...

Support Us

ކޮލަމް ކޯދު: ތިން ކަމެއް ތައާރަފު ކުރުމާއި އެ ތިންކަން ނާކާމިޔާބުވުން

ރާއްޖޭގެ މިޒަމާނުގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު މޭލުފާހަގަތަކުގެ ތެރޭގައި މި ތިންކަން ހިމަނާލެވިދާނެއެވެ.

1. ނަވާރަ ސަތޭކަ ބައްތިރީހުގައި އަލަށް ގާނޫނު އަސާސީއެއް އެކުލަވާލުން؛

2. ނަވާރަ ސަތޭކަ ފަންސާސް ދޭއްގައި ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުން؛

3. ދެ ހާސް އަށެއްގައި މި ޒަމާނުގެ ޑިމޮކުރަސީގެ ނިޒާމެއް ތައާރަފުކުރެވުން

މި ތިން ކަންތައް ވެސް ވީ ނާކާމިޔާބެވެ. މީގެ ތެރެއިން ފުރަތަމަ ކަންތައް، އާދެ، އަލަށް ތައާރަފު ކުރެވުނު ގާނޫނު އަސާސީ ވީދާ ކުދިކުދިކޮށް، އެއްލާލަން ޖެހުނު ގޮތުގެ މައްޗަށް ތަހުލީލީ ނަޒަރެއް ހިންގަވާލައްވައި އެކަމުގެ ސަބަބުތައް ކަނޑައަޅާލެއްވި ލިޔުންތެރިއަކު މި ދެ ސަބަބު ފާހަގަ ކުރައްވާފައިވެއެވެ.

1. ގާނޫނީ ހަޔާތައް ތައްޔާރުނުވެ އޮތް، ތައުލީމުގެ އަލިކަން ފެތުރިފައި ނުވާ ރައްޔިތެއް [’ޕަބްލިކް’އެއް] އޮތުން؛

2. ގާނޫނު އަސާސީ ހިންގުމަށް އިސްވެވަޑައިގަތް ވެރީންގެ ތަޖުރިބާ ކުޑަކަމާއި 'ފުންމައިގެންނެވުން' ބޮޑުވުން.

ދުނިޔޭގެ މި ޒަމާނުގެ އަސާސީ ގާނޫނުގެ (ކޮންސްޓިޓިޔުޝަނަލް ލޯގެ) ފެށުން، 18ވަނަ ގަރުނައި ފަރަންސޭސިވިލާތަށް ގެނެވުނު އިންގިލާބު، އާދެ، ފަރަންސޭސި އިންގިލާބު، މި ތާރީޚީ ހާދިސާއާ ގުޅުވާލެވެއެވެ. މި ހާދިސާ ބެލެވެނީ މި ޒަމާނުގެ ދައުލަތުގެ ފެށުމާއެވެ. މި އިންގިލާބުގެ ސަބަބުން، އެކެއްގެ ނުވަތަ މުދާވެރި މަދު ބައެއްގެ އަތްމަތީގައި އޮތް ވެރިކަމާއި ބާރާއި އިޚުތިޔާރު ނިގުޅައިގަނެވި، ދައުލަތުގެ ހިންގުން ގާނޫނު އަސާސީއެއްގެ މައްޗަށް ބިނާވެ، އެ ގާނޫނު އަސާސީގެ ޒަރިއްޔާއިން، ރައްޔިތުންނަށް ހައްގުތަކެއް ދެވި، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން– ގާނޫނީ އަދި އިޖުތިމާއީ އަދުލުވެރިކަން– ގާއިމުކުރެވުނެވެ. މީހުންގެ އަހުލިއްޔަތާއި އިލްމީ ގާބިލުކަމާއި ހުނަރުގެ މައްޗަށް ބިނާކޮށް، މަގާމުތަކާއި ވަޒީފާތަކަށް މީހުން އިސްކުރެވުން ހަމަޖެހުނެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެ، ކުށްވެރިވުމާއި ނުވުން، އަދަބުލިބުމާއި ނުލިބުން، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކޯޓުތައް މެދުވެރިކޮށް، ކުރިން އޮތްގޮތާ ޚިލާފަށް، ވަކިބައެއް އިސްތިސްނާނުކޮށް، އެންމެންގެ މައްޗަށް، ހަމަހަމަ ގޮތެއްގައި ކަނޑައެޅުން ހަމަޖެހިގެން ދިޔައެވެ. މުއްސަނދީންނާއި ފަގީރުންގެ މެދުގައި އޮތް ބޮޑު ތަފާތު ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން، އެންމެންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުނެވެ. އަދި، ދައުލަތުގެ ކަންކަން ހިންގުމަށް އިސްކުރެވެން ޖެހޭނީ، އެކަމަށް ގާބިލު، ހުނަރުވެރި މީހުން ކަމުގައި ގަބޫލުކުރެވި، އެކަން ކުރުމުގެ ހޭލުންތެރިކަން އުފެދި، އެކަމަށް ވެސް އަމަލީ ފިޔަވަޅުތައް އެޅެނެވެ. މިކަން ކަމަށް އަމާޒުކޮށް، ގާނޫނު އަސާސީ އެތައް ފަހަރެއްގެ މަތިން އިސްލާހުކުރެވިގެންނެވެ.

މިކަންކަން، އެކަށީގެންވާ ގޮތެއްގައި ހިންގާލެވި، ހަމަނުޖެހުމުގެ ދުވަސްތަކަކަށް ފަހު، އިންގިލާބު ކާމިޔާބުވުމުގެ މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވެއެވެ. ހޭލުންތެރި ރައްޔިތަކާއި ގާބިލު ގިޔާދަތެއް އޮތުމެވެ. ލިޔުންތެރި ފަލްސަފާވެރިން، މަތީގައި ބަޔާންކުރެވުނު އުސޫލުތަކާއި އަގުތަކުގެ ފިކުރާއި ޚިޔާލުތައް، އިންގިލާބު އައުމުގެ ދުއިސައްތަ ވަރަކަށް އަހަރު ކުރިއްސުރެން، މީސްތަކުންގެ މެދުގައި ފަތުރައި ބަހުސްކުރުމެވެ. މިކަމުގެ ސަބަބުން، ހޭލުންތެރި ރައްޔިތަކާއި ތެދުވެރި އިޚުލާސްތެރި އަދި ނަޒާހަތްތެރި ގިޔާދީ މީހުންތަކެއްވެސް އުފެދުނެވެ.

އާދެ، ރާއްޖޭގައި 1932 ގައި ތައާރަފުކުރެވުނު ގާނޫނު އަސާސީ ކާމިޔާބުނުވުމުގެ ދެ ސަބަބު، ފަރަންސޭސި އިންގިލާބު ކާމިޔާބުވުމުގެ ދެސަބަބަށް ވިއެވެ. ރާއްޖޭގައި އެކަން ފޭލިވެގެން ދިޔައީ އެދުވަސްވަރު، ރާއްޖޭގައި ހޭލުންތެރި ރައްޔިތަކާއި ގާބިލު ގިޔާދަތެއް ނެތުމެވެ. ފަރަންސޭސިވިލާތުގައި އެކަން ކާމިޔާބުވާން ދިމާވީ މި ދެ ކަންތައް އެތަނުގައި އޮތުމެވެ.

ދެން 1952ގެ ޖުމްހޫރިއްޔަތު ފޭލުވެގެން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައްޔާއި 2008 ތައާރަފު ކުރެވުނު ޑިމޮކުރަސީގެ ނިޒާމު ރަނގަޅަށް ވައިގައި ނުހިފުމުގެ ސަބަބުތަކުގެ ތެރޭގައި ހަމަ މި ދެންނެވި ދެ ސަބަބު ހިމެނޭ ކަމަށް ބުނެވިދާނެއެވެ. ހޭލުންތެރި ރައްޔިތެއް ތައްޔާރުވެފައި ނެތުމާއި ތެދުވެރި، ނަޒާހަތްތެރި ގިޔާދީ މީހުން މަދުވުމެވެ. މިހެން ކަންތައް އޮތުމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ ސިޔާސީ އިސްލާހީ މަސައްކަތް ވެގެންދަނީ އިސްލާހަށްޓަކައި، އާންމު ރައްޔިތުންގެ މަސްލަހަތަށްޓަކައި، ކުރެވޭ ކަމަކަށް ނޫނެވެ. އެ މަސައްކަތުގައި އުޅޭ އިސް މީހުން ކޮޅެއްގެ އަތުގައި ވެރިކަމުގެ ލަގަން ޖެހޭތޯ ކުރެވޭ ކަމަކަށެވެ. އެ ލަގަން އަތުޖެހުމަށް ފަހު، ދެން އެމީހުންގެ ހުރިހާ މަސައްކަތެއް އަމާޒުވެގެން ދަނީ، ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ދެމެހެއްޓުމެވެ. މި 'ކޮންމެ ގޮތެއްގެ' ތެރޭގައި ގައުމަށް ޚިޔާނަތްތެރިވުން ވެސް ހިމެނެއެވެ. ދެން، ސިޔާސީ ގައުމީ ހޭލުންތެރިކަމެއް ނެތް އާންމު ރައްޔިތެއްގެ ހާލަކީ ކޮބައިތޯއެވެ؟ ބައިބައިވުމެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު ތާއީދުކުރާ ބަޔަކަށްޓަކައި، އެ ބަޔެއްގެ ފަރާތުން ލިބިދާނެ މާއްދީ ފައިދާއަކަށްޓަކައި، ނުވަތަ އިދިކޮޅު ބަޔަކު ދެކެ އަރާ ރުޅިއެއްގެ ސަބަބުން، އެބަޔެއްގެ ޓީމަށް 'ލީޑަރު ތަސްބީހަ' ކިޔައި ޚުޝާމަދުކޮށް، މަރުދިނުމެވެ. އެ ބައެއްގެ ޓީމުގެ މީހުން ކުރާ ކަންތައްތައް ތަބުރީރުކުރުމުގެ ގޮތުން، ސީދާ އެކަންކަމުގެ މައްޗަށް ބެލުމެއް ނެތި، އިދިކޮޅު ޓީމުގެ ޣައިރު ގާނޫނީ އަމަލުތައް ފާހަގަކުރުމެވެ. އާޚިރު ނަތީޖައަކީތޯއެވެ؟ އަވަހަށް ނޫނީ ލަހުން ނަމަވެސް، ސިޔާސީ އިސްޓޭޖުގައި ތިބި މުމައްސިލުން، އެކްޓަރުން، ބަދަލުވުގެން ދިޔުމެއެވެ. ނަމަވެސް ސިޔާސީ އިސްޓޭޖުން ފެންނާނީ އެއް ތަމްސީލެއް ކުޅެވެމުންދާތަނެވެ. ސިޔާސީ ރާޒުވާބައިގެ ފުއްބައި އަލުން އަތުރާލައި ހަމަ އެއް ކުޅިގަނޑެއް ކުޅޭތަނެވެ.

މިކަމުން ލިބިގަނެވިދާނޭ ފިލާވަޅަކީ ކޮބައިބާވައެވެ؟ 1932ގައި އެކުލަވާލެވުނު ގާނޫނު އަސާސީ ފޭލިވެ، ނާކާމިޔާބުވީ ކީއްވެގެންތޯ ތަހުލީލީ ނަޒަރަކުން ބައްލަވާލެއްވި ލިޔުންތެރިޔާގެ ވާހަކައިންނާއި، އަދި، މަތީގައި ބަޔާންކޮށްލެވުން، ފަރަންސޭސި އިންގިލާބު ކާމިޔާބުވުމުގެ ސަބަބަން އެނގޭ ގޮތުގައި، އިސްލާހުގެ މަސައްކަތް ކާމިޔާބުވާއި ނުވުން ބިނާވަނީ މައިގަނޑު ދެކަމެއްގެ މައްޗަށެވެ. ހޭލުންތެރި ރައްޔިތެއް އޮތުމާއި ތެދުވެރި ނަޒާހަތްތެރި ގިޔާދީ ބަޔަކު އުފެދިގެންނެވެ. މިކަމުގެ ފެށުމަކީ އުނގެނުމެވެ. އުނގެނުން ފެށެނީ ކިޔަން ދަސްކުރެވި ކިޔުން އާދަވެވިގެންނެވެ. ކިޔުން ދަސްވުމަކީ ކިޔާ އެއްޗެއްގެ މައްޗަށް ތަހުލީލީ ނަޒަރުން ބަލާލަން އެނގުމެވެ. ދައްކާ ވާހަކައިގެ މައިގަނޑު މައުޟޫއާއި ހުއްޖަތް ނުވަތަ ޒުވާބުދިނުން ކަނޑައަޅާލަން އެނގުމެވެ. އަދި މިކަމާ ގުޅޭ ގޮތުން ހުށަހަޅާލެވިފައިވާ ފިކުރުތަކާއި ޚިޔާލުތަކަކީ ކޮބައިތޯއާއި އަދި އެކަންކަމަށް ބާރުލިބިދިނުމުގެ ގޮތުން، ގެނެވިފައިވާ ހެއްކަކި ކޮބައިތޯ ވެސް ކަނޑައަޅާލަން އެނގުމެވެ. އަދި މިކަންކަމުގެ މައްޗަށް ބަލައި، ކިޔާ އެއްޗެއްގެ އަގު ވަޒަންކުރުމެވެ. އާދެ، ކީރިތި ގުރުއާން ބާއްވާލެއްވުން ފެށުނު، 'اقرأ’، ކިޔާށެވެ މިއާޔަތް އާޔަތުގައި ގޮވާލައި، އިޝާރަތްކުރެވިފައިވާ ފަދައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

2 Responses

  1. ޑިމޮކްރަސީ އޭ ތިކިޔާ އެއްޗެއް މިތަނަށް ގެނައީ ވަކިބައެއްގެ ހައްގު ހިމާޔަތް ކުރުމަށް. އެހެންވީމާ ދެން ހަދަންވީ ގޮތަކީ މިނޫން އެހެން ޑިމޮކްރަސީއެއްހޯދަންވީ. އެޑިމޮކްރަސީއަކީ ފާޅުގައި ދައުލަތުގެ ޚަޒާނާ ކައިގެން ލޯންޗުކޮޅު ގޮއްވާލި އަދީބު ފަދަ މުޖުރިމުން ޖަލުގަ ބަންދުކުރުމާ، ބޯންވާނެއޭ، ގުރުއާނާ ސުންނަތް ނޫން އެއްޗެއް ހޯދަން އެބަޖެހެއޭ ބުނި މީހާއަށް ހައްގު އަދަބު ދިނުންފަދަ ރަނގަޅު ހަމަޖެހޭ އުސޫލެއް އޮންނަ/ އެޑިމޮކްރަސީގެ ކުރިމަތީގަ އެންމެން ހަމަހަމަވާ ކަހަލަ ޑިމޮކްރަސީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.