Support Us

ކޮލަމް ކޯދު: ރައީސް ޕޫޓިންގެ ބަސްކޮޅެއް

ރަޝިޔާގެ ރައީސް ލަޑިމީރު ޕޫޓިން ވިދާޅުވެފައި އޮވެއެވެ. "ފަރަންސޭސި ވިލާތް ކަހަލަ ކުޑަ ދައުލަތަކަށް، އެފްރިކާގެ ސާދަ ދައުލަތް ކޮންޓުރޯލު ކުރެވޭތީ އަހަރެން އަޖައިބުވެ އަންތަރީސްވަމެވެ. ނަމަވެސް، އެކަމުގެ ސިއްރަކީ ކޮބައިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ ނިޔުކުލިޔަރުގެ ބާރަށްވުރެ ވެސް ބާރު ގަދަ، އަދި ނުރައްކާތެރިކަން ވެސް ބޮޑު ހަތިޔާރެއް ފަރަންސޭސި ވިލާތަށް ލިބިފައި އެބައޮތެވެ. އެއީ ފަރަންސޭސީ ވިލާތުގެ މަސްލަހަތު ދިފާއުކޮށް ހަރަކާތްތެރިވާނޭ އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ. އެމީހުންގެ އަމިއްލަ ގައުމުތަކަށް ޚިޔާނަތްތެރިވެ، ފަރަންސޭސި ވިލާތުގެ އަޅުންގެ ގޮތުގައި ރުހިގެން މަސައްކަތް ކުރަން ތިބޭ މީހުންނެވެ. އެފަދަ ޚާއިނު އަޅުންގެ ޖީނުގައި ވަނީ ހަގީރުކަން، ދަށު ދަރަޖައިގެ ދެރަ ނިކަމެތިކަން، ގަބޫލުކުރުމުގެ ސިފައެވެ. އެ ޚާއިނުން އެމީހުންގެ ގައުމުތަކުގެ މީހުންނާ ތަޅާފޮޅައެވެ. އެމީހުންގެ ގަައުމުގެ މުއްސަނދިކަން ފޭރިގަނެއެވެ. އެމީހުންގެ ގައުމުތަކުގެ އިގުތިސާދު ފުނޑުފުނޑުކޮށްލައި ހަލާކުކޮށްލައެވެ. އަދި، ފަރަންސޭސީންގެ އަތުން އެއްވެސް ޚަރަދެއް ނުގޮސް، އެ ގައުމުތަކުގެ މުއްސަނިދިކަން މި ނަންގަތް ޚާއިނުން އެމީހުންގެ ސާހިބުން ކަމުގައިވާ ފަރަންސޭސިންނަށް ރައްދުކޮށް ދެއެވެ."

އާދެ، ބައެއް ފަހަރު، ގައުމީ ހޭލުންތެރިކަން ކުޑަވެ، އާންމު މަސްލަހަތަކީ ބަލަންޖެހޭ އެއްޗެކަށް ނުވެ، އެކަކު އަނެކަކަށް އަޅާލުމުގެ ސިފަ ނެތި، އެންމެންހެންވެސް މަވެތިވުމުން، ރައީސް ޕޫޓިން އެ ވިދާޅުވި މަންޒަރު އެފްރިކާގެ ގައުމުތައް ނޫން އެހެން ގައުމުތަކުން ވެސް ފެނިގެން ދެއެވެ. ތިމާމެންގެ ވެރިންނަކީ ތިމާމެންގެ ސާހިބުން ކަމަށްވެ، ތިމާމެން އެ ސާހިބުންގެ އަޅުންނަށް ވެދެއެވެ. ދެން، އެ ސާހިބުން ކުޑަކަކޫ ޖަހައި ކިޔަމަންވާން ޖެހެނީ އެ ސާހިބުން ކޮންޓުރޯލުކުރާ ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައެވެ. އާދެ، އެ ސާހިބުން ވަނީ އެ ފަރާތްތަކުގެ އަޅުންނަށެވެ. މުޅި ގައުމުވެސް ތަބަކެއްގެ މަތީ ބާއްވައިގެން މި ނަންގަތް ސާހިބުއަޅުން- ތަނުގެ މީހުންގެ ކުރިމަތީގައި ސާހިބުން، ނަމަވެސް، އެމީހުން ކޮންޓުރޯލުކުރާ ބޭރު ބާރުތަކުގެ އަޅުން- އެމީހުންގެ ސާހިބުންނަށް ގެންގޮސްދެއެވެ. ބޭރުގެ އެ ސާހިބުންނަށް އެ ތަބަކަށް މާ ބޮޑު އަގެއް ދައްކާކަށް ނުޖެހެއެވެ. މިކަން މިގޮތަށް ވަނީ ކުރިން ވެސް ބުނިހެން، ތަނުގެ ގައުމީ ހޭލުންތެރިކަން ކުޑަވެ، ކޮންމެ ބަޔަކުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާ ކަމަށް ވެފައި އޮތުމުންނެވެ.

(ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)