...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް- އިޚްލާސްތެރިކަމާއި އަމާނަތްތެރިކަމުގެ ވާހަކައެއް

ފޮޓޯއިން އެ ފެންނަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މަންޒަރެކެވެ. ދެވަނަ ބޮޑު ހަނގުރާމައި މައިގަނޑު ވާހަކަ ގުޅެނީ ޖަރުމަނުވިލާތުން، އެ މީހުންގެ ބާރުގެ ދަށުގައި، ޔޫރަޕުގެ ހުރިހާ ގައުމުތަކެއް ގެނައުމުގެ އެދުމާއި އެ އެދުން ހަގީގަތަކަށް ހަދާލަން އޭރުގެ ޖަރުމަނުގެ ލީޑަރު ކުރި އުދުވާނީ ހަނގުރާމައާއެވެ.

އެހެން ގައުމުތަކަށް އަރައިގަނެ ހިފުމަކީ އެއް އިރެއްގައި ވެސް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންވެ، މިކަމަން ކުރެވެނީ މިކަމަށް މަގުފަހިކޮށްދޭނޭ ބަޔަކު ތިބެގެންނެވެ. ދެވަނަ ބޮޑު ހަނގުރާމާއިގެ ތެރޭގައި ވެސް މިފަދަ ބައެއް މީހުން ފެނުނެވެ. ޖަރުމަނުގެ ހިޓިލަރާ އެއްބައިވެ، އެމީހުންގެ ގައުމުތައް ޖަރުމަނަށް 'ވިއްކާލުމުގެ' މަގު މިފަދަ ޣަދަރުވެރި ޣާއިނުން ފަހިކޮށްދިނެވެ. މިސާލަކަށް ނޯވޭގެ 'ވިޑްކުން އެބްރަހަމް ކްވިޒްލިންގ' (1887-1945) އިބުރާހިމެވެ. އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި 1942ގައި ނޯވޭ ހިފުމަށް ފަހު، ހިޓުލަރުގެ ބާރުވެރިކަމުގެ ދަށުން ނޯވޭ ހިންގަން ހަވާޅުކުރެވުނު ނޯވޭގެ ސިޔާސީވެރިއެކެވެ. ވެރިކަމަށް ދަހިވެތިވެފައި ވުމުން، ގައުމު ވިއްކާލުން ވެސް އެންމެ ރަނގަޅު ކަމެއްގައި ދުށް މީހެކެވެ. ނަމަވެސް އޭނާގެ ނިމުން ވަރަށް ވެސް ހިއްޗެވެ. ގައުމަށް ޣަދަރުވެރިވުމުގެ ކުށުގައި 1945ގައި އޭނާ މަރާލެވުނެވެ. މިފަދަ އެހެން މީހުން ވެސް ތާރީޚުން ފެނެއެވެ. (ކުރިން ލިޔެވުނު ގައުމަށް ޚިޔާނަތްތެރިވުމުން އިހުގައި ދެވުނު އަދަބެއްގެ ވާހަކަ: ހަތަރު ފަޅިއަށް އިރާލުން، މި ލިޔުމުގައި މިފަދަ އިތުރު މިސާލުތަކުގެ ވާހަކަ ލިޔެވިފައިވާނެއެވެ.)

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުވިލާތުން ގައުމުތައް ހިފަމުން ދިޔައިރު، އެފަދަ ގައުމުތަކުގައި ޖަރުމަނުވިލާތާއި އަދި ހިޓިލަރާ ދެކޮޅު ހެދި މީހުން ވެސް އުޅުނެވެ. އޭގެ ތެރޭގައި އާދައިގެ މީހުން ވަރަށް ވެސް ގިނައެވެ. ފޮޓޯއިން އެފަންނަނީ އެފަދަ އާދައިގެ މީހެެކެވެ. އޭރުގެ ޔޫގޮސްލޭވިއާގެ، އެންމެ ސަތާރަ އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަކީ ލޭޕާ ރަޑިޗްއެވެ. ބޮޑެތި ބާރު ގަދަ ފިރިހެނުންގެ ނެތް ހިއްވަރު އޭނާގެ ކިބައިން ފެނުނެވެ. އޭނާގެ ގައުމަށް ޖަރުމަނުން ވެރިވެގަތުމުން އެކަމާ އިދިކޮޅަށް ނިކުތް މީހުންނާ އޭނާ ބައިވެރިވިއެވެ. އަދި، ޖަރުމަނުގެ އިހުތިލާލީ ބާރުތަކާއި ކުރިމަތިލީ މީހުންނަށް އެހީވެދިނެވެ.

އެންމެ ފަހުން، އިހުތިލާލީ ބާރުތަކުން އޭނާ އަތުލައިގަނެ ހައްޔަރުކޮށް އޭނާ ދަންޖައްސައި މަރާލަން ނިންމިއެވެ. އޭނާގެ ކިބައިން މުހިއްމު ބައެއް މައުލޫމާތު ހޯދުމުގެ މަގުސަދުގައި އޭނާއަށް އަނިޔާކުރުމަށް ފަހުއެވެ. ފޮޓޯއިން އެ ފެންނަނީ އޭނާ ދަންޖައްސަން އުޅޭ މަންޒަރެވެ. ޖަރުމަނުގެ ބާރުތަކާ ހަނގުރާމަކުރާ އިސް މީހުންގެ ވާހަކަ ކިޔައިދީފި ނަމަ، އޭނާ މިނިވަންކުރެވިދާނޭ ކަމަށް އޭނާ ގާތު ބުނެވުނެވެ. ނަމަވެސް، އޭނާ ޚިޔާރުކުރީ އެފަދަ އެއްވެސް ވާހަކައެއް ކިޔައިނުދިނުމަށެވެ. ގައުމަށް ޚިޔާނަތްތެރި ނުވުމަށެވެ. އަދި، އެ ގޮތުގައި ހުރެ، އާދެ، އޭނާގެ ގައުމަށް ވަފާތެރިކަން މަތީ ދެމިހުރެ، މަރުވެ ދިޔުން ވެސް ރަނގަޅުކަމުގައި އޭނާ ދުއްޓެވެ. ދަންޖެއްސުމުގެ ކުރިން، އޭނާގެ ފަހު ބަސްކޮޅުގެ ތެރޭގައި މި ގޮވާލުން ހިމެނެއެވެ: "މީސްތަކުންނޭވެ! ކަލޭމެންގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާށެވެ! [މިނިވަންކަން ގެއްލުވާލަން އުޅޭ] ނުބައި ނުލަފާ މީހުންގެ ކުރިމަތީގައި ދީލާލައި ދޫނުދޭށެވެ! އަހަރެން މަރާލެވޭނެއެވެ. ނަމަވެސް، އަހަރެންގެ މެރުމުގެ ހައްގު ބަދަލު ލިބިގަންނާނެ މީހުން އަންނާނެއެވެ!"

ލެޕާ ރަޑިޗް އަކީ ކޮމިޔުނިސްޓެކެވެ. އަދި، ޔޫގަސްލޭވިޔާގެ ކޮމިޔުނިސްޓު ޕާޓީއާ ގުޅުނު މީހެކެވެ. އޭނާގެ ގައުމާއި އޭނާގެ އަގީދާގެ ދިފާއުގައި އޭނާ ނިކުތެވެ. މިފަދަ، ހިއްވަރެއް ހުރި މީހުން، ގައުމުތަކުން ފެންނަނީ ވަރަށް ވެސް މަދުންނެވެ. އެމީހުންގެ ގައުމުތައް ނުރައްކަލަށް ހުށަހެޅިގެންދާއިރު، ގިނައިން ފެންނަނީ، އެފަދަ ނުރައްކާތަކަށް ގައުމުތައް ހުށަހަޅާލާ ޣަދަރުވެރި ކަސްބީންނާ ބައިވެރިވެ، އެމީހުންނަށް އެހީވެދޭ ތަނެެވެ! ބާތިލު އަގީދާތައް ދިފާއުކުރުމަށް ކެރިގެން މީހުން ނިކުންނައިރު، ތިމާމެން މިތިބީ ހައްގު ގޮތުގައޭ ބުނާ މީހުންގެ ކިބައިން، އެމީހުންގެ ހައްގު ގޮތަށް ތެދުވެރިވެ، އެ ގޮތް ދިފާއުކުރާނޭ މީހުން ނުފެނުމަކީ ލަދުގަންނަންޖެހޭ އަދި ހިތާމަވެރި ވެސް ކަމެކެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.