Support Us

ފައިސާ ދަބަހެއް ހޮވި މީހަކަށް ކަންތައް ވީގޮތް

އިބްނި ޖަރީރް އައްތަބަރާނީ ވިދާޅުވެފައިވެއެވެ. އެއް ފަހަރެއްގައި ތިމަންކަލޭގެފާނު ހައްޖު މޫސުމުގައި މައްކާއަށް ގޮސް ހުއްޓައި ޚޮރާސަންގެ އަހުލުވެރިޔަކު މީސްތަކުންނާ މުޚާތަބުކޮށް ގޮވައިލި އަޑު އިވުނެވެ. "އޭ ހައްޖުވެރިންނޭވެ. އޭ މާތްވެގެންވާ މައްކާގެ އަހުލުވެރިންނޭވެ. އަހުރެންގެ ފައިސާ ދަބަހެއް ގެއްލިއްޖެއެވެ. އޭގައި 1000 ދީނާރު އޮންނާނެއެވެ. އެފައިސާ ދަބަސް އަހުރެންނަށް ރައްދުކޮށްދިން މީހަކަށް މާތްﷲ ހެޔޮ ރަޙުމަތް ލައްވައި ނަރަކައިގެ އަޒާބުން އެމީހަކު މިންޖުކުރައްވާށިއެވެ."

އިބްނި ޖަރީރް ވިދާޅުވިއެވެ. ދެން ތިމަންކަލޭގެފާނު އެ ތަނުގައި މަޑުކޮށްލައިގެން ހުއްޓާ އުމުރުން ދުވަސްވީ މައްކާގެ މީހަކު މި ޚޮރާސަނުގެ މީހާގެ ގާތަށް ޖެހިލާފައި ބުނާ އަޑުއިވުނެވެ. "އޭ ޚޮރާސަނުގެ މީހާއެވެ. އަހުރެމެންގެ ރަށަށް މިވަނީ ވަރަށް ބޮޑު ތަދުމަޑުކަމެއް ޖެހިފައެވެ. ހައްޖު މޫސުމުގައި އަންނަ ހައްޖުވެރިން މަދުވެއްޖެއެވެ. އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ މީސްތަކުން ބިކަވެއްޖެއެވެ. ފަހަރެއްގައި ތިބާގެ ފައިސާ ދަބަސް، ހޮވީ ވަރަށް ނިކަމެތި، ފަޤީރު، އުމުރުން ދުވަސްވެފައިވާ ސާލިޙް އަޅަކަށްވެސް ވެދާނެއެވެ. އަދި ފަހަރެއްގައި ތިބާ އޭގެން ކުޑަކުޑަ މިންވަރެއް އެމީހަކަށް ހެޔޮހިތުން ދޭން ވަޢުދުވެއްޖެ ނަމަ އެމީހަކު އެފައިސާ ދަބަސް ތިބާއަށް ރައްދުކޮށްފާނެއެވެ. އޭރުން އެމީހަކަށް ތިބާދޭ ފައިސާކޮޅު ހަލާލުވާނެތާއެވެ."

އެހިނދު ޚޮރާސަނުގެ މީހާ އެހިއެވެ. "އެމީހަކު ބޭނުންވަނީ ކިހާވަރެއް ހެއްޔެވެ؟" މުސްކުޅި މީހާ ބުންޏެވެ. "ދިހަބައިކުޅަ އެއްބައި ރަނގަޅުވާނެއެވެ. އެއީ ސަތޭކަ ދީނާރެވެ." ހޮރާސަނުގެ މީހާ ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހުރެން އެމީހަކަށް ފައިސާދޭން ވަޢުދެއް ނުވާނަމެވެ. އޭގެ ބަދަލުގައި އަހުރެންގެ ހައްޤު ހޯދާނީ ޤިޔާމަތް ދުވަހުއެވެ. މިކަމުގެ ފައިސަލާ ކުރައްވާނީ ހިސާބު ބައްލަވާ ދުވަހު، ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެއީ އަދުލުވެރި ރަސްކަލާނގެއެވެ."

އިބްނި ޖަރީޖް ވިދާޅުވިއެވެ. ފަހެ މި މުސްކުޅި މީހާގެ ވާހަކަތަކުން އެ ފައިސާ ދަބަސް ހޮވި މީހަކީ އޭނާހެން ތިމަންކަލޭގެފާނަށް ހީފުޅުވިއެވެ. އަދި އޭނާ އޭގެން ކޮންމެވެސް މިންވަރެއް ބޭނުންވެފައިވާ ކަމަށް ލަފާކުރެވުނެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެ މުސްކުޅި މީހާގެ ފަހަތުން އޭނާގެ ގެޔާ ހަމަޔަށް ދިޔައިމެވެ. އެހިނދު ތިމަންކަލޭގެފާނަށް ކުރެވުނު ހީ ޔަޤީނަށް ބަދަލުވިއެވެ. އެހެނީ އެ ގޭގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ އެ މުސްކުޅި މީހާ އޭނާގެ އަންހެނުންނާ މުޚާތަބުކޮށް ބުނި އަަޑު އަހުރެން އެހީމެވެ. "އޭ ލުބާބާއެވެ. ފައިސާ ދަބަހުގެ ވެރިމީހާ އަހަންނަށް އެނގިއްޖެއެވެ. ނަމަވެސް އިނާމެއްގެ ގޮތުގައި އޭގެން އެއްވެސް މިންވަރެއް ދިނުމުގެ ޚިޔާލެއް އޭނާގެ ކިބަޔަކު ނެތެވެ. އަހުރެން އޭނާގެ ގާތުގައި 100 ދީނާރު ދިނުމަށް އެދުމުން އޭނާ އެކަމަށް އިންކާރުކޮށްފައި ބުންޏެވެ. މި މައްސަލައިގެ ނިޔާ ކަނޑައަޅުއްވާނީ ﷲ އެވެ. ތިމަން މި މައްސަލަ ގެންދާނީ ޤިޔާމަތް ދުވަހު އެ އިލާހުގެ ދަރުބާރަށެވެ. އެހެންކަމުން އަހުރެން މި ފައިސާ އޭނާއަށް ރައްދުކުރަން ޖެހޭނެއެވެ. އަހުރެންގެ ފާފަ އެތައް ގުނަޔަކަށް އިތުރުވެދާނޭތީ އަހުރެން ބިރުވެތިވަމެވެ."

ދެންފަހެ އޭނާގެ އަންހެނުން ބުނާ އަޑު އިވުނެވެ. "އޭ އަބޫ ޣައިތުއެވެ. އަހުރެމެން މި ފަޤީރުކަން ތަޙައްމަލް ކުރާތާ 50 އަހަރުވީއެވެ. ތިބާ ބަލަންޖެހިފައިވާ ނުވަ މީހުން އެބަތިއްބެވެ. ހަތަރު އަންހެން ދަރީންނާއި ދެ ދައްތައިންނެވެ. އަދި އަހުރެންނާއި ތިބާގެ މަންމައެވެ. އެހެންކަމުން ތިޔަ ހުރިހާ ފައިސާ އަހުރެމެންގެ ބޭނުންތަކަށް ބަހައްޓާށެވެ. އަހުރެމެންގެ އުނުފޭރާމަށާއި ބަނޑުހައިހޫނުކަން ފިލުވާށެވެ. އަހުރެމެންގެ ހާލަތު ތިބާއަށް މާރަނގަޅަށް އެނގޭނޫން ހެއްޔެވެ؟ އަދި ފަހަރެއްގައި ﷲ ތިބާއަށް މުއްސަނދިކަން ދެއްވަފާނެއެވެ. އޭރުން އެ ފައިސާ އަނބުރާ ވެރިފަރާތަށް ރައްދުކުރެވިދާނެއެވެ. ނުވަތަ ޤިޔާމަތް ދުވަހުން ﷲ ތިބާގެ ފާފަވެސް ފުއްސަވާފާނެއެވެ."

އެ ހިނދު ޖަވާބުގައި އެ މުސްކުޅި މީހާ ބުނާ އަޑު އިވުނެވެ. "ސުބުޙާނަﷲ އެވެ. އޭ ލުބާބާއެވެ. އަހުރެންގެ އުމުރުން 86 އަހަރުވެއްޖެވެ. މަރު ގާތްވެފައި ވަނިކޮށް އަހުރެންވީ މީހެއްގެ ހައްޤަކަށް އަރައިގަންނަން ހެއްޔެވެ؟ އަދި ނަރަކައިގެ އަލިފާނުން އަނދައަނދައި އޮންނަން ހެއްޔެވެ؟ މިހުރިހައި ދުވަހު ފަޤީރުކަމާއި ދަތިހާލަށް ކެތްކޮށްފައި، މުސްކުޅިވެ އަހުރެންގެ ކަށްވަޅު އަހަންނަށް ގޮވަގޮވައި ވަނިކޮށް އަހުރެން ވީ ﷲގެ ލައުނަތާއި ކޯފާއަށް ހުށަހެޅިގަންނަން ހެއްޔެވެ؟ ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެން ތިޔަހެނެއް ނަހަދާނަމެވެ."

އިބުނު ޖަރީރް ވިދާޅުވިއެވެ. ދެން އަހުރެން އޭނާގެ ހާލަތާއި އަދި އޭނާގެ އަންހެނުންގެ ވާހަކަތަކާ މެދު އަޖައިބުވެފައިވާ ހާލު އެތަނުން ދިޔައީމެވެ. އަދި އެ ދުވަހުގެ ހަވީރު އަނެއްކާވެސް އެއްކަލަ ފައިސާ ދަބަހުގެ ވެރިމީހާ ގޮވާ އަޑު އަހުރެން އެހީމެވެ. "އޭ ހައްޖުވެރިންނޭވެ. އޭ މައްކާގެ އަހުލުންނޭވެ. އަހުރެންގެ ފައިސާ ދަބަސް ފެނުނު މީހަކު އެ ރައްދުކޮށްދޭށެވެ. އެ މީހަކަށް ﷲ ހެޔޮދަރުމައާއި ސަވާބު ދެއްވާށިއެވެ."

ދެންފަހެ އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްކަލަ މުސްކުޅި މީހާ ނުކުމެއްޖެއެވެ. އަދި ޚޮރާސަނު މީހާ ގާތަށް ގޮސް ބުންޏެވެ. "އަހުރެން ކުރިންވެސް ތިބާ ގާތުގައި ބުނީމު ނޫންހެއްޔެވެ؟ އަހަރެމެންގެ ބިމަށް މިވަނީ ތަދުމަޑުކަމެއް ޖެހިފައެވެ. އެހެންކަމުން އެ ފައިސާ ދަބަސް ހޯދައިދިން މީހަކަށް ތިބާ ކޮންމެވެސް އެއްޗެއް ދޭށެވެ. އޭރުން އެމީހަކަށް ތިބާގެ ހައްޤަކަށް އަރައިނުގަނެ ސަލާމަތްވެވޭނެއެވެ. އަދި ތިބާގެ ފައިސާކޮޅު ރައްދުކޮށްދީފާނެއެވެ. އެމީހަކަށް 100 ދީނާރު ދިނުމަށް، އަހުރެން ކުރިންވެސް ތިބާއަށް ނަޞޭހަތްތެރިވީމެވެ. އެކަމަކު ތިބާ އިންކާރުކުރީއެވެ. ފަހެ ތިބާގެ ދަބަސް ހޮވާފައިވަނީ ﷲ ސުބުޙާނަހޫ ވަތައާލާއާ މެދު ބިރުވެތިވާ އަޅަކަށް ވެދާނެއެވެ. ތިބާ އޭނާއަށް 100 ދީނާރުގެ ބަދަލުގައި އެންމެ ކުޑަމިނުން 10 ދީނާރު ދީފާނަން ހެއްޔެވެ؟" ޚޮރާސަނު މީހާ ޖަވާބުގައި ބުންޏެވެ. "އަހުރެން ތިޔަ ގޮތަކަށް ކަންތަކެއް ނުކުރާނަމެވެ. އަހުރެން ތިޔަ ޝަކުވާ ދަންނަވާނީ ﷲގެ ހަޟުރަތުގައެވެ. އެއީ ޢަދުލުވެރި ރަސްކަލާނގެއެވެ."

އެއަށްފަހު މީސްތަކުން އެނބުރި ހިނގައްޖެއެވެ. ކޮންމެއަކަސް ޖެހިގެން އައި ދުވަހުވެސް މީސްތަކުން އެންމެ ގިނަވީ ވަގުތު ފައިސާ ދަބަހުގެ ވެރިމީހާ ކުރީ ފަހަރުވެސް އިއުލާންކުރި ފަދައިން އޭނާގެ ފައިސާ ދަބަސް ގެއްލިގެން އުޅޭކަން އިޢުލާން ކުރިއެވެ. އަދި އެ ދަބަސް ނެގި މީހަކު އަނބުރާ ރައްދުކޮށްދިނުމަށް އެދުނެވެ. ފަހެ މިފަހަރުވެސް އެއްކަލަ މުސްކުޅި މީހާ ޖަވާބުދިނެވެ. "އަހުރެން ކުރިން ދުވަހުވެސް ތިބާ ގާތުގައި ބުނީމެވެ. ދަބަސް ހޯދައިދިން މީހަކަށް އިނާމެއްގެ ގޮތުގައި 100 ދީނާރު ދޭށެވެ. ނަމަވެސް ތިބާ އިންކާރު ކުރީއެވެ. އަދި އެއަށްފަހު 10 ދީނާރު ދިނުމަށް އެދުމުންވެސް ތިބާ ކުރީ އިންކާރެވެ. ފަހެ ތިބާ އެ ދަބަސް ރައްދުކުރި މީހަކަށް އެއްމެ ދީނާރެއް ދީފާނަން ހެއްޔެވެ؟ އޭރުން އެ މީހަކަށް ކިރުފޮދެއް ނަމަވެސް ގަނެފައި އޭނާގެ ދަރީންގެ ބަނޑުހައިހޫނުކަން ފިލުވައިދެވިދާނެއެވެ."

ނަމަވެސް މިފަހަރުވެސް ޚޮރާސަނު މީހާ އެކަމަށް އިންކާރުކޮށް ބުންޏެވެ. "އަހުރެން ތިޔަ ގޮތަކަށް އެއްބަހެއް ނުވާނަމެވެ. މިކަމުގައި އެމީހަކާ މެދު ނިޔާކަނޑައަަޅުއްވާނީ ﷲއެވެ."

ދެންފަހެ މުސްކުޅި މީހާ ރުޅިވެރިކަމާ އެކު ބުންޏެވެ. "ތިބާ އަހުރެންނާ އެކު އަންނާށެވެ. އަދި ތިބާގެ ފައިސާ ދަބަސް ގެންދާށެވެ. އޭރުން އަހަންނަށް މިރޭ ކުޑަމިނުން ހިތްހަމަޖެހިގެން ނިދާލެވޭނެއެވެ. ތިޔަ ފައިސާ ދަބަސް ފެނުނު ފަހުން އަހަންނަށް މިވަނީ ނުތަނަވަސްކަން ވެރިވެފައެވެ."

އިބުނި ޖަރީރް ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް ތިމަންކަލޭގެފާނުވެސް އެ ދެ މީހުންނާ އެކު މުސްކުޅި މީހާގެ ގޭދޮށަށް ދިޔައީމެވެ. އަދި މުސްކުޅި މީހާ އޭނާގެ ގެއަށް ވަދެ ވަޅެއް ކޮނެފައި ފައިސާ ދަބަސް ނެގިއެވެ. އަދި އޭގެ ވެރިފަރާތަށް ރައްދުކުރަމުން ބުންޏެވެ. "އަމެވެ. މިއޮތީ ތިބާގެ ފައިސާ ދަބަހެވެ. އަދި އަހުރެންގެ ފާފަ ފުއްސަވާތޯ ﷲ ސުބުޙާނަހޫ ވަ ތައާލާގެ ހަޟުރަތުގައި ދަންނަވާށެވެ." އެހިނދު ޚޮރާސަނު މީހާ ފައިސާ ދަބަސް ހިފައިގެން ހިނގައިގަތެވެ. އަދި އެ ގޭގެ ދޮރާ ހަމަޔަށް ގޮސްފައި ކުއްލިއަކަށް އެނބުރި އަތުވެއްޖެއެވެ.

ޢަދި މުސްކުޅި މީހާއާ މުޚާތަބުކޮށް ބުންޏެވެ. "އޭ ބޭބެއެވެ. އަހުރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. މާތްﷲ ބައްޕަގެ ފާފަ ފުއްސަވާށިއެވެ. ނަމަވެސް ބައްޕަ ނިޔާވުމުގެ ކުރިން އަހުރެން އަތަށް 3،000 ދީނާރު ދިނެވެ. އަދި އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީސްތަކުންގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ، ދަތިހާލުގައި އުޅޭ މީހަކަށް ދިނުމަށް ބައްޕަ ވަޞިއްޔަތްކުރިއެވެ. އެހެންކަމުން އަހުރެން ނިކުތީ އޭގެ ތެރެއިން 1،000 ދީނާރު ދަބަހަކަށް ލައިގެންނެވެ. މިއީ އެ ފައިސާއެވެ. މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެން ޚޮރާސަނުން ފުރި ފަހުން މިއަދާ ހަމަޔަށްވެސް، ބޭބެއަށް ވުރެ ދަތިހާލުގައި އުޅޭ އަދި މި ފައިސާކޮޅު ދިނުމަށް އަޢުލާކަން ބޮޑުވެގެންވާ އެހެން އެއްވެސް މީހަކު އަހުރެން ނުދެކެމެވެ. އެހެންކަމުން ބޭބެ މި ފައިސާކޮޅު ނަގާށެވެ."

އެއަށްފަހު އެ މުސްކުޅި މީހާއަށް ފައިސާކޮޅު ހަވާލުކޮށްފައި ޚޮރާސަނު މީހާ ހިނގައްޖެއެވެ. އެ ހިނދު އެ މުސްކުޅި މީހާ އުޑާ ދިމާލަށް އިސްއުފުލައި ޚޮރާސަނު މީހާގެ ބައްޕަގެ ފާފަފުއްސަވައި ހެޔޮ ރަޙުމަތް ލެއްވުމަށް އެދި ދުޢާކުރިއެވެ.

އިބްނި ޖަރީރް ވިދާޅުވިއެވެ. "ޚޮރާސަން މީހާ އެނބުރި ދިޔުމުން އަހުރެންވެސް ހިނގައިގެންފީމެވެ. ނަމަވެސް އެ މުސްކުޅި މީހާ އަހުރެންގެ ފަސްފަހަތުން އައެވެ. އަދި އަހުރެން އަނބުރާ އޭނާގެ ގެޔަށް ދިޔުމަށް ދައުވަތުދިނެވެ. އަހުރެން އެ ގެޔަށް ދިޔުމުން އެ މުސްކުޅި މީހާ އަހުރެން ގާތު އިށީނުމަށް އެދުނެވެ. އަދި ބުންޏެވެ.

"އޭ ކޮއްކޯއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ތިބާ އަހުރެންގެ ފަސްފަހަތުން އައިކަން އަހުރެންނަށް އެނގެއެވެ. އަދި މިހާރު ތިބާއަށް އަހުރެންގެ ހާލަތުވެސް އެނގޭނެއެވެ. އެންމެ ކުޑަމިނުން އަހުރެންގެ ދަރީންނާއި އަހުރެންވެސް ނަމާދުކުރަން، އަހުރެން ލައިގެން މިހުރި ހެދުން ނޫނީ އެކަށީގެންވާ ހެދުމެއްވެސް ނެތެވެ. އެކުދިން ނަމާދުކުރަނީވެސް އަހުރެން ނަމާދުކޮށް އަވަދިވުމުން މިހެދުން ބާލާފައި ދިނުމުންމެވެ. އެގޮތަށް ފަހަރަކު ކުއްޖަކު ނަމާދުކުރަނީއެވެ. ހުރިހާ ކުދިން ނަމާދުކޮށް އަވަދިވުމުން އަހުރެން އަނެއްކާވެސް މިހެދުން ލައިގެން މަސައްކަތެއް ލިބޭތޯ ނިކުންނަމެވެ. އަދި މެންދުރު ނަމާދާއި އަސްރު ނަމާދަށްވެސް އެކުދިން ލައްވާ ނަމާދުކުރުވަން އަހުރެން ގެޔަށް އަންނަމެވެ. އެއަށްފަހު ﷲ އަހަންނަށް މިންވަރުކުރެއްވި އެއްޗެއް ހިފައިގެން މަޣުރިބް ނަމާދުގެ ކުރިން ގެޔަށް އަންނަމެވެ. މަޣުރިބް ނަމާދާއި އިޝާނަމާދު ކުރަނީވެސް އެހާލުގައެވެ. ﷲ ގަންދީ ބުނަމެވެ. ކަދުރާއި ހިކިރޮށިކޮޅެއް ނޫން އެއްޗެއް މިގޭގައި ކާން ނުހުންނާނެއެވެ. އަދި މިހާ ގިނަ ފައިސާ ލިބިދާނެ ކަމަށް އަހުރެން ދުވަހަކުވެސް އުންމީދުވެސް ނުކުރަމެވެ. އެހެންކަމުން މި ފައިސާ ހެޔޮގޮތުގައި ބޭނުންކުރުމުގެ ތަޢުފީގު ﷲ އަހުރެންނަށް މިންވަރުކުރައްވާށިއެވެ. އެހެން ކަމުން ތިބާވެސް މި ފައިސާއިން ބައެއް ލިބިގަންނާށެވެ. މިއީ ﷲގެ ފަރާތުން ދެއްވުނު ދެއްވުމެކެވެ. މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއް އަހުރެން އަޑުއަހަމެވެ. 'މީހެއްގެ ކައިރީ ނޭދި އަދި ސަލާން ޖެހުމަކާވެސް ނުލައި ﷲ ރަހުމަތުން ހަދިޔާއެއް ލިބިއްޖެ ނަމަ އެ ގަބޫލުކުރާށެވެ. ރައްދުނުކުރާށެވެ'. ކޮއްކޮ އަހުރެންގެ މިހަދިޔާ ގަބޫލުކުރާށެވެ."

އެއަށްފަހު މުސްކުޅި މީހާ އޭނާގެ ގޭގެ އަހުލުވެރިންނަށް ގޮވަންފެށިއެވެ. "އޭ ލުބާބާއެވެ. އޭ ދަރިންނޭވެ. އުޚުތުންނޭވެ." އެހިނދު އޭނާގެ ދަރިންނާއި އުޚުތުންނާއި މަންމަ އެތަނަށް ހާޒިރުވެއްޖެއެވެ. އަހުރެންނާ ލައިގެން 10 މީހުން ތިއްބެވެ. އަދި ހުރިހާ އެންމެން އިށީނުމަށް ބުންޏެވެ. އަހުރެންވެސް އެމީހުން ގާތު އިށީނުމަށް އެދުނެވެ. އެޔަށްފަހު ކޮންމެ މީހަކުވެސް އެމީހެއްގެ ހެދުމުގެ ފަސްބައި އުނގުމައްޗަށް ފަތުރާލުމަށް އެ މުސްކުޅި މީހާ އެދުނެވެ. އަދި ފައިސާ ދަބަސް ހުޅުވާލިއެވެ.

އިބުނި ޖަރީރް ވިދާޅުވިއެވެ. "މާތްﷲ ގަންދީ ބުނަމެވެ. އެ މުސްކުޅި މީހާގެ ދަރިން ލައިގެން ތިބި ހެދުމުގެ ނިކަމެތިކަމުން އެމީހުންގެ ހެދުމުގެ ފަސްބައި ދިއްކޮށްފިނަމަ އައުރަ ކަޝްފުވެއެވެ. އެހެންކަމުން އެ ކުދިން އެމީހުންގެ އަތް ދިއްކޮށްގެން ތިއްބެވެ."

ދެން އެ މުސްކުޅި މީހާ ފަހަރަކު ދީނާރަކުން ދީނާރަކުން ބަހަމުން ގެންދިޔައެވެ. ކޮންމެ މީހަކަށް ދީނާރެއް ދެމުންދެމުން ގޮސް ފައިސާ ދަބަސް އެއްކޮށް ހުސްކޮށްލިއެވެ. ކޮންމެ މީހަކަށްވެސް 100 ދީނާރު ލިބުނެވެ. އިބްނި ޖަރީރް ވިދާޅުވިއެވެ. "މާތްﷲ ގަންދީ ބުނަމެވެ. އަހުރެންނަށް 100 ދީނާރު ލިބުމަށްވުރެވެސް އެ ފައިސާކޮޅުގެ ސަބަބުން އެމީހުންނަށް ލިބުނު އުފާވެރިކަން ފެނިފައި އަހުރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަދި އެއަށްފަހު އަހުރެން އެ މުސްކުޅި މީހާއާ ސަލާމްގަލާންކުރުމަށްފަހު އެނބުރި ހިނގައްޖެއީމެވެ. އަދި އަހުރެންނަށް ލިބުނު 100 ދީނާރުން އިލްމު ހާޞިލް ކުރުމަށްޓަކައި ލިޔާނެ ކަރުދާހާއި އެހެނިހެން ސާމާނު ގަތީމެވެ.

އެ ފައިސާއިން އަހުރެން ދެ އަހަރު ވަންދެން ފުއްދައިގެން އުޅުނީމެވެ. އަދި އޭގެ 16 އަހަރުފަހުން އަހުރެން އެނބުރި މައްކާއަށް އައިސް އެމީހާގެ ޚަބަރު އޮޅުންފިލުވީމެވެ. އެނގުނު ގޮތުގައި އެ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މުސްކުޅި މީހާ މަރުވެއްޖެއެވެ. އަދި އޭނާގެ އަންހެނުންނާއި މަންމައާއި ދެ އުޚުތުންވެސް މަރުވެއްޖެއެވެ. ދިރިދުނިޔޭގައި ތިބީ އޭނާގެ އަންހެން ދަރީންނެވެ. އެ ކުދިން ކައިވެނިކޮށްގެން އުޅުނީ ރަސްރަސްކަލުންނާއި ޕްރިންސުންނާއެވެ. އަހުރެން އެމީހުންނަށް ޒިޔާރަތްކުރީމެވެ. އަދި އެމީހުން އަހުރެންނަށް ނުހަނު ކަމޭހިއްތަވައި އޯގާތެރިކޮށް ހިތިއެވެ. މާތްﷲ އެބައިމީހުންނަށް ހެޔޮ ރަހުމަތްލައްވާށިއެވެ.

(ނިމުނީ) ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްﷲ ކީރިތި ޤުރުއާނުގެ އައްތަލާޤް ސޫރަތުގައި ވަހީކުރައްވާފައިވާ ބަސްފުޅާމެދު ނިކަން ވިސްނާލަމާ ހިނގާށެވެ. އެކަލާނގެ އައްތަލާޤު ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަ ކަށަވަރުން، اللَّه އީ، އެކަލާނގެ أمرފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަ ކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." [65:2،3]

މަސްދަރު: މިއީ "އިސްލާމް ކޭން" ވެބްސައިޓުގައި އަރަބި ބަހުން ޝާއިއުކޮށްފައިވާ ވާހަކައެއްގެ ޚުލާސާ ތަރުޖަމާއެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *