކޮށް އެއްޗެހި ކިޔާފާނެ މީހުންގެ ކިބައިން ސަލާމަތްވާން އުޅޭ މީހަކަށް، ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ މީހެއް ވެސް، ފެންނާނީ މަލާމަތްކޮށް އެއްޗެހި ކިޔާ މީހެއްގެ ގޮތުގައެވެ.

  1. أنْتَ لِلْأِرْضِ أوَّلاً وَأخِيْرًا كُنْتَ مَلِكًا أوْ كُنْتَ عَبْدًا ذَلِيْلاَ

އެންމެ ފުރަތަމަ ކަލޭ އުފެދިފައި ވަނީވެސް ބިމުގެ މަށީންނެވެ. އަދި އެންމެ ފަހުން، ކަލޭ އެނބުރި ދާނީވެސް އެބިމުގެ ތެރެއަށެވެ. ކަލޭ ރަސްކަލަކަށް ނޫނީ ނިކަމެތި އަޅަކަށް ވިއަސް ވެހެވެ.

  1. لاَ خُلُودَ تَحْتَ السَّمَاءِ لِحَيٍّ فَلِمَاذَا تُرَاوِدُ المُسْتَحِيْلاَ؟

އުޑުދަށަކު، ޔައުނީ ދުނިޔޭގައި، އަބަދުގެ އަބަދަށް ދިރިހުރުމެއް އެއްވެސް ދިރި ހުރި އެއްޗަކަށް ލިބިގެން ނުވެއެވެ. އެހެން ކަމަށްވާއިރު، (ދުނިޔޭގައި އަބަދުގެ އަބަދަށް އުޅުން އެދި) މުސްތަހީލު ކަމެއްގެ ފަހަތުން ތިޔަ ދުވަނީ ކީއްވެ ހެއްޔެވެ؟

  1. كُلَّ نَجْمٍ إلَى الأُفُولِ وِلكِن آفَة النَّجْمِ أنْ يَخَافَ الأُفُولاَ

(އަރާ) ކޮންމެ ތަރިއެއް ވެސް ނިމެނީ އޮއްސިގެންނެވެ. (މިކަމުގެ ސަބަބުން ތަރިއަކަށް ލިބޭ އުނިކަމަކީ ކޮބާ ހެއްޔެވެ؟) ނަމަވެސް، ތަރީގެ އައިބެއް ހުރި ކަމަށް ވާނީ އޮއްސިދާނެތީ ބިރުން (ނާރާ) ހުރި ނަމައެވެ.

  1. غَايَةُ الوَرْدِ فِي الرِّيَاضِ ذُبُول كُنْ حَكِيْمًا وَاسْبُقْ إلَيْهِ الذُّبُولاَ

ބަގީޗާގައިވާ (ރީތި) ފިނިފެންމާގެ ވެސް ނިމުމަކީ މޯޅިވެ، ނެތިދިއުމެވެ. ބުއްދިވެރިއަކަށްވެ، މޯޅިވުން އައިސް، އެމަލަށް ވެރިވުމުގެ ކުރިން އެމާ ހޯދައި އޭގެ މައްޗަށް ކަލޭ ވެރިވާން އަވަސްވެގަންނާށެވެ.

  1. وِإذَا مَا وَجَدْتَ فِي الأرْضِ ظِلاًّ فَتَفَيَّأْ بِهِ إلَى أنْ يَحُولاَ

ދުނިޔެއިން ހިޔާގަނޑެއް ފެނިއްޖެ ނަމަ، އެ ހިޔާގަނޑު ނެތިދިޔުމުގެ ކުރިން، އެ ހިޔާގަނޑުން ހިޔާ ލިބިގަންނާށެވެ.

  1. وَتَوَقَّعْ، إذَا السَّمَاءُ اكْفَهَرَّتْ مَطَرًا يُحْيِي السُّهُولاَ

އަދި (ވިއްސާރަވެ) އުޑުގެ (މޫނުމަތި) ކަޅުވެ، އަނދިރިވުމުން، (ބިރުނުގަނެ) ވާރޭއަށް އިންތިޒާރު ކުރާށެވެ. އެވާރޭގެ ސަބަބުން ބިންތަކަށް ދިރުން ލިބި (ގަސްގަހާގެހި، ރޯވެ، ހެދެން ފަށައެވެ).

  1. قُلْ لِقَوْمٍ يَسْتَنْزِفُونَ المَآقِي هَلْ شُفِيْتُمْ مَعَ البُكَاءِ غَلِيلاَ؟

(ލޮލުގެ) ކަރުނަވަޅުތަކުން ކަރުނައަށް އެދި، (ކަރުނަ އަޅައި، ރޮއެ ހަދާ) މީހުން ގާތު ނިކަން ބުނެބަލާށެވެ! "ކަލޭމެންގެ ރުއިމުން އެއްވެސް ފައިދާއެއް ކޮށްފިހެއްޔެވެ؟"

  1. مَا أتَيْنَا إلَى الْحَيَاةِ لِنَشْقَى فَأَرِيحُوا، أهْلَ العُقُولِ، العُقُولاَ

އަހަރުމެން ދުނިޔެއަށް އައީ (ހިތާމަކޮށް) އަބާއްޖަވެރީންނަށް ވާކަށް ނޫނެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! ކަލޭމެންގެ ސިކުނޑިތަކަށް އަރާމުދޭށެވެ! (ޔައުނީ، ކަންކަމާ ދޭތެރޭ ކަންބޮޑުވެ، ފިކުރުކުރުން ދޫކޮށްލާށެވެ!)

  1. كُلُّ مَنْ يَجْمَعُ الْهُمُومَ عَلَيْهِ أخَذَتْهُ الْهُمُومُ أخْذًا وَبِيْلاَ

(އެހެނީ) ކަންބޮޑުވުންތަކާއި ފިކުރުތައް އެއްކޮށްފި މީހާ، އެފިކުރުތައް އެމީހާ މުޅީން ހަލާކުކޮށް، ނެތިކޮށްލަފާނެއެވެ.

  1. كُنْ هَزَارًا فِي عِشِّهِ يَتَغَنَّى وَمَعَ الْكَبْلِ لاَ يُبَالِي الْكُبُولاَ

ކަސްތޮޅުއެޅުމުން (ވެސް) ކަންބޮޑުނުވެ، އޭގެ ހާލީގައި ލަވަކިޔަމުން (އުފާކުރަމުން)ދާ، އަންދަލީބު (ނައިޓިންގޭލް، ފަދަ ދޫންޏަކަށް)ވާށެވެ!

  1. لاَ غُرَابًا يُطَارِدُ الدُّودَ فِي الأرْضِ وَيَوْمًا فِي اللَّيْلِ يَبْكِي الطُّلُولاَ

ބިމުގައި އުޅޭ ފަނިފަކުސަ ފަހަތުން (އެއް ދުވަހު،) ދުވެފައި، އަނެއް ދުވަހު، ރޭވުމުން، ވާރޭވެހޭތީ ރޮއި ހަދާ ފަދަ ކާޅަކަށް ނުވާށެވެ.

  1. كُنْ غَدِيْرًا يَسِيْرُ فِي الأرْضِ رَقْرَاقا فَيَسْقِي مِنْ جِانِبَيْهِ الْحُقُولاَ

ބިންމަތީގައި، މަޑުމަޑުން ދެމިދެމި އޮވެ، އެއިގެ ދެ ފަރާތުގައިވާ ދަނޑުތަކަށް ފެންދޭ ކޯރެއް ފަދައިންވާށެވެ.

  1. تَسْتَحِمُّ النُّجُومُ فِيْهِ وَيَلْقَى كُلُّ شَخْصٍ وَكُلُّ شَيْءٍ مَثِيْلاَ

(ރޭވުމުން)، ތަރިތައް އައިސް އެ ކޯރުން ފެންވަރައެވެ. އަދި، ކޮންމެ މީހަކު ވެސް، އަދި ކޮންމެ އެއްޗެއްވެސް، (އެ ކޯރުން، ފައިދާ ލިބިގަނެ)އެވެ.

  1. لاَ وِعَاءً يُقَيِّدُ الْمَاءَ حَتَّى تَسْتَحِلُّ الْمِيَاهُ فِيْهِ وُحُولاَ

(ރައްކާކުރުމަށްޓަކައި)، އެ ކަންވާރަކަށް ފެންއަޅައި، އެއިގެ ތެރޭގައި ފެން ހައްޔަރުކޮށް ބެހެއްޓުމުން، ފެން ތަޣައްޔަރުވެ ކިލަނބުވެ ހިނގައިދާނޭ ފަދަ، ކަންވާރަކަށް (ކަލޭ) ނުވާށެވެ.

  1. كُنْ مَعَ الْفَجْرِ نَسْمَة تُوَسِّعُ الأزْهَارَ شَمًّا وَتَارَةً تَقْبِيْلاَ

(ބަގީޗާގެ) މާތައް ފޮޅުވާލަދޭ، ނޫނީ އެ މާތަކުގައި ބޮސްދޭ، ފަތިހާއެކު އަންނަ މަޑުމަޑު ރޯޅިއެއް ފަދައިން ކަލޭ ވާށެވެ.

  1. لا سَمُومًا مِنَ السَّوَافِي اللَّوَاتِي تَمْلَأُ الأَرْضَ فِي الظَّلاَمِ عَوِيْلاَ

ބިމުގެވެއްޔާއި ހިރަފުސް ނަގައިގަނެ، ރޭގަނޑުގެ ކަނު އަދިރީގައި، މުޅި ދުނިޔެއަށް (ވޭނާއި ކެކުޅުމުގެ) ރުއިން މެދުވެރިކުރުވާ، ހޫނު ގަދަ، ގަދަ ވަޔަކަށް ކަލޭ ނުވާށެވެ.

  1. وَمَعَ اللَّيْلِ كَوْكَبًا يُؤْنِسُ الْغَابَاتِ وَالنَّهْرَ وَالرُّبَى وَالسُّهُولاَ

އަދި ރޭވުމުން، ޖަންގަލިތަކާއި ކޯރުތަކާއި އުސް ބިންތަކާއި ތިރި ބިންތައް، މުނިފޫހިފިލުވައިދޭ، ޔައުނީ އެތަންތަނަށް އަލިކަން ފޯރުކޮށްދޭ، ފަދަ ތަރިއަކަށް ކަލޭ ވާށެވެ.

  1. لاَ دُجًى يَكْرَهُ الْعَوَالِمَ وَالنَّاسَ فَيُلْقِي عَلَى الْجَمِيْعَ سُدُولاَ

(އަދި ރޭވުމުން ވެސް) އިންސާނުންނާއި އެހެނިހެން އާލަމްތައް ވެސް ދެކެ ނަފުރަތުކޮށް، ރުޅިއަރައި، އެ އެންމެންގެ (ލޯމަތީ) ފަރުދާ އަޅުވާ ކަޅު އަނދިރިގަނޑަކަށް ކަލޭ ނުވާށެވެ.

  1. أيُّهذَا الشَّاكِي وَمَا بِكَ دَاء كُنْ جَمِيْلًا تَرَ الوُجُودَ جَمِيْلاَ

ބަލިކަމަށް ހެދި ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއް ނެތެވެ. (އެތެރެފުށް) ރީތި މީހަކަށް، ކަލޭ ވާށެވެ. އޭރުން، މުޅި ވުޖޫދު ވެސް ކަލެއަށް ފެންނާނީ ރީތިކޮށެވެ.

(ޔައުނީ، މާބޮޑު މައްސަލައެއް ނެތަސް، ކިރިޔާ ހިތްހަމަނުޖެހޭ ކަމެއް ދިމާވާ އިރަށް، ކަންތައް ބޮޑުކޮށް، ޝަކުވާކުރާ އިންސާނާއެވެ! ޝަކުވާ ކުރާވަރު ކަމެއް ކަލެއަކަށް ކުރިމައްޗެއް ނުވެއެވެ. ރިވެތި އަޚުލާގެއްގެ ވެރި، ހެޔޮލަފާ އިންސާނަކަށް ވާށެވެ. އޭރުން، ކޮންމެ މީހެއްގެ ކިބައިން ވެސް، ފެންނަ ކޮންމެ މަންޒަރަކުން ވެސް، ދިމާވާ ކޮންމެ ކަމަކުން ވެސް ފެނި، ފާހަގަކުރެވޭނީ ރީތި ކަންކަމެވެ. ރަނގަޅު ސިފަތަކާއި ހެޔޮ ގޮތްތަކެވެ.)