...

Support Us

ކޮލަމް ކޯދު: އަޅުވެތިކުރުމާއި އަޅުވެތިކުރެވުމުގެ އެކަށޭނަކަން- 1

މަތީގައި އަޅާލެވިފައިވާ ސުރުޚީގެ އިބާރަތްކުރުން ނެގިފައިވަނީ މާލިކު ބިން ނަބީގެ ބަސްފުޅަކުންނެވެ. އޭނާއަކީ މިދިޔަ ގަރުނުގެ މެދެއްހާ ހިސާބުގައި އުޅުއްވި އަލްޖީރިޔާގެ މުފައްކިރެކެވެ. އޭނާގެ ދުވަސްވަރަކީ، އޭނާގެ ގައުމުގެ މީހުން ފަރަންސޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުން މިނިވަންވެގަތުމަށް މަސައްކަތް ކުރެވެމުންދިޔަ ދުވަސްވަރެވެ. އޭނާ ވިދާޅުވަނީ ބަޔަކު އިސްތިއުމާރުކުރެވެނީ އިސްތިއުމާރުކުރުމުގެ އެކަށޭނަކަން އެބައި މީހުންގެ ކިބައިގައި ހުރެގެންނެވެ. މި އިބާރާތް ކުޑަކޮށް ބަދަލުކޮށްލައިގެން 'އަޅުވެތިކުރުމާއި އަޅުވެތި ކުރުމުގެ އެކަށޭނަކަން' ލިޔެ މަތީގައި ސުރުޚީ އަޅާލެވުނީއެވެ.

މީގެ މާނައަކީ ކޮބައިތޯއެވެ؟ އެންމެ އިހުގެ ވިޔަސް އަދި ފަހުގެ ވިޔަސް، އިސްތިއުމާރީ ބާރުތަކަށް ބަލާލާއިރު، އެމީހުންނަކީ ސަގާފީ ގޮތުން ކުރިއަރާފައިވާ ބަޔެކެވެ. މިތާނގައި ސަގާފީއޭ ބުނެ އިޝާރަތްކުރަނީ ޒިހުނީ، ސިކުނޑީގެ، ކުރިއެރުމަށެވެ. ވިސްނާފިކުރު ކުރުމުގެ ސަބަބުން، ޒިހުނީ އުފެއްދުންތެރިކަން އިތުރުވެ، އިލްމީ ސަގާފަތެއް އުފެދި، އެގޮތުން ކުރިއަރާފައިވާ ކުރިއެރުމަށެވެ. މިފަދަ ސަގާފަތެއްގެ އަހުލުވެރި ބަޔަކަށް، އެމީހުންގެ ސިޔާސީ އަދި އިގުތިސާދީ އަދި އަސްކަރީ ބާރު ކުރިއަރުވައި އެމީހުންގެ ގައުމީ މަސްލަހަތުގެ ޚިދުމަތުގައި ބޭނުންކުރުމުގެ އެކަށޭނަކަން ލިބިދެއެވެ. މިއާ ޚިލާފަށް، ސަގާފީ ގޮތުން ކުރިނާރައި، ނުވަތަ ކުރިއެރުން ހުއްޓި، ހައްޔަރުވެފައި ތިބި ބަޔަކު، ބާރުގަދަ ސަގާފަތެއް ދަށަށް ގެނެސްގަތުމަކީ ފަސޭހަކަމަށް ވެއެވެ. އެމީހުންގެ މެދުގައި ޒިހުނިއްޔަތުގެ މަސައްކަތް، އަމިއްލަ ވިސްނުމާއި ފިކުރުކުރުމުގެ މަސައްކަތް، ނެތުމުގެ ސަބަބުން، އެމީހުންގެ ކިބައިގައި އިސްތިއުމާރުކުރުމުގެ އެކަށޭނަކަން އުފެދިދެއެވެ. މީގެ ތަފްސީލީ ހެކިތައް އެޑްވަރޑް ސައީދުގެ އޮރިއަންޓަލިޒްމް އާއި ހަމަ އޭނާގެ ކަލްޗަރ އެންޑް އިމްޕީރިޔަލިޒްމް މި ދެފޮތުން ފެންނާނެއެވެ. މިއަދު، އަޅުގަނޑުގެ ބޭނުމަކީ މިކަމުގެ ތަފްސީލުތަކަށް ދިޔުމެއް ނޫނެވެ. މިއަދު، އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެންގެ އަމިއްލަ ތާރީޚުގެ ބައެއް ކަންކަމުގެ މައްޗަށް ކަޅިއެއް އެއްލައި އާންމު ރައްޔިތުންގެ ކިބައިގައި އަޅުވެތި ކުރުމުގެ އެކަށޭނަކަން ހުރެއްޖެ ނަމަ، ވެރިކަމުގައި ތިބޭ ބަޔަކަށް އާންމު ރައްޔިތުން އަޅުވެތިކޮށް ބޭތިއްބޭނެ ވާހަކަ ބުނުމެވެ.

މިގޮތުން އެންމެ ފުރަތަމަ ނޯޓުކޮށްލަން ބޭނުންވަނީ އައްސުލްތޯނު މުހައްމަދު މުއީނުއްދީނު އަލްއައްވަލުގެ ވެރިކަމުގައި އެޅުނު ބައެއް ފިޔަވަޅުތަކެވެ. އެ ރަސްގެފާނުގެ ވެރިކަން ފެށުނީ 1816 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި ރަސްގެފާނުގެ ދުވަސްވަރު، ބައެއް ރަށްރަށުގައި އަމިއްލަ މީހުން ވިޔަފާރިކުރުން މަނާކުރެވުނެވެ. ސަރުކާރުގެ އަގަށް ވުރެ ހެޔޮ އަގެއްގައި އެއްޗެއް ވިއްކައިފި ނަމަ، އެމީހަކަށް އިންޒާރުދީ ބިރުގެންނެވުނެވެ. އަދި، އާންމުންނަށް، 12 ވައްތަރެއްގެ ފަށުވި ފޭރާންލުމާއި، އުޔާއި ފަށުވި އެކުލެވޭ ބަޔެއް ފޭރާންލުން ވެސް މަނާކުރެވުނެވެ. އަދި ބައެއް ވައްތަރުގެ ގެތުމުގެ ހެދުން ލުން ވެސް މަނާކުރެވުނެވެ. މީގެ އިތުރުން ކަންފަތު މުދިލުން ވެސް މަނާކުރެވުނެވެ.

މިކަމުގެ ސަބަބެއް ކަމުގައި ފެންނަނީ ވެރިންނާއި އާންމުން ވަކިކޮށް ފެންނަހެން ބޭތިއްބުމެވެ. ވެރިންގެ ބޮޑުކަމާއި މޮޅުކަން ދެއްކެނީ ބޭރުފުށަށް ބަލައިގެން ކަމުގައިވާތީއެވެ. މީހުންގެ ޒިހުނިއްޔަތަށް ބަލާލާއިރު، ގިނަ ފަހަރަށް، އާންމު މީހާގެ ޒިހުނިއްޔަތު، އިލްމީ ވިސްނުމާއި ފިކުރުރުން، ވެރިކަމުގެ ސަފުތަކުގައި ތިބޭ މީހުންނަށް ވުރެ ކުރީގައި އުޅޭތަން ފެނެއެވެ.

މިއީ އަދާ ހަމައަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދައެކެވެ. އާދައިގެ މީހަކު، މާނައަކީ ވެރިކަމުގެ އާއިލާއިން ބޭރު، 'ބޭފުޅު ނޫން’، މީހަކު، ކާތިބެއްގެ ގޮތުގައި ރައްޔިތުންގެ މަޖުލީހުގައި މަސައްކަތް ކުރަން ޖެހުމުން، އޭނާގެ ދަރަޖަ ދަށްކުރުމުގެ ގޮތުން، އިންނަންޖެހޭ ގޮނޑީގެ ފައި ބުރިކުރެވުނު ވާހަކަ ތާރީޚީ ފޮތްތަކުގައި ލިޔެވިފައިވެއެވެ. އޭނާއަކީ މި ޒަމާނުގެ ދިވެހި ތާރީޚުގައި އުފެދުނު އެންމެ މޮޅު ހިސާބު އިލްމުވެރިންގެ ތެރޭގައި ހިމެނުނު އިލްމުވެރިޔާ ކަމުގައި ވިޔަސް ވެހެވެ. އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ބައެއް އިލްމުވެރިން، އެމީހުންނަކީ އާދައިގެ މީހުންނަށް ވުމުން، އެފަދަ 'އާދައިގެ' މީހަކު ކިތައްމެ ބޮޑު އިލްމީ ޚިދުމަތެއް ކުރިއަސް، އެމީހެއްގެ ވާހަކައެއް ނުދެކެވެއެވެ. މިސާލެއްގެ ގޮތުން މަލިމް މޫސާ މާފަތްކަލޭފާނާއި މަލިން ހުސައިން ދީދީ ފުދެއެވެ. މަލިން މޫސާ މާފަތްކަލޭގެފާނުގެ އިލްމީ ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ބަސް ފޮތަކާއި ދިވެހި އަރަބި/ އަރަބި ދިވެހި މި ދެ ބަސް ފޮތް އެކުލަވާލުން ހިމެނެއެވެ. މަލިންގޭ ހުސައިންދީދީގެ އިލްމީ ޚިދުމަތުގެ ތެރޭގައި އޭނާ ލިޔުއްވި ސަތާރަ ޖިލްދުގެ ކީރިތި ގުރުއާނުގެ ތަރުޖަމާއަކާއި ތަފްސީރު ހިމެނެއެވެ. ނަމަވެސް، މިއިން ބޭކަލެއްގެ އިލްމީ ޚިދުމަތުގެ ވާހަކަތަކަކީ ވަރަށް ވެސް މަދުން ނޫނީ ނީވޭ ވާހަކަތަކެކެވެ.

އަޅުގަނޑުމެންގެ އިޖުތިމާއީ އާދަކާދައިގެ ތާރީޚަށް ބަލާލާއިރު، ވެރިކަމުގެ އާއިލީތަކާއި ކައިރިން ވިޔަސް ނޫނީ ދުރުން ވިޔަސް، އެ ފަދަ އާއިލާތަކާ ގުޅިފައިވާ ގޭގޭގައި މިފަދަ ތަފާތުކުރުމުގެ އާދަތަކެއް ގެންގުޅުނެވެ. ޚާއްސުންނާއި އާންމުން އިށީންނަ ގޮނޑިއާއި ކައިބޮއި ހަނދަން ގެންގުޅޭ ކަންވާރުގެ ތަފާތުކުރުމުންނެވެ. ލަގަބެއްގެ ގޮތުގައި 'އަލްމުހުތަރަމް' ބޭނުންކުރެވެން ފެށީވެސް، ވެރިކަމުގެ ބޭފުޅުންނަށް ބޭނުންކުރެވޭ 'އަލްފާޟިލް' އާދައިގެ މީހުންނަށް ބޭނުން ނުކުރުމުގެ މަގުސަދުގައެވެ. ޝައްކެއް ނެތް ގޮތުގައި މިފަދަ އާދަތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ބުދުދީނުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަން އަޅުގަނޑުމެންނަށް އިހުސާސު ނުކުރެވޭ ކަމުގައި ވިޔަސް ވެހެވެ.

މައުޟޫއިން ކުޑަކޮށް ދުރަށް ޖެހިލަން ޖެހިއްޖެއެވެ! އިހުގެ ތަރިކަތައް ދިރުވުމާ ބެހޭ ގޮތުން އެއްޗެއް ބުނެލުމަށްޓަކައެވެ! ބުދު ދީނުގެ ތަރިކައިގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތީ ދެންމެ މިނަންގަތް ތަފާތު ކުރުމުގެ ތަރިކައެވެ. ބުދު ދީނުގެ މި ނޫން އެއްވެސް ކަމަކާ މިއަދު، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާއި އަދި ޖަޒުބާތުގަކާއި އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ބުދު ދީނުގެ ތަރިކަ މުހިއްމުވެ، އެ ތަރިކަ ދިރުވަން އުޅުމުގެ މަގުސަދާ މެދު ސުއާލު އުފެދެއެވެ. އެ ތަރިކައާ މެދު، އަޅުގަނޑުމެން ފަޚުރުވެރިވާނޭ އޮތީ ކޮން ކަމެއް ހެއްޔެވެ؟ އެތަރިކަ ދިރުވަން އެހީވެދޭ އިންޑިޔާ، މިކަމުގައި އެމީހުންގެ ނިޔަތް ޚާލިސް ނަމަ، އެމީހުންގެ ތާރީޚީ ބައެއް ތަރިކަ ދިރުވުމުގެ ބަދަލުގައި އެ ތަރިކަތައް ނައްތާލަނީ ކީއްވެ ހެއްޔެވެ؟ މިސާލަކަށް އެތައް ސަތޭކަ އަހަރެއްވީ ބާބަރީ މިސްކިތް ތަޅައި ބިމާ ހަމަކޮށް އެ މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅަން އުޅެނީ ކީއްވެ ހެއްޔެވެ؟ އިސްލާމީ ކުލަ ޖެހިފައިވާ ރަށްރަށުގެ ނަންނަން ބަދަލުކޮށްލަން އުޅެނީ ކީއްވެ ބާވައެވެ؟ މިއީ ތާރީޚީ މުހިއްމު އަސަރުތަކަކަށް ނުވަނީ ހެއްޔެވެ؟ އިންޑިޔާގައި އެތައް ގަރުނެއް ވަންދެން ވެރިކަން ކުރި މުޣޫލުންގެ އަސަރުތަކަކީ ތާރީޚީ އަސަރުތަކަކަށް ނުވަނީ ހެއްޔެވެ؟ އަދުގެ އިސްޕޭނުގައި، އިހުގެ މުސްލިމުން އެ ތަނުގައި ހިންގާލި ވަރުގަދަ ސަގާފަތް ދިރުވަން އަދުގެ އިސްޕޭނުގެ މީހުން އުޅޭ ހެއްޔެވެ؟ ނަސާރާ ދީނުގެ ފައްޅިއަކަށް ބަދަލުކޮށްލެވިފައިވާ ގުރުތުބާގެ ބޮޑު މިސްކިތް، ތާރީޚުގެ ނަމުގައި އަލުން އޭގެ އަސްލަށް ރުޖޫއުކުރަން އުޅޭ ހެއްޔެވެ؟ އިޒުރޭލުގައި ނައްތާލެވުނު އަރަބިންގެ އެތައް ސަތޭކަ އަސަރުތައް، ތާރީޚުގެ ނަމުގައި އަލުން އިއާދަކުރަން އުޅޭ ހެއްޔެވެ؟ އެކަމުގެ ކުޑަވެސް ނިޝާނެއް މިއަދު އިޒްރޭލުން ފެނޭ ހެއްޔެވެ؟ މިއާ ޚިލާފަށް، 2000ގެ ކުރީ ކޮޅުގައި އިޒުރޭލުން ހުށަހެޅީ އަގުސޯ މިސްކިތް ވެސް ނެގުމަށެވެ. އެ މިސްކިތުގައި ތާރީޚީ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ އަދި، އެކަން ކުރެވޭނެ ނަމަ، އިޒުރޭލުގެ އެދުމަކީ އަގުސާ މިސްކިތް ނެތިކޮށްލުމަށެވެ! އެމީހުންގެ ނަޒަރުގައި އެއީ ތާރީޚީ ގޮތުން ވިޔަސް ނޫނީ އެހެން ގޮތަކުން ވިޔަސް މުހިއްމު ބިނާއެއް ނޫނެވެ!!

ދެން މައުޟޫއަށް އެނބުރިލަމާތޯއެވެ! މާތްކަލާނގެ ކުރިފުޅުމަތި އެންމެންނަކީ ހަމަހަމަ ބައެއްކަމުގައި، އިސްލާމް ދީން އުނގަންނައިދިން ކަމުގައި ވިޔަސް، އަދި އެއީ އިސްލާމް ދީނުގެ އެންމެ އަސްލީ ޖައުހަރީ އުނގަންނައިދިނުން ކަމުގައި ވިޔަސް، އަދި އިސްލާމް ދީން ރާއްޖޭގައި ގާއިމުވެ އޮންނަތާ އެތަކެއް ގަރުނުވީއިރު ވެސް، އާދެ، އެއް އަހަރުވާން ކައިރިވީއިިރު ވެސް، ބުދު ދީނަށް މުގޫ ލެވިފައި އޮތް، ކުރިން މި ދެންނެވި ތަފާތުކުރުމުގެ އާދަ، އަދިވެސް އޮތީ ފޮހެނުލެވިއެވެ. އަދި، އެކަން ފޮހެލަން މަސައްކަތް ކުރެވޭ ތަނެއް ވެސް އަދި ނުފެނެއެވެ. ނަމަވެސް ހަގީގަތަކީ މިއީ ދިމާ އިދިކޮޅަށް ކަންތައް ކުރެވޭ ތަނެވެ. އެނގިގެން ނުވަތަ ނޭނގި ނަމަވެސް، މި ތަފާތުކުރުން ދަމަހައްޓަން މަސައްކަތް ކުރެވޭ ތަނެވެ. މިކަމުގެ ހެކި ލިބިގަންނަން އަޅުގަނޑުމެންގެ ކައިރި މާޒީއަށް ބަލާލަމާ ހެއްޔެވެ؟

އަޅުގަނޑުމެންގެ މިޒަމާނަށް އެޅުނު އިރުވެސް، ބޭރުފުށަށް ބަލައި، ޚާއްސުންނާއި އާންމުން ވަކިކުރުމުގެ އާދަ ނުފިލައެވެ. ދެތިން މިސާލު ލިޔެލާނަމެވެ. އަޅުގަނޑުމެންގެ މިޒަމާނުގެ ފެށުން ކަމުގައި ބެލެވޭ އަމީރު އަމީން ދީދީގެ ދުވަސްވަރަށް ބަލައިލަމާތޯއެވެ. ބައެއް ފޮޓޯތަކުން ފެންނަ ހެދުންތަކަށް ބައްލަވާލައްވާށެވެ! ބައެއް ބޭކަނބަލުން ސާޅި އަޅުއްވައިގެ ތިއްބަވާތަން ފެންނާނެއެވެ. މިއީ ދިވެހި ސަގާފަތްތޯއެވެ؟ އޭރުވެސް ރީތި ދިވެހި ހެދުން ހުއްޓެވެ. ނަމަވެސް، 'ތަރައްގީގެ ނިޝާންކަމުގައި' ބެލެވުނީ ބޭރުފުށުން އެޅޭ ހެދުމެކެވެ. އެ ހެދުން އެޅުމުން ތަރައްގީގެ ރޮނގުގައި ފިޔަވަޅެއް ކުރިއަށް އެޅުނު ކަހަލައެވެ. ހަމަ އެހެންމެ، 60ގެ އަހަރުތަކުގެ ފަހުކޮޅު ސަރުކާރުގެ 'ރަސްމީ ހެދުން' ކަނޑައެޅިގެން ދިޔައިރު، އެކަން ހަމަޖެހިގެން ދިޔަގޮތް ބައްލަވާލައްވާށެވެ. އެކަމުގައި މިނަންގަތް ފަަދަ، ތަފާތުކުރުމެއް ނެތްކަމުގައި ވިޔަސް، ބޭރުފުށުގެ ތަރައްގީ އަކީ ތަރައްގީކަމުގައި ބެލެވޭތަން ފެނެއެވެ. ފިރިހެނުންނަށް ފަޓުލޫނާއި ގަމީހާ ޓައިއެވެ. އަންހެނުންނަށް ކުރު ހެދުމާއި ޕާކިސްތާނު ހެދުމާއި ސާޅިއެވެ. މިކަންވީ ތަރައްގީގެ ނިޝާނަކަށެވެ! މިފަދައިން މިކަން ހަމަޖެހިގެން ދިޔަ ނަމަވެސް، 80ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ރަށަކަށް ޒިޔާރަތް ކުރެއްވި އޭރުގެ މިނިސްޓަރަކު، އެ ރަށުގެ މުދިމު ޓައިއެއް އަޅައިގެން ހުންނެވުމުން، ޓައި އެޅުމަކީ މުދިމަކާ އެކަށީގެން ނުވާ ކަމެއް ކަމުގައި އެ މިނިސްޓަރު ވިދާޅުވިއެވެ! އާދެ، މުދިމު ޓައި އެޅުމުން، ބޭރުފުށުން މިނިސްޓަރާ އެއް ހަމަވީ ކަމުގައި ބެލެވުނު ކަހަލައެވެ! ހަމަ އެހެންމެ، ދިވެހި ބަސް ތާނައަކުރުން ލިޔުމުގެ ބަދަލުގައި ލެޓިން އަކުރުން ލިޔުމަށް ބަދަލުވެގެން ދިޔުމަކީ ވެސް މިފަދަ ނިޝާނެއް ކަމުގައި އެކަން ކުރެވުނު އިރު ބެލެވުނެވެ. އަދި އޭރުގެ ބައެއް އިލްމުވެރި ބޭބޭފުޅުން ވެސް މި މޭރުމުން ވާހަކަދައްކަވައި ލިޔުއްވައި ހެއްދެވިއެވެ. މިހާރު، ދިވެހި ބަހުގެ މާ ބޮޑު ބޭނުންތެރިކަމެއް ނެތް ކަމަށް ދޭހާވާ އިބާރާތުން ވާހަކަ ދައްކާ ބައެއް މަސްއޫލުވެރިންގެ ކިބައިން ވެސް މިކަން ދޭހަވެއެވެ. ވިސްނުމާ ފިކުރު ކުރުމަކީ ބޭރުފުށާ ގުޅިފައި އޮންނަ ކަމެއް ކަމަށް މިފަދަ މީސްމީހުން ދެކޭ ކަހަލައެވެ. ބާވެ ހަސްވެފައި ހުރި އިމާރާތެއްގައި ރީތި ކުލައެއް ލުމުން، އެ އިމާރާތް އާވީ ކަމުގައި ބެލެވޭ ގޮތެއްގައި ބަސް ބަދަލުކުރުމުން އެންމެނަށް ވިސްނަން ދަސްވާނޭ ކަމަށް ބެލެވޭ ފަދަ ގޮތަކަށެވެ!

އަޅުގަނޑުމެންގެ ތަފާތު ކުރުމުގެ މި ސަގާފަތަށް މިއަދު ވެސް މާ ބޮޑު ބަދަލެއް އައިހެނެއް ހިއެއް ނުވެއެވެ. މީހާގެ އަގު ވަޒަންކުރެވެނީ މީހާ ލާ މޮޅު ފޭރާމުގެ ހެދުމާއި އަޅާ މޮޅު އަތުކުރި ގަޑިއާއި އައިނާ އަދި އަރާ މޮޅު ފައިވާނުގެ މިންގަނޑުން މިނައިގެންނެވެ! މިފަދަ ކަންކަން ފާހަގަކޮށް، މިފަދަ ކަންކަން ނޫސްތަކުގެ ފަލަ ސުރުޚީއަށް ވެސް ވެގެން ދެއެވެ! އާދެ، މުއީނުއްދީނު ރަސްގެފަނުގެ ވެރިކަން ނިމިގެން ދިޔަތާ 200 އަހަރުވީ އިރުވެސް އަޅުގަނޑުމެންގެ މޮޅު ދެރަ ކަނޑައަޅާލުމުގެ އާދައަށް މާ ބޮޑު ތަފާތެއް އައިސްފައެއް ނެތެވެ! އެއީ ކުރިއެކޭ ވެސް އެއްފަދައިން ބޭރުފުށަށް ބަލައިގެން ކަނޑައަޅާލެވޭ ކަމެކެވެ. އަދި މިގޮތުން ޚާއްސުންނާއި އާންމުން ވަކިކުރެވިގެން ދެއެވެ.

މި ފަދަ ހާލަތެއްގައި އަޅުގަނޑުމެން ތިބިކަމުގައިވާއިރު، އަޅުގަނޑުމެންގެ ތެރޭގައި ޒިހުނިއްޔަތުގެ، އިލްމީ ގޮތުން ވިސްނާ ފިކުރުކުރުމުގެ، މާބޮޑު މަސައްކަތެއް ކުރުމުގެ އެކަށޭނަކަން އުފެއްދުމުގެ ބޭނުންތެރިކަން ވެސް ނެތް އިރު، އަޅުގަނޑުމެންވާނީ އަޅުވެތިކުރުމުގެ އެކަށޭނަކަށް ހުރި ބަޔަކަށެވެ. ވެރިކަމުގެ ބާރުތަކަށް އަޅުގަނޑުމެން އަޅުވެތިކޮށްފައި ބޭތިއްބުން ވާނީ ވަރަށް ވަރަށް ވެސް ފަސޭހަ ކަމަކަށެވެ. ވިހި ވަނަ ގަރުނުގެ މެދަކާ ހަމައަށް އައި އިރުވެސް، އަޅުގަނޑުމެންގެ ތެރޭގައި ކިޔެވުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ހަމަޖެހިފައި އޮތީ މި ސަބަބަށްޓަކައެވެ. ނުވަދިހައިގެ އަހަރުތަކަށް އެޅުނު އިރުވެސް، މި ސަގާފަތް ދެމެހެއްޓޭތޯ ވެރިކަމުގެ ފަރާތުން އުޅުނެވެ. އަމިއްލަ ގޮތުން ކިޔަވަން ދާން އުޅުމުން، މީހުންނަށް އެކި ގޮތްގޮތުން ހުރަސްކޮށް ދަތިކުރެވުނެވެ. ޕާސްޕޯޓު ހިފަހައްޓައި ހެދުނެވެ. އިނާޔަތްތައް ކަނޑާލެވުނެވެ. އަދި، އެހުރިހާ ފިޔަވަޅެއް އެޅިފައި އޮއްވައި، އެކަންކަމުން ވީއްލިގެން ކިޔަވަން ދިޔުމުން، އެފަދަ ބައެއް މީހުންނަށް، އެމީހުންނަކީ ރާއްޖެއަށް ބޭނުންނުވާ މީހުން ކަމުގައި، ރައީސް އޮފީހުން ކަނޑައަޅައި އަންގައިފައި ވެސް އެބަ ހުއްޓެވެ. އެހެންވެ، އެފަދަ ބައެއް މީހުންނަށް ރާއްޖެ އެނބުރި ދިޔުން ވެސް ދަތިވިއެވެ. ކޮންމެ އަކަސް، މުއީނުއްދީނު ރަސްކަމުގައި އަމިއްލަ ވިޔަފާރި ކުރުމާއި ވަކި ކަހަލަ ހެދުންލުން މަނާކުރެވުނު އިރު ވެސް، އަދި އެ ވެރިކަމުގައި ތަދުމަޑުކަމުގައި އެތައް ބަޔަކު މަރުވެ ދިޔައިރުވެސް، އާންމުން ތިބީ އަޅުވެތިވެ، އެއްޗެއް ބުނަން ނޭނގިފައެވެ. ސަބަބަކީތޯއެވެ؟ އަމިއްލަ ވިސްނުމާއި ފިކުރުކުރުން ނެތުމެވެ. މިފަދަ ބައެއް އަޅުވެތިކުރުމަކީ މާ އުނދަގޫކަމަށް ނުވާނެތާއެވެ! މިއީ ހަމަ ތެދެއްބާވައެވެ؟ ދެވަނަ ބައިގައި، މި ޒަމާނުގެ ތާރީޚުގެ އަލީގައި މިސުއާލުގެ ޖަވާބު ހޯދުމުގެ މަސައްކަތް ކުރެވޭތޯ، އިރާދަކުރެއްވިއްޔާ ބަލާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

2 Responses

  1. އެބޭފުޅެއްގެ ހިތަށް އަރާއެއްޗެއް އެއީ ހަގީގަތްކަމަށް ދައްކަން ނޫޅުއްވާ.. ދިވެހި ތާރީހީ ތަންތަން ހިމާޔަތްކުރާއިރު ދިވެހިން ކުރިން އަޅުކަންކުރީ ބުދަށް ކަމަށްވީއިރު މިއަދު ފެންނަންހުރި ތަންތަން ހިމާޔަތްކުރަން އުޅުން އެއީ އަލުން ބުދަށް އަޅުކަންކުރުމެއް ނޫން.. އިރެއްގަ ދިވެހިން ތިބުނި ފެންވަރަށް ތަފާތުކުރިއަސް މިހާރުކޮބާ އެކަން.. މަނިކުފާނަށް ފެނިލައްވާ ގޮތުގަ އެއްވެސް ބަދަލެއް މިއަދާ ހަމަޔަށް އައިސްފައެއް ނެތް.. ބޭބެ ވަރަށް ގިނަ ޒަމާންކޮށްފަ ހޭލައިގެން އުޅޭ މީހެއްހެން ހީވަނީ.. ތީ ފުކެއް ބޮޑުވަރު. ކިޔަވައިގެން ތިބެ މިތަން ފަސާދަކުރުން ނޫން ކަމެއް އެބަކުރެވޭތަ؟. ގަބޫލުކުރަންވެސް ފަސޭހަ ބޭބެ އަށް އަވަށްޓެރި ގައުމަކުން ލާރިދީގެން މިގައުމުގެ އަގުވައްޓަން އުޅޭހެން.. މިހާރު މި ކޮލަމް ކޯދު ކިޔާހިތްވެސް ކެނޑިއްޖެ…

    1. ލިޔުމާ ބެހޭ ގޮތުން އިބުރާހިމު ފާޅުކުރައްވާފައިވާ ޚިޔާލާ މެދު ކުޑަ އެއްޗެއް ބުނެލާނަން. (އިތުރު ތަފްސީލު މި ލިޔުމުގެ ދެވަނަ ބައިގައި ހިމަނާލަން ގަސްދުކުރަން.)
      ލިޔުމަކީ މީހެއްގެ ޚިޔާލެއް، ފިކުރެއް. އެޚިޔާލާއި ފިކުރު ހުށަހަޅާލަން ޖެހޭނީ އެއަށް ބާރު ލިބޭ ހެއްކާއެކު. މަތީގައި ހުށަހަޅާލެވިފައިވާ މައިގަނޑު ވާހަކައަކީ އަޅުވެތިކުރެވެނީ އެކަމުގެ ގާބިލުކަން ހުރީމައެޭ. އެކަން ގުޅެނީ އަމިއްލައަށް ވިސްނާ ފިކުރުކުރުމާއޭ. މިކަމަށް މާ ބޮޑު ބަދަލެއް ނާންނަ ވާހަކަ ލިޔެފައި އޮތީ. އެހެން ކަމަކަށް ބަދަލު ނާންނަ ވާޙަކައެއް ނޫން. އިހުގައި އޮތް ސިފައިގައި އަޅުވެތި ކުރުން ނޯވެދާނެ. ނަމަވެސް، އެކަން މެދުވެރިވާން އޮންނަ އަސްލު މައްސަލަ ހައްލު ނުވެ އޮތުމުން އެހެން ސިފަތަކުގައި މި އަޅުވެތި ކުރުން ދެމިގެންދޭ. މިކަމާ ގުޅޭ އެންމެ މުހިއްމު މައްސަލަ ކަމުގައި އެ އޮތީ ހަމަމަަކަން އަދި ވެސް ނެތް ވާހަކަ. މީގެ އިތުރު ހެކި ލިބޭނެ: 1. އާސަންދަ ޕުރޮގުރާމު ހިންގާ ގޮތް ބަލާލުމުން. އެކަކަށް މުޅި ދައުލަތުގެ ބަޖެޓު އޮންނަނީ ހުޅުވިފައި. އާސަންދަ ލިބޭ ގޮތް ތަފާތުވޭ މީހާގެ ދަރަޖައަށް ބަލާފައި. 2. އަސާސީ އެހެން ބައެއް ބޭނުންތައް އިހުގައި ފުއްދެނީ ގުރުއަތުން. މިސާލަކަށް ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މޮންޓެސޫރިއަށް ވަދެވުނީ ގުރުއަތު ލައިގެން. މިކަމުން އިސްތިސްނާކުރެވުނީ އޭރުގެ ވަކީލު ފެންވަރުގެ މަތީ މީހުންގެ ދަރިން. މިހާރު ގޯތި ގެދޮރު ލިބެނީ ވެސް ގުރުއަތުން. މިކަމުން އިސްތިސްނާ ކުރެވޭ ވަކި ބައެއް. މިސާލަކަށް ސަރުކާރުގެ ބައެއް ކަހަލަ ވަޒީފާތައް އަދާ ކުރެވޭ މީހުން. 3. އިހުގައި ވެރިޔާގެ އަތުގައި ހުރިހާ ބާރެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރެވިފައި އޮންނަނީ. މިހާރު ޕާޓީތަކުގެ ބައެއް ލީޑަރުން ދެކެނީ ހުރިހާ ބާރެއް އޮންނަން ޖެހެނީ އެމީހުންގެ އަތުގައި ކަމަށް. މީޑިޔާގެ ވަސީލަތްތައް ބަލާލީމާ މިކަމުގެ ހެކި ފެންނާނެ. އަދިވެސް، މީހުުންގެ ކިބައިގައި އަމިއްލަ ވިސްނުން ނެތްކަން ދޭހަވާ ހެކި ދެއްކިދާނެ. މަޖުލީހުގައި އިންތިޚާބުވެފައި ތިބި މެމްބަރުންނަށް ބައްލަވާލައްވާ. މަސްތުވެގެންނާއި އަދި އެނޫން ހާލަތުގައި މޮޔަ ގޮވާ ބަޔަކު އިންތިޚާބުކުރާނީ ކޮންކަހަލަ އަމިއްލަ ވިސްނުމެއް ހުންނަ ބައެއްބާ. މާ ބޮޑު ހެޔޮ ބަދަލެއް ނާންނަ ކަމަށް ލިޔެފައި އޮތީ މިކަމުގެ ވާހަކަ.
      ބުދު ދީނުގެ ކަންކަން ދިރުވުމުގެ ސަަބަަބެއް އޮތް ކަމަކަށް ނުފެނޭ. އެކަމާ ބެހޭ އަސަރުތައް ދާރުލްއާސާރުގައި ބެހެއްޓުމުން ފުދޭ ކަމަށް ފެނޭ. މިއީ އަމިއްލަ ޚިޔާލު. މިކަމާ ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން. އިންޑިޔާއިން މިކަމަށް އެހީވެދާއިރު އެމީހުން އެދަނީ އެމީހުންގެ ތެރޭގައި ހުރި ތާރީޚީ އިސްލާމީ އަސަރުތައް ނެތިކުރަމުން.
      އިބުރާހީމު އަމިއްލައަށް ކަނޑައެޅި އުސޫލު – ޚިޔާލު ހަގީގަތަކަށް ކަނޑަނޭޅުން – އެއަށް އަމިއްލައަށް ތަބާއެއް ނުވެވުނު. ބޭރު ފައިސާގެ އެހީ ލިޔުންތެރިޔާއަށް ލިބޭ ކަމަށް ބުނި އިރު، އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނެތް.
      ލިޔުން ކިޔުމަކީ އަމިއްލަ ކަމެއް. ލިޔުމެއް ކިޔައިގެން ނޫނީ ނުކިިޔައިގެން ލިޔުންތެރިޔާއަށް ލިބޭނެ ފައިދާއެއް ނޫނީ އުނިކަމެއް ނެތް. ލިޔުން ލިޔަނީ ވަކި މީހަކު ރުއްސަން ނޫނީ ނުރުއްސާކަށް ނޫން. އަމިއްލަ ޚިޔާލާ އެއްގޮތްވާ ވަރަށް ގިނަ ލިޔުންތައް އެހެން ލިޔުންތެރިން ލިޔެފައި ހުންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.