Support Us

އަލްމަރުހޫމު ޝައިޚު ހުސައިން ޔޫސުފު

އަގުހުރި ޝަޚުސިއްޔަތެއްގެ ހަނދާން: މަރުހޫމު ޝައިޚު ހުސައިން ޔޫސުފު

ޝައިޚު ހުސައިން ޔޫސުފު އަވަހާރިވާތާ އަހަރެއް ފުރުނީއެވެ. އޭނާއަކީ އަގުހުރި ޚިދުމަތްތައްކެއް ކުރެއްވި ބޭކަލެކެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި ފަނޑިޔާރުކަން ކުރެއްވުމާއި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަން ކުރެއްވުމާއި އަދި އަމިއްލަ ގޮތުން މަދަރުސާ ހިންގެވުން ހިމެނެއެވެ.

މަދީނާއިން ކިޔަވާ ވިދާޅުވި ހުސައިން ޔޫސުފަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. ދަށު ކޯޓްތަކުގެ ފަނޑިޔާރުކަން ވެސް އެކި ފަހަރުމަތީން ކުރެއްވިއެވެ. ހުސައިން ޔޫސުފް ވަނީ ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

މަރްހޫމު ހުސައިން ޔޫސުފުގެ އެންމެ އަގުހުރި އެއް ޚިދުމަތް ގުޅެނީ ދީނީ ތައުލީމުގެ ދާއިރާއާއެވެ. ދިވެހިންނަށް ދީނީ ތައުލީމު ލިބުމުގެ މަގުފަހިކޮށްދިނުމާއެވެ. މިގޮތުން 1971 ވަނަ އަހަރު، ތިރީހަކަށް ކުދިންނާއެކު ކަނޑު ބޯޓެއްގައި ޕާކިސްތާނަށް ވަޑައިގަތުމުގެ ދަތުރެއް ފެއްޓެވިއެވެ. އަދި ފައިސަލް އާބާދުގެ ދީނީ މަދަރުސާއެއްގައި އެކުދިންނަށް ކިޔެވުމުގެ މަގު ފަހިކޮށްދެއްވިއެވެ. ތިރީގައި އެ ވަނީ (ކުލަކޮށްފައިވާ) އެ ކުދިންގެ ފޮޓޯއެކެވެ.

އެ ދުވަސްވަރަކީ ރާއްޖޭގައި ކިޔެވުން އަދި އާންމު ނުވެ އޮތް ދުވަސްވަރެކެވެ. މާލޭގައި ހުރި ދެތިން އިސްކޫލެއް ފިޔަވައި ނިޒާމީ ސިފައެއްގައި އެކަށީގެންވާ ގޮތެއްގައި ކުދިންނަށް ތައުލީމެއް ދެވޭ އިސްކޫލެއް ރާެއްޖޭގައި ނެތޭ ވެސް ބުނެވިދާނެއެވެ. ބޭރުގެ ތަނަކަށް އަމިއްލައަށް ކިޔަވަން ދިޔުމަކީ، އާދައިގެ މީހުންނަށް މުސްތަހީލުކަމެކޭ ވެސް ބުނެވިދާނެއެވެ. މަރުހޫމުގެ މި މަސައްކަތުގެ މުހިއްމުކަން ފާހަގަވަނީ މިކަން ހަނދާންކޮށްލުމުންނެވެ.

ޝައިޚުގެ މި މަސައްކަތާ ވިދިގެން، އޭގެ އަހަރުތަކެއް ފަހުން، ރާއްޖޭގައި އުފެދުނު، ދީނީ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށް ގިނަ ދީނީ ބޭފުޅުންނަކީ މަރުހޫމު އިންދެވި މި އޮށުން ފަޅައި ހެދުނު ގަހުގައި އެޅި މޭވާއެވެ. ޕާކިސްތާނުން، ސައުދި އެރޭބިޔާ އަށާއި އަދި އެނޫންވެސް އެހެން ތަންތަނަށް ގޮސް އެބޭކަލުންގެ ތައުލީމީ މަސައްކަތް ކުރިއަށް ގެންދެވައި އެބޭކަލުންގެ ދީނީ ތައުލީމު ފުރިހަމަކުރެއްވި ބޭކަލުންނެވެ.

ބޭރަށް ކިޔަވަން ކުދިން ގެންދެވުމުގެ އިތުރުން ވެސް ތައުލީމީ ޚިދުމަތްތަކެއް މަރުހޫމު ހުސައިން ޔުސުފު ކުރެއްވިއެވެ. މާލޭގައި އަރަބި ބަހުން ކިޔަވައިދޭ މަދަރުސާއެއް ތައުސީސުކުރައްވައި ގާއިމުކުރެއްވިއެވެ. އާދެ، ތައިބާ މަދަރުސާއެވެ. އެއީ އަމިއްލައަށް ބިމެއް ހިއްކަވައިގެން ބިނާކުރެއްވި އަމިއްލަ މަދަރުސާއެކެވެ. މިހާރު ތައިބާ މިސްކިތް އެހެރީ އެބިމުގައެވެ. އެ މަދަރުސާ ބަންދުކުރެވުމުން، މަރުހޫމުގެ ރަށުގައި، ބ. ހިތާދޫގައި، މަދަރުސާ ހިންގެވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ހިންގަވަމުން ގެންދެވިިއެވެ.

މީގެ އިތުރުން، ކިޔަވަން އުޅުއްވި ދުވަސްވަރު، އެންމެ ފުރަތަމަ ދިވެހި ބަހުން ލިޔެވުނު ކީރިތި ގުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވި މަރްހޫމު މަލިމް ހުސައިންދީދީގެ ކާތިބެއްގެ ގޮތުގައި ވެސް ޝައިޚު މަސައްކަތް ކުރެއްވިއެވެ.

މަރްހޫމަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ! އާމީން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް