Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ތުރުކީގެ ބޮޑުވަޒީރު ދަންޖެއްސުން

ފޮޓޯއިން އެ ފެންނަނީ ތުރުކީގެ ބޮޑުވަޒީރު އަދުނާނު މެންދެރޭސް، 1961ގައި ދަންޖައްސާ މަންޒަރެވެ. އޭނާގެ ކުށަކީ ހެއްޔެވެ؟ އޭނާ ހައްޔަރުކުރި، ތުރުކީގެ އަސްކަރިއްޔާއިން އޭނާގެ މައްޗަށް ތުހުމަތުކުރީ ތުރުކީގެ ގާނޫނު އަސާސީއާ ޚިލާފުވުމާއި ތުރުކީގެ ޔޫނާނީ ދަރިކޮޅު މީހުންނާ އިދިކޮޅު ހަރަކާތްތަކެއް ހިންގުމުގައި އިސް ދައުރެއް އަދާކުރުމުގެ ކުށެވެ.

އަދުނާނު މެންދެރޭސް ތުރުކީގެ ބޮޑު ވަޒީރުކަން ކުރެއްވީ 1950 އިން ފެށިގެން 1960 ވަނަ އަހަރާ ހަމައަށެވެ. އޭނާގެ ވެރިކަމުގެ ދަށުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދީނީ ކަންތައްތަކެއް ފާހަގަކުރެވެއެވެ. އަރަބި ބަހުން ބަންގިގޮވުން އިއާދަކުރުމާއި، ބަންދުކުރެވިފައި ހުރި އެތައް މިސްކިތެއް ހުޅުވުމާއި އިހުއްސުރެން ތުރުކީގައި އޮތް އާންމު އިސްލާމީ އާދަކާދީ ދިރިއުޅުން އުޅުމުގެ ހުއްދަ ދިނުން ފަދަ ކަންތައްތަކެވެ. މީގެ އިތުރުން، ތުރުކީގެ ރައްޔިތުންގެ މަޖުލީސް އެދޭ ނަމަ، އާދެ، ތުރުކީ މީހުން އެދޭ ނަމަ، އިސްލާމީ ޚިލާފަތް އަލުން ގާއިމުކުރުމާ މެދު އޭނާ ދެކޮޅުނުހަދާނެ ވާހަކަ ވެސް ރައްޔިތުންގެ މަޖުލީހުގައި އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް އޭނާގެ ދީނީ މައުގިފު ވެގެން ދިޔައީ އޭނާގެ އިދިކޮޅު މީހުން މާ ރުހުނު ކަމަކަށް ނޫނެވެ. އެކަންވީ އޭނާގެ މަގާމުން އޭނާ ދުރުކުރަން މެދުވެރިކުރުވި ސަބަބަކަށެވެ. ދެން، 1960ގައި އަސްކަރީ އިންގިލާބަކުން އޭނާގެ ސަރުކާރު ވައްޓާލެވުނެވެ. އަދި، އޭނާގެ މައްޗަށް އަސްކަރީ ކޯޓަކުން ޝަރީއަތް ކުރެވި، އޭނާ ކުށްވެރިކޮށް އޭނާ ދަންޖައްސައި މަރަން ހުކުމުކުރިއެވެ. އަދި، ސެޕްޓެމްބަރު 1961ގައި އޭނާގެ މައްޗަށް އެ ހުކުމު ތަންފީޒުކުރެވުނެވެ.

އޭނާ ދަންޖެއްސުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ބުނިކަމަށް ވެއެވެ. "ތުރުކީގެ މީހުންނަކީ މުސްލިމުންނެވެ. އެމީހުން ދެމިތިބޭނީ މުސްލިމުންގެ ގޮތުގައެވެ. އެހެންވެ، މުސްލިމުންގެ ގޮތުގައި އެމީހުން ދެމިތިބުމައްޓަކައި އިސްލާމީ އުސޫލުތައް އެމީހުންނަށް އުނގަންނައިދޭން ޖެހެއެވެ."

އަދުނާނު މެންދެރޭސްގެ ހަޔާތުންނާއި ވާހަކަކޮޅުން ދެތިން ކަމެއް ފާހަގަވެއެވެ. މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ތަނެއްގައި ވެސް، އިސްލާމް ދީނާ ނުރުހޭ، އަދި ދެކޮޅު ހަދާފާނޭ މަދު ބަޔަކު އުޅެފާނޭ ކަމާއި އަދި ވެރިކަމުގެ މައްޗަށް އެމީހުން ބާރު ފޯރާފާނޭކަން ވެސް މެއެވެ. މިކަން މިހެން ވަނީ ދީނީ ދާއިރާތަކުން ކިޔަވާ މީހުންގެ ސިކުނޑި ހަމަ އެކަނި ދީނީ ދާއިރާގެ ތެރޭގައި ހައްޔަރުވެފައި އޮތުމެވެ. އެ ދާއިރާގެ އިތުރުން، ދުނިޔޭގެ އެހެން ކަންކަމާ ބެހޭ ގޮތުން ވެސް ވިސްނައި ފިކުރުކުރުމުގެ އެކަށޭނަކަން ދީނީ މީސްމީހުން ހޯދަން ނޫޅުމެވެ. މިހެން ކަންތައް އޮތުމުން، އާންމުންގެ ކުރިމަތީގައި ދީނަކީ ހަމައެކަނި ބަރަކާތް ހޯދުމުގެ ވަސީލަތެއް ކަމުގައި ވެގެން ދެއެވެ. އަދީ ދީން ގަބޫލުކުރާ މީހާއާއި ދީނާ ދެމެދު އޮންނަ ގުޅުމަކީ ޖަޒުބާތީ ގުޅުމެއް ކަމުގައި ވެއެވެ. ހަމައެކަނި ހިތުގެ ގުޅުމެއް ކަމުގައި ވެއެވެ. އަގުލާނީ ސިފަ އެ ގުޅުމަށް ލިބިފައެއް ނޯވެއެވެ. އެހެންވެ، ދީން އޮންނަން ޖެހޭނީ މިސްކިތުގެ މިހުރާބުގެތެރޭ އެކަނި ކަމުގައި މީސްތަކުންނަށް ގަބޫލުކުރެވެއެވެ. އެ ޖަގަހައިން ދީން ނެރެ، ހަޔާތުގެ އެހެން މައިދާންތަކާ ދީނާ ގުޅޭ ވާހަކަ ދައްކަން ފަށައިފި ނަމަ، މިކަމާ ބަޔަކު ކަންބޮޑުވެ، އެފަދަ ވާހަކަތައް ދައްކާ މީހުން ބަންދުކުރެވި، އެމީހުންގެ ދުވަސް ދުއްވާލައެވެ.

އަދުނާނު މެންދެރެސްގެ މައްސަލައަކީ ވެސް މިކަހަލަ މައްސަލައެކެވެ. ތުރުކީގައި އެ ދުވަސްވަރު ދީނަށް ދެވިފައި އޮތް މަގާމާ އިދިކޮޅަށް އޭނާއަށް މަސައްކަތްކުރެވުމެވެ. އެކަމުގެ ސަބަބުން އޭނާއަށް އޭނާގެ ހަޔާތް ގުރުބާންކޮށްލަން ޖެހުނީއެވެ.

މަރުހޫމު އަދުނާނު އެންދެރޭސްގެ ވާހަކައިއާއި ދީން މިސްކިތުގެ މިހުރާބުގޭ ތެރެއިން ނެރޭ ވާހަކަ ދައްކައި އެކަމުގެ މަތިން ހަނދާންކޮށްލާއިރު، އެހެން ކަމެއް ވެސް ފާހަގަކޮށްލަން ޖެހެއެވެ. މިސްކިތުގެ މިހުރާބުގޭ ތެރެއިން ދީން ނެރެވޭނީ މުއުމިނާއާއި ދީނާ ދެމެދު އޮންނަ ގުޅުމަކީ ޖަޒުބާތީ، އާދެ، ހިތުގެ ގުޅުމެއްގެ އިތުރުން، އަގުލާނީ، އާދެ، ސިކުނޑީގެ ގުޅުމަކަށް ވެސް ހަދާލެވިގެންނެވެ. ދީނުގެ ދީނީ ކަންކަމާއި އަދި މުޖުތަމައީ ކަންކަމީ ކޮބައިކަން ވަކިކުރެވިގެންނެވެ. މި ދެބައިގެ މައްޗަށް އަގުލާނީ ސިފައެއްގައި ނަޒަރު ހިންގައި، މި ދެބައާ ބެހޭ ތައުލީމާތުތަކުގެ ތަބީއަތް ދެނެގަނެވިގެންނެވެ. މި ތައުލީމާތުތަކުގައި އިސްކަން ދެވިފައިވަނީ ކޮން ކަމަކަށްތޯ އެނގިގަނެވިގެންނެވެ. ލަފްޒީ މާނައަކުން މާނަކުރުންތޯ ނުވަތަ އުސޫލީ، ނުވަތަ މަގުސަދީ މާނަކުރުމަކުން މާނަކުރަމަށްތޯ ބަލައި މިކަން ކަނޑައަޅާލެވިގެންނެވެ. މިކަން ކުރެވެން އަންނަނީ ދެންމެ މި ބުނިހެން ދީނުގެ ތައުލީމާތާ ބެހޭ ޝަރުއީ ނައްސުތަކުގެ މައްޗަށް، އަދުގެ ހާލަތު އޮތްގޮތް ހިތަށް ގެނެސް، މިނިވަންކަމާއެކު ނަޒަރު ހިންގިގެންނެވެ. ޚާއްސަ ގޮތެއްގައި ޝަރުއީ ނައްސުތަކުގެ ތެރެއިން މުޖުތަމައު އިންތިޒާމު ކުރުމާ ބެހޭ ނައްސަތުތަކުގެ މައްޗަށެވެ. މި ސިފައިގައި މިކަން ނުކުރެވޭ ނަމަ، މިސްކިތުގެ މިހުރާބުން ދީން ނެރެން އުޅޭ ކޮންމެ މީހަކީ 'ހަރުކަށި ފިކުރުގެ' މީހަކަށް ހަދާލެވި، އަދުނާނު މެންދެރޭސް އަށް ޖެހުނު ދަތުރު ޖެހުން ކައިރިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. މާޝާ ﷲ! އަދުނާނު މަންދަރޭސަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ! ވިސްނައި ފިކުރުކުރާ ބަޔަކަށް ނޫނީ ޢިބްރަތެއް ނުލިބޭނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *