Support Us

ކޮލަމް ކޯދު: އަރަބިންގެ ހިކުމަތްތެރި ބަސްކޮޅެއް

  1. ކަލޭ ދެކެން ބޭނުންވާ ބަދަލު، އެންމެ ފުރަތަމަ، ކަލޭގެ ކިބައިން ދައްކާލާށެވެ! އިސްލާހަކަށް އެދޭ ނަމަ، އެންމެ ފުރަތަމައިން ކަލޭ އިސްލާހުވާށެވެ. އެހެން މީހުން، ކަލެއާ ދޭތެރޭ ހެޔޮކޮށް ހިތަން އެދޭ ނަމަ، އެންމެ ފުރަތައިން، އެހެން މީހުންނާ މެދު، ކަލޭ ހެޔޮކޮށް ހިތާށެވެ.
  2. އެތަނަކަށް ދިޔުމަކީ މުހިއްމު ކަމެއް ކަމުގައި ބެލެވޭ އެއްވެސް ތަނަކަށް ދާނޭ ކުރު މަގެއް ނޯވެއެވެ.
  3. ގޮނޑުދޮށް ގެއްލިދާންދެން ކުރިއަށް ދިޔުމުގެ ހިއްވަރު ނުލިބޭހާ ހިނދަކު، މައި ކަނޑެއް ހުރަހެއް ނުކުރެވޭނެއެވެ.
  4. ވަރަށް ގިނަ ފަހަރު، އަހަރުމެންނަށް ކުރިމަތިވެފައި އޮންނަ ނުރައްކަލަކީ އަހަރުމެން އެދޭ އަމާޒު މާ މަތިވެފައި އެ އަމާޒަ ވާސިލު ނުވުމެއް ނޫނެވެ. ނަމަވެސް، އެ އަމާޒު މާ ތިރިވެފައި، އެ ތިރި އަމާޒާށް ވާސިލުވެވުމެވެ.
  5. ކާމިޔާބު ހޯދަން ޖެހޭނޭ ކަމަށް ކަލޭ ނިންމައި ކަނޑައަޅާފައި އޮންނަ އޮތުން، ކަލޭގެ އެހެން ހުރިހާ ނިންމުމަކަށް ވުރެވެސް މުހިއްމުކަން އަބަދުވެސް ހަނދާންކުރަން ޖެހެއެވެ.
  6. ކަލޭގެ މަންޒިލަށް ވާސިލުވުމަށްޓަކައި، ކިތައްމެ މަޑުން ހިނގާފައި ދިޔަޔަސް އެއްވެސް މައްސަލައެއް ނެތެވެ. މުހިއްމު ވަނީ، ހުއްޓާނުލައި އެ މަގުގައި ހިނގުންމަތީ ދެމިހުރުމެވެ.
  7. ނުބައި ނުލަފާ ބަޔަކާއެކު ނުވަތަ ނުބައި ނުލަފާ މީހަކާ އެކު އުޅުމަށް ވުރެ، އެކަނި އުޅުން މޮޅު އިތުރުވެގެން ވެއެވެ.
  8. މަންމަގެ ހިތަކީ ކުޑަ ދަރިފުޅުގެ މަދަރުސާއެކެވެ.
  9. މުއްސަނދި މީހަކީ އޭނާ އަތުގައި އެންމެ ގިނަ ތަކެތި ހުންނަ މީހާއެއް ނޫނެވެ. ނަމަވެސް، އޭނާއަށް އެންމެ މަދު އެއްޗެއް ބޭނުން ޖެހޭ މީހާއެވެ.
  10. އަނގަމަތީ ތިން ފާރަވެރިން ތިބެން ޖެހެއެވެ. ފުރަތަމަ ފާރަވެރިއަކީ އަނގައިން ބަހެއް ނިކުންނަން އުޅޭއިރު އެއީ ތެދު ބަހެއްތޯ އަހައި ފާރަވެރިވާން ހުންނަ ފާރަވެރިޔާއެވެ. ދެވަނަ ފާރަވެރިއަކީ އަނގައިން ބަހެއް ނިކުންނައިރު އެއީ ހެޔޮ ބަހެއްތޯ ބަލައި ފާރަވެރިވާން ހުންނަ ފާރަވެރިޔާއެވެ. ތިން ވަނަ ފާރަވެރިޔަކީ އަނގައިން ބަހެއް ނިކުންނައިރު، އެ ބަހަކީ ނުނިކުމެ ނުވާނޭ ބަހެއްތޯ ބެލުމަށްޓަކައި ފާރަވެރިވާ ފާރަވެރިޔާއެވެ.
  11. އެއްބަނޑު އެއްބަފާ އަޚުން ފަދައިން އެކަކު އަނެކަކާ އެކުވެ އެކުގައި އުޅޭށެވެ. ނަމަވެސް، އެކަކު އަނެކަކާއެކު މަސައްކަތް ކުރަން ވާނީ ނުދަންނަ ބީރައްޓެހިން ފަދައިންނެވެ.
  12. އެއް އަނގައަކާއި ދެ ކަންފަތް އަހަރުމެންނަށް ލިބިފައި ވަނީ ސަބަބަކަށްޓަކައެވެ. ވާހަކަ ދެއްކުމަށް ވުރެ ގިނައިން އަޑުއެހުމުގެ ބޭނުންތެރިކަން އަހަރުމެންނަށް ބޮޑުވީމައެވެ.
  13. ވަޒަންކޮށް އަގު ކުރަން ޖެހޭނީ ދައްކާ ވާހަކައެވެ. ވާހަކަ ދައްކާ މީހެއް ނޫނެވެ.
  14. ސިއްރަކީ ދޫންޏެއް ފަދަ އެއްޗެކެވެ. އަހަރެންގެ އަތުން ދޫވެއްޖެ ނަމަ، އުދުހި ދިޔުމަށްޓަކައި އޭގެ ފިޔަ އެއަށް ލިބިގެން ވެއެވެ.
  15. މަނާ ކުރެވިފައިވާ ކަންކަމަށް، ވަރަށް ގިނަ ފަހަރު ހިތް އެދެއެވެ.
  16. މީހުން ނޫޅޭ ގަނޑުވަރަކީ އެތަނަށް ވަނުން އެކަށޭނަ ތަނަކަށް ނުވެއެވެ.
  17. ހޫނު ބަތްޕެން ބޮއިގެން ތަލި ފިހޭ މީހާ، ހިހޫ ކުރުމަށްޓަކައި ފިނިފެނަށް ވެސް ފުމޭނެއެވެ.
  18. އެއްޗެހި ލިބުމަށް ހިތް އެދުމަކުން، ފަގީރު މީހާ މުއްސަނދިވާ ގޮތެއް ނުވެއެވެ.
  19. ހަޔާތުގެ ރޯނުފަށްމަތީ ހިނގަމުންދާއިރު، ވަޒަން ގެއްލި ނުވެއްޓި ހިފަހައްޓައިދެނީ ސަމާސާކޮށްލައި ހީލުމުގެ އޮނެވެ.
  20. ގޮވާން ކަނޑަން ލިބެނީ އެމީހަކު އިންދި އެއްޗަކުންނެވެ.
  21. ކަލޭގެ ޖީބުކުރެން ކަލޭ ގަންނަންވީ ކޮން އެއްޗެއްތޯ އަހާށެވެ!
  22. ބޭނުމެއް ޖެހޭ ވަގުތުގައި ރަހުމަތްތެރިއަކީ ކާކުން އެނގޭނެއެވެ.
  23. ބައިބައިވެފައި އޮންނަ ގެއެއްގެ އާއިލާއަކަށް ކޮޅަކަށް ނުހުރެވޭނެއެވެ.
  24. ލޮލަށް ފެންނަ އެއްޗެއް ގަބޫލުކުރާށެވެ. އިވޭ ވާހަކަތައް އެއްފަރާތެއްގައި ބަހައްޓާށެވެ.
  25. މާފަށް އެދެން ޖެހިދާނޭ ކަންކަން ކުރުމުން ދުރުހެލިވާށެވެ.
  26. ކުޑަ ދެތިން ގާބުރި، ފީފާއެއްގެ ބަރުދަން ތަހައްމުލުކޮށްފާނެއެވެ.
  27. ގަދަވައި ވަންނަ ދޮރު ބަންދުކޮށްލުމަށް ފަހު އަރާމުކުރާށެވެ.
  28. ނުގުޑާ ފަދަ ވަރުގަދަ އަޒުމަކީ ހުރިހާ ކަމެއް ވެސް ހުޅުވާލަދޭ ތަޅުދަނޑިއެވެ.
  29. ބޮޑު ބިޔަ ގަހެއް ވެސް ހެދެނީ ކުޑަކުޑަ އޮށަކުންނެވެ.
  30. ކެތްތެރިވެ މަސައްކަތް ކުރުމުގައި ދެމިހުންނާށެވެ! އޭރުން އިނބަ ބޭނުންވާ އެއްޗެއް އިނބައަށް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.