...

Support Us

ކޮލަމް މާޒީ: ސަރުކާރަށް އިލްތިމާސްކުރުމަކީ ދީމިޤުރާޠީ ނިޒާމެއްގައި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭނެ ހައްގެއް ނޫނެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލާން ގޮވައިލައި ސަރުކާރަށް އިލްތިމާސްކުރުމަށް ޓަކައި ރައްޔިތުންގެ ތެރެއިން ބަޔަކު "އިންޑިއާއައުޓް" ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" މި ޝިޢާރު އެކި ގޮތްގޮތަށް ފާޅުކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ލިޔުމުންނާއި އަނގަބަހުންނާއި މީސްމީޑިއާގެ މަންސަތަކުގައި ވެސް އެ ޝިޢާރު ފާޅުކުރަމުން ގެންދެއެވެ. މި ޝިޢާރަކީ އިންޑިއާ ވަރަށް ނުރުހޭ ޝިޢަރަކަށް އޮތީ ވެފައެވެ. މި ކަން ހުއްޓުވާން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދިޔައެވެ. ގެންދެއެވެ. އެހެންކަމުން ދިވެހި ސަރުކާރު ވެސް ވަރަށް ނުރުހޭ އަދި ދެކޮޅު ޝިޢާރަކަށް މި ޝިޢާރު އޮތީ ވެފައެވެ.

އިންޑިއާ ސިފައިން މި ޤައުމުން ބާލާން (India out) ގޮވަނީ އެކަށީގެންވާ (ޖާއިޒު) ގިނަ ސަބަބުތައް ހުރީތީއެވެ. އިންޑިއާގެ މިއަދުގެ ސަރުކާރުގައްޔާއި ސަރުކާރު ހިންގާ ޕާޓީގެ އިސް މީހުން ދީފައި ހުންނަ ބަސްދީގަތުންތަކުން އެ މީހުންގެ ނިޔަތް ސާފުކޮށް އެނގޭތީއެވެ. ދީބްލަމާސީ އުޞޫލުތަކާ ޚިލާފަށް އިންޑިއާގެ ސަފާރާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާތީއެވެ. ރާއްޖެއާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ވެސް ނުދައްކާތީ އޭގެ ނުރައްކާތެރިކަން ވިސްނޭތީއެވެ. ރާއްޖެއަށް އެކި ނަންނަމުގައި އިންޑިއާ ސިފައިންނާއި އެ ތާނގެ ޖާސޫސުން ގެނެސް ގިނަކުރަމުން ގެންދާތީއެވެ. ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ދިވެހީން ދަރަނީގެ ދަންތުރައިގައި ޖައްސަމުން ގެންދާތީއެވެ. ރާއްޖޭގެ ކަނޑުތަކުގެ މައްޗަށް ރާއްޖޭގެ ބާރު ގެއްލިފައިވާތީއެވެ. ރާއްޖޭގެ ކަނޑުފަޅާއި އިޤްތިޞާދުގެ ހުރިހާ މަޢުލޫމާތެއް ވިއްކައި އެއިން ނަފާ ހޯދުމުގެ ބާރު އިންޑިއާއަށް ދޫކޮށްލައިފައިވާތީއެވެ. ރާއްޖޭގައި ހަރުކޮށްފައި ހުރި އިންޑިއާގެ ޖާސޫސީ ރާޑަރުތަކުން ލިބޭ މަޢުލޫމާތުގެ ހައްގެއް ވެސް ދިވެހީންނަށް ނެތީތީއެވެ. މި ނޫނަސް އެތައްއެތައް ކިތަންމެ ސަބަބުތަކަކާހުރެ، ދިވެހި ރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތާއި މިނިވަންކަން ދިވެހީންގެ އަތުން ބީވާ ކަމުގެ އިޙުސާސް ދިވެހީންނަށް ކުރެވޭން ފެށުމުން، އިންޑިއާ ސިފައިން ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބޭ ތިބުމާ ރައްޔިތުން ދެކޮޅުކަން ހާމަކޮށް ދިވެހި ޤައުމުން އިންޑިއާ ސިފައިން ބޭރުކޮށްދޭން ސަރުކާރަށް އިލްތިމާސްކުރުމަށް ޓަކައި އެހެން ގޮވަނީއެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ޙައްޤަކަށް ވުމުގެ އިތުރަށް، ދިވެހިރާއްޖޭގެ ސިޔާދަތާއި އަމަންއަމާންކަމާއި ޤައުމުގެ ޝަރަފު ހިފަހައްޓާން މަސައްކަތްކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއްކަމަށް ހަމަ އެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކަނޑައަޅައި އެކަން ލާޒިމުކޮށްފައިވާތީ ވެސް މެއެވެ.

މި ކަން އޮތީ މިހެންކަމަށް ވިޔަސް މިނިވަންކަމާއި އިސްތިޤުލާލަށް ޓަކައި ދިވެހިން ގޮވާ ގޮވުން ހުއްޓުވާން އިންޑިއާ ސަފާރާއިން އެކި ގޮތް ގޮތަށް މަސައްކަތްކުރެއެވެ. ފުލުހުންނާއި ސަރުކާރުގެ އެހެން ވަސީލަތްތައް މެދުވެރިކޮށްގެން ވެސް މި ކަން ހުއްޓުވާން ކިތަންމެ މަސައްކަތެއް ކޮށްފިއެވެ. މި ފަދަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ އަނިޔާތަށް ލިބި ބައެއް މީހުން ހައްޔަރުކޮށްފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް މި ޙަރަކާތަށް ހުއްޓުމެއް ނައެވެ. އެކަން ކުރާ ބަޔަކު އެ ކަންކުރަމުން ގެންދިޔައެވެ. އެ ކަން ހުއްޓުވާން އުޅޭ ބަޔަކު އެ މަސައްކަތް ވެސް ގެންދިޔައީ ހަމަ ކުރިއަށްމެއެވެ.

މި ޙަރަކާތް ފުޅާވެ ބޮޑެތި ފޮތިގަނޑުތަކުގައި މި ޝިޢާރު ލިޔެ އެލުވާން ފެށުމުން އެ ކަން އިންޑިއާ ސަފާރާއަށް ތަޙައްމަލެއް ނުކުރެވުނެވެ. އެ ފަދަ ތަކެތި ކޮންމެ ގޮތަކުން ވެސް ނަންގަވާން އިންޑިއާގެ ސަފާރާއިން ސަރުކާރަށް 12 ގަޑިއިރުގެ މުހުލަތެއް އެރުވި ކަމަށް ނޫސްތަކުން ވަނީ ފެނިފައެވެ. މި އަމުރާ ގުޅިގެން ދެން ފެނުނީ މި ހުސްވި އެޕުރީލުމަހު 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުއްވި ތަނެވެ. އެ ޤަރާރަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު ޤަރާރެއް ކަމަށް ޤާނޫނީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ވިދާޅުވާއިރު، ރައީސުލްޖުމްހޫރިއްޔާ އެ ކަން ކުރެއްވީ ރާއްޖޭގެ "ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން" ލަފާދެއްވައިގެންކަން އެ ޤަރާރުގައި އެ މަނިކުފާނު ބަޔާންކުރައްވައިފައިވެއެވެ. ރާއްޖޭގެ ސަގާފަތް އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުއްވައިފި ނަމަ، ރާއްޖޭގައި ޤާނޫނު ތަންފީޒުކުރައްވާ އެއްވެސް އިދާރާއަކުން އެ ޤަރާރެއް ޤާނޫނާ ޚިލާފުތޯ ނޫންތޯ ހީވަނީ ބައްލަވާކަށް ބޭނުންފުޅެއް ވެސް ނުވާހެންނެވެ.

އެންމެ ރަނގަޅެވެ. ބައެއް މީހުންނަށް އެ ޤަރާރު ޤާނޫނާ ޚިލާފަސް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ދުށީ އެއީ ޤާނޫނީ ބާރު ލިބިފައިވާ ޤަރާރެއްކަމަށްތާއެވެ. އެހެންވިއްޔާ އެ ފަދަ ޤަރާރެއް ހަމަހަމަ ގޮތެއްގައި މުޅި ޤަރާރު އެކީއެކަށް ތަންފީޒުކޮށްދެއްވާންވީ ނޫންތޯއެވެ! އެ ޤަރާރުގެ ހަގީގީ ބޭނުމަކީ، އިންޑިއާ ސިފައިން މި ގައުމުގައި ތިބުމާ ދެކޮޅަށް އަޑު އުފުލުން ހުއްޓުވުން ކަމަށް ވިޔަސް، "ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ" "ޙަރަކާތްތަކަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވާންޖެހޭނެ ޙަރަކާތްތަކެއް ކަމުގައި ކަނޑައަޅާން ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން" ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވައިފައިވާތީ ނެރުއްވި ޤަރާރެއްކަން ވެސް އެ ޤަރާރުން އެނގޭން އޮވެއެވެ. ނަމަވެސް މި ދެންނެވި ގަރާރު ނެރުނު ފަހުން ވެސް ސީނުކަރައާ މެދު ނަފުރަތު އުފެއްދުމަށް ޓަކައި ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ދައްކަވައި އެ ޤައުމާ މެދު ނަފުރަތު އުފައްދަވާން ރައީސް މުޙަންމަދު ނަޝީދު ވަނީ އުތުރުކަރައިގައި ހުންނަވައިގެން ވެސް މަސައްކަތްޕުޅުކުރައްވައިފައެވެ. މި ދެންނެވި ޤަރާރު ތަންފީޒުކުރައްވާ ނަމަ، އިންޑިއާ ސިފައިން ބޭރުކުރާން ގޮވުމަކީ އިންޑިއާއާ މެދު ނަފުރަތު އުފައްދާން ގޮވާ ގޮވުމެއް ކަމަށް ސަރުކާރުން ބައްލަވާ ފަދައިން، އިންޑިއާ ނޫނަސް އެހެން ގައުމުތަކާ މެދު ނަފުރަތު އުފައްދާން ކުރާ މަސައްކަތްތައް ވެސް ހުއްޓުވާންޖެހެއެވެ. ނަމަވެސް މި ކަން ހުއްޓުވާން ދައުލަތުގެ އިދާރާއަކުން މަސައްކަތް ނުކުރެއްވި ތާނގައި، ދައުލަތުގެ ވެރިޔަކު، ނުވަތަ މުއައްޒަފަކު ވިޔަސް އެ ކަމާ ދެކޮޅަށް ޗުއްޕު ވެސް ވިދާޅުވެފައެއް ނެތެވެ. އެހެންކަމުން ރައީސް ނަޝީދު ސީނުކަރައާ ބެހޭ ގޮތުން އެ ދައްކަވާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަކީ ސަރުކާރުގެ ފުރިހަމަ ތާއީދާއެކު ދައްކަވާ ވާހަކަފުޅުތައް ކަމަށް ބަލާނެ ޖާގަ އެބަ އޮތެވެ. ނުވަތަ "އެހެން ގައުމުތައް" ކަމަށް ސަރުކާރުން ހަމައެކަނި މާނަކުރައްވަނީ "އިންޑިއާ"ކަން ވެސް މި ކަމުން ދޭހަވެއެވެ.

އަނެއް ކޮޅުން އިންޑިއާ ސިފައިން މި ރާއްޖޭން ބޭރުވާން ގޮވާ ގޮވުންތަކަކީ އިސްވެ ދެންނެވިފައިވާ ފަދައިން ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ގޮވުންތަކެކެވެ. އެއީ އެހެން ގޮވާ މީހުންގެ ޚިޔާލެވެ. މި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބޭން ބޭނުން ނުވާކަމަށް ގޮވުމަކީ އެ މީހުންގެ ބުއްދިއަށް ފެންނަ ގޮތެވެ. އެ މީހުންގެ ޝުޢޫރެވެ. އެ މީހުން އެދޭ ގޮތެވެ. އަދި ސަރުކާރުން ކިތަންމެ ސިއްރުކުރައްވާން އުޅުއްވި ނަމަވެސް ސަރުކާރަށް ވެސް ޢަދަދުނުކުރެއްވޭ ވަރަށް ރާއްޖޭގައި އިންޑިއާގެ ސިފައިންނާއި ޖާސޫސުން އުޅޭކަމީ ސަރުކާރެކޭ އެއް ފަދައިން ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެނގޭ ކަމެކެވެ. މި ގޮތަށް ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބުމަކީ ގިނަ ރައްޔިތުން ރުހޭ ކަމެއް ނޫނެވެ. އެއީ ޤައުމީ އަދި އިޖުތިމާޢީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ވީމާ، އެ މީހުން ބޭރުކުރާން ސަރުކާރަށް ގޮވައިލުމަކީ ރައްޔިތުންނަށް އޮންނާނޭ ޙައްގެއްގެ އިތުރަށް އެއީ ރައްޔިތުންގެ ޒިންމާއެއް ވެސް މެއެވެ. އެހެނީ މިއީ ހަމައެކަނި "ސަރުކާރު"ގެ ގައުމެއް ނޫނެވެ. މި ގައުމަކީ ހުރިހާ ދިވެހީންގެ ވެސް ގައުމެކެވެ. ވީމާ ޤައުމާ މެދު އެ މީހުން އެދޭ އެދުން، އެ މީހުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގައިދޭން ޙަވާލުވެފައި އޮންނަ ސަރުކާރަށް އަޑުއިއްވުމަކީ އެ މީހުންގެ ޙައްގަކަށް ނުވާނެ އެއްވެސް ގޮތެއް ނެތެވެ. އެ ޚިޔާލު އަނބުރައި ރައްދުކުރެއްވުމުގެ ޙައްޤު ސަރުކާރަށް ނެތަސް، އެ ޚިޔާލަށް ޢަމަލުކުރެއްވުމާއި ނުކުރެއްވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ސަރުކާރަށް އޮންނައިރު، ޚިޔާލުފާޅުކުރުން ހުއްޓުވާންޖެހޭ ސަބަބެއް އެބަ އޮތްތޯއެވެ!

ރައީސުލްޖުމްހޫރިއްޔާގެ މުޅި ޤަރާރުގައި ވަނީ މައުޟޫޢު އޮޅުވައިލައްވައިފައެވެ. އެއީ އެއީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ކެންޕޭނެއް" ކަމަށް ސިފަކުރައްވައިފައި ވިޔަސް، އެއީ ބޭރު ގައުމުތަކުގެ ސިފައިން މި ރާއްޖޭގައި ތިބޭން ދެކޮޅުކަން ހާމަކުރުމަށް ޓަކައި ހިންގާ ޙަރަކާތެއްކަން ސަރުކާރަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އިންޑިއާ އައުޓޭ ކިޔަނީ މި ވަގުތު ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބީ ހަމައެކަނި އިންޑިއާ ސިފައިން ކަމަށް ވާތީއެވެ. ނަމަވެސް އެ ވާހަކައެއް ސަރުކާރަކަށް ވިދާޅެއް ނުވެވޭނެއެވެ. އެހެނީ އިންޑިއާ ސިފައިންގެ މައްޗަށް އެއްޗެއް ބުނުމުގެ ޙައްގެއް ދިވެހި ސަރުކާރަކަށް މިއަދަކު ނެތެވެ. އަދި އިންޑިއާ ސަފީރު އަންގާ އެންގުމަކަށް އަމަލު ނުކުރައްވައި ރައްދުކުރެއްވުމުގެ ޙައްގެއް ވެސް މިއަދު ދިވެހި ސަރުކާރަކަށް ނޯންނާނެއެވެ.

އެހެންކަމުން ދިވެހި ދައުލަތުގެ އަތްމަތީން ބީވެފައިވާކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ދިވެހި ސިޔާދަތީ ބާރު އަނބުރައި ހޯދާން ގޮވާ ގޮތުން ހުއްޓުވޭނެ ޤާނޫނީ ބާރެއް ނެތަސް އިންޑިއާގެ ބާރުގައި އެކަން ހުއްޓުވާން އެ ވަނީ (ޤާނޫނީ ބާރު ލިބިވަޑައިގެން ނަމަވެސް ނުވަތަ ޤާނޫނާ ޚިލާފަށް ނަމަވެސް) ރައީސުލްޖުމްހޫރިއްޔާ ލައްވައި މަސައްކަތް ފައްޓުވައިފައެވެ. ނަމަވެސް އެ ޤަރާރުގައި ވާ ފަދައިން ނަފުރަތު އުފެއްދުމަށް ޓަކައި އެހެން ގައުމަކާ ބެހޭ ގޮތުން ދައްކާ އެއްވެސް ވާހަކައެއް އެކަން ތަންފީޒުކުރާ ފަރާތްތަކަށް އަޑެއް ނީވެއެވެ. ނުވެސް އިވޭނެއެވެ. އެހެނީ ޞުލްޙައޭ މަޞްލަޙަތޭ، ސިޔާދަތޭ ބުނެވޭ ހުރިހާ ލަފުޒެއްގެ މިއަދުގެ މާނައަކީ އިންޑިއާގެ މަޞްލަޙަތު ޙިމާޔްތަކުރުންކަމަށް މިއަދު ވަނީ ވެފައެވެ. އެއީ ރައްޔިތުންގެ އަޑާއި ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ވާހަކަ ނޫންކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރާން ގޮވަނީ ދިވެހި ގައުމުގެ ސިޔާދަތީ ބާރު އަނބުރައި ހޯދުމަށް ޓަކައެވެ. މި ކަން ސަރުކާރަށް ވެސް ވަންހަނާ ވެފައި ވާނެކަމަކަށް ނުދެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ވެފައިވާ ސިއްރު އެއްބަސްވުންތަކާއި ވެރިކަމަށް ވަޑައިގެން ވެސް ސިއްރިޔާތުގައި ސޮއިކޮށްފައިވާ ވިޔަކުރަން ނޭނގޭ އެތައް އެއްބަސްވުމެއްގެ ދަށުންނާއި ޒާތީ ކޮންމެވެސް ފައިދާއަކަށް ޓަކައި ނަމަވެސް ޤައުމު ޤުރުބާންކުރައްވާން އެ ބޭފުޅުންނަށް މަޖުބޫރުވަނީ ތޯއްޗެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިފައި އެއްޗެއް ކަމަށް ގަބޫލު ނުކުރާ ބަޔަކު ގަބޫލު ނުކުރިޔަސް މީސްމީހުންގެ އަމިއްލަ މުދަލުން އަމިއްލަ ގޭގޭގައި ފާޅުކޮށްފައި ހުންނަ ރައްޔިތުންގެ އިޚުލާޞްތެރި ޚިޔާލު ނައްތައިލައްވާން ދައުލަތުގެ ވަސީލަތްތަކެއް ބޭނުންކުރައްވައިގެން ފަތިސްތަންމަތީގައި މީހުން ބިރުގަންނަހާ ގިނަ އަދަދެއްގެ ފުލުހުން ގޭގެއަށް ވަދެ، ބޭނުންފުޅު އެއްޗެއް އެއްވެސް ޖެހިލުމެއް ނެތި އެ ގެންދަވަނީ އެ ބޭފުޅުންނަށް އެއީ ހަމަ ހުއްދަކަމެއް ކަމަށް ނުވަތަ ޤާނޫނީ ބާރު އޮތް ކަމެއްކަމަށް ފެނިވަޑައިގަންނަވާތީތާއެވެ. އެހެންވީ އިރު މުޅި ޤަރާރު އެކީއެކަށް ތަންފީޒު ކުރައްވާންޖެހޭނެތާއެވެ. ނަމަވެސް ތަންފީޒީ އިދާރާތަކަށް ވެސް ހަމަ އެކަނި ފެނިވަޑައިގަންނަވަނީ "އިންޑިއާއައުޓް" މި ޢިބާރާތް އެކަންޏެވެ. ޤަރާރު ނެރުއްވި މަޤުޞަދު އެނގިވަޑައިގަންނަވާތީ ތޯއްޗެކެވެ. އޭގައި ހުރި އެހެން ވާހަކަތަކަށް ވިސްނައިވަޑައިގަންނަވާން ބޭނުންފުޅު ވެސް ނުވާ ކަހަލައެވެ.

އެ ޤަރާރުގައި ވާ ގޮތުން "ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކޮންމެ ޙަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވާންޖެހޭނެ" ކަމެކެވެ. އެހެންވީއިރު، ބޭރު ޤައުމެއްގެ ސިފައިންގެ މީހުން އެ މީހުން ބޭނުން ކޮންމެ ޢަދަދަކަށް ބޭނުން ވައްތަރެއްގެ ހަތިޔާރެއް ހިފައިގެން ދީބުލޫމާސީ އިމްތިޔާޒުތަކާއެކު މި ރާއްޖޭގައި އުޅުމަށްވުރެ ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑު އެހެން ކަމެއް އެބަ އޮތްތޯއެވެ! ވީމާ އެ ޤަރާރަށް ޢަމަލުކުރައްވާނަމަ، ފޮތިކޮޅެއްގައި "އިންޑިއާ ސިފައިން ބޭރުކުރޭ!" (In Dear Out) ޖަހައިލާއިރަށް އެ ފޮތިކޮޅު އަތުލިޔަކަސް ދިވެހި ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ހަމަ އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނުވެއެވެ. އަދި އެ ކަމުން ދޭހަވަނީ ދިވެހި އިސްތިޤުލާލު ދިވެހި ދައުލަތުގެ ބާރުގެ ދަށުން ވަކިވެފައިވާ މިންވަރެވެ. ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ބޮޑުކަމެވެ. ވީމާ، އެންމެ ބޮޑަށް ފުލުހުން ވެސް ހުއްޓުވާންވީ މި ކަންތައްކަން ވަރަށް ސާފެވެ. އަދި އެކި ޤައުމުތަކާމެދު ނަފުރަތު އުފެއްދުން ހުއްޓުވާ ނަމަ، ސީނުކަރައާ ބެހޭ ގޮތުން ނަފުރަތު އުފައްދާން ދައްކާ ދޮގު ވާހަކަތައް ހުއްޓުވާން ވެސް މަސައްކަތްކުރާން ޖެހެއެވެ. އެންމެ ކުޑަމިނުން އެ ކަމާ ދެކޮޅަށް ބަޔާނެއް ވެސް ނެރުއްވާން ޖެހިވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރުކުރައްވާން "ބޮޑުން" ފާހަގަކުރައްވާ އެންމެ "ބާރުގަދަ" ނުކުތާއެއްކަމަށް ފެންނަނީ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާއެވެ. ފަހެ، އެ މާއްދާގެ ފެށޭ ޢިބާރާތުގައި އޮންނަނީ "ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަމާއި އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭ ދެ އަސާސެއް ކަމުގައި ވީ ހިނދު،  އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެ ވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ  އެ ކަންތައްތަކަށް އިޙުތިރާމްކުރާންވާނެއެވެ." މި ފަދައިންނެވެ.  މި ވާހަކަ ބަޔާންކުރުމަށް ފަހު ތަފުސީލު ދެމުން އެ މާއްދާގެ (ރ) ގައި (އެއީ) "ދިވެހިރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަމާއި ޤައުމުގެ ޝަރަފު ހިފެހެއްޓުމަށް މަސައްކަތްކުރުން"ކަމަށް ވެސް އޮވެއެވެ. މި މާއްދާގެ ހުރިހާ އަކުރުތަކަކަށް ބަލާއިރު ވެސް ރައްޔިތުންނަށް އެ ބައިމީހުންގެ ޤައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ޓަކައި މި ރާއްޖޭގައި ބޭރު ސިފައިން ނުބާއިތިއްބާން އެދޭ ވާހަކަ ހާމަކޮށް އެ ކަމަށް ސަރުކާރަށް އިލްތިމާސްކުރުމަކީ ކުށެއް ކަމަކަށް ބަޔާންކޮށްފައެއް ނެތެވެ. އަދި އެއީ މި މާއްދާގައި ބުނާ ފަދައިން ރައްޔިތުންގެ މަސްއޫލިއްޔަތެވެ. އެހެނީ މިއަދު ޤައުމުގެ ސިޔާދަތީ ބާރެއް ދިވެހި ދައުލަތުގެ އަތްމައްޗަކު ނެތްކަން، އަޅުގަނޑުމެންނަށާއި ސަލާމަތީ ބާރުތަކަށް ނުވިސްނުނަސް، "އިންޑިއާއައުޓް" ގޮވާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން އެނގެއެވެ. ވިސްނެއެވެ.

އައްޑޫގައި ދިވެހި ފުލުހުންގެ ކޮލެޖެއް ނުވަތަ އިސްކޫލެއް ކަމަށް ބަޔާންކޮށްފައިވާ އިންޑިއާ ސިފައިންގެ ބިޔަ ބޮޑު ކިއްލާގައި އެންމެ ކުޑަމިނުން ދިވެހި ފުލުހުންގެ ކުލަކަމުގައިވާ ނޫކުލަ ލުމުގެ އިޚުތިޔާރެއް ވެސް ދިވެހި ފުލުހުންނަކަށް ނެތެވެ. އެތާނގެ މައްޗަކަށް ދިވެހި ފުލުހުންގެ ބާރެއް ނެތެވެ. އިންޑިއާއިން ރީތި ނަމެއްގައި ދަރަނި ނަގައިގެން ހަނިމާދޫގައި "ތަރައްގީކުރާ" އެއަރުޕޯޓް ތަރައްގީކުރަނީ އިންޑިއާގެ ސިފައިންނަށް ބޭނުންވާ ގޮތަށެވެ. އެ މީހުންގެ ބޭނުމަށެވެ. އެހެންނަމަވެސް ދަރަނި އެޅެނީ ރައްޔިތުންގެ މި ދިވެހި ދައުލަތުގައެވެ. އެ އެއަރުޕޯޓްގެ މެނޭޖަރު ވެސް ތަބާވާން ޖެހިވަޑައިގަންނަވަނީ އިންޑިއާ ސިފައިންގެ އަމުރަށެވެ. ދިވެހި ރާއްޖޭގައި އިންޑިއާ މީހަކު ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އެ ކަމަށް ފިޔަވަޅު އެޅުމުގެ އެއްވެސް ބާރެއް ދިވެހި ސަރުކާރަކަށް ނެތެވެ. އުތުރުތިލަފަޅަކީ ވެސް އިންޑިއާ ސިފައިންގެ ބޭނުމަށް ތަރައްގީކުރާ ދިވެހީންނަށް ބާރު ނުހިނގާ، އިންޑިއާގެ ސިފައިންގެ މަރުކަޒެއްކަމަށް އިންޑިއާގެ ނޫސްތަކުން ފަޚުރުވެރިކަމާއެކު ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ދަރަންޏާ ހަވާލުވާންޖެހެނީ ދިވެހި ދައުލަތުންނެވެ. އިންޑިއާ އެންބަސީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވުރެ ބާރު ގަދަ ތަނެއްކަމަށް ދޭހަވާ ކިތަންމެ މަންޒަރެއް ވަނީ ފެނިފައެވެ. ރައީސުލްޖުމްހޫރިއްޔާ ބާއްވާ ރަސްމީ ރޯދަވީއްލުންތަކަށް ވެސް އިންޑިއާ ސަފީރަށް ދަޢުވަތު ނުދެއްވައި ފަރުޖެއްސޭކަށް ނޯވެއެވެ. އިންޑިއާއެކު އެއްތައް އެއްބަސްވުންތަކެއްގައި ސޮއިކުރެވުނަސް އެ އެއްބަސްވުންތަކަށް ގާނޫނީ ހައްސިއްޔަތު ހޯދައިދޭން ރައްޔިތުންގެ މަޖިލީހަށް ދައްކައިލެވިފައެއް ވެސް ނެތެވެ. އެހެންވީ އިރު ދިވެހި ރާއްޖޭގައި ސިޔާދަތީ ބާރު އޮތްކަމަށް މިހާރު ރައްޔިތުންނަށް ބެލޭން އެބަ އޮތްތޯއެވެ! މި ނޫނަސް އެތައް ކަމަކުން މިއަދު ހާމަވަނީ ދިވެހި އިސްތިޤުލާލު ނިކަމެތިވެ އަޅުވެތިވެފައިވާ މިންވަރެވެ. ދިވެހި ޤައުމުގެ ޝަރަފު ގެއްލިފައިވާ ދަރަޖައެވެ. އަޅުގަނޑުމެންނަށާއި ދިވެހި ޤައުމީ ސަލާމަތީ ބާރުތަކަށް މިކަން ނުވިސްނުނަސް މިކަމާ ސީރިއަސްކޮށް ފިކުރުކުރާ މީހުންނަށް މި ކަންކަން ވިސްނޭނެތާއެވެ!

މިހާ ނިކަމެތި ދަރަޖައަކަށް ދިވެހިރާއްޖެ ވެއްޓިފައިވާކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލުކުރެވި އަދި ޤައުމީ ޝަރަފަށް ވަރަށް ބޮޑަށް އުނިކަން އައިސްފައިވާކަމަށް އެ މީހުންނަށް ކަށަވަރުވާތީ، އެ ޝަރަފު ނެގެހެއްޓުމަށް ޓަކައި މަސައްކަތް ކުރުމަކީ އެ ރައްޔިތުންގެ ޒިންމާއެއްކަމަށް ޤާނޫނުއަސާސީގެ އިސްވެ ދެންނެވުނު 67 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބަ އޮތެވެ. އަދި ރާއްޖޭގެ އަމްނުއަމާންކަމާއި ސިޔާދަތު ހިމާޔަތްކުރާން މަސައްކަތްކުރުން ވެސް މި މާއްދާއިން ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުކުރެއެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތީ ބާރު ދިވެހި ދައުލަތުން ބީވާކަމަށް ރައްޔިތުންނަށް ފެނުމުން އެ ކަން ޙިމާޔަތްކުރާން އަޑު އުފުލުން ވެސް މި މާއްދާއިން ރައްޔިތުންނަށް ލާޒިމުކުރެއެވެ. ވީމާ މި މާއްދާއަކުން ވެސް ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝުޢޫރު ހާމަކުރާކަށް މަނައެއް ނުކުރެއެވެ. އަދި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ޞަރީޙަ ޙައްޤަށް ހަނިކަމެއް ވެސް ނާދެއެވެ.

ފާހަގަކޮށްލާން ޖެހޭ ކަމަކީ، އިންޑިއާ ސިފައިން ވެސް ހިމެނޭހެން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުބާއިތިއްބާން ގޮވާ ގޮވުމަކީ ސަރުކާރަށް ކުރާ އިލްތިމާސެއްކަމެވެ. އެއީ ސަރުކާރަށް ކުރާ އާދޭހެކެވެ. އެއީ ސަރުކާރަށް ޖެއްސުންކުރުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ނުވިސްނުނަސް އެހެން ގޮވާ މީހުން އެހެން އެ ގޮވަނީ ހަމަ ޤައުމުގެ ޙައްޤުގައެވެ. ނަމަވެސް ރައްޔިތުން އިލްތިމާސެއް ކުރުމުން އެ އިލްތިމާސަށް ޢަމަލުކުރެއްވުމާއި ނުކުރެއްވުމަކީ ސަރުކާރަށް އޮތް ކަމެކެވެ. ލިބިވަޑައިގެންފައިވާ އިޚުތިޔާރެކެވެ. މާއްދީ ބާރެކެވެ. އެކަމަކު އެ ފަދަ އިލްތިމާސެއް ކުރިޔަ ނުދެއްވާން މަސައްކަތްކުރެއްވުމަކީ ދީމިޤްރާޠީ ނިޒާމެއްގައި ސަރުކާރަށް އޮންނާނެ ޙައްޤެއް ނޫންކަމެވެ. އެ ފަދަ އަޑުތައް ކަނޑުވައިލާން މަސައްކަތްކުރުމަކީ ޚުދުމުޚުތާރު ވެރިކަމުގެ ސިފައެއް ކަމެވެ. އެއީ ދީމުޤުރާޠީ ސިފައެއް ނޫނެވެ. އަދި ރައްޔިތުންގެ އަޑު ކަނޑުވާން ބޭނުންކުރެވޭ ބާރަކީ ޤާނޫނީ ބާރެއް ވެސް ނޫނެވެ. އެކަމަކު އެއީ ޚުދުމުޚުތާރު މާއްދީ ބާރެކެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.