Support Us

ދެ ބާވަތެއްގެ މުސްލިމުންގެ ވާހަކަ

މުސްލިމު އިލްމުވެރިޔަކު ވިދާޅުވެފައި ބަސްކޮޅެއްގެ މާނައިގައި ވެއެވެ. ދެ ބާވަތެއްގެ މުސްލިމުން އުޅެއެވެ.

އެއް ބާވަތެއްގެ މުސްލިމުން އުޅެނީ އެމީހުންގެ އީމާންކަން އިތުރުކުރުމުގެ މަސައްކަތުގައި މަޝްޣޫލުވެ، އަވަދި ނެތިއެވެ. އަނެއް ބާވަތެއްގެ މުސްލިމުން އުޅެނީ އެހެން މީހުންގެ އީމާންކަމުގެ ކުޑަ، ބޮޑުމިން، ހަނި، ފުޅާމިން، ކުރު، ދިގުމިން، ހޯދުމުގައެވެ. އެމީހުންނަކީ މީސްތަކުންގެ އީމާންކަމުގެ ދަރަޖަ ހޯދުމުގެ ވަޒީފާ ދީފައި ތިބި ބައެއް ކަމަށް އެމީހުން ހީކުރާ ކަހަލައެވެ.

އެއް ބާވަތެއްގެ މުސްލިމުން މަސައްކަތްކުރަމުން ދަނީ އެމީހުންނާއި އަދި އެހެން މީހުންވެސް ސުވަރުގެ ވަންތަ ވެރިންނަށްވޭތޯ މަސައްކަތްކުރުމުގައެވެ. ވީވަރަކުން، ހެޔޮ އަމަލުކޮށް، އެންމެނަށް ވެސް ހެޔޮ ފޯރުވައި، އެކަންކަމަށް ހިއްވަރު ދިނުމުގައެވެ.

އަނެއް ބާވަތުގެ މުސްލިމުން އުޅެނީ އެ މީހުން ނޫން އެހެން އެންމެންނަކީ ނަރަކަވަންތަ ވެރިންކަން ސާބިތުކޮށް ދިނުމުގެ މަސައްކަތުގައެވެ.

އެއް ބާވަތެއްގެ މުސްލިމުން، އެހެން މީހުންނަށް ކަންކަން އެންމެ ފުރިހަމައަށް ނުކުރެވި ދިޔުމުން، އެކަން ސިއްރުކޮށް، އެކަމުގެ އުޒުރު ދައްކައި، އެ މީހުންގެ ކުށް ފާފަތައް ފުއްސަވާތޯ ދުއާކުރެއެވެ.

އަނެއް ބާވަތެއްގެ މުސްލިމުން، އެެހެން މީހުންގެ އެންމެ ކުދި ކުދި ކުށަށް ދާންދެން ހޯދައި، އެކަން އިޝްތިހާރުކޮށް، އެމީހުންނަށް އިލާހީ އުގޫބާތްތައް ކުރިމަތިކުރުމުގެ މަސައްކަތް ކުރެއެވެ. އެމީހުންނަކީ މާތްރަސްކަލާނގެ އެކަމަށް އައްޔަނު ކުރައްވައިފައިވާ ޖައްލާދުން ކަމަށް އެމީހުން ދެކޭ ކަހަލައެވެ.

އެއްބާވަތެއްގެ މުސްލިމުންނަށް، އެ މީހުންނަށާއި އަދި އެހެން މީހުންނަށް ވެސް ސުވަރުގެ ދެވުމުން ފުދެއެވެ.

އަނެއް ބާވަތުގެ މުސްލިމުންނަށް، ސުވަރުގެ ވަންތަ ވެރިންނަށް އެމީހުން ވުމަކުން ނުފުދެއެވެ. އޭގެ އިތުރުން، އެހެން އެންމެން ނަރަކައަށް ލާންވެސް، އެމީހުން ބޭނުންވެއެވެ. އެ މީހުންނަށް ސުވަރުގެ ވަންތަ ވެރިންނަށް ވެވެނީ އެހެން މީހުން ނަރަކައަށް ލެވުމުން ކަމަށް، މި ބާވަތުގެ މުސްލިމުންނަށް ހީވާ ކަހަލައެވެ.

އެއްބާވަތެއްގެ މުސްލިމުންނަށް ދުނިޔާގައި ލެއްވި ހުރިހާ ކަމެއް ހަރާން ނުކޮށް، ޝަރީއަތުގެ ސާފު ސީދާ ބަހުން، އެބަހީ އެކަމާ މެދު ދެބަސް ނުވެވޭ ސިފައެއްގައި، މަނާކުރެވިފައިވާ ކަންކަން ގަބޫލުކޮށް، ހަރާމުގެ ދާއިރާ އަމިއްލައަށް ފުޅާ ނުކޮށް ވެސް، ހެޔޮ ލަފާ، ރިވެތި އަޚުލާގީ ސިފަތައް ލިބިފައިވާ ބައެއްގެ ގޮތުގައި އުޅެވިދާނެކަން ގަބޫލުކުރެއެވެ.

އަނެއް ބާވަތުގެ މުސްލިމުން ދެކެނީ ހުރިހާ ކަމެއްހެން ހަރާން ކަމުގައި ދެކި، ހަރާމުގެ ދާއިރާ ފުޅާކުރެވެން އޮންނަ ވަރަކަށް ފުޅާކޮށްގެން ނޫނީ ހެޔޮ ލަފާ، ރިވެތި އަޚުލާގެއްގެ މަތީގައި ތިބެވިދާނޭ ކަމަށް ނުދެކޭ މީހުންނެވެ. [ދާދި ފަހުން ވެސް މިފަދަ މަންޒަރެއް އަޅުގަނޑުމެންގެ ތެރެއިން ވެސް ފެނުނެވެ. އާ ކަމެއް ހަރާންވެގެން ދިޔަ މަންޒަރެވެ. މަދަހަ ކިޔުމަކީ ސޫފީންގެ ކަމެއް ކަމަށް ބުނެ، އެކަން ހަރާންކުރުމެވެ. އާދެ، ކަމެއް ހަރާންކުރަންވީ މައި ކަމެއް ހަރާންވުމުގެ އުސޫލުތަކަށް ބެލުމެއް އޮތް ކަމަކަށް ވެސް ނުވިއެވެ!]

އެއް ބާވަތެއްގެ މުސްލިމުން ދެކެނީ ދީނުގެ މަގުސަދަކީ ހެޔޮލަފާ އިންސާނަކަށް މުއުމިނާ، ދީން ގަބޫލުކުރާ މީހާ، ވުމުގެ މަގުފަހިކޮށްދިނުމެވެ. އަޅުކަމުގެ ރަސްމުތަކާއި، އެކަންކަން ކުރަން އޮންނަ ސޫރައާއި، ހަލާލު ހަރާމް ކަންތައްތަކީ މި މައި މަންޒިލާ ހަމައަށް ވާސިލުވުމަށް އެހީވެދޭ ވަސީލަތެއް ކަމުގައެވެ. ހަމައެކަނި އަޅުކަމުގެ ރަސްމުތައް އަދާކޮށްލުމުން މުއުމިނާ ހެޔޮލަފާ މީހަކަށް ނުވާނޭ ކަމެވެ. އޭގެ އިތުރުން، ތިމާއީ ހެޔޮ ލަފާ، ރިވެތި އަޚުލާގުތަކުން ޒީނަތްތެރި ވެފައި ހުންނަ މީހަކަށް ވާން ވެސް ޖެހޭ ކަމެވެ.

އަނެއް ބާވަތެއްގެ މުސްލިމުން ދެކެނީ ދީނުގެ މަގުސަދަކީ އަޅުކަމުގެ ރަސްމުތަކެވެ. އެ ރަސްމުތަކަކީ ޣާޔަތެއް ކަމެވެ. މާނައަކީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައެވެ.

އެއް ބާވަތެއްގެ މުސްލިމުން ދެކެނީ މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވަނީ މީހުންގެ ބޭރު ފުށަކަން ނޫންކަމެވެ. އެމީހުންގެ ހިތްތަކާއި އެމީހުން އަމަލުތަކަށް ކަމެވެ.

އަނެއް ބާވަތެއްގެ މުސްލިމުން ދެކެނީ މީހާގެ ދީންވެރިކަމާއި ތަގުވާވެރިކަން ގުޅިފައި އޮންނަނީ ހަމައެކަނި ބާރުފުށާ ކަމުގައެވެ. މީހާގެ ބޮލާއި މޫނުގެ އިސްތަށި ބަހައްޓާ ގޮތާއި އަދި ލާ ހެދުމާއި ހެދުމުގެ ކުލައާ ކަމުގައެވެ.

ހުރިހާ މުސްލިމުން ވެސް ދެކެނީ އިސްލާމް ދީނަކީ ސުލްހަ މަސަލަސްކަމާއި އަމާންކަމުގެ ދީނެއްގެ ގޮތުގައެވެ. ނަމަވެސް، އެއްބައި މުސްލިމުުންގެ އަމަލުތަކުން މިކަން ފެންނައިރު، އަނެއް ބާވަތެއްގެ މުސްލިމުންގެ އަމަލުތައް ދައްކަނީ މިއާ ދިމާ އިދިކޮޅަށެވެ.

މި ދެބާވަތުގެ މީހުން ކުރެން، އިނބަ ހިމެނެން ބޭނުންވަނީ ކޮން ބާވަތެއްގެ މީހުންގެ ތެރޭގައި ހެއްޔެވެ؟

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *